ހޯމަ 26 އޮކްޓޯބަރ 2020
09 ހެއި
1442 ރަބީއުލް އައްވަލް 09
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
އިރުއޮއްސޭ 17:52
އިޝާ 19:04
ޒިޔާދާގެ މަރުގެ މައްސަލަ

ޕީޖީގެ މަޤާމުގައި ހުންނަވައި ހައިކޯޓުގައި ވަކާލާތު ކުރެއްވި ފުރަތަމަ ކޭސް ތާރީޚީ ކޭސްއަަކަށް!

  • އެއީ ޒިޔާދާގެ މަރާ ގުޅިގެން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލަ
  • ފުރަތަމަ ފަހަރަށް އަނބިމީހާ ރޭޕް ކުރުމުގެ ކުށުގެ ދައުވާ މިވަނީ ސާބިތުވެފައި
  • އިތުރު ދައުވާތައްވެސް ސާބިތު ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ

ކ. މާލެ | 1 އޮކްޓޯބަރ 2020 | ބުރާސްފަތި 12:32 | 34,153

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް- މިއީ ޕީޖީ ކަމުގެ މަޤާމުގައި ހުންނަވައި ހައިކޯޓުގައި ވަކާލާތު ކުރެއްވި ފުރަތަމަ މައްސަލަ - މުހައްމަދު ޝަރުހާން

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ މަޤާމާ އަލްއުސްތާޛު ހުސައިން ޝަމީމް ޙަވާލުވެވަޑައިގެންނެވި ފަހުން ހައިކޯޓުގައި ވަކާލާތު ކުރެއްވި ފުރަތަމަ ކޭސް ތާރީޚީ ކޭސްއަކަށް ވެއްޖެއެވެ.

މި މައްސަލަ އަކީ ޖިންސީ އަދި ޖިސްމާނީ އަނިޔާތަކުގެ ސަބަބުން މަރުވި, ގދ. ތިނަދޫ, ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން، ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައެވެ. އެގޮތުން މި މައްސަލައިގައި ބުރާސްފަތި ދުވަހު ހައިކޯޓުން ޙުކުމް ކޮށްފައިވާއިރު، ޝާހުގެ މައްޗަށް ވަނީ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ ސާބިތުވެ 3 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ.

މި މައްސަލައަކީ ޕީޖީގެ މަޤާމާ ޙަވާލުވެވަޑައިގެންނެވުމަށްފަހު ހައިކޯޓުގެ އަޑުއެހުމެއްގައި ޕީޖީ ހުސައިން ޝަމީމް ވަކާލާތު ކުރެއްވި ފުރަތަމަ މައްސަލައެވެ. އަދި މިއީ ޤާނޫނުލްއުޤޫބާތުގެ ދަށުން ފުރަތަމަ ފަހަރަށް އަނބިމީހާ ރޭޕް ކުރުމުގެ ކުށުގެ ދައުވާ މީހެއްގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރުވެސް މެއެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވަނީ މިއީ ޖިނާއީ އަދުލުގެ ނިޒާމަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އެގޮތުން ޕީޖީ ވިދާޅުވީ، "މެރިޓަލް ރޭޕް" އަކީ ޖިނާއީ ޤާނޫނުގައި ވެސް ބަޔާން ކޮށްފައިވާ މަފުހޫމަކަށްވާއިރު، މި ޙުކުމާއެކު ޝަރުއީ ނިޒާމުގައިވެސް މެރިޓަލް ރޭޕްގެ މައްސަލަތައް "ރިކޮގްނިޝަން" ލިބިގެން ދާނެ ކަމަށެވެ.

ޕީޖީ ވިދާޅުވީ، މި މައްސަލައިގައި ޝާހުގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތައް ވެސް ސާބިތު ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޒިޔާދާގެ ކުރީގެ ފިރިމީހާ ގދ. ތިނަދޫ، ޖަވާހިރުމާގޭ ދެކުނު، އިބްރާހިމް ޝާހުގެ މައްޗަށް ދައުލަތުން އުފުލީ ހަތަރު ދައުވާ އެކެވެ. އެއީ ފިރިމީހާ, އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ.

މީގެ ހަތަރު އަހަރު ކުރިން 2015ގެ ޑިސެމްބަރ 28 ގައި ޒިޔާދާ މަރުވި މައްސަލައިގައި ފުލުހުން ބުނެފައި ވަނީ ޝާހު ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާ ކުރި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި ޒިޔާދާގެ އޮޓޯޕްސީ ރިޕޯޓުން ވެސް އޭނާއަށް ޖިސްމާނީ މައްސަލަތައް ކޮށްފައިވާކަން ފާހަގަވެފައިވާކަން ފުލުހުން ފާހަގަކުރިއެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި، ޝާހު، ޒިޔާދާއަށް އަނިޔާ ކުރީ އެ ދެމީހުން ވަކިން ދިރިއުޅެމުން ދަނިކޮށެވެ. ޒިޔާދާ މަރުވުމުގެ ކުރިން ވަނީ ދެ ފަހަރެއްގެ މަތިން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ދައްކައިފަ އެވެ. އަދި މާލޭގައި ހުންނަ ޑރ. ޔަގާނެގީ ކްލިނިކަށް ވެސް ދެއްކި އެވެ. އޭނާ މަރުވީ އޭގެފަހުން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ޒިޔާދާގެ މަރުގެ މައްސަލާގައި، މިދިއަ އަހަރުގެ މާރޗް މަހުގެ 21 ވަނަ ދުވަހު، ޝާހުގެ މައްޗަށް އުފުލި އެ ހަތަރު ދައުވާ ވެސް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އަލީ ވަނީ ހުކުމް ކުރައްވައިފަ އެވެ. އެ ހުކުމާއެކު ގިނަ ފާޑުކިޔުންތަކެއް ކޯޓުތަކަށާއި ޝާހު އަށް އަމާޒުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.