ކ. މާލެ
|
10 އޮކްޓޯބަރ 2020 | ހޮނިހިރު 08:22
ސަރުކާރުން ހއ. ހޯރަފުށީގައި ތަރައްޤީ ކުރަމުންދާ އެއަރޕޯޓް
ސަރުކާރުން ހއ. ހޯރަފުށީގައި ތަރައްޤީ ކުރަމުންދާ އެއަރޕޯޓް
ފޭސްބުކް
ހޯރަފުށީ އެއަރޕޯޓް
އެއަރޕޯޓްގެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށް ރައްޔިތުން އެއް ރޫޙެއްގައި!
 
މި މަސައްކަތުގައި ރަށުގެ ކުދި ބޮޑު ހުރިހާ ރައްޔިތުން ބައިވެރިވޭ
 
އެއަރޕޯޓުގެ ހުވަފެނަކީ އެތައް ޒަމާނެއްވަންދެއް ރައްޔިތުން ދެކެމުން އައި ހުވަފެނެއް
 
އެއަރޕޯޓްގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މި އަހަރުގައި

ރާއްޖޭގެ އެންމެ އުތުރުގައި ތަރައްޤީ ކުރަމުންދާ ހއ. ހޯރަފުށީ އެއަރޕޯޓަކީ، ގިނަ ޒަމާންތަކެއް ވަންދެއް އެ ސަރަޙައްދުގެ ރައްޔިތުން ދެކެމުންދިޔަ ހުވަފެނެކެވެ. ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް އެއަރޕޯޓްގެ ކުލައެއްނުވާ ހުވަފެންތައް ދެއްކިނަމަވެސް، މި ސަރުކާރުން ވަނީ ރައްޔިތުންގެ އުުންމީދުތައް ޙަޤީޤަތަކަށް ހަދައިދީފައެވެ. ހއ. އަތޮޅުުގައި އެއަރޕޯރޓެއް ނެތުމުގެ ސަބަބުން އުފުލަންޖެހޭ ދަތިތަކާއި ތުރާތަކަށް ނިމުމެއް ގެނައުމަށްޓަކައި، މި ސަރުކާރުން ހޯރަފުށީ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 31 ވަނަ ދުވަހުއެވެ.

މި ހިނގާ 2020 ވަނަ އަހަރުގެ ފަހު ކޮޅުގައި އެއަރޕޯޓް ނިންމުމަށް ހަމަޖެހިފައިވާއިރު، ރަށުގެ ޒުވާނުންނާއި ކުދި ބޮޑު އެންމެހާ ރައްޔިތުންގެ ފަރާތުން ފެނިގެންދަނީ، ތަފާތު ހިތްވަރެކެވެ. ތަފާތު ރޫޙެކެވެ. ކަށީގެ މަދުން ހިތްވަރު ނެރެގެން ރެޔާއި ދުވާލު މަސައްކަތްކުރަމުން އެ ދަނީ ރަށާއި މުޅި އަތޮޅަށްޓަކައެވެ. މި މަޝްރޫޢުގެ މަސައްކައް ހަވާލު ކުރެވިފައިވާ، އެމް.ޓީ.ސީ.ސީގެ ޓީމާއި، ރައްޔިތުން ބައިވެރިވެ ތަފާތު އެކި މަސައްކަތްތަކުގައި މަޝްޢޫލުވެ އުޅެނީ ފަޚްރުވެރިކަމާއިއެކުއެވެ. ރަށުތެރެއިން ފެނިގެންދަނީ އެއްބައިވަންތަކަމާއި އެކުވެރިކަމެވެ. އެއް ރޫޙެއްގައި އެއް ޢަޒުމެއްގައި، ރަށާއި އަތޮޅުގެ ތަރައްޤީއަށްޓަކައި މަސައްކަތްކުރަމުންދާ މަސައްކަތްތެރިންނެވެ.

ހޯރަފުށީގެ ޒުވާނުން އެއަރޕޯޓްގެ މަސައްކަތުގައި

ދާދި ފަހުން އެއަރޕޯޓްގެ މަސައްކަތްތައް 24 ގަޑިއިރު ކުރިޔަށް ގެންދިޔުމަށް ހަމަޖެއްސި ނަމަވެސް ވަރުބަލި ކަމެއްނެތެވެ. ލިބުނީ އިތުރު ހިތްވަރެވެ. ތަފާތު ގޮންޖެހުންތަކާއި، ކުރިމަތިވި ނަމަވެސް ހިތްވަރާއި ޢަޒުމަށް ބަދަލެއްނައިސް މަސައްކަތް ކުރަމުންދަނީ ދަތުރުފަތުރު ކުރުމަށްހުރި ދަތި އުނދަގޫ ހުރަސްތައް ނިމުމަކަށް ގެނައުމަށެވެ.

ހޯރަފުއްޓާއި އަތޮޅުގެ އެހެން ރަށްތަކުންވެސް، ވައިގެ މަގުން ދަތުރުކުރުމަށްޓަކައި، މިހާރު ބޭނުންކުރަމުންދަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓެވެ. ހަނިމާދޫ އެއަރޕޯޓަށް ދިޔުމަށްޓަކައި އެއް ގަޑިއިރަށްވުރެ ދިގު ދަތުރެއް ކުރަންޖެހޭއިރު، ޚާއްސަކޮށް މޫސުުން ގޯސް ދުވަސްވަރުގައި ދަތުރުކުރުމަކީ ވަރަށް ބޮޑު ތަކްލީފާއި ކުރިމަތިލާންޖެހޭ ކަމެކެވެ.

މީގެ އިތުރުން ބޮޑު ޚަރަދެއްވެސް ހިނގާ ކަމެކެވެ. މިފަދަ އެތައް ބައިވަރު ސަބަބުތަކާއި ހުރެ ރައްޔިތުން ތާ އަބަދުމެ އެދި އެދި ތިބި އެއަރޕޯޓްގެ މަޝްރޫޢު ހަލުވި ސްޕީޑްގައި ކުރިޔަށްދާތަން ފެނުމަކީ، ސަރަޙައްދުގެ ހުރިހާ ރައްޔިތުންގެ ހިތްތަކަށް ލިބިގެންދާ ފިނިކަމެކެވެ.

އެމް.ޓީ.ސީ.ސީގެ ޓީމާއި ގުޅިގެން ރަށުގެ ޒުވާނުން އެއަރ-ޕޯރޓްގެ މަސައްކަތުގައި

ހެނދުނު ހެނދުނާ، އަރައިގެން އަންނަ އިރާއެކީ، ރަށުގެ މުއައްސަސާތަކާއި، ކުދި ބޮޑު އެންމެހާ ޒުވާނުން އެއަރޕޯޓްގެ މަސައްކަތުގައި މަޝްޢޫލުވެ އުޅޭއިރު، ހޯރަފުށީގެ ފިސާރި ކަނބަލުންގެ ފަރާތުންވެސް ފެނިގެންދަނީ އާދަޔާއި ޚިލާފު ރޫޙެކެވެ.

ރަށުގެ ހުރިހާ ކަނބަލުން ވެގެން، މަސައްކަތްކުރާ ޓީމަށް ހިތްވަރު ދިނުމަށްޓަކައި ކޮންމެ ދުވަހަކު ސަޔާއި ކާބޯތަކެތި ހިފައިގެން ދިޔުމަކީ، ރާއްޖޭގެ ވަރަށް މަދު ރަށަކުން ނުފެންނާނެ ފަދަ މަންޒަރެއްކަން ޤައިމެވެ. ހިތްގައިމު އުފާވެރި މަންޒަރެކެވެ. ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ މި ދަނޑިވަޅުގައިވެސް ދައްކުވައިދޭ ރީތި ނަމޫނާއެކެވެ.

ރަށުގެ ހީވާގި ކަނބަލުން މަސައްކަތްކުރާ ޓީމަށް ސައި ތައްޔާރު ކުރުމުގައި

ހޯރަފުށީގެ އިތުރުން އަތޮޅުގެ ގިނަ ރަށްރަށުންވެސް މި މަޝްރޫޢުއަށް ބޮޑެތި އެއްބާރުލުން ދޭ ކަން ފާހަގަކުރެވެއެވެ. އެގޮތުން، "އެއަރޕޯޓް ފެހިކުރުން-އެންމެންގެ ޒިންމާ" ޝިޢާރުގެ ދަށުން ގިނަ ޢަދަދަކަށް ގަސް ހަދިޔާކޮށްފައިވާކަމީ، އެ ރަށް ރަށުގެ ލޮބުވެތި ރައްޔިތުންވެސް، ހޯރަފުށީގައި ޤާއިމްކުރެވޭ އެއަރޕޯޓާއި މެދު ނުހަނު ހިތްހަމަޖެހިފައިވާކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ. އެ ރަށްރަށުގެ ރައްޔިތުން އެ ދައްކުވައިދެނީ، އެންމެން ގުޅިގެން ތަރައްޤީއަށް މަސައްކަތް ކުރުމުގެ ރީތި މިސާލެކެވެ.

ހއ. އަތޮޅުގެ ވަރަށް ގިނަ ރަށްތަކުންވަނީ އެއަރޕޯޓްގައި އިންދުމަށް ގަސް ހަދިޔާކޮށްފައި

ކުލައެއްނުވާ ހުވަފެންތަކެއް ދެކިދެކި، ރައްޔިތުން މާޔޫސްވެ އުންމީދު ގެއްލިފައިވަނިކޮށް، މި ސަރުކާރުން މި ވަނީ ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދީފައެވެ. މިއީ ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ހީނަރުވެފައިވާ ގުޅުންތައް ބަދަހިކޮށް ވަރުގަދަ ކުރުމަށް ލިބުނު ފުރުސަތެއްގޮތުގައިވެސް ސިފަކުރެވިދާނެއެވެ. ރަށުތެރެއިން ފެނިގެންދަނީ އެފަދަ ހިތްގައިމު މަންޒަރެވެ.

ސިޔާސީ ޚިޔާލު ތަފާތުވުންތައް އެއް ފަރާތްކޮށް، ކުދި ބޮޑު އެންމެން އެއް ޢަޒުމެއްގައި އެއް ރޫޙެއްގައި މަސައްކަތްކުރަމުންއެދަނީ ހުވަފެންތަކުގައި ހަޤީޤީކުލަ ޖެއްސުމަށެވެ. އެއަރޕޯޓްގެ މަސައްކަތްތައް މުޅިންހެން ނިމުމަކާއި ގާތްވެފައިވާއިރު ރައްޔިތުންގެ މޫނުމަތިން ފެނިގެންދަނީ، އުފާވެރި ހިނިތުންވުމެވެ. ފާޅުކުރަމުންދަނީ އުފާވެރި ކަމުގެ ޝުޢޫރުތަކެވެ. ހޯރަފުށީގެ ރައްޔިތުންނަކީ، ރަށުގެ ތަރައްޤީއަށްޓަކައި ގުޅިގެން މަސައްކަތްކުރާނެ، އެކުވެރި ރައްޔިތުންތަކެއްކަން މި ވަނީ ސާބިތުކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
93%
0%
0%
7%
0%
ކޮމެންޓް
10 އޮކްޓޯބަރ 2020 | ހޮނިހިރު 12:24
ސާބަސް ހޯރަފުށީ ރައްޔިތުން
މިއީ ހޯރަފުށީ ރައްޔިތުންނާއި އެމް،ޕީ ސަލީމްގެ ހިތްވަރު ޝުކުރިއްޔާ ރައީސް ޞާލިހް ޝުކުރިއްޔާ އެމް،ޕީ ސަލީމް ޝުކުރިއްޔާ ހޯރަފުށީ ރައްޔިތުން
ގުޅުންހުރި