ކ. މާލެ
|
10 އޮކްޓޯބަރ 2020 | ހޮނިހިރު 12:53
ކޮވިޑް-19 ވެކްސިންގެ ސާމްޕަލެއް ދައްކާލަނީ
ކޮވިޑް-19 ވެކްސިންގެ ސާމްޕަލެއް ދައްކާލަނީ
ރޮއިޓަރސް
ކޮވެކްސްގައި ޗައިނާއިން ބައިވެރިވުން
ކޮވެކްސް ފެސިލިޓީގައި ޗައިނާއިން ބައިވެރިވެއްޖެ
 
ކޮވެކްސްއިން އަންނަނީ 2021 ވަނަ އަހަރު ނިމެންވާއިރު ކޮވިޑް-19 ވެކްސިންގެ 2 ބިލިއަން ޑޯޒް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން
 
ފައިސާވެރި 76 ގައުމަކުން މިހާތަނަށް އައިއިރު ވަނީ އެފެސިލިޓީގައި ބައިވެރިވެފައި
 
ކޮވެކްސް ފެސިލިޓީގައި މިހާތަނަށް އައިއިރު 171 ގައުމަކުން ވަނީ ބައިވެރިވެފައި

ކޮވިޑް-19 ވެކްސިން ދުނިޔޭގެ އާބާދީއަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެކުލަވާލާފައިވާ ކޮވެކްސް ފެސިލިޓީގައި ޗައިނާއިން ބައިވެރިވެއްޖެއެވެ.

ޗައިނާއިން މި ފެސިލިޓީގައި ބައިވެރިވުމަށް ނިންމާފައި ވަނީ ޕެންޑަމިކް ކޮންޓްރޯލްކުރުމަށް ޗައިނާއިން ގެންގުޅޭ ސިޔާސަތުތަކަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. ދާދި ފަހުން ކުރިޔަށް ގެންދިޔަ ސަރވޭ އަކުން ދައްކާގޮތުގައި ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރި ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ދިޔުމުގައި ޗައިނާއިން ވައިރަސް އާ ބެހޭގޮތުން އެކަށީގެންވާ މައުލޫމާތުތަކެއް ފޯރުކޮށްދީފައިނުވާ މައްސަލަ ކުރިއަރާފައިވާ ގައުމުތަކުން ވަނީ ފާހަގަކޮށްފައެވެ.

ފެސިލިޓީގައި ބައިވެރިވުމަށް ޗައިނާއިން ނިންމި ނިންމުމާއި ގުޅޭގޮތުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔިންގ ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ، ކުރިއަރަމުން އަންނަ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ޗައިނާއިން ފެސިލިޓީގައި ބައިވެރިވުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަރާފައިވާ ގައުމުތަކުން މި ފެސިލިޓީގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އުންމީދުކުރާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް ޗައިނާއިން ކޮވެކްސްއަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތުގެ ތަފްސީލެއް މި ބަޔާނުގައި ބަޔާންކޮށްފައެއް ނުވެއެވެ. ކޮވެކްސްއިން އަންނަނީ 2021 ވަނަ އަހަރު ނިމެންވާއިރު ކޮވިޑް-19 ވެކްސިންގެ 2 ބިލިއަން ޑޯޒް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.

މެއި މަހު ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ 2 ބިލިއަން އެމެރިކާ ޑޮލަރު ކުރިޔަށް އޮތް ދެ އަހަރު ޗައިނާއިން މި ޕެންޑަމިކް ކޮންޓްރޯލްކުރުމަށް ޚަރަދުކުރާނެކަމަށް ވިދާޅުވެފައެވެ. އަނެއްކޮޅުން ޗައިނާއިން އަންނަނީ އެ ގައުމުން ކޮވިޑް-19 އަށް އުފެއްދި ވެކްސިންތައް ބައިނަލްއަގްވާމީ މުޖުތަމައުން ބޭރުންކުރުމުގެ ހުއްދަ ދިނުމަށް ވެކްސިންތައް ދިރާސާކުރުމަށް ޑަބްލިޔުއެޗްއޯއާ އެކު ވާހަކަދައްކަމުންނެވެ.

ކޮވެކްސް ފެސިލިޓީގައި މިހާތަނަށް އައިއިރު 171 ގައުމަކުން ވަނީ ބައިވެރިވެފައެވެ. އަދި ފައިސާވެރި 76 ގައުމަކުން މިހާތަނަށް އައިއިރު ވަނީ އެފެސިލިޓީގައި ބައިވެރިވެފައެވެ. ކޮވެކްސް ފެސިލިޓީއަކީ ކޮވިޑް-19 ވެކްސިން ވަކި ބަޔެއްގެ އަތްމައްޗަށް އެއްކޮށް ދިޔުން ކޮންޓްރޯލްކޮށް ކޮންމެ ގައުމެއްގައިވެސް އެންމެ އަވަހަށް ވެކްސިން ބޭނުންވާ ހައިރިސްކު ކެޓަގަރީގެ މީހުންނަށް ވެކްސިން ލިބޭނެކަން ކަށަވަރުކުރުމަށް އުފައްދާފައިވާ ފެސިލިޓީއެކެވެ. އެހެންނަމަވެސް މި ފެސިލިޓީގެ މަސައްކަތްތައް ކާމިޔާބުވެދާނެ ކަމާމެދު ދާދިފަހަކާ ޖެހެންދެންވެސް ވަނީ ސުވާލު އުފެދިފައެވެ. ވަކިން ޚާއްސަކޮށް އެމެރިކާއިން ކޮވެކްސްގައި ބައިވެރިނުވެ އެގައުމަށް ބޭނުންވާ ވެކްސިންގެ ޑޯޒްތައް ހޯދުމަށް އެކި ކުންފުނިތަކާއެކު އެއްބަސްވުންތައް ހަދަން ފެށުމުން އެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

މި ފެސިލިޓީ އުފެއްދުމުގައި ޑަބްލިޔުއެޗްއޯއާއި ގުޅިގެން މަސައްކަތްކުރާ އެއް ބަޔަކީ ގަވީ ވެކްސިންސް އެލަޔަންސެވެ. ފެސިލިޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ގަވީގެ ޗީފް އެގްޒެކެޓިވް ޑރ. ސެތް ބާރކްލޭ ރޮއިޓަރސްއާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިހާރު އުފައްދަމުންދާ ވެކްސިންތައް ހޯދުމުގެ މަޝްވަރާތައް ކުރިޔަށްދާ ކަމަށެވެ. އަދި މަދުން އާމްދަނީ ލިބޭ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހަމަޖެހުމާ ހަމައަށް މިހާރު އައިސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ދެތިން މަހެއް ކުރިން މިއީ ނުވާނެކަމެއްގެ ގޮތުގައި ފެނިގެންދިޔަ ކަމެއް މިހާރު ހަގީގަތަކަށްވެ މުއްސަނދި ގައުމުތަކާއި މެދު ފަންތީގެ ގައުމުތައް އަދި ފަގީރު ގައުމުތަކަށްވެސް ހަމަހަމަކަމާއެކު ވެކްސިން ލިބޭނެކަމުގެ ޔަގީންކަން މިހާރު ލިބިފައިވާކަމަށާއި އެކަން ހަގީގަތަކަށް ވަމުން އަންނަކަމަށް ޑރ. ސެތް ވިދާޅުވިއެވެ. އަދި ޗައިނާއިން ފެސިލިޓީގައި ބައިވެރިވުމާއެކު އެ ގައުމަށްވެސް ފެސިލިޓީގައި ބައިވެރިވާ އެހެން ގައުމުތަކުގެ އާބާދީއަށް ލިބޭ މިންވަރަށް ވެކްސިން ލިބޭނެކަމަށް ގަވީގެ ސްޕޯކްސްމަން ބުނެއެވެ.

އަނެއްކޮޅުން ޗައިނާއަކީ ކޮވިޑް-19 އަށް ވެކްސިން އުފައްދާ އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ ގާބިލްކަންވެސް ލިބިފައިވާ ގައުމެކެވެ. ޗައިނާއިން ހަތަރު ވެކްސިނެއް އުފައްދަމުން އަންނައިރު ޖޫން މަހުން ފެށިގެން ޗައިނާއިން އަންނަނީ އެގައުމުގެ ރައްޔިތުންނަށް ވެކްސިން ދެމުންނެވެ.

އެގޮތުން ހައި ރިސްކު ކެޓަގަރީގައި ތިބި މީހުންނަށާއި މަސައްކަތްތެރިންގެ ތެރެއިން އެތައް ހާސް ބަޔަކަށް ޗައިނާއިން ވަނީ ވެކްސިން ދީފައެވެ. ވެކްސިންތަކުގެ ކްލިނިކަލް ޓްރެއަލް ނުނިމެނީސް އެތައް ހާސް ބަޔަކަށް ވެކްސިން ދިނުމުން ސިއްހީ މާހިރުން ވަނީ ރައްކާތެރިކަމުގެ ކަންކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް