ކ. މާލެ
|
29 ސެޕްޓެންބަރ 2020 | އަންގާރަ 01:35
އެޗްއީއޯސީގައި ހޯމަ ދުވަހުގެރޭ ބޭއްވި ޕްރެސް ބްރީފިންގައި ޑރ. ޝަހީދު ވާހަކަ ދައްކަނީ
އެޗްއީއޯސީގައި ހޯމަ ދުވަހުގެރޭ ބޭއްވި ޕްރެސް ބްރީފިންގައި ޑރ. ޝަހީދު ވާހަކަ ދައްކަނީ
އެޗްއީއޯސީ
ގެސްޓުހައުސްތައް ހުޅުވާލުން
ގެސްޓުހައުސް ހުންނަ ކޮންމެ ރަށެއްގައި ފްލޫ ކްލިނިކެއް ހުންނަން ޖެހޭ
 
ޒަރޫރީ ހާލަތްތަކުގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ
 
ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަން އެސްއޯޕީގައި ހިމަނާފައިވޭ
 
ގެސްޓުހައުސްތައް ހުޅުވާލަނީ އަންނަ މަހު 15 ގައި

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ގެސްޓުހައުސްތައް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލާއިރު، ގެސްޓު ހައުސްތައް ހުންނަ ކޮންމެ ރަށެއްގައި ފްލޫ ކްލިނިކް ގާއިމްކޮށްފައި ހުންނަން ޖެހޭ ކަމަށް ހެލްތް މިނިސްޓަރަށް ލަފާއަރުވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓެގްގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ގެސްޓްހައުސްތައް ހުޅުވުން ލަސްކުރީ ގެސްޓުހައުސްތަކަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ތަންތަނަށް ވުމުގެ އިތުރުން ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ ގޮތް އިތުރަށް ބަލަން ކަމަށެވެ. ގެސްޓުހައުސްތައް އަލުން ހުޅުވާލަން ހުއްދަ ދޭން ނިންމާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.

ޑރ. ޝަހީދު ވިދާޅުވީ، ގެސްޓުހައުސްތައް ހުޅުވާލަން ހުއްދަ ދިންކަމުގައި ވިޔަސް މާލޭ ސަރަހައްދުގެ ގެސްޓު ހައުސްތައް ހުޅުވާލުމުގެ ހުއްދަ ދޭން އަދި ނިންމާފައިވާ ނުވާ ކަމަށެވެ. އެއީ ރާއްޖެއިން ފެެންނަ ގިނަ ކޭސްތަކަކީ ގްރޭޓާ މާލެ ސަރަހައްދުން ރިޕޯޓް ކުރެވޭ ކޭސްތަކަށް ވާތީއެވެ. މާލޭގައި ދިރިއުޅޭ މީހުންނަށް ރަށްރަށުގެ ގެސްޓުހައުސްތަކަށް ދިޔުމުގެ ހުއްދަ އެއްވެސް ނުލިބެއެވެ.

ގެސްޓްހައުސްތައް ހުޅުވާލާއިރު އަޅާފައި ހުންނަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް

ޓާސްކް ފޯސް އެކުލަވާލުން

ގެސްޓު ހައުސްތައް ހުންނަ ކޮންމެ ރަށެއްގައި ވެސް ޓާސްކު ފޯސްއެއް އެކުލަވާލަން ޖެހެއެވެ. ޓާސްކު ފޯހުގެ މައިގަނޑު ޒިންމާއަކީ ޕޮޒިޓިވް މީހުން ކަރަންޓީނު ކުރުމާއި، ސާމްޕަލް ނެގުމާއި، ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް މޮނިޓާ ކުރުމެވެ. އަދި ރަށު ކައުންސިލްތަކާއި ގުޅިގެން މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ޕްރޮގްރާމްތަކެއް ހިންގަން ޖެހޭނެއެވެ. މި ޕްރޮގްރާމުގެ ތެރެއިން ކޮވިޑާ ބެހޭ ގޮތުން މައުލޫމާތު ދިނުމާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަހުލުވެރި ކުރުވުން ހިމެނެއެވެ.

ގެސްޓްހައުސް ސޭފް ޕްލޭން

ކޮންމެ ގެސްޓުހައުސްއެއްގައި ސޭފް ޕްލޭން އެއް ހެދިފައި އޮންނަން ޖެހޭނެއެވެ. އެ ސޭފް ޕްލޭންގައި ގެސްޓުހައުސް އިން ބަލި ފެނިއްޖެ ހާލަތެއްގައި އަމަލުކުރަން ޖެހޭ ގޮތާއި، ފަތުރުވެރިންގެ އިތުރުން މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި އެޅިފައިވާ ފިޔަވަޅުތައް އެނގެން ހުންނަ ޖެހޭނެއެވެ. އޭގެ ތެރޭގައި މަސައްކަތްކުރާ މުވައްޒަފުން ޑިއުޓީ ނިންމުމަށް ފަހު ގެޔަށް ދިޔުމުގެ ކުރިން ފެންވެރޭނެ އިންތިޒާމް ހަމަޖައްސާފައި ހުންނަން ޖެހެއެވެ.

ފްލޫ ކްލިނިކް

ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒު ނުވަތަ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް ގާއިމްކުރަން ޖެހެއެވެ. ފްލޫ ކްލިނިކެއް ހުންނަން ޝަރުތުކޮށްފައިވަނީ، ފަތުރުވެރިންނަށް ގެސްޓްހައުސްތައް ހުޅުވާލުމާ އެކު ކޮވިޑް ފެތުރިގެން ދިއުމުގެ ފުރުސަތު އޮތުމުންނެވެ.

އައިސޮލޭޝަން

ޗުއްޓީ ހޭދަކުރަން ރަށްރަށަށްދާ ފަތުރުވެރިން މީހުންގެ ދިރިއުޅޭ ގޭގައި ބޭތިއްބުން މަނާކޮށްފައިވާއިރު، ފަތުރުވެރިއަކު ޕޮޒިޓިވް ވެއްޖެ ނަމަ އެމީހާ އައިސޮލޭޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ހުންނަން ޖެހެއެވެ. ނަމަވެސް، ފަތުރުވެރިން ތިބޭ ގެސްޓުހައުސްގައި މީހުން އައިސޮލޭޓް ކުރުން މަނާވާނެއެވެ.

ފަތުރުވެރިން އުފުލާ އުޅަނދުފަހަރު

ގެސްޓުހައުސް ހުންނަ ރަށްތަކުގައި ބޭނުންކުރާ ކާރުތަކުގައި ޑްރައިވަރު ކޮމްޕާޓްމެންޓާއި ފަސެންޖާ ކޮމްޕާޓްމެންޓާއި ދެމެދު ރަބަރު ޝީލްޑެއް ހުންނަ ޖެހޭނެއެވެ. އަދި ފަތުރުވެރިން އުފުލާ ބޯޓު ނުވަތަ ލޯންޗު ފަހަރުގައި މައުލޫމާތު އެނގޭނެހެން ފަސިންޖަރުންގެ މެނިފެސްޓޯއެއް އޮންނަން ޖެހެއެވެ.

މާސްކު އެޅުން

ގެސްޓްހައުސްތައް ހުންނަ ރަށްރަށުގައި އާންމުންގެ ތެރެއަށް ނިކުމެއުޅޭ ހުރިހާ ގަޑިތަކެއްގައި ފޭސް މާސްކު އެޅުމަށް މަޖުބޫރެވެ. އަދި މިއިން ރަށެއްގެ މީހުން ދިރިއުޅޭ އެއްވެސް ގެއަކަށް، އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިއަކު ވަނުމަކީ މަނާ ކަމެކެވެ.

ފަތުރުވެރިން އެއް ރަށުން އަނެއް ރަށަށް ދިއުން

ރައްކާތެރިކަމުގެ ގޮތުން އެއް ރަށުން އަނެއް ރަށަށްދާ ފަތުރުވެރިން ކަރަންޓީނުވާ ގޮތަށް އޮތަސް ގެސްޓު ހައުސް ހުންނަ ރަށެއްގެ ފަތުރުވެރިޔަކު ޒަރޫރީ ހާލަތުގައި އެހެން ރަށަކަށްދާން ޖެހުނަސް ކަރަންޓީނުވާން ނުޖެހޭނެއެވެ.

ސެނިޓައިޒަރ އަދި ޕީޕީއީ

ގެސްޓްހައުސްތައް ހުޅުވަން ހުއްދަދެވޭ ރަށްރަށުގެ ސިއްހީ ފަރުވާދޭ ތަންތަނުގައި ޕީޕީއީ އާއި ސެނެޓައިޒާ ހުުރިތޯ ޔަގީންކުރަން ޖެހެއެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ގެސްޓު ހައުސްތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވާލަނީ އޮގަސްޓު 15 ގައި

ގެސްޓު ހައުސްތައް ހުޅުވާލަން ސަރުކާރުން ނިންމާފައިވާއިރު، ކޮވިޑުގެ ހާލަތާއި ގުޅިގެން ބައެއް ގެސްޓުހައުސްތައް ވަނީ އެއްކޮށް ބަންދުކޮށްފައެވެ. އަދި މިގޮތަށް ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮންނަން ޖެހުމުގެ ސަބަބުން މި ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޮޑެތި މާލީ ގޮންޖެހުންތަކަކާ އަންނަނީ ކުރިމަތިވަމުންނެވެ. ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ލަފާކުރުންތަކަށް ބަލާއިރު، މި އަހަރު އެކަނިވެސް ގެސްޓް ހައުސް ވިޔަފާރިއަށް 29 މިލިއަން ޑޮލަރުގެ (446.6 މިލިއަން ރުފިޔާގެ) ގެއްލުމެއް ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް