ބުދަ 28 އޮކްޓޯބަރ 2020
11 ހެއި
1442 ރަބީއުލް އައްވަލް 11
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
އިރުއޮއްސޭ 17:51
އިޝާ 19:04
ކަނޑޫފަލު އަދި ފަރު ހިމަޔާތްކުރުން

ކަނޑޫފަލުގެ ދެބައި ކުޅަ އެއްބައި ވަނީ ހިމާޔަތްކޮށްފައި: އެންވަޔަރަމެންޓް މިނިސްޓަރު

  • 17 ސަރަހައްދެއް ވަނީ ހިމާޔަތް ކޮށްފައި
  • ކަނޑުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް ލަނޑުދަނޑިއެއް ފާސްކުރަން ގައުމުތަކަށް ގޮވާލި
  • ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށާ، އެއް ފަރާ، އެއް ކަނޑޫފާ ހިމެނޭ ގޮތަށް ހިމާޔަތްކުރުމަކީ ސަރުކާރުގެ ވައުދެއް

ކ. މާލެ | 1 އޮކްޓޯބަރ 2020 | ބުރާސްފަތި 01:11 | 2,539

ރާއްޖޭގެ ރަށެއްގައި ހެދިފައިވާ ކަނޑޫފަލެއް - އީޕީއޭ

ރާއްޖޭގައި މިހާތަނަށް ޖުމްލަ 17 ސަރަހައްދު ހިމާޔަތްކޮށްފައި ވާއިރު، ރާއްޖޭގެ ފަރުތަކުގެ 6 އިންސައްތަ އަދި ކަނޑޫފަލުގެ ދެބައިކުޅައެއްބައި ހިމާޔަތް ކޮށްފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.

އޮންލައިންކޮށް ބުދަ ދުވަހު ބޭއްވި ވަޒީރުންގެ ބައްދަލުވުމެއްގައި ޑރ. ހުސައިން ވިދާޅުވީ، ކަނޑަކީ ދިވެހިންގެ ދިރިއުޅުން އޭގެ މައްޗަށް ބިނާވެފައިވާ ތަނެއް ކަމަށާއި، ނަމަވެސް އައިޕީއީއެސްގެ ރިޕޯޓާއި އެހެނިހެން ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ކަނޑުތަކަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށެވެ.

ސައިންސްވެރިން ފާހަގަކުރާ ގޮތުގައި ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ކަނޑުގެ ރޯދި ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނީ އެންމެ މަދުވެގެން ކަނޑުގެ ސަރަހައްދުގެ 30 އިންސައްތަ ހިމާޔަތްކޮށްގެން ކަމަށާއި އެހެންކަމުން "ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ" އިން 2021 އިން 2030 އަށް ކަނޑައަޅާ ބައިނަލްއަގްވާމީ ލަނޑުދަނޑިތަކުގެ ތެރޭގައި ކަނޑުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް ލަނޑުދަނޑިއެއް ފާސްކުރުމަށް ދިވެހިރާއްޖެއިން ގައުމުތަކަށް ގޮވާލާކަމަށް ޑރ. ހުސައިން ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ނޭޝަނަލް ބަޔޯޑައިވަސިޓީ ސްޓްރެޓެޖީ އަދި އެކްޝަން ޕްލޭންގެ އަމާޒުތަކުގެ ތެރޭގައި ރާއްޖޭގެ ފަރުގެ 10 އިންސައްތަ އަދި ކަނޑޫފަލުގެ 20 އިންސައްތަ 2025 ވަނަ އަހަރު އަންނަންވާއިރަށް ހިމާޔަތްކުރަން ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި ގައުމުތަކުގެ އިގްތިސާދީ ސަރަހައްދުން ބޭރުގައިވާ ކަނޑުގެ ސަރަހައްދުތަކުގެ ދިރޭ ތަކެއްޗާއި ގުޅޭގޮތުން މިހާރު އދ. ގައި ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން އިގްތިސާދީ ސަހަރައްދުން ބޭރުގެ ސަރަހައްދުތައް ހިމާޔަތްކުރުމަށް ވެސް އިތުރަށް މަގު ފަހިވެގެން ދާނެ ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.

2023 ވަނަ އަހަރަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށާ، އެއް ފަރާ، އެއް ކަނޑޫފާ ހިމެނޭ ގޮތަށް ހިމާޔަތްކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އެ ވައުދުގެ ދަށުން ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި ރާއްޖޭގެ 20 އަތޮޅުގެ ތެރެއިން ހަތް އަތޮޅުގައި އެކަންތައް ހާސިލުކޮށްފައިވާ ކަމަށާއި އަދި ބާކީ ހުރި އަތޮޅުތަކުގައިވެސް އެކަންތައް ހާސިލުކުރުމަށް މަސައްކަތްކުރެވެމުންދާ ކަމަށްވެސް ޑރ. ހުސައިން ވަނީ އެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީގެ ބަޔޯ ޑައިވާސިޓީ ސަމިޓްގެ ހަވާސާގައި ބޭއްވި ވަޒީރުންގެ ބައްދަލުވުމުގައި އެންވަޔަރަމެންޓް މިނިސްޓަރު ބައިވެރިވެވަޑައިގަންނަވަނީ

ޑރ. ހުސައިން އިތުރަށް ވިދާޅުވީ، މިހާރުގެ އެންމެ ބޮޑު އަމާޒަކީ މިހާތަނަށް ހިމާޔަތްކޮށްފައިވާ ތަންތަން މެނޭޖްކުރުން އިތުރަށް ހަރުދަނާކުރުން ކަމަށާއި އެތަންތަން ހިމާޔަތްކުރުމުގެ އެންމެ މުހިއްމު ބޭނުން ހާސިލުވާނީ އޭރުން ކަމަށެވެ. އަދި ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާއްޖެއިން ތައްޔާރުކަމަށާއި، އެހެންކަމުން ކަނޑުތަކުގެ 30 އިންސައްތަ ރައްކާތެރިކުރުމަށް މިނިސްޓަރ ވަނީ ހުރިހާ ޤައުމަކަށް ގޮވާލައްވާފައެވެ.

މި ބައްދަލުވުމަކީ ދުނިޔޭގެ އެންމެ ބޮޑު އޯޝަން ކޮންފަރެންސް ސީރީސް ކަމަށްވާ އަވަ އޯޝަންސް، ޔޫއެން އޯޝަން ކޮންފަރެންސް އަދި ވޯލްޑް އޯޝަން ސަމިޓް ބާއްވާ ގައުމުތަކުން ގުޅިގެން އދ ގެ 75 ވަނަ އާންމު ބައްދަލުވުމުގެ "ބަޔޯޑައިވާސިޓީ ސަމިޓް" ގެ ހަވާސާގައި ބޭއްވި ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.