ކ. މާލެ
|
2 އޮކްޓޯބަރ 2020 | ހުކުރު 03:42
ސެލްޓާ އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 3-0 ން
ސެލްޓާ އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 3-0 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ބާސާއަށް ފަސޭހަ މޮޅެއް
 
ފުރަތަމަ ހާފުގައި ބާސާގެ ލޯންގްލޭއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައި
 
ސެލްޓާ އަތުން ބާސާ މޮޅުވީ 3-0 ގެ ނަތީޖާއަކުން

ސްޕެނިޝް ލީގުގައި ބުރާސްފަތި ދުވަހުގެރޭ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ބާސެލޯނާއިން ސެލްޓާ ވީގޯ އަތުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ސެލްޓާގެ ދަނޑުގައި ކުޅުނު މި މެޗުން ބާސާ މޮޅުވީ 3-0 ންނެވެ. މިއީ މިދިޔަ ފަސް އަހަރުގެ ތެރޭ ސެލްޓާގެ ދަނޑުގައި ބާސާ މޮޅުވި ފުރަތަމަ މެޗެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން ބާސާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ވަނީ މެޗުގެ 11 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. ފިލިއްޕޭ ކުޓީނިއޯ ދިން ޕާހަކުން މި ލަނޑު ބާސާއަށް ކާމިޔާބުކޮށްދިނީ ޒުވާން ތަރި އަންސޫ ފަޓީއެވެ. މިއީ މި ސީޒަނުގެ ސްޕެނިޝް ލީގުގައި ކުޅުނު ދެ މެޗުގައި ފަޓީ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.

މި މެޗުގައި ބާސާއަށް މައްސަލަތަކެއް ކުރިމަތިވީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އެ ޓީމުގެ ޑިފެންޑަރު ކްލެމެންޓް ލޯންގްލޭއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ.

އެކަމަކު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް، ބާސާއިން ވަނީ ދެވަނަ ހާފުގައިވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. ބާސާގެ ކެޕްޓަން ލިއޮނެލް މެސީ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ސެލްޓާގެ ލޫކަސް އޮލާޒާ އަތުން ބައިކޮޅަށެވެ.

މި މެޗުގައި ބާސާއިން އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ސާޖީ ރޮބާޓޯއެވެ.

ބާސާއިން ލީގުގައި ކުޅުނު ދެވަނަ މެޗުންވެސް މޮޅެއް ހޯދިއިރު، އެ ޓީމު އޮތީ ތާވަލުގެ ފަސްވަނައިގައި ދެ މެޗުން ހަ ޕޮއިންޓާއެކުއެވެ. ބާސާ އަތުން ބަލިވި ސެލްޓާ އޮތީ ތާވަލުގެ 11 ވަނައިގައި ހަތަރު މެޗުން ފަސް ޕޮއިންޓާއެކުއެވެ.

ލީގުގައި ދެން ބާސާއިން މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ. އެރޭ އަމިއްލަ ދަނޑުގައި ބާސާ ނުކުންނާނީ ސެވިއްޔާއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
50%
0%
0%
50%
0%
ކޮމެންޓް