ކ. މާލެ
|
8 އޮކްޓޯބަރ 2020 | ބުރާސްފަތި 00:04
މާފުށީ ގެސްޓްހައުސްއެއް: އަލުން ހުޅުވަން ވާން ޖެހޭ ތައްޔާރީތައް ދަނީ ވަމުން
މާފުށީ ގެސްޓްހައުސްއެއް: އަލުން ހުޅުވަން ވާން ޖެހޭ ތައްޔާރީތައް ދަނީ ވަމުން
ގެސްޓްހައުސްތައް އަލުން ހުޅުވާލުން
ގެސްޓްހައުސްތައް ހުޅުވަން ތައްޔާރު، ނަމަވެސް ގޮންޖެހުންތަކެއް އެބަހުރި!
 
6000 އަށްވުރެ ގިނަ ދިވެހިން ގެސްޓްހައުސް ވަޒީފައިގައި ހަރަކާތްތެރިވޭ
 
86 ރަށެއްގައި ގެސްޓްހައުސް ހުރޭ
 
ގެސްޓްހައުސްތައް އަލުން ހުޅުވާލަނީ އޮކްޓޯބަރު 15ގައި

މި އޮކްޓޯބަރު މަހުގެ 15 ގައި ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ނިންމާފައި ވާއިރު، މިކަމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

ގެސްޓްހައުސްތައް އަލުން ހުޅުވާލާއިރު އަމަލު ކުރަންޖެހޭ ވަކި ޚާއްސަ ގައިޑްލައިންއެއް ވަނީ އެކުލަވާލާފައެވެ. މި ގައިޑްލައިން ތައްޔާރު ކޮށްފައިވާނީ ރަށްރަށުގެ ރަށު ކައުންސިލްތަކާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި، ޓޫރިޒަމް އިންޑަސްޓްރީގައި ހިމެނޭ ހުރިހާ މަސްލަހަތުވެރިންނާއި އެކު މަޝްވަރާކޮށް ކޮށްގެންނެވެ. އަދި މި ގައިޑްލައިން ތެރެއިން މީގެކުރިން ގެސްޓްހައުސްތައް އޮޕްރޭޓް ކުރި ގޮތަށް އޮޕަރޭޓް ކުރުމުގެ ޖާގަ އޭރުގައި އޮތް މިނިވަން ކަންމަތީގައި ލިބިގެން ނުދާނެއެވެ.

މި ގައިޑްލައިން ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ފެށޭނީ އެރަށެއްގެ ކައުންސިލުން އިއުތިރާޒެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓްރީން އެންގުމުންނެވެ. ކައުންސިލުތަކުން އިއުތިރާޒެއް ނެތް ކަމަށް އަންގާއިރު ވެސް ބަލަން ޖެހޭ ކަންކަން ހުރިއިރު، ރަށުގެ އާންމު ރައްޔިތުން ގައިޑްލައިންއަށް ހޭލުންތެރި ކުރުވުން ހިމެނެއެވެ. އަދި ވަކި ރޫމްތަކެއް އައިސޮލޭޝަން އަދި ކަރަންޓީން ބޭނުމަށް ރަށުގައި ކަނޑައެޅިފައި ހުންނަން ޖެހޭ ކަމަށް ވެސް ގައިޑްލައިންގައިވެއެވެ. މީހުން ދިރިއުޅޭ ގެތަކުގައި އަދި އިމާރާތްތަކުގައި ގެސްޓްހައުސް ވިޔަފާރި އޮޕަރޭޓް ނުކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ރަށްރަށުގައި މިހާރު ހެދިފައި ހުރި ކޮވިޑް ޓާސްކްފޯސް ވަރަށް ބޮޑަށް އެކްޓިވްވެ އެޗްޕީއޭއާއި އެކު ކޯޑިނޭޓް ކޮށް ކަންހިނގާ ގޮތް މޮނިޓަރކޮށް އެޗްޕީއޭއަށް އަންގަންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އެޗްޕީއޭއިން ހެދިފައި ހުރި ގައިޑްލައިންތަކާއި އިންލައިންވާ ގޮތަށް ވަކި ޚާއްސަ އެސްއޯޕީއެއް ޓުރިޒަމް މިނިސްޓްރީއަށް ހުށަހަޅުމަށްވެސް ވަނީ ގައިޑްލައިންގައި އެދިފައެވެ.

ގެސްޓްހައުސްތައް އަލުން ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، ލޯކަލް ޓުއަރިޒަމް އެންމެ ކުރިއަރާފައިވާ އެއް ރަށް ކަމަށްވާ މާފުށި 'ކާނި ހޮޓެލްސް އެންޑް ޓުއާރސް'ގެ ފަރާތުން ވާހަކަދެއްކެވި މުވައްްޒަފަކު ބުނީ ގެސްޓްހައުސް އަލުން ހުޅުވުމަށްޓަކައި ގައިޑްލައިންއާއި އެއްގޮތަށް ވަރަށް ގިނަ ކަންކަން ކުރަން ޖެހިފައިވާ ކަމަށެވެ. އެހެންނަމަވެސް މިހުރިހާ ކަމެއް ކޮށްގެންވެސް އަލުން ގެސްޓް ހައުސް އޮޕަރޭޓް ކުރަން ބޭނުންވާ ކަމަށް އޭނާ ބުނެފައެވެ.

މާފުށި 'ސަންރައިސް ބީޗް ހޮޓެލް' ގެ މޭނޭޖްމަންޓްގެ އޮފިޝަލަކު ވިދާޅުވީ މި ގައިޑްލައިންގައި ވަރަށް ގިނަ ކަންކަން ހުރުލުން ލާޒިމްކޮށްފައިވާ ކަމަށާއި އެގޮތުން މިހާރު އެ ރަށުގެ އިތުރު ގެސްޓްހައުސްތަކުގެ އޯނަރުން އިސްނަގައިގެން އަމިއްލަ ހަރަދުގައި ފުލޫ ކްލިނިކެއް އެޅުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

ގައިޑްލައިންގައި އެބަހުރި ވަރަށް ގިނަ ކަންކަން. އެގޮތުން އެންމެ މުހިއްމު އެއް ކަމަކީި ފުލޫ ކްލިނިކެއް ހުރުން. އެކަންތައް މިހާރު މިގެންދަނީ މިރަށު ގެސްޓްހައުސްތައް ހިންގާ އިތުރު ފަރާތްތަކާއި އެކީ ކުރަމުން. ފުލޫ ކްލިނިކް މިއިމާރާތްކުރަނީ ހެލްތް ސެންޓަރުގެ ގޯތި ތެރޭގައި. އެގޮތުން 2 ކޮޓަރިއާއި 2 ފާޚާނާއާއި ވެއިޓިން އޭރިއާއެއްވެސް ހިމެނޭ ގޮތަށް މިތަން މިހަދަނީ. ކޮވިޑް ކަންތައް ނިމުމުން މިތަން ހޮސްޕިޓަލްގެ ބޭނުމަށް ބޭނުން ކުރެވޭނެ.
މާފުށިން ވާހަކަދެއްކި ގެސްޓްހައުސްއެއްގެ އިސްފަރާތެއް
ގެސްޓްހައުސްއެއް: އަލުން ހުޅުވަން ވާން ޖެހޭ ތައްޔާރީތައް ދަނީ ވަމުން

86 ރަށުގައި ގެސްޓްހައުސްތައް ޤާއިމް ކޮށްފައި ވާއިރު 6000ށް ވުރެ ގިނަ މީހުން އެ ގެސްޓްހައުސްތަކުގައި ވަޒީފާ އަދާކުރަމުންދެއެވެ. ގެސްޓްހައުސްތައް ބަންދުކޮށްފައި އޮތުމާއި އެކު މިހުރިހާ އެންމެންގެ އާމްދަނީއަށް ވަރަށް ބޮޑަށް ވަނީ އަސަރު ކޮށްފައެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ 10 ޕަސެންޓް ގެސްޓަހައުސްތަކުން ކަވަރުކުރެއެވެ.

ގެސްޓްހައުސް ވިޔަފާރި އަކީ ރަށްފުށުގައި ހިނގާ ވިޔަފާރިއެއް ކަމުގައި ވާތީ ގެސްޓްހައުސް ހުއްޓުމާއި އެކު އިތުރު ވިޔަފާރިތަކަށް ވެސް އޭގެ އަސަރު ވަނީ ކޮށްފައެވެ.

އެހެންކަމުން ގެސްޓްހައުސް އަލުން ހުޅުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ތޮއްޑޫގެ ގެސްޓްހައުސް ހިންގާ ފަރާތަކުން ވާހަކަދައްކަމުން ބުނީ މިކަމުގައި ގިނަ ދަތި ތަކެއް އެބަހުރި ކަމަށާއި އެގޮތުން ގެސްޓުން ރާއްޖެ އައުމަށްފަހު އެނބުރި ގައުމަށް ދާއިރު ހަދަން ޖެހޭ ޕީސީއާރް ޓެސްޓް ހެދުމަށް ބައެއް ޓުއަރިސްޓުން ބޭނުން ނުވާނެ ކަމަށާއި މިފަދަ ހާލަތުގައި ގެސްޓްހައުސްއިން އެކަން ކުރަން ޖެހިއްޖެ ނަމަ ދަތިތަކާއި ކުރިމަތިވާނެ ކަމަށެވެ. އަދި މިކަމަށް ވަކި ގޮތެއް ކަނޑައެޅިފައި ނުވާ ކަމަށާއި ފުލޫ ކްލިކެއް ހެދުމުގެ މަސައްކަތް ވެސް ކުރުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

ސަރުކާރުން ނިންމާފައި މިވަނީ ގެސްޓްހައުސް ވިޔަފާރިތައް އަލުން ހުޅުވާލާ ރަށްރަށުގައި ދިރިއުޅޭ އާންމުންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތް މަގުފަހި ކޮށްދިނުމަށް ކަމަށެވެ.

ކޮވިޑް-19 ގެ ކޭސްތައް ރާއްޖެއިން ފެންނަން ފެށުމުން ގެސްޓްހައުސްތައް ބަންދުކޮށްފައިވަނީ މާރޗް 17 ވަނަ ދުވަހުއެވެ. ޖުލައި 15 ގައި ބޯޑަރު ހުޅުވާލިނަމަވެސް ހަމައެކަނި ހުއްދަ ދޫކުރެވިފައިވަނީ ރިސޯޓްތަކާއި ސަފާރީތަކަށެވެ. އޭރުގެ ހާލަތު ހުރިގޮތުން ގެސްޓްހައުސްތަކަށް އޭރު ހުއްދަ ދީފައެއް ނުވެއެވެ. މީގެ ކުރިން އޮގަސްޓް 1 ގައި ގެސްޓްހައުސްތައް ހުޅުވަން ބުނެފައި ވީނަމަވެސް ހާލަތަށް ބަލާފައި 15 އޮކްޓޯބަރގައި ހުޅުވުމަށް ވަނީ ފަސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް