ކ. މާލެ
|
20 އޭޕްރިލް 2017 | ބުރާސްފަތި 05:28
ޓީބީ ބަލި
ޓީބީ ބަލި
ގޫގުލް
ޓީބީ ބަލި
ޓީބީ: ނުރައްކާތެރި އެހެން ނަމަވެސް އަވަސް ފަރުވާއާއެކު ސަލާމަތް ވެވޭނެ ބައްޔެއް!
 
ފަރުވާ ނުކުރެވިއްޖެ ނަމަ ބަލީގެ ނުރައްކާ ބޮޑުވޭ

ޓިއުބަރކްލޯސިސް (ޓީބީ) އަކީ ހަށިގަނޑުގެ ފުއްޕާމޭއަށް ކުރިމަތިވާ ސީރިއަސް އިންފެކްޝަނެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިބަލި ޖައްސާ ބެކްޓީރިޔާ އަކީ، ވަރަށް ފަސޭހަ ކަމާ އެކު މީހުންގެ ގަޔަށް ފެތިގެންދާ ބެކްޓީރިޔާ އެކެވެ. އެގޮތުން ކެއްސުމާއި ކިނބިހި އެޅުމުން އަނގައިން ބޭރުވާ ކުޅުތަކުގެ ސަބަބުން ބަލި ޖެހުމުގެ ފުރުސަތު ބޮޑު ވެގެންދެ އެވެ.

ތަރައްގީވެފައިވާ ގައުމުތަކުގައި 1985 ވަނަ އަހަރުން ފެށިގެން ޓީބީ ޖެހޭ މީހުންގެ މިންވަރު އިތުރުވެގެންދިޔަ އެވެ. ޚާއްސަކޮށް، އެޗްއައިވީ ވައިރަސް އިން ޖެހޭ އެއިޑްސް ބަލި ޖެހިފައިވާ މީހުންނަށް ޓީބީ ޖެހުމުގެ ފުރުސަތު ބޮޑެވެ، އެޗްއައިވީ ބަލީގެ ސަބަބުން، ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކޮށްލައެވެ. އެކަމުގެ ސަބަބުން ޓީބީ ފަދަ ބަލިތަކުން ދިފާއުވުމަށް ނުވަތަ ބަލިން ރަގަޅުވުމަށް އުނދަގޫތަކާ ކުރިމަތިވެ އެވެ

މިބައްޔަކީ ގައިން ގަޔަށް އަރާ ބައްޔަކަށް ވީނަމަވެސް އާއްމު ކޮށް މިޖެހޭ ބަލިތަކާއި އަޅާ ބަލާއިރު  އާއްމުކޮށް އެކީގައި އުޅޭ މީހެއްގެ ފަރާތަކުން ބަލި ޖެހުމަށް މަގުފަހިވެގެންދެ އެވެ. ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ބަލީގެ ބޭސް ދެ ހަފްތާވަންދެން ނަގާ މީހުންގެ ފަރާތުން ބަލިޖެހުމުގެ ފުރުސަތު ކުޑަ އެވެ.

ޓީބީގެ އަލާމާތްތައް

  • ކެއްސުން( ތިން ހަފްތާ ނުވަތަ އެއަށްވުރެ ގިނަ ހަފްތާވަންދެން ކެންސެން)
  • ކެއްސާއިރު ލޭ އައުން
  • މޭގައި ރިއްސުން،
  • ނޭވާލާއިރު މޭގައި ރިއްސުން ނުވަތަ ކެއްސާއިރު މޭގައި ރިއްސުން
  • އާދަޔާހިލާފަށް ބަރުދަން ލުއިވުން
  • ހުންއައުން
  • ރޭގަނޑު ދާހިއްލުން
  • ހަށިގަނޑަށް އާދަޔާ ހިލާފަށް ފިނިވުން
  • ކާހިތްނުވުން

ޓީބީ އިން ދިފާއުވުމަށް ބޭނުން ކުރާ ބޭސް

ޓީބީ ބައްޔަށް ގިނަ ބޭސްތަކެއް އުފައްދާފައިވާ އިރު ޓީބީ އަކީ އޭގެ ތަފާތު ބާވަތްތައް ނުވަތަ ސްޓްރެއިންތައް ހިމެނޭ ބައްޔެކެވެ.

މިބައްޔަށް ބޭނުންކުރާ އެންޓިބަޔޯޓީކެއް ނުވަތަ ބޭހެއް ޓީބީގެ އެއް ބާވަތަށް ބޭނުންކުރުމުގެ އޭގެ ރަގަޅު އަސަރު ކުރި ނަމަވެސް އެހެން ސްޓްރެއިން އަކަށް ބޭނުން ކޮށްފި ނަމަ ބަލިން ސަލާމަތްވުމުގެ ފުރުސަތު ކުޑަވެދާނެ އެވެ.

އަދި މިބަލީގެ ބެކްޓީރިޔާ އަކީ އުފެދުމުގައިވެސް އެއް ފަހަރަށްވުރެ އަނެއް ފަހަރު ބާރު ގަދަވެގެން ހިގައިދާނެ ޖަރާސީމެކެވެ.

 

ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޓީބީ ޖެހުމުގެ ފުރުސަތު ބޮޑު

ދިފާއީ ނިޒާމުގެ ބާރު ގަދަ މީހުން ބަލިން ސަލާމަތްވުމުގެ ފުރުސަތު ބޮޑު ނަމަވެސް ބައެއް ބޮޑެތި ބަލިތައް ޖެހިފައިވާ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑުވެގެންދެ އެވެ. އޭގެތެރޭގައި؛

  • އެއިޑްސް
  • ހަކުރު ބަލި
  • ކިޑްނީ ބަލިތައް
  • ކެންސަރު ބަލި
  • ކެންސަރު ބަލީގެ ފަރުވާ ހޯދަމުންދާ މީހުން ( ކީމޯތެރަޕީ)
  • ގުނަވަން ބަދަލުކޮށްފައިވާ މީހުން
  • މަލްނިއުޓްރިޝަން
  • ކުޑަކުދިން ނުވަތަ އުމުރުން ދުވަސްވީ މީހުން

 

ބަލިން ރައްކާތެރިވާނެ ގޮތް

ބަލިޖެހިފައިވާ ފަރާތްތަކުން ބަލިން ސަލާމަތްވުމަށް ޑޮކްޓަރުގެ ލަފާގެ މަތިން ބޭސް ގަވައިދުން ނަގަންޖެހޭނެ އެވެ.

  • އާއްމުކޮށް މީހުން އުޅޭ ސަރަހައްދުތަކަށް ނުދިއުމުގެ އިތުރުން ފުރަތަމަ ދެތިން ހަފްތާގައި ނިދާ ކޮޓަރި އެކަނި ބޭނުން ކުރުން
  • ދިރިއުޅޭ ކޮޓަރި އަކީ ވައި ވަންނަ ގޮތަށް ހެދިފައިވާ ކޮޓަރިއަކަށްވުން
  • ހުޅުމުގައާއި ކެއްސާއިރު އަދި ކިނބިހި އަޅާ އިރު އަނގަމަތި ފޮރުވުން
  • މީހުން އުޅޭ ސަރަހައްދުތަކުގައި އުޅޭ އިރު ސަރޖިކަލް މާސްކެއް ބޭނުން ކުރުން

ޓީބީ އަކީ އެބައްޔަށް އެކަށީގެންވާ ފަރުވާ ނުކުރެވިއްޖެ ނަމަ ބަލީގެ ނުރައްކާ ބޮޑުވާ ބައްޔަކަށްވާ އިރު ބަލި އަވަހަށް ދެނެގަނެވި ފަރުވާ ކުރެވޭނެ ބައްޔެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް