raajjemv logo
ޗައިނާ-ރާއްޖޭގެ ފްރީ ޓްރޭޑް އެގްރީމެންޓް
އަމިއްލަ އެދުމުން ފޯވެ، ސައީދުމެން ޗައިނާއަށް ވެސް ދިނީ ލަނޑު؟
 
އެގްރީމެންޓް ތަންފީޒު ކުރުމަށް ރާއްޖެއިން ހަދަންޖެހޭ ގާނޫނުތައް ހަދާފައެއް ނުވޭ، އެ ތަންފީޒު ކުރުމަށް ކުރި އެއްވެސް ކަމެއް ނެތް
 
އެ އެގްރީމަންޓްގައި ސޮއި ކުރީ ސަރުކާރުގެ ބޮޑު ވަފުދެއް ޗައިނާއަށް ވަޑައިގެން 7 ޑިސެމްބަރު 2017ގައި
 
އޭފޯރ ރީމަކަށްވުރެ ބޮޑު އެ އެގްރީމަންޓް ދިރާސާކުރަން ކޮމެޓީން ނެގީ އެންމެ 10 މިނެޓް
 
މަޖިލީހަށް ކުއްލި ގޮތަކަށް ހުށަހަޅާ އެދުވަހުން ދުވަހަށް ފާސްކޮށްފައިވަނީ 85 މެމްބަރުން ހިމެނޭ މަޖިލީހުގެ 30 މެމްބަރުންގެ ވޯޓުން އެއީ ރައީސް ޔާމީންގެ ވެރިކަމުގައި
މުހައްމަދު ފަޒީން
20,320
ކ. މާލެ |
8 އޮކްޓޯބަރ 2020 | ބުރާސްފަތި 15:04
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، އެގްރީމަންޓްގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް

ރާއްޖެއާއިއެކު ޗައިނާއިން ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރިމެންޓް (އެފްޓީއޭ) ތަންފީޒު ނުކުރެވިގެން އުޅެނީ ބާރުވެރިކަން ހޯދުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއާ ދެމެދު އޮތް އަރައިރުމެއްގެ ސަބަބުން ކަމަށް މާވަށު ދާއިރާއިގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވިޔަސް، ހަގީގަތަކީ، އެ އެއްބަސްވުމަކީ ހަމަ ސައީދުމެންގެ ސަރުކާރުން ޗައިނާއަށް ދިން "ދޯކާ" އެއް ކަމެވެ.

ސައީދު ތިޔަ ވިދާޅުވާ ފްރީ ޓްރޭޑް އެގްރީމެންޓެއް ޗައިނާއާއެކު އެކުލަވާލައި، މަސައްކަތް ކުރަމުންދިޔައިރުވެސް، އެ އެގްރީމެންޓްގައި ބުނާ ކަންކަން ތަންފީޒު ކުރުމަށް ރާއްޖެއިން ހަދަންޖެހޭ ގާނޫނުތަކެއް ހުރިކަން ހަމަ ސައީދަށް އެނގިލައްވާނެއެވެ. އެކަން އޭރު އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ސައީދަށް އެނގިވަޑައި ނުގަންނަވާނަމަ، ދެން ގާނޫނު ހަދާ މަޖިލީހަށް އެނގެންޖެހޭ ސަބަބެއްވެސް ނެތެއް ނޫންތޯއެވެ. އެއީ، އެ އެއްބަސްވުން އެކުލަވާލުމުގައި ރާއްޖެއިން އެންމެ އިސް ދައުރެއް އަދާކުރައްވައި، އެ އެގްރީމެންޓްގައި ސޮއި ކުރެއްވީ ސައީދު ކަމަށްވެފައި، އެ އެއްބަސްވުމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް މަޖިލީހަށް ވަޑައިގެންނެވީވެސް ސައީދު ކަމަށްވާތީއެވެ. އެއްބަސްވުމުގައި ސޮއިކުރަންވީ ސަބަބު ބަޔާންކުރައްވާ ތައްޔާރުކުރި މައުލޫމާތު ކަރުދާސް ތައްޔާރު ކުރީވެސް ސައީދު އިސްކޮށް ހުންނެވި އިކޮނޮމިކް މިނިސްޓްރީންނެވެ.

ސައީދުމެން ތިޔަ ވިދާޅުވާ ފްރީ ޓްރޭޓް އެގްރީމެންޓަށް މަޖިލީހުުން ރުހުން ހޯދަން މަސައްކަތްކުރީ އިންތިހާބު އައިސް ބޯމަތިވީފަހުންނެވެ. ދައުރު ނިމެން އަހަރަކަށް ވެފައިވަނިކޮށް، އަލުން އަނެއްކާވެސް ވެރިކަމަށް ވަޑައިގެންނެވޭނީ، ޗައިނާގެ އެހީއާއި މަދަދުން ކަމަށް ވިސްނިގެން، އަވަސް އަވަހަށް އެއްކަލަ ފްރީ ޓްރޭޑް އެގްރީމެންޓްގެ މަތިން ހަނދާންވެގެން އުޅުއްވިގޮތް ދިވެހި ރައްޔިތުން އަދި ހަނދާންނެތޭހާ ދުވަހެއް ނުވެއެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މަޖިލީހުން ރުހުން ލިބި، ސޮއިކޮށްފައިވާތާ ތިން އަހަރުވާން ގާތްވުމުން، އަނެއްކާ ތިޔަވާހަކަ ދެއްކުމުގެ ބޭނުމެއް އެބައޮތްތޯއެވެ.

ސައީދަށް އެ އެގްރީމެންޓަކީ މަރުނުވާ އެއްޗަކަށް ވިޔަސް އެއީ މިހާރު އޭގެ ޒާތުގައި އެއަށް ލިބެންޖެހޭ އޮކްސިޖަން ނުުލިބުމުގެ ސަބަބުން މަރުވެފައިވާ އެގްރީމެންޓެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ. ވެރިކަމަށް ވަޑައިގެން ޗައިނާއާއެކު ގޮތްނޭނގޭ ބޮޑެތި "ޑީލްތައް" ހަދައި، އަދި ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރީމެންޓެއް ހެދުމަށްފަހު، އެ އެގްރީމެންޓް ތަންފީޒު ކުރުމަށް ވެރިކަމުގެ ދައުރުގެ ބޮޑު ބައި ލިބިގެންދިޔައިރު ފްރީ ޓްރޭޑް އެގްރީމެންޓް ތަންފީނުކޮށް ދޫކޮށްލުމަކީ، ތިމާމެންގެ އިހުލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމެއް ނޫންތޯއެވެ. އަދި އަމުދުން ތިޔަ ބުނާ ފްރީ ޓްރޭޑް އެގްރީމެންޓަކީ މިހާރު މިއޮތް ސަރުކާރުން އޭރުވެސް ވަރަށް ދެކޮޅު ހެދި އެގްރީމެންޓެކެވެ.

ރައީސް ޔާމީންގެ ސަރުކާރުން ފްރީ ޓްރޭޑް އެގްރީމަންޓްގައި ސޮއި ކުރެއްވީ އޭރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުއެވެ. އެ އެގްރީމަންޓުގެ އިތުރުން، މެރިޓައިމް ސިލްކު ރޯޑްގެ އެގްރީމަންޓުގައި ވެސް ސޮއިކުރައްވާފައި ވެއެވެެ. ފްރީ ޓްރޭޓް އެގްރީމަންޓާއި ސިލްކު ރޯޑް އެގްރިމަންޓާއެކު ޖުމްލަ 12 އެގްރީމަންޓެއްގައި ރައީސް ޔާމީންގެ ސަރުކާރު ޗައިނާއާއެކު ސޮއިކޮށްފައި ވެއެވެ.

ރައީސް ޔާމީންވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެ މަނިކުފާނުގެ ސަރުކާރުގެ "ބޮޑުން" ގެ ވަފުދެއް ޗައިނާއަށް ވަޑައިގެން އެ އެއްބަސްވުންތަކުގައި ސޮއި ކުރައްވާފައިވަނީ ޑިސެމްބަރު 07، 2017 ގައެވެ.

ފްރީ ޓްރޭޑް އެގްރީމަންޓްގައި ދިވެހި ސަރުކާރުން ސޮއި ކުރުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް އެ އެގްރީމަންޓް ހުށަހެޅުނެވެ.

އޭރު ހިނގަމުންދިޔައީ 18 ވަނަ ރައްޔިތުންގެ މަޖިލީހެވެ. އެމަޖިލީހުގެ ރައީސަކަށް ހުންނެވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދުއެވެ. އޭރު މަޖިލީހުގައި އޮތީ އޭރު ސަރުކާރު ހިންގާ ޕީޕީއެމް ކޯލިޝަންގެ ސާފް މެޖޯރިޓީއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅީ ނޮވެމްބަރު 29، 2017 ގައެވެ. ކުއްލި ގޮތަކަށް އެ މައްސަލަ މަޖިލީހަށް އިއްވުމަށްފަހު، އެ މައްސަލަ ދިރާސާ ކުރުމަށް އިގްތިޞާދީ ކޮމެޓީއަށް ފޮނުވުނެވެ.

ހަމަ އެ ދުވަހު، ފްރީ ޓްރޭޑް އެގްރީމެންޓަށް ރުހުން ދިނުމަށްޓަކައި އެ އެގްރީމެންޓް ދިރާސާ ކުރުމަށް އިގްތިޞާދީ ކޮމެޓީން "ސިއްރު" ބައްދަލުވުމެއް ބޭއްވި އެވެ. އެބައްދަލުވުމަށް އޭރުގެ އިކޮނޮމިކް މިނިސްޓަރު ސައީދު ހާޒިރު ކުރެއްވިއެވެ. އެ ކޮމެޓީގެ ބައްދަލުވުން 10 ވަރަކަށް މިނެޓުގެ ތެރޭގައި ނިންމާލެއްވީ، އޭފޯރ ރީމަކަށްވުރެ ބޮޑު އެގްރީމަންޓް ދިރާސާކޮށް ނިންމާ ލުމަށްފަހުގައެވެ. އަދި އެ އެގްރީމަންޓަށް ރުހުން ދިނުމަށް ކޮމެޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމެވިއެވެ.

ދިވެހި ރައްޔިތުންނާއި ރާއްޖޭގެ އިގްތިޞާދާއި އަދި ގައުމީ ސަލާމަތަށް ނުރައްކާ ވާޒާތުގެ މިވަރުގެ ބޮޑެތި އެއްބަސްވުންތައް ދިރާސާ ކޮށްލުމަކީ އޭރު އިގްތިޞާދީ ކޮމެޓީގައި ތިއްބެވި މެމްބަރުންނަށާއި ޕީޕީއެމް ކޯލިޝަން އަދި ސަރުކާރަށް ވެސް އެއްވެސް ކަމެއް ނޫންނެވެ. ސަރުކާރުގައިވެސް، އަދި ހާއްސަކޮށް ޕީޕީއެމް ކޯލިޝަން މަޖިލިސް މެމްބަރުންގެ ގޮތުގައި ތިއްބެވީ، ވަރަށް ކުޅަދާނަ، އިގްތިޞާދީ އަދި ހިސާބު އިލްމަށް މޮޅު ބޭފުޅުންނެވެ. އެހެންކަމުން ގާތްގަނޑަށް 800 އެއްހާ ގަނޑުގެ އެގްރީމެންޓެއް އެންމެ 10 މިނެޓުން ދިރާސާ ކޮށްލުމަކީ އެފަރާތްތަކަށް އެއްވެސް ކަމެއް ނޫނެވެ.

އިގްތިޞާދީ ކޮމެޓީން ފްރީ ޓްރޭޑް އެގްރީމެންޓް ދިރާސާކޮށް ނިންމައި، ރުހުން ދިނުމަށް ކޮމެޓީން ފާސްކުރުމާއެކު، ހަމަ އެދުވަހުގެ ރޭ 09:00 އަށް މަޖިލީހުގެ ޖަލްސާއެއް ކުއްލި ގޮތަކަށް ބޭއްވުމަށް ނިންމަވާ، އެޖަލްސާގައި ފްރީ ޓްރޭޑް އެގްރީމަންޓް ފާސްކޮށްފައިވަނީ، 85 މެމްބަރުން ތިއްބަވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 30 މެމްބަރުންގެ ވޯޓުން ނެވެ. އެޖަލްސާގައި ބައިވެރިވެވަޑައިގެންނެވީވެސް ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ އެ 30 މެމްބަރުން އެކަންޏެވެ.

އިދިކޮޅު އެއްވެސް މެމްބަރަކު އެ ވޯޓުގައި، އަދި އޭރު ބޭއްވި މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ސަބަބަކީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިވަނިކޮށް، މަޖިލީހުގެ ގަވާއިދާ ހިލާފަށް އެ މައްސަލައަށް ވޯޓަށް އެހުމަކާ ނުލާ މަޖިލީހުގެ ޖަލްސާތަކާއި ކަންކަން ކުރިއަށް ގެންދަވާތީ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދެވިއެވެ. މަޖީލިހުން ފްރީ ޓްރޭޑް އެގްރީމެންޓަށް ރުހުން ހޯދުމަށްފަހު، 2017 ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު އެ އެގްރީމަންޓްގައި ސޮއިކުރެއްވި ނަމަވެސް މިއަދަށް ދެ އަހަރާއި 10 މަސް ދުވަސް މިވަނީ ފާއިތުވެގެން ގޮސްފައެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުނީ 17 ނޮވެމްބަރު 2018 ވަނަ ދުވަހުއެވެ. އެހެންކަމުން ފްރީ ޓްރޭޑް އެގްރީމެޓްގައިވާ ކަންކަން ތަންފީޒު ކުރުމަށް ހަދަންޖެހޭ ގާނޫނުތައް ހެދުމަށް އަހަރެއްހާ ދުވަސް ރައީސް ޔާމީންގެ ސަރުކާރަށް ލިބިގެން ދިޔައިރު، އެގްރީމެންޓް ތަންފީޒު ކުރުމަށް އެ ސަރުކާރުން އެއްކަމެއް ވެސް ކޮށްފައެއް ނުވެއެވެ. އެހެންކަމުން ފްރީ ޓްރޭޑް އެގްރީމެންޓަށް ސޮއި ކުރެއްވި ބޭފުޅުން އިހުމާލުވެ، އަމަލުނުކޮށް، ކޮންމެހެން ރައީސް ޞާލިހުގެ ސަރުކާރުގެ ބޮލުގައި އަޅުވަން ނޫޅޭށެވެ.

ޗައިނާއިން އެހާ ރަނގަޅަށް ރައީސް ޔާމީންގެ ސަރުކާރަށް ވާގިވެރިވެ، އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، ޗައިނާއަށް ވެސް ލަނޑު ދިނުމުގައި ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިން އުޅުއްވުމަކީ ވަރަށް ލަދުވެތި ކަމެއް ނޫންތޯއެވެ. އަހަރެއް ވެގެން ދިޔައިރު އެއްބަސްވުން ތަންފީޒު ކުރަން ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާނުލެވުނީ އެހެން ވެގެންނެއް ނޫންތޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
56%
އަންތަރީސް ވެއްޖެ
33%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
11%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
9 އޮކްޓޯބަރ 2020 | ހުކުރު 01:15
ރާގުންޑާ
ޗައިނާ ބޮލަށް ޗިޕު ޖަހައިގެން ލާރިކޮޅެއް ލިބޭތޯތަ ތިތެޅެނީ؟ ކުރިންވެސް ނުފުއްޕާ ސައިޒުގަ ތިބިނަމަ ޗައިނާއިން ދިވެހި ރައްޔިތުންނަށް އެހީ ވީހޭ. ގެރި އައިނެއް އޮޅު ކުރަން ދަންޖެހުނީމަ ތިތިބީ މުކޮސްވެސް ނެތި ހަފުސް ވެފަ. ގެރިން އައުޓް