ކ. މާލެ
|
29 ސެޕްޓެންބަރ 2020 | އަންގާރަ 14:38
ނުވަ ރަށެއްގެ ދަނޑުގައި ޓާފް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ނުވަ ރަށެއްގެ ދަނޑުގައި ޓާފް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ކުޅިވަރާ ބެހޭ ވުޒާރާ
ޓާފް ދަނޑުތަކުގެ މަސައްކަތް
އިތުރު ނުވަ ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އެޅުމަށް ސޮއިކޮށްފި
 
މިހާތަނަށް ވަނީ ފަސް ރަށެއްގައި ޓާފް ދަނޑު އެޅުމުގެ މަސައްކަތް ނިންމާލާފައި
 
މި މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑާ

ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅުމަށް ނިންމާފައިވާ ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން އިތުރު ނުވަ ރަށެއްގެ ދަނޑުތަކުގައި ޓާފް އެޅުމުގެ އެއްބަސްވުމުގައި އަންގާރަ ދުވަހު ސޮއިކޮށްފިއެވެ.

އަންގާރަ ދުވަހު ކުޅިވަރާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފެވެ.

ރާއްޖޭގެ ނުވަ ރަށެއްގެ ދަނޑުގައި ޓާފް އެޅުމުގެ އެއްބަސްވުމުގައި އަންގާރަ ދުވަހު ސޮއިކުރިއިރު، އެ ރަށްތަކަކީ ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހދ. ނޮޅިވަރަމް، ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި، މ. ދިއްގަރު، ދ. ކުޑަހުވަދޫ، ތ. ތިމަރަފުށި އަދި އައްޑޫ ސިޓީގެ ރަށެކެވެ. މީގެ ތެރެއިން އައްޑޫ ސިޓީގައި ޓާފް އަޅާ ރަށެއް ކަނޑައެޅިގެންދާނީ ނޭޝަނަލް ޓެންޑަ ބޯޑާއި މަޝްވަރާކުރެއްވުމަށް ފަހު ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ނުވަ ރަށުގެ ދަނޑުތަކުގައި ޓާފް އެޅުމަށް ހަވާލުކޮށްފައިވަނީ 30 މިލިޔަން ރުފިޔާއަށެވެ.

ނުވަ ރަށެއްގެ ދަނޑުގައި ޓާފް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މި މަސައްކަތް ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެއްވުމަށްފަހު ވަޒީރު ވިދާޅުވީ މިހާތަނަށް އައިރު ގާތްގަނޑަކަށް 40 ރަށެއްގެ ދަނޑުތަކުގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ޖުމްލަ 15 ރަށެއްގެ ޓާފް ދަނޑުތަކުގެ މަސައްކަތް ނިންމުމަށް އަމާޒުހިފާފައިވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ފެންވަރު ރަނގަޅު 100 ޓާފް ދަނޑު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ތިން އަހަރު ތެރޭ އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

އަންގާރަ ދުވަހު ނުވަ ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އެޅުމަށް ސޮއިކުރިއިރު، ހޯމަ ދުވަހު ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ 13 ރަށެއްގެ ދަނޑުތަކުގައި ޓާފް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، މިހާތަނަށް ވަނީ ތ. ވިލުފުށީ ޓާފް ދަނޑާއި، ރ. އަލިފުށި ޓާފް ދަނޑާއި، ފ. ނިލަންދޫ ޓާފް ދަނޑާއި ނ. ކެނދިކުޅުދޫ ޓާދް ދަނޑުގެ އިތުރުން އެ އަތޮޅު ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލާފައެވެ. ސަރުކާރުން ޓާފް ދަނޑުތައް އެޅުމަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ލީގު ކުރިއަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
50%
50%
0%
0%
0%
0%
ކޮމެންޓް