ކ. މާލެ
|
29 ސެޕްޓެންބަރ 2020 | އަންގާރަ 12:27
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ޔޫސުފް ސޮފްވާން ރަޝީދު
ޓެކްސް ދެއްކުމުގައި އަމަލު ކުރާނެ އުސޫލު
ޓެކްސް ދެއްކުމުގައި އަމަލު ކުރާނެ ހާއްސަ އުސޫލުތަކެއް ކަނޑައަޅައިފި
 
މިއުސޫލު ކަނޑައަޅާފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން
 
ޤާނޫނުގެ ދަށުން އެ ފައިސާ ހޯދުމުގެ އިޚްތިޔާރު ދައުލަތަށް ލިބިގެންވޭ

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ޓެކްސް ދެއްކުމުގައި އަމަލު ކުރާނެ ހާއްސަ އުސޫލުތަކެއް ކަނަޑައަޅައިފި އެވެ.

ގާނޫނީ އޮނިގަނޑެއް އެކުލަވާލާ އަމަލު ކުރަން ފަށާފައިވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ވަގުތީ ގާނޫނުގެ ދަށުންނެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި ޓެކްސް ޤާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ޓެކުހަކާއި ގުޅިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ފައިސާ ދެއްކުމަށް ޤާނޫނެއްގައި ކަނޑައަޅާފައިވާ މުއްދަތު، ސަރުކާރުން ކަނޑައަޅާ ތާރީޚެއްގެ ނިޔަލަށް ވަގުތީ ގޮތުން ފަސްކޮށްދިނުމުގެ އިޚްތިޔާރު، ސަރުކާރަށް ލިބިގެންވެއެވެ.

އެގޮތުން ޓެކުހަށްވާ ފައިސާ ދެއްކުން ފަސްކޮށްފިނަމަ، އެފަދައިން ފަސްކުރެވޭ މުއްދަތާއި، އެ ފައިސާ އަލުން ދައްކަން ފަށާނެ މުއްދަތު، ސަރުކާރުން ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި ޓެކުހެއް ދެއްކުން ފަސްކުރެވޭ ކަމަށް ބަޔާންކުރާ ޙާލަތުގައި، އެ ފަސްކުރެވެނީ އެ ޓެކުހަށްވާ ފައިސާ ދައުލަތަށް ދައްކަންޖެހޭ މުއްދަތެވެ.

އަދި އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެ ފައިސާ ދެއްކުން ފަސްކޮށްދެވޭ މުއްދަތު ހަމަވުމަށްފަހު އެ ފައިސާ އަލުން ދެއްކުމަށް ކަނޑައެޅޭ މުއްދަތުގައި ނުވަތަ ތާރީޚުގައި އެ ފައިސާ ދައްކާފައިނުވާނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އެ ފައިސާ ހޯދުމުގެ އިޚްތިޔާރު ދައުލަތަށް ލިބިގެންވާ ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

ހާއްސަ އުސޫލުގެ ދަށުން އެއްވެސް ޓެކުހަކާގުޅޭ ފައިސާއެއް ދެއްކުމުގެ މުއްދަތު ފަސްކުރާނަމަ، އެކަމާ ގުޅޭގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާނާއި އެނޫންވެސް ލިޔެކިޔުން ހުށަހެޅުން އެ އޮތޯރިޓީން ފަސްކޮށްދޭންވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޓެކުހުން 7.7 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ވަނީ ދައްކާފަ އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ފާއިތުވި އަހަރުގެ މި މުއްދަތުގައި 12.2 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.

މީގެ އިތުރުން ނަން ޓެކްސް ރެވެނިއުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 1.6 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ފާއިތުވި އަހަރު ލިބިފައި ވަނީ 3.5 ބިލިއަން ރުފިޔާއެވެ. އަދި ކެޕިޓަލް ރިސީޕްޓްސްގެ ގޮތުގައި 5.7 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ގްރާންޓްސްގެ ގޮތުގައި ލިބިފައި ވަނީ 188.7 މިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 9.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ދައުލަތުން 17.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް