ކ. މާލެ
|
8 އޮކްޓޯބަރ 2020 | ބުރާސްފަތި 23:24
މިދިޔަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ތެރެއިން އައިޝަތު ރަފާ ނާޒިމް
މިދިޔަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ތެރެއިން އައިޝަތު ރަފާ ނާޒިމް
އެމްއޯސީ
އައިޝަތު ރަފާ ނާޒިމް
ރަފާ: ގައުމަށް އިތުރު ކާމިޔާބީ ހޯދައިދިނުމުގެ އަޒުމުގައި
 
މިދިޔަ އަހަރުގެ އައިއޯއައިޖީ ރަފާ ނިންމާލާފައިވަނީ ދެ ރަން މެޑެއްޔާއި އެއް ރިހި މެޑެއްޔާއެކުގައި
 
ގައުމީ މުބާރާތުގައި މުއީނާ ބަލިކުރި ފުރަތަމަ ކުޅުންތެރިޔަކީ ރަފާ
 
ޓީޓީ ކުޅުމަށް ރަފާ ޝައުގުވެރިކަން އުފެދުނީ އޭނާގެ ބައްޕަގެ ފަރާތުން

ޅ. ހިންނަވަރަށް އުފަން އައިޝަތު ރަފާ ނާޒިމަކީ އަރަމުން އަންނަ ކުޅިވަރު ކުޅުންތެރިންނަށް ނަމޫނާ ކުޅުންތެރިއެކެވެ. ހާއްސަކޮށް އޭނާއަކީ ކުޅިވަރު ކުޅުންތެރިއެއްގެ ގައިގައި ހުންނަން ޖެހޭ އަޚުލާގީ ހުރިހާ ސިފަތަކެއް ލިބި ހުރި ކުޅުންތެރިއެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ޓީޓީ ކުޅުމަށް ރަފާ ޝައުގުވެރިކަން އުފެދުނީ އޭނާގެ ބައްޕަގެ ފަރާތުންނެވެ. ރަފާ ކުޑައިރު އޭނާގެ ބައްޕަ އަދި ކުރީގެ ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް ޓީޓީ ކުޅެންދާއިރު ރަފާވެސް ކުޅެން ގެންދެއެވެ. އަދި ނާޒިމާއެކު ކުޅެން ދިޔުމުގެ ތެރެއިން މީހުން ޓީޓީ ކުޅޭތަން ފެނުމުން ރަފާވެސް ޓީޓީ ކުޅުމުގެ ތެރެއަށް ވަދެގަތެވެ.

ޓީޓީ ކުޅުމަށް ޝައުގުވެރިކަން އުފެދުނީ ރަފާ ބައްޕަގެ ސަބަބުން. ރަފާ ކުޑައިރު ރަފާ ބައްޕަ ޓީޓީ ކުޅޭނެ. ބައްޕައާއެކު މަޖަލަށް ޓީޓީ ކުޅެން ދިޔުމުގެ ތެރެއިން މީހުން ކުޅޭތަން ފެނިގެން ޓީޓީ ކުޅެން އިންޓްރެސްޓް އުފެދުނީ.
އައިޝަތު ރަފާ ނާޒިމް

ޓީޓީގައި ރަފާ ވިދާލީ ޓީޓީގެ ރާނީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މުއީނާ މުޙައްމަދު ބަލިކޮށް 2016 ވަނަ އަހަރު ގައުމީ ޗެމްޕިއަންކަން ރަފާ ހޯދި ހިސާބުންނެވެ. މުއީނާ އަކީ 13 އަހަރު ޖެހިޖެހިގެން ގައުމީ ޗެމްޕިއަންކަން ހޯދައިފައިވާ ކުޅުންތެރިޔާއެވެ. ގައުމީ މުބާރާތުގައި މުއީނާ ބަލިކުރި ފުރަތަމަ ކުޅުންތެރިޔަކީ ރަފާއެވެ.

2016 ވަނަ އަހަރުގެ ގައުމީ މުބާރާތް ރަފާ ސިފަކުރަނީ އޭނާގެ "ބްރޭކް ތްރޫ" މުބާރާތުގެ ގޮތުގައެވެ. އަދި އެ މުބާރާތަކީ ޓީޓީގެ ތެރެއިން އޭނާއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި ރަފާ ފާހަގަކުރެއެވެ.

ރަފާ އެންމެ ފުރަތަމަ ގައުމީ ޗެމްޕިއަންކަން ހޯދީ 2016 ވަނަ އަހަރު. އެ އަހަރަކީ ހުރިހާ ގޮތަކުންވެސް ރަފާއަށް މުހިންމު އަހަރެއް. އެއީ ރަފާގެ ކެރިއަރުގެ ބްރޭކް ތްރޫ އަހަރޭ ބުނެވޭނީ. ވަރަށް އުފާވި އެ މުބާރާތް ކާމިޔާބު ކުރެވުމުން.
އައިޝަތު ރަފާ ނާޒިމް
މިދިޔަ އަހަރުގެ އައިއޯއައިޖީގައި ރަފާ ވަނީ ދެ ރަން މެޑެއްޔާއި އެއް ރިހި މެޑަލް ހޯދާފައި

ކިޔެވުމަށް ވަގުތު ހޭދަކުރަމުން ގައުމީ ލެވެލުގައި ކުޅިވަރު ކުޅުމަކީ އުނދަގޫ ކަމެކެވެ. އެކަމަކު ރަފާ ވަނީ އެކަމަށް ގޮން ޖަހާ ކިޔަވަމުންވެސް ގައުމީ ލެވެލްގައި ކުޅިވަރު ކުޅުމަކީ ކުރެވިދާނެ ކަމެއްކަން ހާމަކޮށްދީފައެވެ.

ކިޔަވަމުން ޓީޓީ ކުޅުމަށްދޭން ޖެހޭ ވަގުތު ދިނުމަށް ރަފާއަށްވެސް ފުރަތަމަ ދުވަސްކޮޅު އުނދަގޫވިއެވެ. އެކަމަކު ހިތްވަރާއެކު ރަފާ ވަނީ ދެކަން އެއްކޮށް ކުރުމަށް ވަގުތު ހޯދުމަށް ދަސްކޮށްފައެވެ.

މިހާތަނަށް ޓީޓީގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި ރަފާ ސިފަކުރަނީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އެވެ. އެ މުބާރާތް ރަފާ ނިންމާލާފައިވަނީ ދެ ރަން މެޑެއްޔާއި އެއް ރިހި މެޑެއްޔާއެކުގައެވެ.

ރަފާ ބުނީ އެ މުބާރާތަކީ އޭނާއަށް ހުރިހާ ގޮތަކުންވެސް ޗެލެންޖިންގ މުބާރާތެއް ކަމަށާއި، މުބާރާތުގެ ކުރިން ދިމާވި އަނިޔާގެ ސަބަބުން ފުރަތަމަ މުބާރާތަށް ދެވޭނެކަމުގެ އުންމީދު ނެތް ކަމަށެވެ. އެކަމަކު އަނިޔާއިން ސަލާމަތްވެ މެންޓަލީ ކުރިއަށްވުރެ ވަރުގަދަވި ކަމަށާއި، މުބާރާތަށް ދެވޭނެކަން އެނގުމާއެކު އަމާޒު ހިފީ ރަން މެޑެއްޔާއެކު މުބާރާތް ނިންމާލުމަށް ކަމަށް ބުންޏެވެ.

އައިއޯއައިޖީގެ ތެރެއިން ރަފާ އާއި އޭނާގެ ޕެއާ ފާތިމަތު ދީމާ އަލީ

މިހާތަނަށް އައިއިރު ކެރިއަރުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އާއިލާގެ ފަރާތުން ކަމަށް ރަފާ ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ރަހުމަތްތެރިންނާއި، ސްކޫލާއި، އެކުގައި ކުޅެމުން އަންނަ ކުޅުންތެރިންނާއި، ކޯޗުންގެ ފަރާތުން ލިބިގެންދާ އެއްބާރުލުންވެސް ރަފާ ވަނީ ފާހަގަކޮށްފައެވެ.

ކުރިއަށް އޮތްތަނުގައި އެންމެ ބޭނުންވަނީ ސައުތު އޭޝިއަން ގޭމްސްއިން ރިހި ނުވަތަ ރަން މެޑެއްޔެއް ހޯދުމަށް ކަމަށާއި، އެކަމަށް ގަދައަޅާ މަސައްކަތް ކުރަމުން އަންނަ ކަމަށް ރަފާ ބުންޏެވެ. އަދި ބައިނަލްއަގުވާމީ މުބާރާތްތަކުން އިތުރު ކާމިޔާބީތައް ހޯދަން ބޭނުންވާ ކަމަށްވެސް ރަފާ ބުންޏެވެ.

ކުރިޔަށް އޮތް ތަނުގައި އެންމެ ބޭނުންވަނީ ސައުތު އޭޝިއަން ގޭމްސްއިން ސިލްވާ މެޑަލް ހޯދަން. އަދި އެހެން އިންޓަނޭޝަނަލް މުބާރާތްތަކުން މެޑަލް ހޯދުމަކީވެސް ޓާގެޓެއް.
އައިޝަތު ރަފާ ނާޒިމް

ރާއްޖޭގެ ޓީޓީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓީޓީ ކުޅޭ ކުޅުންތެރިން މަދުވުމާއި، ކުރިއަރަމުން އަންނަ ކުޅުންތެރިންގެ ތަޖުރިބާ މަދުވުން ކަމަށް ރަފާ ފާހަގަކުރެއެވެ.

ރާއްޖޭގެ ޓީޓީގައި ވިދަމުން އަންނަ ރަފާ ކުރިއަށް އޮތް ތަނުގައިވެސް ގައުމީ މުބާރާތް ކާމިޔާބު ކުރަން ބޭނުންވެއެވެ. އަދި ރާއްޖޭގައި ހުރި އެންމެ މޮޅު ޓީޓީ ކުޅުންތެރިޔާއަށްވުމަކީ ރަފާގެ އަމާޒެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
100%
0%
0%
0%
0%
ކޮމެންޓް