raajjemv logo
ހިތް- އެންމެ ނާޒުކު ގުނަވަން
ހިތް- ތިބާގެ ހަށިގަނޑުގައިވާ އެންމެ ނާޒުކު ގުނަވަން!
 
ހިތުން މިނިޓަކު ގާތްގަނޑަކަށް 72 ފަހަރު ވިންދު ޖަހާ
ރިޒުނާ ޒަރީރު
9,536
ކ. މާލެ |
30 ސެޕްޓެންބަރ 2020 | ބުދަ 01:25
ހިތް- ތިބާގެ ހަށިގަނޑުގައިވާ އެންމެ ނާޒުކު ގުނަވަން
ޓްވިޓަރ

ތިބާގެ ހަށީގަނޑުގައިވާ އެންމެ ނާޒުކު ގުނަވަނަކީ ކަށި ގަނޑަކުން ނުހަނު ރައްކާތެރި ކަމާއެކު ހިމާޔަތް ކުރެވިފައިވާ އަތުގެ މުށެއްވަރުވާ މަސްކޮޅެއް ކަމުގައިވާ ހިތެވެ. މިއަދު ދުނިޔޭގެ ހިތުގެ ދުވަސް އެކި ކަންކޮޅުތަކުގައި ފާހަގަ ކުރެވެމުން ދާއިރު ތިބާ ގެ ހިތާ ބެހޭ ގޮތުން ތިބާއަށް އިނގެނީ ކިހާ މިންވަރަކަށް ތޯއެވެ؟

ހިތް އުފެދި، ބަނޑުގައި އަށަގަންނަ ތުއްތު ދަރިފުޅުގެ ހިތުގައި ވިންދު ޖަހަން ފަށަނީ ބަލިވެއިންނަތާ 5 ވަނަ ހަފްތާގެ ތެރޭގައެވެ. އަދި ފުރަތަމަ ފެށިގެން އަންނައިރު ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ހިތުގެ ވިންދު ޖެހުން ހުންނަނީ މައިމީހާގެ ހިތުގެ ވިންދު ޖެހުމާއި ދާދި އެއްވަރެއްގައެވެ. އަދި ބޮޑުވުމަށް ފަހު އިންސާނާގެ ހިތުން މިނިޓަކު ގާތްގަނޑަކަށް 72 ފަހަރު ވިންދު ޖަހައެވެ.

ހިތަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ މުހިއްމު އެއް ގުނަވަނެވެ. ހިތަކީ އޭގެ ޒާތުގައި ގިނަ މަސްއޫލިއްޔަތު ތަކެއް އަދާ ކުރާ ގުނަވަނެކެވެ. އެގޮތުން ހިތް އަދާކުރާ އެންމެ މުހިއްމު ވަޒީފާ އަކީ ހަށިގަނޑުގެ ބައިތަކަށް ލޭފޯރުކޮށްދީ، ހަށިގަނޑުގައި ލޭ ދައުރު ކުރުވުމުވެ. މި މަސައްކަތް ފުރިހަމަ ކުރަނީ ހިތާ ގުޅިފައިވާ ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭފޮނުވައިދޭ ތަފާތު ލޭހޮޅިތަކާއި، ހަށިގަނޑުގެ އެކި ހިސާބުތަކުން ހިތަށް ފޮނުވައިދޭ ލޭހޮޅިތަކުގެ އެހީގައެވެ. އަދި ހިތް ތަފާތު ހޯރމޯންތައް އުފައްދައި ހަށިގަނޑަށް އެ ދޫކުރެއެވެ. އެގޮތުން ހިތުން މައިގަނޑު ގޮތެއްގައި އުފައްދައި ދޫކުރަނީ ދެ ހޯރމޯން އެކެވެ.

ހިތަކީ އަޖައިބު ކުރުވަނިވި ގުނަވަނެކެވެ. އެގޮތުން ތިމާއަށް އަމަލުތައް ކުރަން ބުނެދެނީ ހިތެވެ. އެހެންކަމުން އިންސާނާގެ ހިތާއި އިންސާނާގެ ހުރިހާ އަމަލުތަކެއް މިވަނީ ގުޅިލާމެހިފައެވެ. އިންސާނާގެ ހިތް ހަސަދަ އާއި ނަފުރަތުން ފުރިއްޖެނަމަ އެމީހާގެ އަމަލުތައް ވެސް ދާނީ ބާޠިލުވެގެންނެވެ. އަދި ހިތާ ތިބާގެ އީމާން ކަމާވެސް ވަނީ ގުޅި ލާމެހިފައެވެ. އެގޮތުން އީމާންކަން ވަރުގަދަކުރެވޭނީ ހިތް ތާހިރުކޮށްގެންނެވެ. އަދި އީމާންކަން ވަރުގަދަ ކުރެވޭނީ ސާފު ހިތެއް ލިބިގެންނެވެ.

މި ހުރިހާ ކަމަކާ ގުޅި ލާމެހިފައިވާ ހިތަށް އެންމެ ފުރިހަމައަށް އަޅާލާ ދުޅަހެޔޮ ސިއްހަތެއްގައި ހިތް ބެލެހެއްޓޭނީ ކިހިނެއްތޯއެވެ؟ އެންމެ ފުރަތަމަ ކަމަަކީ ގަަވައިދުން ޑޮކްޓަރަށް ދައްކާ ޗެކަޕެއް މަދުވެގެން އަހަރަކު އެއް ފަހަރު ހަދާލުމެވެ. މީގެ އިތުރުންވެސް ގަވައިދުން ކަސްރަތު ކުރުމާ ގިނަގިނައިން ފެން ބުއިމަކީ ހިތް ދުޅަހެޔޮކޮށް ބެހެއްޓުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ. އަދި ގަވައިދުން ނިދުމާއެކު ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަކީވެސް ހިތަށް އަޅާލުމަށް ކުރެވޭނެ މުހިއްމު ކަންކަމެވެ.

މީގެ އިތުރުންވެސް ދުޅަހެޔޮ ހިތެއް ބޭނުންނަމަ ތިބާގެ ވިސްނުމާ ފިކުރު އެންމެ އެދެވޭ ގޮތެއްގައި ބަހައްޓާ ބައްޓަން ކުރުމަކީ ކޮންމެހެންވެސް ކުރުން މަޖުބޫރު އެއްކަމެވެ. އެގޮތުން އެންމެ މުހިއްމު އެއް ކަމަކީ ހިތުގައި އުފެދެ ޖަޒުބާތު ތަކާ އުފެދޭ ޝުއޫރުތައް ދެނެގަތުމެވެ. އަދި ސިކުނޑީގައި އުފެދޭ ބޭކާރު ހިޔާލުތަކާ ތިމާ ދެރަވާ އަދި ރުޅި އަންނަ ކަންކަމުން ދުރުހެލިވުމެވެ. އެހެނީ ހިތާ ސިކުނޑީއަކީ ގުޅި ލާމެހިފައިވާ ދެގުނަވަނެވެ. އަދި އެއްވެސް ނަފްސާނީ ބަލިމަޑުކަމެއް ހުރިނަމަ އެކަންކަމަށް ސިއްހީ މާހިރުންގެ ލަފާ ހޯދުމަކީ ވެސް ކުރެވިދާނެ މުހިއްމު ކަންކަމެވެ.

29 ސެޕްޓެމްބަރުގައި ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަ ކޮށްފައިވާއިރު ހިތާ ބެހޭ ގިނަ މައުލޫމާތުތައް ދެނެގަނެ އެނގުމަކީ މުހިއްމު ކަމެކެވެ. ގިނަ އަދަދެއްގެ ބަޔަކު ހިތުގެ ތަފާތު އެކި ބަލިތަކުގައި މަރުވަމުންދާއިރު ދުޅަހެޔޮ ހިތެއް ލިބި އަދި ހިތުގެ ބަލިތަކުން ހިތް ރައްކާތެރި ކުރުމަށްް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެކެވެ. އެއީ ތިބާގެ ނަފްސަށް ވެދެވޭ އެހީއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
100%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް