ކ. މާލެ
|
28 ސެޕްޓެންބަރ 2020 | ހޯމަ 21:44
ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ
ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ
ގެޓީ އިމޭޖަސް
ކާންޓޭ ހޯދަން ކުރާ މަސައްކަތް
ޔުނައިޓެޑުން ކާންޓޭއަށް ޝައުގުވެރިކަން ފާޅުކޮށްފި
 
ކާންޓޭ ވިއްކާނުލާނެ ކަމަށްވެސް ލަމްޕާޑް މީގެ ކުރިން ވަނީ ބުނެފައި
 
ޔުނައިޓެޑުގެ އިތުރުން އިންޓަ މިލާނުން އަންނަނީ ކާންޓޭ ހޯދުމަށް މަސައްކަތް ކުރަމުން

ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 29 އަހަރުގެ މިޑްފީލްޑަރު ހޯދުމަށް ޔުނައިޓެޑުން އަންނަނީ ބިޑް ކުރުމަށް ތައްޔާރުވަމުންނެވެ. އަދި ކާންޓޭއަށް ޔުނައިޓެޑުން ހުށަހަޅާ އެއްބަސްވުމުގެ ދަށުން އޭނާއަށް ހަފުތާއަކު 300،000 (ތިން ލައްކަ) ޕައުންޑުގެ މުސާރާއެއް ލިބިގެންދާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ގަތުމަށް މިހާތަނަށް 200 މިލިޔަން ޕައުންޑަށް ވުރެން ގިނައިން ޚަރަދު ކޮށްފައިވާ ޗެލްސީން އަންނަނީ އެ ޓީމުގެ ބައެއް ކުޅުންތެރިން ވިއްކާލުމަށް މަސައްކަތް ކުރަމުންނެވެ. އެކަމަކު ޗެލްސީން ވިއްކާލަން މަސައްކަތް ކުރާ ކުޅުންތެރިންގެ ތެރޭގައި ކާންޓޭ ނުހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުނައިޓެޑުގެ އިތުރުން ކާންޓޭ ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ އިންޓަ މިލާނުންނެވެ. މީގެ ކުރިން އިންޓައިން ކާންޓޭ ހޯދުމަށް ކުރި ބިޑް ޗެލްސީން ބަލައިގަނެފައެއް ނުވެއެވެ. އިންޓައިން އެފަހަރު ބިޑް ކުރީ އެ ޓީމުގެ ދެ މިޑްފިލްޑަރުން ކަމަށްވާ ކްރިސްޓިއަން އެރިކްސަން އާއި މާސެލޯ ބްރޮޒޮވިޗް ޗެލްސީއަށް ހުށަހަޅާފައެވެ. އެހެންކަމުން އިންޓައިން މިހާރު ތައްޔާރުވަމުން އަންނަނީ އެ ޓީމުގެ ތިން ކުޅުންތެރިން ޗެލްސީއަށް ހުށަހެޅުމަށްފަހު 30 މިލިޔަން ޕައުންޑަށް ކާންޓޭ ގެނައުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގައި ކާންޓޭއަށް ގިނަ މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާއަކީ އަދިވެސް ޗެލްސީއަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށް އެޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް މީގެ ކުރިން ވަނީ ބުނެފައެވެ. އަދި ކާންޓޭ ޗެލްސީގައި ދިގު މުއްދަތަކަށް މަޑުކުރުވަން ބޭނުން ކަމަށާއި، ކާންޓޭ ވިއްކާނުލާނެ ކަމަށްވެސް ލަމްޕާޑް ވަނީ ބުނެފައެވެ.

ލެސްޓާ ސިޓީން ވިދާލި ކާންޓޭ ޗެލްސީއަށް ބަދަލުވީ 2016 ވަނަ އަހަރެވެ. މިހާތަނަށް ޗެލްސީއަށް ކުޅެދިން 173 މެޗުގައި 11 ލަނޑު ޖަހާފައިވާ ކާންޓޭ ވަނީ ޗެލްސީއާއެކު އިނގިރޭސި ޕްރިމިއާ ލީގާއި، އެފްއޭ ކަޕްގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގުވެސް ކާމިޔާބުކޮށްފައެވެ. އަދި ފްރާންސްގެ ގައުމީ ޓީމާއެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ކާންޓޭ ވަނީ ޕީއެފްއޭއިން ހޮވާ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް