ކ. މާލެ
|
30 ސެޕްޓެންބަރ 2020 | ބުދަ 08:01
ވޯރލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްޕަސް
ވޯރލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްޕަސް
ރޮއިޓަރސް
ކޮވިޑް-19 ވެކްސިން ގަތުމަށް ޚަރަދުކުރުން
ވޯރލްޑް ބޭންކުން 12 ބިލިއަން އެމެރިކާ ޑޮލަރު ކޮވިޑް-19 ވެކްސިން ގަތުމަށް ކަނޑައަޅަން މަސައްކަތްކުރަނީ
 
ވޯރލްޑް ބޭންކުން މަސައްކަތްކުރާނީ ފަގީރު ގައުމުތަކާއި މެދު ފަންތީގެ ގައުމު ތަކުގެ ތެރެއިން ހަލުވި މިނުގައި ވައިރަސް ފެތުރެމުންދާ ގައުމުތަކަށް ވެކްސިން ހޯދައިދިނުމަށް
 
މިފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ވެކްސިން ވީއެންމެ އަވަހަކަށް ގައުމުތަކަށް ފޯރުކޮށްދިނުމަށް

ކޮވިޑް-19 އަށް އުފައްދާ ވެކްސިން ފަގީރު ގައުމުތަކަށާއި ތަރައްޤީވަމުން އަންނަ ގައުމުތަކަށް ފޯރުކޮށްދިނުމަށް 12 ބިލިއަން އެމެރިކާ ޑޮލަރު ހަމަޖެއްސުމަށް ވޯރލްޑް ބޭންކުގެ ބޯޑުން ހުއްދަނެގުމަށް އެދޭނެކަމަށް ވޯރލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްޕަސް ވިދާޅުވެއްޖެއެވެ.

ރޮއިޓަރސް އަށް ދެއްވި އިންޓަރވިއުއެއްގައި މަލްޕަސް ވިދާޅުވީ މިފައިސާ އަކީ އެހީދޭ އެކި ފަރާތްތަކުން ކޮރޯނާވައިރަސްގެ އެކިކަންކަމަށް އެހީތެރިވުމަށް އެއްބަސްވެފައިވާ 160 ބިލިއަން ޑޮލަރުގެ ތެރެއިން ބައެއް ކަމަށެވެ. މި ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ވެކްސިން ވީއެންމެ އަވަހަކަށް ގައުމުތަކަށް ފޯރުކޮށްދިނުމަށެވެ. ވަކިން ޚާއްސަކޮށް ވައިރަސްއާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ވެކްސިން ފޯރުކޮށްދިނުމަށާއި ވެންސިން އުފެއްދުމަށެވެ. މި ޕްލޭނާމެދު އޮކްޓޯބަރ މަހުގެ ކުރީކޮޅު ވޯރލްޑް ބޭންކުގެ ބޯޑުން ގޮތެއް ނިންމާނެ ކަމަށް މަލްޕަސް ވިދާޅުވިއެވެ.

ކޮވިޑް-19 ދުނިޔޭގައި ހަލުވިކަމާއެކު އަދިވެސް ފެތުރެމުން އަންނައިރު އަދި މިވައިރަސްއަށް ވެކްސިނެއް އުފެއްދުމަށް އެކި ގައުމުތަކުން މަސައްކަތްކުރަމުން އަންނައިރު ތަރައްޤީވެފައިވާ އަދި ބާރު ގަދަ ގައުމުތަކުން އަންނަނީ ވެކްސިން އުފެއްދުމުގައި ކުރީގައި އުޅޭ ކުންފުނިތަކުން ވެކްސިންގެ ޑޯޒްތައް ކުރީބައިގައި ގަނެ އެގައުމުގެ ރައްޔިތުންނަށް ވެކްސިން ލިބޭނެކަން ޔަގީން ކުރަމުންނެވެ.

އެގޮތުން އެމެރިކާއިން ވަނީ އެސްޓްރަޒެނިކާގެ ވެކްސިންގެ އެތައް މިލިއަން ޑޯޒެއް ގަތުމެއް 3 ބިލިއަން އެމެރިކާ ޑޮލަރު އެކުންފުންޏަށް ދިނުމަށް އެއްބަސްވެފައެވެ.

މަލްޕަސް ވިދާޅުވީ ވޯރލްޑް ބޭންކުން މަސައްކަތްކުރާނީ ފަގީރު ގައުމުތަކާއި މެދު ފަންތީގެ ގައުމު ތަކުގެ ތެރެއިން ހަލުވި މިނުގައި ވައިރަސް ފެތުރެމުންދާ ގައުމުތަކަށް ވެކްސިން ހޯދައިދިނުމަށް ކަމަށެވެ. މުއްސަނދި ގައުމުތަކެކޭ އެއް މިންވަރުގެ ފައިސާ އެގައުމުތަކުންވެސް ވެކްސިނަށް ޚަރަދުކޮށްގެން ވެކްސިންގެ ޑޯޒްތައް ހޯދުމުގައި އެގައުމުތަކަށް އެހީތެރިވެދޭނެކަމަށް މަލްޕަސް ވިދާޅުވިއެވެ.

ވެކްސިނެއް އަންނަންވާއިރަށް ކޮވިޑް-19 ގެ ޕެންޑަމިކް ދިގުލައިގެން ދިޔުމުގެ ސަބަބުން ގިނަ ގައުމުތަކަކަށް އިގްތިޞާދީ ގޮތުން ބޮޑެތި ގެއްލުންތަކެއްވާނެ ކަމަށް ވަނީ ބެލެވިފައެވެ. އެއާއެކު އެގައުމުތަކަށް ވެކްސިން ގަތުމަށް ކުރަންޖެހޭ ހޭދަ ކުރުމަށް ދަތިތަކާއި ކުރިމަތިވާނެއެވެ.

މަލްޕަސް ވިދާޅުވީ ފަގީރު ގައުމުތަކާއި މެދު ފަންތީގެ ގައުމުތަކުންވެސް ވެކްސިން ގަތުމަށް ހޭދަކުރުމުން ވެކްސިނަށް އޮންނަ ޑިމާންޑް ބޮޑުވެ އެގައުމުތަކަށްވެސް ވެކްސިން ލިބުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.

މީގެ އިތުރުން ވެކްސިން ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ބާރު އެޅުމުގެ ގޮތުން މަސައްކަތްކުރައްވާ ކަމަށްވެސް މަލްޕަސް ވިދާޅިވިއެވެ.

މަލްޕަސް ވިދާޅުވީ ވޯރލްޑް ބޭންކުގެ މި ޕްރޮގްރާމްގެ ދަށުން ހިލޭ އެހީއާއި ލޯނުގެ އެހީތެރިކަން ގައުމުތަކަށްދޭނެ ކަމަށެވެ. އަދި ވައިރަސްއަށް އެންމެ ފުރަތަމަ އުފައްދާ ވެކްސިނެއް ހޯދުމަށް އެގައުމުތަކަށް މިއާއެކު މަގުފަހިވާނެ ކަމަށް މަލްޕަސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް