ކ. މާލެ
|
10 އޮކްޓޯބަރ 2020 | ހޮނިހިރު 15:52
ހުކުރު ދުވަހަކީ މުސްލިމުންނަށް ކޮންމެ ހަފްތާއަކު އެއްފަހަރު އަންނަ ޢީދު ދުވަސް
ހުކުރު ދުވަހަކީ މުސްލިމުންނަށް ކޮންމެ ހަފްތާއަކު އެއްފަހަރު އަންނަ ޢީދު ދުވަސް
ރާއްޖެއެމްވީ
ސޫރަތުލް ކަހަފް ކިޔެވުމުގެ މާތްކަން
ސޫރަތުލް ކަހަފް ކިޔަވައިފިން ތަ؟
 
ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ ހުކުރު ދުވަސް

ސޫރަތުލް ކަހަފް ކިޔަވާލައިފިން ހެއްޔެވެ؟ އެއީ މާތްވެގެންވާ ހުކުރު ދުވަހު ކިޔަވާލުން މޮޅުއިތުރުވެގެންވާ އިބުރަތުން ފުރިގެންވާ ސޫރަތެކެވެ.

ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އެއީ މުސްލިމުންނަށް ކޮންމެ ހަފްތާއަކު އެއްފަހަރު އަންނަ ޢީދު ދުވަހެވެ. ހަމަ މިފަދައިން ގުރުއާނުގެ ސޫރަތްތަކުގެ ތެރެއިން ކަހަފް ސޫރަތަކީ ހުކުރު ދުވަހު ކިޔަވާލަން މޮޅު އިތުރު ވެގެންވާ ސޫރަތެކެވެ.

ކީރިތި މާތް ރަސޫލާ މުހައްމަދު (ޞ) ގެ ހަދީޘުން އެނގޭ ގޮތުގައި ކަހަފު ސޫރަތް ކިޔަވާ މީހާއަށް އަލިކަން ލިބިގެންވެއެވެ. އެއް ހުކުރުން އަނެއް ހުކުރަށް ފާފަތައް ފުހެވިގެން ދެއެވެ. އަދި ދައްޖާލުގެ ފިތުނަތަކުން ސަލާމަތްވެއެވެ. މީގެ އިތުރުންވެސް ސައްހަ މަގުން ރިވާވެގެންވާ ހަދީސްތަކުން އެނގޭ ގޮތުގައި އެ ސޫރަތް ކިޔަވާ މީހަކަށް އަލިކަމެއް ލިބިގެންވެއެވެ.

ފިތުނަތަކުން ސަލާމަތްވުމުގެ ފުރުސަތު އޮތްކަން އިތުރަށް ހާމަވަނީ މި ސޫރަތުގައި ވަރަށް މުހިންމު ހަތަރު ވާހަކައަކާއި އެވާހަކަތަކާ ގުޅިފައިވާ ހަތަރު ފިތުނައަކާއި އެ ހަތަރު ފިތުނައިން ސަލާމަތްވާނެ މަގު ބަޔާން ކުރައްވާފައި އޮތުމުންނެވެ. މި ހަތަރު ފިތުނައާ އެކު އަންނާނީ ދައްޖާލެވެ.

އެގޮތުން އަބުއްދަރުދާ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ކަހަފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ދަސްކޮށްފި މީހާކު ދައްޖާލުގެ ކިބައިން ރައްކާތެރިވެގެންވެއެވެ." އަދިވެސް ބައެއް އެހެން ހަދީޘް ތަކަށް ބަލާލާއިރު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “ހުކުރު ދުވަހުގެ ކަހަފް ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ."

މި ސޫރަތު ގައިވާ މުހިއްމު ހަތަރު ނުކުތާއަށް ބަލާލާއިރު އެންމެ ފުރަތަމަ ވާހަކައަކީ ދީނުގެ ފިތުނައިގެ ވާހަކައެވެ. އެއީ ﷲ އަށް އީމާންވީ ޒުވާން ޖަމާއަތަކަށް އަނިޔާވެރި ރަސްކަލެއްގެ ފުށުން ކުރިމަތިވި ނުރައްކަލުގެ ވާހަކައެވެ. މި އިމްތިޙާނުގައި އެ ޒުވާނުން ﷲ އަށްޓަކައި ހިޖުރަކުރީއެވެ. މިނިވަންކަމާ އެކު ﷲ އަށް އަޅުކަން ކުރުމަށެވެ. އެ މީހުން ވަނީ ފަރުބަދައެއްގެ ހޮހަޅައަށެވެ. އެއާ އެކު ﷲ ވަނީ އެމީހުން ތިން ސަތޭކަ އެތައް އަހަރެއް ވާންދެން ނިންދުވާފަ އެވެ. އެ ޒުވާނުން ދެއްކި ހިތްވަރާއި ކެތްތެރިކަމުގެ ނަތީޖާއަކަށް ވެެގެން ދިޔައީ މުޅި ރަށް އިސްލާމްވުމުގެ މެދުވެރިންނަށް އެ ޒުވާނުން ވެގެން ދިއުމެވެ.

ދެވަނަ ވާހަކައަކީ މުދަލުގެ ފިތުނައިގެ ވާހަކައެވެ. އެއީ ﷲގެ ތަނަވަސް ރިޒުގުގެ ތެރެއިން ތަފާތު މޭވާ އާއި ދަނޑުގޮވާން އެކުލެވޭ އަދި އެ ދެމެދުގައި ކޯރެއް އޮތް ދެ ބަގީޗާ ލިބިގެންވި މީހާ އަށް ކުރިމަތިވި އިމްތިހާނުގެ ވާހަކައެވެ. މި އިމްތިހާނުގައި އޭނާ ﷲ ގެ އެ ނިއުމަތްތަކަށް ކުފުރުވެ، ބޮޑާވެ އެއީ ދުވަހަކު ނެތިނުދާނެ ނިއުމަތްކަމަށް ހީކޮށް އާޚިރަތް އަތުވެދާނެ ކަމަކަށް ގަބޫލު ނުކުރީއެވެ. ﷲ ގެ ހަޟްރަތަށް ރުޖޫއަކުރެއްވިޔަސް މިއަށް ވުރެ ރަނގަޅު ގޮތް މެދުވެރިވާނެ ކަމަށް ބެލީ އެވެ. ނަމަވެސް އާހިރުގައި ﷲ ގެ ނިއުމަތަށް ކުފުރުވުމުން އެ ދެ ބަގީޗާ ވެސް ހަލާކުވެ ދިޔައީ އެވެ.

ޢިލްމުގެ ފިތުނައިގެ މައްޗަށް އަލި އަޅުވާލާފައިވަނީ މޫސާގެފާނާއި ޚަޟިރުގެފާނުގެ ވާހަކައިގެ ތެރެއިންނެވެ. މިސޫރަތުގެ 60 ވަނަ އާޔަތުން ފެށިގެން 82 ވަނަ އާޔަތައި ހަމައަށް އައިސްފައިވަނީ މޫސާގެފާނާއި ޚަޟިރުގެފާނުގެ ވާހަކައެވެ. އަދި ވެރިކަމާއި އާރާއިބާރުގެ މައްޗަށް އަލި އަޅުވާލާފައިވަނީ ޛުލްޤަރްނައިނިގެ ވާހަކައިންނެވެ. މިސޫރަތުގެ 83 ވަނަ އާޔަތުން ފެށިގެން 89 ވަނަ އާޔަތަށް އައިސްފައިވަނީ ޛުލްޤަރްނައިނިގެ ވާހަކައެވެ.

މި ހަތަރު ފިތުނައިން ސަލާމަތް ވެވޭނެ ގޮތްވެސް މިސޫރަތުގައިވެއެވެ. މިއީ ވާހަކަތަކުންނާ އިބުރަތްތަކުން ފުރިގެންވާ މަތިވެރި ސޫރަތެވެ. މި ސޫރަތުގެ ކިޔާލުމުން އެތައް ފިލާވަޅުތަކެއް ލިބިގެންދާ ސޫރަތެކެވެ. ވީމާ މި ސޫރަތް ކޮންމެ ހުކުރު ދުވަހެއްގައި ކިޔަވާލުން އާދައަކަށް ހަދާށެވެ. އެއީ ތިބާއަށް ދެދުނިޔޭގެ ފަލާހާ ކާމިޔާބު ލިބުމުގެ ތަޅުދަނޑިއަށް ވެދާނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
25%
0%
25%
0%
50%
ކޮމެންޓް