ކ. މާލެ
|
1 އޮކްޓޯބަރ 2020 | ބުރާސްފަތި 00:54
ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ހުށަހެޅުނު އިސްލާހުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަނީ
ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ހުށަހެޅުނު އިސްލާހުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަނީ
އިލެކްޝަންސް ކޮމިޝަން
ސިޔާސީ ޕާޓީތަކުގެ ޤާނޫނު
ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ހުށަހެޅުނު އިސްލާހުތައް އަންނަ މަހު އޭޖީ އޮފީހަށް ފޮނުވޭނެ: އީސީ ޝަރީފް
 
އިސްލާހުތަކާއި ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކުގެ މެދުގައި ވަނީ މަޝްވަރާ ކޮށްފައި
 
54 އިސްލާހެއް އީސީން ވަނީ ހުށަހަޅާފައި
 
އޭޖީއަށް ފޮނުވުމުގެ ކުރިން އިސްލާހުތަކާއި ގުޅޭ ގޮތުން ކޮމިޝަންގެ މެންބަރުން މަޝްވަރާ ކުރައްވާނެ

ސިޔާސީ ޕާޓީތަކުގެ ޤާނޫނު އިސްލާހް ކުރުމާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއެކު ކުރެވުނު މަޝްވަރާތަކުގެ ފައިނަލް ކަރުދާސް އަންނަ މަހު އެޓާރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އަންގާރަ އަދި ބުދަ ދުވަހު ކުރިއަށް ގެންދިޔަ މި ބައްދަލުވުމާއި ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ފައިނަލް ކަރުދާސް އޭޖީ އޮފީހަށް ފޮނުވުމުގެ ކުރިން ޕާޓީތަކުން ހުށަހަޅާފައިވާ އިސްލާހުތަކަށް ކޮމިޝަންގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ބައްދަލުވުންތަކަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއްގެ ގޮތުގައި ހުރިހާ ސިޔާސީ ޕާޓީތަކުން ފާހަގަކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އިއްޔެވެސް އަދި މިއަދުވެސް ވަރަށް މިނިވަން މާހައުލެއްގައި ހަމަ އެއްވެސް ކަހަލަ ހުރަހެއްނެތި ޕާޓީތަކުން ވަރަށް މިނިވަން ކަމާއި އެކީގައި ސިޔާސީ ތަފާތުކުރުން އެއްކިބާކޮށް ވަރަށް ބިނާ ކުރަނިވި ޚިޔާލްތަކެއް ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ހުށަހަޅުއްވާފައި މިވަނީ
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

ބައްދަލުވުން ކުރިއަށް ދިޔައިރު އެންމެ ބޮޑަށް މަޝްވަރާކުރެވިފައިވާ އިސްލާހުތަކުގެ ތެރޭގައި އީސީގެ ފަރާތުން ހުށަހަޅާފައި ހުރި ބައެއް އިސްލާހުތައް އެކަށީގެންވާވަރަށް ވުރެ ބޮޑަށް ހަރުކަށިކަމަށް ބައެއް ޕާޓީތަކުން ފާހަގަ ކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޚާއްސަކޮށް ޖޫރިމަނާތަކާއި އަދަބުތަކުގެ ވާހަކަ ގިނައިން ހުރިކަން ފާހަގަ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަންކަން ހިމަނާފައި ވަނީ ޕާޓީތައް ރެގިއުލޭޓް ކުރުމާއި ޕާޓީތަކަށް ކަންކަން ހަރުދަނާ ކުރުމަށްޓަކައި މުހިއްމު ކަމެއް ކަމުގައި ދެކިގެން ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. އަދި އިތުރަށް ވިދާޅުވީ މިއީ އެންމެ ފުރަތަމަ ޑްރާފްޓް ކަމަށާއި ޕާޓީތަކުން ހުށަހެޅި އިސްލާހުތަކުގެ އަލީގައި ކަންކަން އިސްލާހުކުރާނެ ކަމަށެވެ.

ދެވަނައަށް އެންމެ ބޮޑަށް ޚިޔާލް ތަފާތުވެ، މަޝްވަރާ ކުރެވިފައިވަނީ ޕާޓީ ސަސްޕެންޑް ކުރުމާއި ޕާޓީ އުވާލުމާއި އަދި ޕާޓީއަށް އަޅާ ފިޔަވަޅުތަކާއި ބެހޭގޮތުންނެވެ. ނަމަވެސް އެ މަޝްވަރާގެ އަލީގައި އީސީގެ ވިސްނުމާއި އެ ކޮމިޝަނުން އިސްލާހުތަކެއް ހުށަހެޅި ސަބަބުތައް ބަޔާން ކުރުމުން ގިނަ ޕާޓީތަކުން އޭގެ ތެރެއިން ބައެއް އިސްލާހުތަކަށް ތާއީދުކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެންމެ މުހިއްމު އެއް އިސްލާހެއްގެ ގޮތުގައި މިހާރު މި އަމަލުކުރަމުންދާ ޤާނޫނުގައި އިލެކްޝަންސް ކޮމިޝަނަށް ދީފައި ހުރި ބައެއްް މުހިއްމު ބާރުތައް އުނިކޮށް، އެ ބާރުތަކަކީ އީސީއަށް ލިބިގެންވާ ބާރުތަކެއް ނޫން ކަމަށް ކަނޑައަޅާ އެއީ ކޯޓުން ހަމައެކަނި ކުރެވޭ ހުކުމެއްގޮތަށް އިސްލާހު ކުރުމަށްވެސް ވަނީ ހުށައަޅާފައެވެ.

ސިޔާސީ ޕާޓީތައް ސަސްޕެންޑް ކުރުމާއި ގުޅޭގޮތުން ޝަރީފް އިތުރަށް ވިދާޅުވީ، ސިޔާސީ ޕާޓީއެއް ސިޔާސީ ހަރަކާތްތައް ހިންގާތީ އެ ހިންގުން ހުއްޓުވުމަށްޓަކައި ސަސްޕެންޑް ކުރުމުގެ ބާރެއް ޤާނޫނަކުން އީސީއަށް ލިބިގެން ނުވާ ކަމަށެވެ.

މިސާލަކަށް ޕާޓީއެއް އުވާލެވޭނީ ކޯޓު މަރުހަލާއިން އެކަނިކަމަށް. އަޅުގަނޑު މި ޤާނޫނުގައި ބަޔާންކޮށްފައި އިންނާނެ. ހަމަ އެއާއިއެކު އާންމުންގެ ތެރޭގައި ވަރަށް ގަދައަށް ދެކެވޭ ވާހަކައެއް އެއީ ޕާޓީ ސަސްޕެންޑް ކުރުމުގެ ވާހަކަ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ޕާޓީ ސަސްޕެންޑް ކުރުން ޤާނޫނަށް ލާފައިވަނީ އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް އެބޭފުޅުންގެ ސިޔާސީ ހަރަކާތްތައް ހުއްޓުވުމުގެ ނިޔަތުގައި ކަމަށް ބައެއް ބޭފުޅުން އެބަ ވިދާޅުވޭ. ހަޤީގަތަކީ އެއީއެއް ނޫން. ހަޤީގަތަކީ ސިޔާސީ ޕާޓީތަކަށް އިތުރަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ލާފައި އިން މަރުހަލާއެއް އެ މަރުހަލާއަކީ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

މީގެ އިތުރުން ޕާޓީތަކުގެ އެންމެ ބޮޑު ޝަކުވާއަކީ ނޭނގި މެންބަރުން ޕާޓީއަަށް ވައްދާ މައްސަލަކަން ޝަރީފް ވިދާޅުވިއެވެ. އެ މައްސަލައަށް ވެސް ޤާނޫނުގެ ތެރެއިން ހައްލު ލިބިގެންދާ ގޮތަށް ކަނޑައަޅާ އަދި ހުށަހަޅާ ފޯމް ތަކުގެ ސައްޚަކަމުގެ ޒިންމާވާން ޖެހޭނީ އެ ސިޔާސީ ޕާޓީއަކުންކަން ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕާޓީތަކަށް ދައުލަތުންދޭ ފައިސާ ބަހާނެ ގޮތަކާއި މެދުވެސް ޕާޓީތަކުގެ މެދުގައި ޚިޔާލް ތަފާތުވެފައިކާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މަޝްވަރާތައް ކުރިއަށް ދިޔައިރު އެއް ޕާޓީން ދައުލަތުން ޚަރަދުކުރަން ނުޖެހޭނެ ކަމަށް ހުށަހެޅި ކަމަށާއި ދެން ހުރި ހުރިހާ ޕާޓީތަކުން އެންމެ ކުދި ޕާޓީތަކަށް ވެސް ޕާޓީ ހިންގުމަށް ކޮންމެވެސް އިނާޔަތެއް ލިބޭނެގޮތަށް ބައްޓަން ކޮށް ޤާނޫނު އިސްލާހުކޮށްފިނަމަ ފައިދާވާނެކަމަށް ހުށަހަޅާފައި ވެއެވެ. އަދި ޕާޓީތަކުގެ ލީޑަރޝިޕް ބަދަލުވެގެންދާއިރު ބޮޑެތި ދަރަނިތަކުގެ ޒިންމާ އުފުލަން ޖެހޭ މައްސަލަ ވެސް ހުށަހަޅާފަައި ވެއެވެ.

ޝަރީފް ވިދާޅުވީ ޕާޓީގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް ކަނޑައަޅާ ޕާޓީގެ އަސާސީ ޤަވާއިދުގައި ލިޔަންވާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އެއް ލީޑަރޝިޕް އަނެއް ލީޑަރޝިޕަށް ބަދަލުވާއިރު ޕާޓީގެ ދަރަންޏެއް އޮންނަ ކަމުގައި ވަނީނަމަ އާންމު ކުރަންޖެހޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ހުށަހެޅުނު އިސްލާހު ތަކުގެ ސަބަބުން ޕާޓީގެ ދަރަންޏަށް ޒިންމާވުމުގެ ކަންކަން އިސްލާހުކުރެވިގެން ދާނެކަމަށް ޤަބޫލުކުރައްވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްވަރާގެ އަލީގައި ސިޔާސީ ޕާޓީތަކުން އިތުރު އިސްލާހުތަކެއް ހުށަހަޅަން ބޭނުންވާކަމުގައި ވަނީ ނަމަ ލިޔުމުން ހުށަހެޅުމަށް އެއް ހަފްތާގެ މުއްދަތެއް ދީފައިވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިލެކްޝަންސް ކޮމިޝަނުން ވަނީ 54 އިސްލާހެއް ހުށަހަޅާފައެވެ. މި އިސްލާހުތަކާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކުން ދެކޭގޮތާއި މެދު މަޝްވަރާތައް ކުރެވެމުން ދާއިރު، އެ ކޮމިޝަންގެ ރައީސް ޝަރީފް ފާހަގަކުރެއްވިހެން، ހުށައެޅިފައިވާ ބައެއް އިސްލާހުތަކާއި ގުޅިގެން ބައެއް ޕާޓީތަކުގެ ކަންބޮޑުވުންތައް އެބަހުއްޓެވެ. ހާއްސަކޮށް ޕާޓީތައް ސަސްޕެންޑްކުރާ މާއްދާއާ ގުޅިގެން އިދިކޮޅުން ބުނެފައިވަނީ، އެއީ އިދިކޮޅުގެ އަޑު ކަނޑުވާލުމުގެ ނިޔަތުގައި ހުށައަޅާފައިވާ އިސްލާހެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް