ކ. މާލެ
|
30 ސެޕްޓެންބަރ 2020 | ބުދަ 11:57
2015 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ޖޫނިއާ މުބާރާތުގައި ކެޕްޓަން ބޭންޑް އެޅި ފާތިމަތު ތާނީ ލަތީފް
2015 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ޖޫނިއާ މުބާރާތުގައި ކެޕްޓަން ބޭންޑް އެޅި ފާތިމަތު ތާނީ ލަތީފް
އެފްއޭއެމް
ރިޕޯޓު: ފާތިމަތު ތާނީ ލަތީފް
"ބޭނުންވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ކުރުން"
 
އަންހެން ކުދިން ފުޓްބޯޅަ ކުޅޭތީ ފާޑުކިޔުން އަމާޒުވާ ކަމަށް ތާނީ ބުނި
 
ތާނީގެ އެންމެ ބޮޑު ކާމިޔާބީއަކީ މިދިޔަ އަހަރުގެ އަންހެން ސާފް ޗެމްޕިއަންޝިޕަށް ނެގި ސްކޮޑުން ޖާގަ ލިބުން
 
ފުޓްބޯޅަ ކުޅެން އެންމެ ފުރަތަމަ ފެށުނީ ގޭގައި ބޭބެއާއެކުގައި ކަމަށް ތާނީ ބުނި

އައްޑޫ ސިޓީ މަރަދުއަށް އުފަން އުމުރުން 19 އަހަރުގެ ފާތިމަތު ތާނީ ލަތީފަކީ ނަމޫނާ އަންހެން ފުޓްބޯޅަ ކުޅުންތެރިއެކެވެ. އުމުރުން އެންމެ ހަ އަހަރުން ފެށިގެން ފުޓްބޯޅަ ކުޅުމަށް ލޯބިކުރި ތާނީ އަކީ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް މުހިންމު ކުޅުންތެރިއެކޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.

"ރާއްޖެ.އެމްވީ" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ތާނީ ބުނީ ފުޓްބޯޅަ ކުޅެން އެންމެ ފުރަތަމަ ފެށުނީ ގޭގައި ބޭބެއާއެކުގައި ކަމަށާއި، އޭރު ހުސްވަގުތު ވާވަރަކުން ގޭގައި ބޭބެއާއެކު ފުޓްބޯޅަ ކުޅޭ ކަމަށެވެ. އެންމެ ފުރަތަމަ ފުޓްބޯޅަ މުބާރާތެއްގައި ކުޅުނީ އައްޑޫގައި ބޭއްވުނު އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ކަމަށާއި، އެއިރު އެ މުބާރާތް ބާއްވަމުން އައީ އަންހެން ފިރިހެން މަސްހުނި ކޮށްލައިގެން ކަމަށް ތާނީ ބުންޏެވެ. އަދި ބުނީ އެ މުބާރާތަކީ އޭނާ ފުޓްބޯޅައަށް ނެރެދިން މުބާރާތް ކަމަށެވެ.

މިހާތަނަށް އައިއިރު ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 2019 ވަނަ އަހަރު ބޭއްވުނު އަންހެން ސާފް ޗެމްޕިއަންޝިޕަށް ނެގި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ސްކޮޑުން ޖާގަ ލިބުން ކަމަށާއި، އެ މުބާރާތަކީ އޭނާއަށް އަދި އަންހެން ގައުމީ ފުޓްބޯޅަ ޓީމަށްވެސް ކާމިޔާބު މުބާރާތެއް ކަމަށް ތާނީ ބުންޏެވެ. އެގޮތުން އެ މުބާރާތް އަންހެން ގައުމީ ފުޓުބޯޅަ ޓީމުން ނިންމާލީ ލޯ މެޑެއްޔާ އެކުގައެވެ. މިއީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ހޯދި ފުރަތަމަ ބައިނަލްއަގުވާމީ މެޑަލްވެސްމެއެވެ.

2015 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ޖޫނިއާ މުބާރާތުގައި ކެޕްޓަން ބޭންޑް އެޅި ފާތިމަތު ތާނީ ލަތީފް

ކާމިޔާބީ އެކޭ އެއްގޮތަށް ނާކާމިޔާބު ދަނޑިވަޅުތަކާ ކޮންމެ ކުޅުންތެރިއަކުވެސް ކުރިމަތިލާން ޖެހޭނެއެވެ. އެގޮތުން ކެރިއަރުގައި މިހާތަނަށް އެންމެ ހިތްދަތިވީ އޭނާ ކުޅުނު ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން ކަމަށް ތާނީ ބުންޏެވެ. 2015 ވަނަ އަހަރު ނޭޕާލުގައި ބޭއްވި އެ މުބާރާތުގައި ކެޕްޓަން ބޭންޑް އަޅައިގެން ތާނީ ކުޅުނުއިރު، އެ މުބާރާތަކީ ރާއްޖޭގެ އަންހެން ޖޫނިއާ ޓީމަކުން ބައިނަލްއަގުވާމީ މުބާރާތަކު ވާދަކުރި ފުރަތަމަ ފަހަރެވެ.

ތާނީގެ ނަޒަރުގައި އަންހެން ފުޓުބޯޅަ ކުޅުންތެރިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރައްޔިތުންގެ ފަރާތުން އެންމެ އެދެވޭ ތަރުހީބު ނުލިބުމެވެ. ތާނީ ބުނީ އަންހެން ކުދިން ފުޓްބޯޅަ ކުޅޭތީ ރައްޔިތުންގެ ފަރާތުން އެކަމަށް ފާޑުކިޔުން އަމާޒުވާ ކަމަށާއި، އެގޮތުން ގިނަ ރައްޔިތުން ދެކޭ ގޮތުގައި ފުޓްބޯޅަ އަކީ ފިރިހެން ކުދިން އެކަނި ކުޅޭ ކުޅިވަރެއް ކަމަށެވެ. ތާނީ ބުނީ އެކަން ބަދަލުވާން ބޭނުންވާ ކަމަށާއި، ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ފުޓްބޯޅަ އަކީ ދެ ޖިންސުގެ މީހުންވެސް ކުޅޭ ކުޅިވަރެއް ކަމަށެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމު ސްކޮޑުގައި ހިމެނުމަކީ ކޮންމެ ކުޅުންތެރިއަކުވެސް ބޭނުންވާނެ ކަމެކެވެ. ތާނީ ބުނީ ސީނިއާ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ހިމެނުނު ދުވަހަކީ ބުނެދޭން ނޭނގޭ އިހުސާސްތަކެއް ކުރެވުނު ދުވަހެއް ކަމަށާއި، ސްކޮޑަށް ނެގިކަން އެނގުމުން ސިހުން ލިބުނު ކަމަށެވެ. އަދި އެއީ ވަރަށް އުފާވެރި ވަގުތު ކޮޅެއް ކަމަށްވެސް ތާނީ ވަނީ ފާހަގަކޮށްފައެވެ.

2015 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ޖޫނިއާ މުބާރާތުގައި ވާދަކުރި އަންހެން ފުޓްބޯޅަ ޓީމު

މިހާތަނަށް އައިއިރު އެންމެ ބޮޑު އެއްބާރުލުން ލިބެނީ އޭނާގެ މަންމަގެ ފަރާތުން ކަމަށް ތާނީ ބުންޏެވެ. މަންމަގެ އިތުރުން ހުރިހާ ކޯޗުންނާއި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ ފަދުވާ ޒާހިރުގެ އިތުރުން، ގައުމީ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށް ތާނީ ބުންޏެވެ.

ރާއްޖޭގެ އަންހެން ފުޓްބޯޅަ ކުރިއެރުން އެއީ ތާނީގެ ހުވަފެނެކެވެ. އެގޮތުން ތާނީ ބުނީ ރާއްޖޭގެ އަންހެން ފުޓްބޯޅައިގައި އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ފިރިހެން ފުޓްބޯޅަ ކުރިއަރައިފައިވާ މިންވަރަށް އަންހެން ފުޓްބޯޅަވެސް ކުރިއެރުން ކަމަށާއި، އަންހެން ފުޓްބޯޅަ ލީގެއް ބޭއްވުން އެއީ އޭނާގެ ހުވަފެނެއް ކަމަށެވެ.

ކޮންމެ ކުޅުންތެރިއެކޭ އެއްގޮތަށް ތާނީވެސް ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ހުންނާނެއެވެ. ތާނީ ބުނީ އޭނާގެ އެންމެ ބޮޑު ހުވަފެނަކީ ރާއްޖޭގެ ސީނިއާ އަންހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ކުރުމެވެ. އަދި ބުނީ އޭނާ ބޭނުންވަނީ ފަދުވާ ފަދަ ކުޅުންތެރިއަކަށް ވުމަށް ކަމަށާއި، ފަދުވާއެކޭ އެއްފަދައިން ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ކެޕްޓަންކަން ކުރުމަކީ އޭނާގެ އުންމީދެއް ކަމަށެވެ. އަދި އެކަމަށް ގަދައަޅައި މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
60%
0%
7%
7%
27%
ކޮމެންޓް