ކ. މާލެ
|
29 ސެޕްޓެންބަރ 2020 | އަންގާރަ 22:50
ޅ.އަތޮޅުގެ ބައެއް ރަށްތައް، ފަސް ސަރަހައްދެއް ހިމާޔަތް ކުރުމަށް އަންގާރަ ދުވަހު ވަނީ ނިންމާފައި
ޅ.އަތޮޅުގެ ބައެއް ރަށްތައް، ފަސް ސަރަހައްދެއް ހިމާޔަތް ކުރުމަށް އަންގާރަ ދުވަހު ވަނީ ނިންމާފައި
-
ތިމާވެށީގެ ޚާއްސަ 5 ސަރަހައްދެއް ހިމާޔަތް ކުރުން
ފާދިއްޕޮޅުގައި ހިމެނޭ ތިމާވެށީގެ ގޮތުން ޚާއްސަ 5 ސަރަހައްދެއް ހިމާޔަތްކުރަނީ
 
ހިމާޔަތްކުރުމުގެ ކަންކަން ކުރިއަށް ގެންދާއިރު ފާދިއްޕޮޅުގެ އުމްރާނީ ތަރައްގީއާ ގުޅޭ މަޝްރޫއުތަކަށް ހުރަސް ނޭޅޭނެ
 
ދަށުގިރި ފިނޮޅު ސަރަހައްދާއި، ސެއްޅިފުށީގެ ޗަސްބިން ސަރަހައްދު ވެސް ހިމާޔަތް ކުރުމަށް ވަނީ ނިންމާފައި
 
ޅ.މާކޯ، ވައްވަރު، ދަނޑިފަޅު ކަނޑު އޮޅި އަދި ދަނޑިފަޅު ފިނޮޅު ސަރަހައްދު ހިމާޔަތް ކުރާނެ

ފާދިއްޕޮޅު (ޅ) އަތޮޅުގައި ހިމެނޭ ތިމާވެށީގެ ގޮތުން ޚާއްސަ 5 ސަރަހައްދެއް ހިމާޔަތް ކުރުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

އަންގާރަ ދުވަހު އޮންލައިންކޮށް ބޭއްވި މަޖިލީހުގައި ޖަލްސާގައި ހިމާޔަތް ކުރުމަށް ނިންމެވީ ފާދިއްޕޮޅު (ޅ) އަތޮޅުގެ ޅ.މާގަނދު (އެނިމޮނީ) ތިލަ، ޅ.ދިއްފުށި-މާދޫގައި ހިމެނޭ 5 ރަށުގެ ތެރެއިން އެންމެ އުތުރުން އޮންނަ ރަށްކަމަށްވާ ސެއްޅިފުށީގެ ޗަސްބިން ސަރަހައްދު، ޅ.މާކޯ، ޅ.ވައްވަރު އަދި ދަނޑިފަޅު ކަނޑު އޮޅި އާއި ދަނޑިފަޅު ފިނޮޅު ސަރަހައްދު އަދި ޅ.ދަށުގިރި ފިނޮޅު ސަރަހައްދެވެ.

ރައީސް އޮފީހުން ބުނީ މެންދުރުފަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅި ކަރުދާހަކަށް ވަޒީރުން މަޝްވަރާ ކުރުމަށްފަހު ހިމާޔަތް ކުރުމަށް ނިންމި 5 ސަރަހައްދަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ސަރަޙައްދުތަކެއް ކަމަށެވެ.

މިސަރަހައްދުތައް ކަނޑައެޅުމުގައި އެންމެ މުހިންމު އެއް އަސާސަކީ، ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މައުލޫމާތު (ޓްރެޑިޝަނަލް ނޮލެޖް) އާއި، ލިބެންހުރި ދިރާސާ ރިޕޯޓުތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކާއި، ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބުނު މައުލޫމާތުތައް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ފާދިއްޕޮޅުގެ 2 ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފައި ކަމަށާއި، އެއީ 1995 ސެޕްޓެންބަރު 27 ގައި ހިމާޔަތްކޮށްފައިވާ ޅ.ފުށިފަރު ތިލަ ސަރަހައްދާއި، 1999 އޮކްޓޫބަރު 21 ގައި ހިމާޔަތްކޮށްފައިވާ ޅ.ކުރެއްދޫ ކަނޑު އޮޅި (ކުރެއެދޫ އެކްސްޕްރެސް) ސަރަހައްދު ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަން ކަރުދާސް ހުށަހަޅުއްވަމުން ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ މިސަރަހައްދުތައް ހިމާޔަތްކުރުމަށް ހުށަހެޅީ ކަމާބެހޭ މިނިސްޓްރީތަކާއި، އިދާރާތަކާއި، އެކި ސިނާއަތްތަކާ ވެސް މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. މި ތަންތަން ހިމާޔަތްކުރުމުގެ ކަންކަން ކުރިއަށް ގެންދާއިރު ފާދިއްޕޮޅުގެ އުމްރާނީ ތަރައްގީއާ ގުޅޭ މަޝްރޫއުތަކަށް ހުރަސް ނޭޅޭނެ ފަދަ ގޮތަކަށް ކަންކަން ހަމަޖައްސާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިތަންތަން ހިމާޔަތްކުރުމުން މިކަމުގެ ފައިދާ އަންނަން އޮތް ޖީލިތަކަށް ލިބުމާއެކު، އެކޯ ޓޫރިޒަމާއި، އިންޓަރގްރޭޓެޑް ޓޫރިޒަމާއި، ދިރުން ހުރި އިގުތިސާދީ ހަރަކާތްތަކަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ މަތިން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 14 ސަރަހައްދަކާއި އައްޑޫ ސިޓީގެ 4 ސަރަހައްދަކާއި، ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަޙައްދު ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައަޅައި ގެޒެޓްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް