ކ. މާލެ
|
30 ސެޕްޓެންބަރ 2020 | ބުދަ 00:18
ލިވަޕޫލަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ
ލިވަޕޫލަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ
ގެޓީ އިމޭޖަސް
ތިއާގޯ ވައިރަހަށް ޕޮޒިޓިވްވުން
ލިވަޕޫލުގެ ތިއާގޯ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
 
ކޮވިޑް-19 އަށް ޕޮޒިޓިވް ވިއިރު ތިއާގޯ ހުރީ އަނިޔާގައި ކުޅުމާ ދުރުގައި
 
ތިއާގޯގެ ހަށިގަނޑުން ވައިރަހުގެ ކޮންމެސް ވަރެއްގެ އަލާމާތްތަކެއް ފެނިފައިވޭ

ލިވަޕޫލާ ދާދި ފަހުން ގުޅުނު ސްޕެއިނުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އަންގާރަ ދުވަހުގެރޭގެ ވަގުތެއްގައި ލިވަޕޫލުން ވަނީ ތިއާގޯ ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަން ހާމަކޮށްފައެވެ. އެ ކުލަބުން ނެރުނު ބަޔާނެއްގައި ބުނީ ތިއާގޯ ކޮވިޑް-19 އަށް ޕޮޒިޓިވް ވިއިރު، އޭނާގެ ހަށިގަނޑުން ކޮންމެސް ވަރެއްގެ އަލާމާތްތަކެއް ފެނިފައިވާ ކަމަށާއި، އެކަމަކު ތިއާގޯގެ ހާލު ރަނގަޅު ކަމަށެވެ. އަދި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އޭނާ ސެލްފް-އައިސޮލޭޝަނަށް ގޮސްފައިވާކަން ލިވަޕޫލުން ވަނީ ހާމަކޮށްފައެވެ.

މި މަހުގެ 18 ވަނަ ދުވަހު ތިއާގޯ ލިވަޕޫލާ ގުޅުނީ ބަޔާން މިއުނިކް ދޫކޮށް 20 މިލިޔަން ޕައުންޑުގެ ފީއަކަށެވެ. ތިއާގޯ ވަނީ ލިވަޕޫލާއެކު ދިގު މުއްދަތެއްގެ އެއްބަސްވުމެއް ހަދާފައެވެ.

ލިވަޕޫލަށް ބަދަލުވުމަށްފަހު ތިއާގޯ ކުޅުނު ފުރަތަމަ މެޗަކީ މި މަހުގެ 20 ވަނަ ދުވަހު ރަށުން ބޭރުގައި ޗެލްސީއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗެވެ. އެ މެޗުގެ ދެވަނަ ހާފުގައި ތިއާގޯ ކުޅެން އެރިއިރު، އޭނާ ވަނީ އެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

އެކަމަކު އޭގެ ފަހުން އަނިޔާއާ ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި އާސެނަލް އަތުން 3-1 ން މޮޅުވި މެޗުގައި ތިއާގޯ ކުޅެފައެއް ނުވެއެވެ.

ތިއާގޯ އަނިޔާގައި ހުރިއިރު، ދާދި ފަހުން ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ވަނީ ތިއާގޯ އަނިޔާއިން ރަނގަޅުވެ އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ އަންނަ އޮކްޓޯބަރު މަހު އޮންނަ ބައިނަލްއަގުވާމި މެޗުތަކަށްފަހު ކަމަށް ބުނެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ތިއާގޯއަށް އެންމެ އަވަހަށްވެސް ދެން މެޗެއް ކުޅެވޭނީ އަންނަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ޕްރިމިއާ ލީގުގައި ވާދަވެރި އެވަޓަނާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް