ހޯމަ 26 އޮކްޓޯބަރ 2020
09 ހެއި
1442 ރަބީއުލް އައްވަލް 09
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
އިރުއޮއްސޭ 17:52
އިޝާ 19:04
ކޮވިޑް ރެޕިޑް ޓެސްޓު ކިޓު ދިނުން

ބައި ގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބޭ ކޮވިޑް ޓެސްޓް ކިޓް ޑަބްލިޔުއެޗްއޯއިން ހަދިޔާކުރަނީ

  • ޑަބްލިޔުއެޗްއޯއިން ކުރިއަށް ހަ މަސް ދުވަހުގެ ތެރޭގައި 120 މިލިއަން ޓެސްޓް ކިޓް ފޯރުކޮށްދޭނެ
  • 133 ގައުމަކަށް މި ޓެސްޓް ކިޓްތައް ދޭއިރު، އިސްކަން ދޭނީ ފަގީރު ގައުމުތަކަށް
  • މިއީ ބިލް އެންޑް މެލިންޑް ގޭޓްސް ފައުންޑޭޝަނުން ހަރަދުކޮށްގެން ހިންގާ ޕްރޮގްރާމެއް

ކ. މާލެ | 29 ސެޕްޓެންބަރ 2020 | އަންގާރަ 03:42 | 7,806

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންނަނީ މެމްބަރު ގައުމުތަކާ ގުޅިގެން ކޮވިޑް ކޮންޓްރޯލްކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން - އޭއެފްޕީ

ކުދި އަދި މެދު އާމްދަނީ ލިބޭ ގައުމުތަކަށް 120 މިލިއަން ކޮވިޑް ރެޕިޑް ޑައިގްނޯސްޓިކް ޓެސްޓު ކިޓް ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ނިންމައިފިއެވެ.

ޓެސްޓް ކިޓާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިޔޭސަސް ވިދާޅުވީ، އަލަށް ތައާރަފުކުރެވުނު ޓެސްޓް ކިޓުން 30-15 މިނިޓުގެ ތެރޭގައި ނަތީޖާ ލިބޭނެ ކަމަށެވެ. އަދި މި ޓެސްޓް ކިޓަކީ އެއްތަނުން އަނެއް ތަނަށް އުފުލުމަށާއި ބޭނުންކުރަން ފަސޭހަ ކިޓެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

ރެޕިޑް ޓެސްޓް ކިޓްތައް އުފައްދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދަރުމައަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމުގައިވާ ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނާއި، ފާމަސޫޓިކަލް ކުންފުނިތައް ކަމުގައިވާ އެބޮޓް އަދި އެސްޑީ ބަޔޯސެންސަރ އާއެވެ. އެގޮތުން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި 120 މިލިއަން ޓެސްޓް ކިޓް އުފައްދާނެއެވެ.

މި ޓެސްޓް ކިޓްތައް ލިބުމުން، މެދު މިނުގެ އާމްދަނީ ލިބޭ ގައުމުތަކާއި، ފަގީރު ގައުމުތަކުގެ ޓެސްޓިންގ ކެޕޭސިޓީ ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފައެވެ. އަދި ސިއްހީ މަސައްކަތްތެރިންނާއި ލެބޯޓްރީ ހިދުމަތް ދިނުމުގައި ދަތިތައް ދިމާވެގެން އުޅޭ ގައުމުތަކަށް ވެސް މި ކިޓުތައް ފޯރުކޮށްދިނުމުން، ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ ގައުމުތަކުން ކޮވިޑް ކޮންޓްރޯލް ކުރަން ކުރާ މަސައްކަތަށް އެޅިފައިވާ އެންމެ ބޮޑު އެއް ހުރަހަކީ ޓެސްޓުގެ ނަތީޖާ ލިބުން ލަސްވުމެވެ. އަދި ކޮވިޑް ބޮޑަށް ފެތުރިފައިވާ ގައުމުތަކުގެ ހަގީގީ އަދަދުތައް ނޭނގިގެން އުޅެނީ ޓެސްޓިންގ ކެޕޭސިޓީ ދަށްވުމުން ކަމަށް ފާހަގަކޮށް ބައެއް މާހިރުން ބުނެފައިވަނީ، ޓެސްޓުކުރާ އަދަދު އިތުރުކޮށްފިނަމަ ކޭސްތަކުގެ އަދަދުތައް މާ ބޮޑަށް އިތުރުވާނެއެވެ.

އެ ޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި 133 ގައުމަކަށް މި ޓެސްޓް ކިޓްތައް ފޯރުކޮށްދެވޭނެއެވެ. އަދި މިކަމުގައި އެންމެ އިސްކަމެއް ދޭނީ ފަގީރު ގައުމުތަކާއި، މެދު އާމްދަނީ ލިބޭ ގައުމުތަކުގެ ތެރެއިން ވެސް ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކަށް ޓެސްޓް ކިޓްތައް ފޯރުކޮށްދިނުމަށެވެ.

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.