ކ. މާލެ
|
9 އޮކްޓޯބަރ 2020 | ހުކުރު 12:58
އުމުރުން ދުވަސްވީ މީހުން އެކަހެރި ނުކުރުމަށް ޚުތުބާގައި ގޮވާލާފައިވޭ
އުމުރުން ދުވަސްވީ މީހުން އެކަހެރި ނުކުރުމަށް ޚުތުބާގައި ގޮވާލާފައިވޭ
ޕިންޓްރެސްޓް
ހުކުރު ޚުތުބާ
ދިރިއުޅުމުގައި ބަރަކާތްލެއްވުމަށް އެދޭނަމަ މައިންބަފައިންގެ އިތުރުން އުމުރުން ދުވަސްވީ މީހުން އެކަހެރިނުކުރޭ: ޚުތުބާ
 
މަސައްކަތެއް ނުކޮށް ތިބެން ޖެހުމަކީ އިޖުތިމާއީ ގޮތުން އެކަމުގެ އަސަރު ވަރަށް ބޮޑަށްކުރާ ކަމެއް
 
ނަފުސާނީ ގޮތުން ބަލިކަށި ކޮށްލުމަށް އެކަނިވެރިކަމުގެ ތެރެއަށް އުމުރުން ދުވަސްވީ މީހުން ދޫކޮށްލާފަހަރު އާދޭ
 
އާއިލާގެ ތެރެއިންނާއި، މުޖުތަމައުގެ ތެރެއިން ވެސް އިހުމާލުނުވުމަށް އެދިފައިވޭ

ތިމާގެ ދިރިއުޅުމާއި ކުރަމުންދާ މަސައްކަތުގައި މާތްﷲގެ ބަރަކާތްލެއްވުމަށް އެދޭނަމަ މައިންބަފައިންގެ އިތުރުން އުމުރުން ދުވަސްވީ މީހުން އެކަހެރިނުކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''އުމުރުން ދުވަސްވީ މީހުންނަށް ކަމޭހިތުމާއި އަޅައިލުން'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ އުމުރުން ދުވަސްވީ މީހުންނަށް ފުރައްސާރަކޮށް އުޅުމަކީ މަދުން ނަމަވެސް މުޖުތަމައުން ފެންނަމުންދާ ހިތާމަވެރި މަންޒަރެއް ކަަމަށާއި، އާއިލާގެ މީހުންގެ ފަރާތުންނާއި، ދުރު މީހުންގެ ފަރާތުން މިފަދަ ފުރައްސާރަކުރުންތަކާ ކުރިމަތި ލާން ޖެހޭ ކަމަށެވެ.

ޚުތުބާގައި ބުނީ ޖިސްމާނީ ގޮތުން ގެއްލުން ދިނުމާއި، ނަފުސާނީ ގޮތުން ބަލިކަށި ކޮށްލުމަށް އެކަނިވެރިކަމުގެ ތެރެއަށް އުމުރުން ދުވަސްވީ މީހުން ދޫކޮށްލާ ކަމަށާއި، މާއްދީ ގޮތުންވެސް އުމުރުން ދުވަސްވީ މީހުންނަށް ގެއްލުން ދިނުމަކީ މިއަދު މުޖުތަމައުގެ ބައެއް ފަރުދުންގެ ފަރާތުން ފެންނަ އަމަލެއް ކަމަށެވެ.

އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އަނިޔާތަކުގެ ތެރޭގައި ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން އިހުމާލުވުމުގެ ސަބަބުން ލިބޭ އަނިޔާތައް ގިނަ ގުނަކަން ފާހަގަކޮށް ޚުތުބާގައި ބުނީ އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާގެ ތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތައް ކަމަށެވެ. މީގެ ތެރޭގައި، އާއިލާގެ ތެރެއިންނާއި، މުޖުތަމައުގެ ތެރެއިންވެސް ވެވޭ އިހުމާލުތައް ފާހަގަ ކުރެވޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ތިމާމެން އަރާމު ތަންމަތީގައި، ފިނި ކޮޓަރިތަކުގައި، ނިދާ އިރު އެތަނަވަސްކަމާއި، މުއްސަދިކަން ހޯދައި ދިނުމަށް މަސައްކަތް ކުރި ޢުމުރުން ދުވަސްވެފައިވާ މައިންބަފައިން، ވައިރޯޅީގެ ފިނިކަމެއް އަމުދުން ލިބެން ނެތް ހުރަގެ ތަކުގައި ގެންގުޅޭކަމީ ދެބަސްވެވެން ނެތް ހިތި ހަގީގަތެކެވެ. އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދޭ އިނާޔަތުގެ ފައިސާ އެމީހުންނަށް ނޭނގި ބޭނުން ކުރުމަކީ، އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަ އަމަލެކެވެ. އުމުރުން ދުވަސްވީ މީހުންނަށް ލިބޭ މާލީ އިނާޔަތަކީ އެފަދަ މީހުން ބަލަހަށްޓާ މީހުންނަށް ލިބެންޖެހޭ އެއްޗެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ދެކި، މާލީ ޢިނާޔަތާ ހެދި، ޢާއިލާގެ ތެރޭގައި އަރައިރުންވެ މަސްލަހަތު ގެއްލި، އުމުރުން ދުވަސްވީ މީހުންނަށް އިތުރުން ނަފްސާނީ މައްސަލަތަކާ ކުރިމަތިލާން ޖެހޭކަން ވެސް ފާހަގަ ކުރެވެއެވެ.
ޚުތުބާ

އިޖުތިމާއީ އިލްމުވެރިންނާ ހަވާލާދެއްވާ ޚުތުބާގައި ބުނީ އުމުރުން ދުވަސްވީ މީހުން، އެއްވެސް މަސައްކަތެއް ނުކޮށް ތިބެން ޖެހުމަކީ އިޖުތިމާއީ ގޮތުން އެކަމުގެ އަސަރު ވަރަށް ބޮޑަށްކުރާ ކަމެއް ކަމަށެވެ. ޚާއްސަ ގޮތެއްގައި އުމުރުގެ ކުރީކޮޅު ހަރަކާތްތެރިކަމާ އެކު އުޅެފައިވާ މީހުންނަށް މިކަމުގެ ސަބަބުން ދިމާވާ މައްސަލަތައް ގިނަކަމަށެވެ.

އެހެންކަމުން، އެ މީހުންގެ އުމުރާ ގުޅޭ ގޮތުން ހެލިފެލިވެ އުޅުމުގެ މަގު ތަނަވަސްކޮށްދީ، އެމީހުންނަކީ މުޖުތައުގައި ބޭނުންބޭނުން ކެނޑިފައިވާ ބައެއް ނޫންކަމާއި، އާއިލާއާއި، މުޖުތަމައަށް ބޭނުންތެރި ބައެއް ކަން އަންގައިދޭން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ޞިއްހީ އެހީތެރިކަމާއި، އިޖުތިމާއީ ނަފްސާނީ ރައްކާތެރިކަން ހޯދައިދީ، އެމީހުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު، ތަނަވަސް ކޮށްދިނުމަކީ، ކަމާ ބެހޭ ފަރާތްތަކާއި ބަލަދުވެރިންގެ ޒިންމާއެއް ކަަމަށް ޚުތުބާގައި ބުނެފައި ވެއެވެ.

ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައީ: އަހުރެމެންގެ ކުޑަކުދިންނަށް އޯގާތެރި ނުވާ، އަދި އަހުރެމެންގެ ތެރެއިން ބޮޑެތި މީހުންގެ ޙައްޤުތައް ނުދަންނަ މީހަކީ އަހުރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ.
ޚުތުބާ

އިސްލާމީ މުޖްތައުގައި ބޮޑެތި މީހުންނަށް ވަރަށް ޚާއްސަ ގަދަރަކާއި، އިޙްތިރާމެއް ދީފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ ބޮޑެތި މީހުންނަށް އިޙްތިރާމު ކުރުމަކީ އިސްލާމީ މަތިވެރި އަގުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އެއީ އިސްލާމީ އަދަބެއް ކަމަށެވެ. އިސްލާމް ދީނުގައި ވާޖިބު ކުރައްވާފައިވާ މަތިވެރި އަޅުކަމެއް ކަމަށްވާއިރު، މުޖުތަމައުގެ ކަންތައްތަކުގައި ބައިވެރިކުރުމާއި، ކަންކަމުގައި މަޝްވަރާ އާއި ޚިޔާލު ހޯދުމަކީ، ކުރާ ކަންކަމުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެއް ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް