ހޮނިހިރު 24 އޮކްޓޯބަރ 2020
07 ހެއި
1442 ރަބީއުލް އައްވަލް 07
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
އިރުއޮއްސޭ 17:52
އިޝާ 19:05
މައުލޫމާތު ހޯދައި ލިބިގަތުމުގެ ދުވަސް

މައުލޫމާތު ހާމަކުރުމަކީ އިޚުތިޔާރީ ކަމަކަށް ނުހަދާ އިސްނަގައިގެން މައުލޫމާތު ހާމަކުރުމަށް އޭސީސީގެ ރައީސް އިލްތިމާސް ކުރައްވައިފި

  • މި ޤާނޫނު ފާސްވެގެން ދިޔުމާއެކު ދައުލަތުގެ މުއައްސަސާތަކުން މައުލޫމާތު ހިފަހައްޓަމުން އައި ޘަގާފަތް ނިމުމަކަށް އައުމުގެ އުންމީދު އައު ވެގެންދިޔަ
  • ހާލަތު ބަދަލުވެ މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނަށް އަމަލުކުރަމުންދާ ކަމުގެ އިހުސާސްކުރެވޭ ކަމަށް ވިދާޅުވި
  • ރައްޓެހިން މެދުވެރިކޮށް ކަންކަން ކުރަންޖެހޭ ގޮތަށް އޮންނަގޮތް ނިމުމަކަށް ގެނެސް ނަޒާހަތްތެރިކަމާއެކު މައުލޫމާތު ފޯރުކޮށްދޭންޖެހޭ ކަމަށް ވިދާޅުވި

ކ. މާލެ | 28 ސެޕްޓެންބަރ 2020 | ހޯމަ 22:38 | 2,370

އޭސީސީ ގެ ރައީސް މަރިޔަމް ޝިއުނާ - ރާއްޖެއެމްވީ

މައުލޫމާތު ހާމަކުރުމަކީ ދައުލަތުގެ އިދާރާތަކުން އިޚުތިޔާރީ ކަމެއްގެ ގޮތުގައި ނަހައްދަވާ އިސްނަގައިގެން މައުލޫމާތު ހާމަކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ އެދިވަޑައިގެންފި އެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ދުވަހުގެ މުނާސަބާތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އޭސީސީގެ ރައީސް ވިދާޅުވީ ދުވަހުގެ މުނާސަބަތުގައި ދެކަމަކަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ފުރަތަމަ ކަމަކަށް ދައުލަތުގެ އިދާރާތަކުގައި މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ތިބި އިންފޮރމޭޝަން އޮފިސަރުންގެ އަރިހުން އެދިވަޑައިގަންނަވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނު ތަންފީޒުކޮށް ރައްޔިތުންނަށް އަދި ފާރަވެރިވާ ފަރާތްތަކަށް ޖަވާބުދާރީވާން ތިބި ފަރާތްތަކަކީ އިންފޮރމޭޝަން އޮފިސަރުން ކަމަށްވާތީ ފަސްނުޖެހި ލަސްނުކޮށް ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދީ ހާމަކޮށްދިނުމަށް ކަމަށެވެ.

އަދި ދައުލަތުގެ އިދާރާތަކުގެ އިސްވެރިންގެ އަރިހުން އެދިވަޑައިގަންނަވަނީ އިޚުތިޔާރީ ކަމެއްގެ ގޮތުގައި އެކަން ނުހައްދަވާ މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށް ޝިއުނާ ވިދާޅުވިއެވެ. އެގޮތަށް ކަންތައް ކުރެވޭނަމަ ނަޒޭހަތްތެރިވެ ރައްޔިތުން ދައުލަތަށް ކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ 2014 ވަނަ އަހަރު މި ޤާނޫނު ފާސްވެގެން ދިޔުމާއެކު ދައުލަތުގެ މުއައްސަސާތަކުން މައުލޫމާތު ހިފަހައްޓަމުން އައި ޘަގާފަތް ނިމުމަކަށް އައުމުގެ އުންމީދު އައު ވެގެންދިޔަ ކަމަށެވެ. އަދި ކިތަންމެ ފުރިހަމަ ޤާނޫނެއް އޮތަސް އަދި އެހިސާބުން އެހައްގު ކަށަވަރުނުވާ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

މި ޤާނޫނު ތަންފީޒުކުރުމަށްޓަކައި އިންފޮރމޭޝަން ކޮމިޝަނަރ ގެ އޮފީހަށް އެޖާގަ ލިބެންޖެހޭކަމަށް އަޅުގަނޑު ގަބޫލުކުރަން އަދި ހަމައެއާއެކު ރައްޔިތުން ނޫނީ މައުލޫމާތުގެ ޑިމާންޑް ސައިޑްގައި މިތިއްބަވާ ރައްޔިތުން މައުލޫމާތު ހޯދަން މަސައްކަތްކުރަން ޖެހޭ ކަމަށް ދެކެން. އަދި މިޤާނޫނަށް އަހުލުވެރިވާން ޖެހޭ ކަމަށްވެސް ގަބޫލުކުރަން. އަދި ހަމައެއާއެކު ދައުލަތުގެ އިދާރާތައް ނޫނީ އިންފޮރމޭޝަން ފޯރުކޮށްދޭން ތިއްބަވާ ފަރާތްތައް މައުލޫމާތު ފުރިހަމައަށް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ. އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މައުލޫމާތަށް ޑިމާންޑަށް ނުކުރާނަމަ އަދި މައުލޫމާތު ރަނގަޅަށް ދޭނެ ބަޔަކު ނެތްނަމަ މި ޤާނޫނުގެ ބޭނުމެއްނެތް. މިކަން ކޮންމެސް ވަރަކަށް އެނގޭ ކަންނޭންގެ މިޤާނޫނު ފާސްވެގެންދިޔަ ދުވަސްވަރު އެކަމަށް ދޭންޖެހޭ އަހަންމިއްޔަތު ނުދެވި ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރެ އަދި ޤާނޫނު ފާސްކޮށް އަމަލުކުރަން ފެށުމާއި ދެމެދު އެކަށީގެންވާ މުއްދަތެއް ލިބިގެންދިޔަ.

~ އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ

ޝިއުނާ ވިދާޅުވީ އެހެންނަމަވެސް މިހާރު ހާލަތު ބަދަލުވެ މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނަށް އަމަލުކުރަމުންދާ ކަމުގެ އިހުސާސްކުރެވޭ ކަމަށެވެ. ބައެއް އިދާރާތަކުން އަދިވެސް މައުލޫމާތު ހިފެހެއްޓުމުގެ އުސޫލުތަކެއް ގެންގުޅުނު ނަމަވެސް ޖުމްލަ ގޮތެއްގައި ދައުލަތުގެ ގިނަ އިދާރާތަކުން މިކަމަށްދޭ އަހައްމިއްޔަތުކަން ފެނިގެންދާ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

އަދި އިންފޮރމޭޝަން ކޮމިޝަނަރުގެ މަސައްކަތަކީވެސް މިއަދު ފާހަގަކޮށްލެވޭ މަސައްކަތެއް ކަމަށް ޝިއުނާ ވިދާޅުވި އެވެ. އެގޮތުން އިންފޮރމޭޝަން ކޮމިޝަނަރ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ އަޑުއެހުންތައް ހުޅުވާލައިގެން ކުރިޔަށްގެންދާ ކަމީ މިހައްގުގެ ދިފާއުގައި ބަޔަކު ތިބިކަން އަންގައިދޭ ކަމެއްކަމަށް ޝިއުނާ ވިދާޅުވިއެވެ. އަދި ރައްޔިތުންވެސް މި ޤާނޫނުގެ ބޭނުންކޮށްގެން މައުލޫމާތު ހޯދުމަށް ފޯރމް ހުށަހަޅައިގެން މައުލޫމާތު ހޯދަމުންދާތަން ފެންނަމުންދާ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

ޚާއްސަކޮށް މައުލޫމާތު ހޯދުމަށްޓަކައި އާރުޓީ ފޯރމް ހުށަހަޅައިގެން އެތައް ބައިވަރު މައުލޫމާތުތަކެއް އެއްކޮށް ވެބްސައިޓްތައް އުފައްދާ އަދި ދިރާސާތައް ކުރާތަން. އަދި މިދިރާސާތަކުގެ މައުލޫމާތުތައް ބޭނުންކޮށްގެން ރައްޔިތުން ތަމްސީލުކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވަން ބޭނުންކުރާތަން މިހާރު ފެނިގެންދޭ. އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރާގޮތުގައި ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އިސްލާހުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. އިދާރާތަކުގައި ކުރާ މަސައްކަތްތަކުގައި ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތަކަކީ ކޮބައިކަމާއި އެޚިދުމަތްތައް ލިބޭނެ ގޮތާއި ރައްޔިތުން އަމަލުކުރަންވީ ގޮތާއި އިދާރާތަކުން އަމަލުކުރާނެ ގޮތްތަކުގެ މައުލޫމާތުތަކަކީ ވަރަށް ފަސޭހައިން ލިބެންޖެހޭ މައުލޫމާތުތަކެއް. ކޮންމެ ރައްޔިތަކަށްމެ ބޭނުން ކޮންމެ ވަގުތެއްގައިމެ އެމައުލޫމާތު ލިބޭނެ ގޮތް ހޯދައިދޭންޖެހޭ އަދި ރައްޓެހިންނަށް ގުޅައިގެން ނުވަތަ ރައްޓެހިން މެދުވެރިކޮށް ކަންކަން ކުރަންޖެހޭ ގޮތަށް އޮންނަގޮތް ނިމުމަކަށް ގެނެސް ނަޒާހަތްތެރިކަމާއެކު މައުލޫމާތު އަޅުގަނޑުމެން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ.

~ އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ

ޝިއުނާ ވިދާޅުވީ މައުލޫމާތު ހޯދާ ލިބިގަތުމަކީ އިންސާނީ އެތައް ހައްގެއް ކަށަވަރު ކޮށް ޔަގީންކުރުމަށްޓަކައި ލިބިދީފައިވާ ވަރަށް މުހިންމު ހައްގެއް ކަމަށެވެ. އަދި މުޖުތަމައުގެ އެތައް މައްސަލަތަކަކަށް ހައްލު ހޯދައިދޭ ހައްގަކަށް މިހައްގުވާއިރު ރައްޔިތުންގެ ބާރުވެރިކަން އެގައުމެއްގެ ވެރިކަމުގެ ނިޒާމުގައި އޮންނަ މިންވަރު ދެނެގަތުމަށްވެސް މިހައްގު މުހިންމު ކަމަށް ޝިއުނާ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.