ކ. މާލެ
|
1 އޮކްޓޯބަރ 2020 | ބުރާސްފަތި 02:10
ނިއު ނޯރމަލްގެ ދަށުން ސްކޫލެއްގެ ދަރިވަރުންނަށް ކިޔަވައިދެނީ
ނިއު ނޯރމަލްގެ ދަށުން ސްކޫލެއްގެ ދަރިވަރުންނަށް ކިޔަވައިދެނީ
މިނިސްޓްރީ އޮފް އެޑިއުކޭޝަން
ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތު އިތުރުކުރުން
މާލެ ސްކޫލުތަކުގެ ދަރިވަރުންނަށް ފިލާވަޅުތައް ނުގެއްލޭނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވައިފި
 
ކޮވިޑްގެ ކޭސްއެއް ނެތް ރަށްރަށުގައި ފިޒިކަލް ކްލާސްތައް އިތުރުވާނެ
 
މާލެ ސަރަހައްދު ސްކޫލުތަކަށް އޮންލައިން ކްލާސްތައް ގިނަވާނެ
 
ގަޑި ނަގަނީ ފިޒިކަލްކޮށް ނުވަތަ އޮންލައިން ކޮށް

ކޮވިޑް ނެތް ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތު އިތުރުކުރި ނަމަވެސް މާލެ ސަރަހައްދު ސްކޫލުތަކުގެ ދަރިވަރުންނަށް ވެސް ކިޔަވައިދޭ ވަގުތު ކުޑަނުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް ނެތް ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތު އިތުރުކުރަން ނިންމައި، އަންނަ ހަފުތާއިން ފަށައިގެން އެގޮތަށް އަމަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. މި ނިންމުމާ ގުޅޭ ގޮތުން ބުދަ ދުވަހުގޭ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މާލެ ސަރަހައްދުގެ ސްކޫލުތަކާއި، އަތޮޅުތެރޭގެ އަދި ކޮވިޑްގެ ކޭސްއެއް ނެތް ސްކޫލުތަކުގައި ވެސް ކިޔަވައިދިނުމަށް ޚާއްސަ ޕްލޭންތައް އެކުލަވާލާފައިވާ ކަމަށެވެ.

އެގޮތުން ކިޔަވައިދިނުމަށް ހަމަޖައްސާފައިވަނީ ވަކި ވަރަކަށް ގަޑި ކޮންމެ މާއްދާއަކަށް ހަފްތާއަކު ނަގާ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެގަޑި ނަގަނީ ފިޒިކަލްކޮށް ނުވަތަ އޮންލައިން ކޮށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ ކޭސްއެއް ނެތް ރަށްރަށުގައި އޮންލައިން ކްލާސްތައް މަދުވާނެ ކަމަށާއި، ފިޒިކަލް ކްލާސްތައް އިތުރުވާނެ ކަމަށެވެ. އަދި މާލެ ސަރަހައްދު ސްކޫލުތަކުގައި އޮންލައިން ކްލާސްތައް ގިނަވެފައި ފިޒިކަލް ކްލާސްތައް މަދުވާނެ ކަމަށެވެ.

ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑުމެން މި ސެޓްކޮށްފައި މިއޮންނަ ގަޑި ކޮންމެ މާއްދާއެއްގައި ވެސް ނަގަން ޖެހޭނެ. ސްކޫލަށް މަދުގަޑިކޮޅެއްގައި އާދެވޭ ކަމަށް ވެއްޖެއްޔާ ފިޒިކަލް ކްލާސްތަކުން ނުނެގޭބައި ދެން ނަގާނީ އޮންލައިން ކްލާސްތަކުގަ. އަޅުގަނޑުމެން މިހާރު ކަންކުރަން ނިންމާފަ އޮތް ގޮތަކީ މިއަންނަ ހަފްތާއިން ފަށައިގެން އަތޮޅުތެރޭގައި ފިޒިކަލް ކްލާސްރޫމްތައް ދެވޭ ވަގުތު އިތުރުކުރުން. އެހެންވީމަ އަތޮޅުތެރޭގައި އޮންލައިން ކްލާސްރޫމްގެ އަދަދު މަދުވާނެ. އެކަމަކު ޓޯޓަލް ނަންބަރު އޮފް ޕީރިއެޑްސް ހަމަ އެއްވާރުވާނެ މާލެއާ އަތޮޅުތެރޭގައި. އެހެންވީމަ ދަރިވަރުންނަށް ހަމައެއްވެސް ފިލާވަޅެއް ނުގެއްލޭނެ. އަޅުގަނޑުމެން މިއަމަލުކުރަމުން ގެންދާ ކަރިކިއުލަމްއާ އެއްގޮތަށް ގަޑިތައް ނެގެމުންދާނެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ

ކްލާސް ނަގަމުންދާ ވަގުތު ނުވަތަ ސްކޫލުގައި ހުއްޓައި އެ ދަރިވަރަކީ ކޮވިޑް-19 ކޮންޓެކްޓެއްކަން އެނގިއްޖެ ހާލަތެއްގައި ނުވަތަ ކުއްޖެއްގެ ފުށުން ބަލީގެ އަލާމާތެއް ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތަށް އަލިއަޅުއްވާލައްވައި މިނިސްޓަރު އައިޝަތު ވިދާޅުވީ، އެ ހާލަތުގައި ވެސް އެ ސްކޫލަކަށް އެކަށީގެންވާ ގޮތަށް އަމަލުކުރާނެ ތަފްސީލީ އެސްއޯޕީތަކެއް އެކުލަވާލާފައިވާ ކަމަށެވެ.

އެސްއޯޕީގައި ވާގޮތުން އެފަދަ ހާލަތެއްގައި ދަރިވަރުން ގެންދާނީ ސްކޫލުގައި ހަދާފައި ހުންނަ އައިސޮލޭޝަން ރޫމްއަށް ކަމަށާއި، ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އެދަރިވަރަކު ގެއަށް ގެންދިއުމުގެ މަސައްކަތްތައް ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސްކޫލްތައް ހުޅުވާލި ނަމަވެސް އެންމެ އިސްކަމެއް ދޭނީ ދަރިވަރުންގެ ރައްކާތެރިކަމަށް ކަމަށް ވިދާޅުވެ ޑރ. އައިޝަތު ވަނީ ހުރިހާ ކަމެއް ވެސް ގާތުން މޮނީޓަރ ކުރެވެމުންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އަންނަ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުތަކުގެ ސްކޫލްތަކުގެ ކީ ސްޓޭޖް 4 (ގްރޭޑް 10-9) އަދި ކީ ސްޓޭޖް 5 ( ގްރޭޑް 12-11) ގެ ކިޔަވާ ކުދިންނަށް ސްކޫލަށް ގޮސްގެން ކިޔަވައިދޭން ފެށުމަށް ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް