ކ. މާލެ
|
3 އޮކްޓޯބަރ 2020 | ހޮނިހިރު 10:36
އިންޑިޔާގައި ކޮވިޑް-19 ޖެހިގެން މަރުވެފައިވާ ކުޑަކުއްޖަކު ވަޅުލަނީ
އިންޑިޔާގައި ކޮވިޑް-19 ޖެހިގެން މަރުވެފައިވާ ކުޑަކުއްޖަކު ވަޅުލަނީ
ރޮއިޓަރސް
ކޮވިޑް-19 އިންޑިޔާގެ ހާލަތު
އިންޑިޔާގައި އަދިވެސް ކޮވިޑް-19 ފެތުރެމުންދަނީ، މަރުވި މީހުންގެ އަދަދު ލައްކައަކަށް
 
މިއަހަރު ނިމޭއިރު ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 12.2 މިލިއަނަށް އަރާނެކަމަށް ލަފާކުރެވޭ
 
މިހާތަނަށް އައިއިރު ވައިރަސް ޖެހިފައިވަނީ އާބާދީގެ 7 އިންސައްތައަށް
 
ހުކުރު ދުވަހު އެކަނިވެސް 79،476 މީހުންނަށް އަލަށް ވައިރަސް ޖެހުނު

ކޮވިޑް-19 ޖެހިގެން އިންޑިޔާގައި މަރުވި މީހުންގެ އަދަދު ލައްކައަކަށް އަރައިފި އެވެ.

އިންޑިޔާ އަކީ މިވަގުތު ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓް ކުރަމުން އަންނަ ގައުމެވެ. އަދި ތިން ވަނައަށް އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓް ކުރަމުން އަންނަ ގައުމެވެ.

އިންޑިޔާގެ ހެލްތު މިނިސްޓްރީން ހޮނިހިރު ދުވަހު ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެގައުމުން 100،842( އެއް ލައްކަ އަށް ސަތޭކަ ސާޅީސް ދެ) މީހުން ވަނީ މިބަލީގައި މިހާތަނަށް އައިއިރު މަރުވެފަ އެވެ. އެގައުމުގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 6.4 މިލިއަނަށް އަރާފައެވެ. އެގައުމުގައި ހުކުރު ދުވަހު އެކަނިވެސް 79،476 މީހުންނަށް އަލަށް ވަނީ ވައިރަސް ޖެހިފައެވެ. އިންޑިޔާއަކީ މިވަގުތު އެންމެ ހަލުވިމިނުގައި ވައިރަސް ފެތުރެމުންދާ ގައުމެވެ.

އިންޑިޔާގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެގައުމުގެ ބޮޑުވަޒީރު ނަރަންދްރަ މޯދީވަނީ މުޅި އިންޑިޔާ މާރޗް މަހުގެ ފަހުކޮޅު ލޮކްޑައުންކޮށްފަ އެވެ. އެހެންނަމަވެސް ލޮކްޑައުންއާ ގުޅިގެން އެގައުމުގެ އިޤްތިޞާދަށް ކުރަމުންދާ އަސަރުކަތުގެ ސަބަބުން ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް އަންނަނީ ލުއިތައް ދެމުންނެވެ.

އެގޮތުން ސިނަމާތަކާއި އަލުން ހުޅުވާލުމުގެ ހުއްދަ މި ހަފްތާގައި ދީފައިވާއިރު ސްކޫލްތައް މި މަހުގެ މެދު ތެރޭގައި ހުޅުވާލުމަށް މިހާރު އަންނަނީ ވާހަކަތައް ދައްކަމުންނެވެ.

އަނެއްކޮޅުން ފިނިމޫސުމާއި ޗުއްޓީ ދުވަސްވަރާއި އަންނަ މަހު ފާހަގަކުރާ ދިވާލީ އާއެކު އިންޑިޔާގައި ކޭސްތައް ފެންނަ މިންވަރު މިހާރަށްވުރެ އިތުރުވެގެންދާނެ ކަމަށް މިހާރު ވެސް ވަނީ ބެލެވިފައެވެ.

ޔުނިވަރސިޓީ އޮފް މިޗިގަންގެ ޕްރޮފެސަރ އެއްކަމުގައިވާ ބްރަމަރ މުކަރްޖީ ވިދާޅުވީ ގޮތުން ފާއިތުވި ދުވަސްތަކުގައި ކޮންމެސް ވަރަކަށް ވައިރަސް ފެތުރުން ކޮންޓްރޯލްވެފައި ވާތަންވަނީ ފެނިފައެވެ. އެހެންނަމަވެސް މިއީ ހަމަ ޕީކަކަށްވެދާނެ ކަމަށާއި އަދި އިތުރު ޕީކެއް އައުންއޮތީ ކަމަށް ވެސް ވެދާނެ ކަމަށް މުކަރްޖީ ވިދާޅުވިއެވެ.

މުކަރްޖީ އިތުރަށް ވިދާޅުވީ ޑޭޓާތަކުން ފެންނަ ގޮތުގައި 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގައި އަދި މިހާތަނަށް އައިއިރު ވައިރަސް ޖެހިފައިވަނީ އާބާދީގެ 7 އިންސައްތަ އަށް ކަމަށެވެ. އެހެންކަމުން ހަރޑް އިމިޔުނިޓީ ލިބުމާ އަދި ވަރަށް ދުރު ކަމަށް މުކަރްޖީ ވިދާޅިވިއެވެ.

މިއަހަރު ނިމޭއިރު ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 12.2 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް މުކަރްޖީ ވިދާޅުވިއެވެ. އެހެންނަމަވެސް ވައިރަސް ފެތުރޭ މިންވަރު ބިނާވެގެންދާނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އާންމުން އަމަލު ކުރަމުންދާ ގޮތެއްގެ މައްޗަށް ކަމަށް މުކަރްޖީ ވިދާޅުވިއެވެ.

ކޮވިޑް-19 ޖެހިގެން އެކި ގައުމުތަކުން ރިކޯޑް ކުރަމުން އަންނަ އަދަދުތަކަށް ބަލާއިރު އެމެރިކާ، ބްރެޒިލް އަދި އިންޑިޔާއަކީ ވައިރަސް ޖެހިގެން މަރުވާ މީހުންގެ 45 އިންސައްތަ ހިއްސާ ކުރާ ތިން ގައުމެވެ. އެހެންނަމަވެސް އަނެއް ދެ ގައުމާ އަޅާބަލާއިރު އިންޑިޔާގައި ވައިރަސް ޖެހިފައިވާ މީހުންނާ އަޅާކިޔާއިރު މަރުވާ މީހުންގެ އަދަދު މަދެވެ. އެއާއެކު އިންޑިޔާއިން ހާމަކުރަމުންދާ އަދަދުތަކާއި މެދުވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް