ކ. މާލެ
|
20 އޭޕްރިލް 2017 | ބުރާސްފަތި 13:47
ސޯނޫ ނިގަމް (ކ) އަދި 10 ލައްކަ ދޭން ބުނި މުސްލިމް މައުލުވީ
ސޯނޫ ނިގަމް (ކ) އަދި 10 ލައްކަ ދޭން ބުނި މުސްލިމް މައުލުވީ
ގޫގުލް
ސޯނޫ ނިގަމް
އެންމެ ފަހުން ސޯނޫ ނިގަމް ބޯ ބާލައިފި
 
އަވަހަށް 10 ލައްކަ ރުޕީސް ތައްޔާރުކޮށްފައި ބެހެއްޓުމަށް ސޯނޫ ވަނީ މައުލަވީ ކިބައިން އެދިފައި

ބަންގީގެ އަޑާ ހެދި އުނދަގޫވެގެން އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް ދެއްކި ވާހަކަތަކާ ގުޅިގެން މުޅި އިންޑިއާ ވަނީ ހިލިގެން ގޮސްފައެވެ. ސޯޝަލް މީޑިއާގައި ބޮޑެތި ބަހުސްތައް ކުރެވެމުންދާ އިރު ޗެނެލްތަކުގެ ވެސް ފަލަ ސުރުސީތަކުގައި އޮތީ މި ވާހަކައެވެ. އަދި ބޭރުގެ އެހެން ގައުމުތަކުގައި ވެސް ސޯނޫ އަށް ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ. އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކުރި ކަމަށް ބުނެ ފަތުވާތައް ދަނީ ނެރެމުންނެވެ.

ސޯނޫ އަށް ދެމުން ގެންދާ އިންޒާރުތަކަށް އޭނާ ވެސް ދަނީ ކެރިގެން ރައްދު ދެމުންނެވެ. އެ ގޮތުން ވެސްޓް ބެންގާލް މައިނޯރިޓީ ޔުނައިޓެޑް ކައުންސިލްގެ ނައިބް ރައީސް ސައީދު ޝާ އާތިފް އަލީ އަލް ގުދާރީ ވަނީ ސޯނޫ ނިގަމްގެ ކަރުގައި ފައިވާނުގެ ހާރެއް އަޅުވައިގެން ހިންގުވި މީހަކަށް އޭނާގެ އަމިއްލަ ޖީބުން 10 ލައްކަ ރުޕީސް ދޭނެ ކަމަށް ބުނެފައެވެ. އަދި އޭނާގެ ބޯ ބޭލި މީހަކަށް ވެސް އެ އަދަދުގެ ފައިސާގެ އިނާމް ދޭނެ ކަމަށް ބުނެފައި ވެއެވެ.

ބޯ ބޭލުމުގެ ކުރިން މައުލުވީ ކޮށްފައިވާ ޓްވީޓަށް ރައްދު ދެމުން ސޯނޫ ބުނެފައި ވަނީ ބުދަދުވަހުގެ މެންދުރު 2 ޖަހާއިރު އޭނާގެ ބޯބޭލުމަށް އާލިމް ނަމަކަށްކިޔާ މީހަކު އަންނާނެ ކަމަށެވެ. އަދި އަވަހަށް 10 ލައްކަ ރުޕީސް ތައްޔާރުކޮށްފައި ބެހެއްޓުމަށް ވެސް ގޮވާލާފައި ވެއެވެ.   

  

އޭނާވަނީ ނޫސްވެރިންގެ ކުރިމަތީގައި ބޯ  ބޭލުމަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ވެސް ދީފައެވެ. 

ސޯނޫ ބުނެފައި ވަނީ  އޭނާ އެގޮތަށް ޓްވީޓްކުރުމުން މިހާ ބޮޑު މައްސަލައަކަށް ވާނެ ކަމަށް ހީނުކުރާ ކަމަށެވެ. އަދި އޭނާއަކީ މުސްލިމުންނާ ދެކޮޅު މީހެއް ނޫން ކަމަށް ވެސް ބުނެފައި ވެއެވެ. އެކަމުގެ ހެކި ދައްކަމުން އޭނާ ބުނީ އޭނާ ލަވަކިޔުމުގައި ނަމޫނާއަކަށް ބަލަނީ މުސްލިމެއް ކަމަށްވާ މުހައްމަދު ރަފީއު ކަމަށާއި އަމިއްލަ ޑްރައިވަރެއްގެ ގޮތުގައި ވެސް ގެންގުޅެނީ މުސްލިމެއް ކަމަށެވެ. އަދި އޭނާގެ ބޯކޮށާ މީހާއަކީ ވެސް މުސްލިމެއްކަން އޭނާ ފާހަގަކުރިއެވެ.

ސޯނޫގެ ޓުވީޓްތަކާ ހެދި މީހުންތައް ކެކި އަރަން ފެށުމުން އޭނާ ބުނެފައި ވަނީ  މިސްކިތްތަކެކޭ އެއްގޮތަށް ފައްޅިތަކާއި އަޅުކަންކުރާ އެހެން ތަންތަނުގައި ވެސް ލައުޑްސްޕީކަރު ބޭނުންކުރަންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

 

ސޯނޫ މިދިޔަ ހޯމަދުވަހުގައި ކޮށްފައިވާ ޓްވީޓުތަކުގައި ބުނެފައިވަނީ ބަންގިއަކީ ދީނީ މަޖުބޫރުކުރުމެއް ކަމަށެވެ. އޭނާއަކީ މުސްލިމެއް ނޫން ކަމަށްވާއިރު ބަންގީގެއަޑަށް ފަތިހު ހޭލަންޖެހޭތީ ކަންބޮޑުވާ ކަމަށާއި އަދި އިންޑިއާގައި އެކަން ހުއްޓުމަކަށް އަންނާނީ ކޮން އިރަކުންތޯ ވަނީ ސުވާލުކޮށްފައެވެ.

ޓްވީޓްތަކާއި ގުޅިގެން ސޯނޫ އަށް އައި ފާޑުކިޔުންތަކާ ހެދި މުމްބާއީގެ ޕޮލިހުން ވަނީ އޭނާގެ ގޭގެ ސެކިއުރިޓީ ވެސް ބަލަހައްޓަން ފަށާފައެވެ.

ސޯނޫއަށް ވަނީ އާންމުންގެ މަލާމާތް ވެސް ރައްދުވާން ފަށާފައެވެ. އެގޮތުން ޓްވިޓާގައި އޭނާ ޓެގްކޮށް އެކި ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. 

މަޝްހޫރު ބައެއް ފަރާތްތަކުން ވެސް ސޯނޫގެ މި ޓްވީޓްތަކަށް ވަނީ ރައްދު ދީފައެވެ. އެގޮތުންއިންޑިއާއަކީ ޑިމޮކްރަޓިކް ގައުމެއްކަމަށްވާއިރު ހުރިހާ ދީނުގެ މީހުންނަށްވެސް އިހުތިރާމް ކުރުމަށް ބުނެފައިވެއެވެ. އަދި އެއް މުޖުތަމައުއެއްގައި ދިރިއުޅޭއިރު އެކިކަންތައްތަކާ ކުރިމަތިލާންޖެހޭ ކަމަށް ބުނެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް