raajjemv logo
ޝާފިއުގެ ހުނަރުވެރިކަން
ޝާފިއުގެ ތަރިކައިގެ ދުނިޔެ، އަންތަރީސްވޭ!
 
އެކަން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކާ މޮޑެލްތައް ހަދަން ފެށީ
 
މިއީ ކުރެހުމުގެ ތެރެއިން ތްރީ ޑީ ކޮށް ކުރަހަން ފެށުނު ކަމެއް
ރިޒުނާ ޒަރީރު
10,624
ކ. މާލެ |
28 ސެޕްޓެންބަރ 2020 | ހޯމަ 23:09
ޝާފިއު އޭނާ ތައްޔާރުކޮށްފައިވާ މާލޭ ގަޑީބުރުގެ މޮޑެލްއާއި އެކު
ރާއްޖެއެމްވީ

ފޭސްބުކްގެ ޕޭޖުތައް ބަލަމުން ދަނިކޮށް ގާފޮޅު ނަމަކަށް ކިޔާ ޕޭޖަކުން ފެނުުނު އާދަޔާ ހިޔާލާފު މަންޒަރަކުން އާށޯހުވެގެން ދިޔައެވެ. ފެނުނީ އަސްލާ ނުހަނު އެއްގޮތަށް ފަރުމާ ކޮށްފައިވާ މެދުޒިޔާރަތުގެ ދޮރާށީގެ މޮޑެލްއެކެވެ.

އެ ޕޭޖު އިތުރަށް ބަލާލުމުން ފެނުނު މޮޑެލްތަކުގެ ފުރިހަމަ ކަމުން ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އެންމެ ގަޔާވާ އެއް މޮޑެލް އަކަށް ފެނުނީ މާލޭ ގަޑީބުރުގެ އިތުރުން ހަތިމްގެ މޮޑެލް އެކެވެ. ކޮށްފައިވާ ބުރަ އެހެނަސް ފުރިހަމަ އެ މަސައްކަތުގެ ރީތި ކަމާ ސާދާކަމަށް ތައުރީފު ކުރެވުނެވެ.

ރ. ހުޅުދުއްފާރަށް އުފަން އުމުރުން 28 އަހަރުގެ އަބްދުﷲ ޝާފިއު ކޮށްފައިވާ ބުރަ މަސައްކަތާ ބެހޭ ގޮތުން އޭނާ ބުނީ އެންމެ ކުޑައިރުން ފެށިގެން ވެސް އޭނާ ކުރަހާ ކަމަށެވެ. އެ މަސައްކަތް ފެށުނު ގޮތް ކިޔައި ދެމުން ޝާފިއު ބުނީ ކުރެހުމުގެ ތެރެއިން ތްރީ ޑީ ކޮށް ކުރަހަން ފެށުނު ކަމަށެވެ. އަދި އެއަށް ފަހު އެކަން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކާ މޮޑެލްތައް ހަދަން ފެށި ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

ޝާފިއު ހަދާފައިވާ ހަތިމްގެ މޮޑެލްއެއް

އަބަދުވެސް މިދާއިރާއަށް ޝައުގު ވެރިކަން ހުންނަ ޝާފިއު ބުނީ މޮޑެލްތައް ތައްޔާރު ކުރުމަށް އާއްމުކޮށް ފުރަތަަމަ ބޭނުން ކުރީ ފުށްތެރަހާ ފޮށި ކަރުދާސް ގެ އިތުރުން އޭ4 ސައިޒުގެ ކުލަގަނޑު ކަމަށެވެ. އެއަށް ފަހު އިތުރު އެއްޗެހި ބޭނުން ކުރަމުން ގޮސް މިހާރު ބޭނުން ކުރަނީ ސަންބޯޑާ ފޮންބޯޑުކަމަށް ޝާފިއު ކިޔައިދިނެވެ.

ސަން ބޯޑާ ފޮން ބޯޑު ހޯދުމަށް މާގިނަ ދަތިތަކެއް ދިމާނުވިކަން ފާހަގަކޮށް ޝާފިއު ބުނީ ބޭރުގެ ބައެއް ފަރާތްތަކުން ބޭނުން ކުރާ ބައެއް ވަސީލަތްތައް ރާއްޖެއިން ލިބެން ނުހުންނަ ކަމަށެވެ.

މޮޑެލްތައް ހެދުމަށްފަހު ދެން ކުރަނީ ކީއްތޯ އެހެމުން ޝާފިއު ބުނީ ބައެއް ފަހަރު މައުރަޒުތަކަށް ދޫކޮށްލާ ކަމަށެވެ. އަދި އަނެއްބައިފަހަރު މީހުންގެ އެދުމުގެ މަތިން އެ އެއްޗެހި ވިއްކާ ކަމަށް ވެސް އޭނާ ބުންޏެވެ. މީގެ އިތުރުންވެސް އިތުރު މައުރަޒުތަކުގައި މި އެއްޗެހި ޝޯކޭސް ކުރަން ވަރަށް ބޭނުންވާ ކަމަށްވެސް ޝާފިއު ވަނީ ބުނެފައެވެ. އަދި މިދާއިރާއިން ދެވެން އޮތް އެންމެ މައްޗަކަށްދާން ބޭނުންވާ ކަމަށާއި ރާއްޖެ އަކީ ފަތުރުވެރިކަމަށް ބިނާވާ ގައުމަކަށްވާއިރު އުއްމީދަކީ ރިސޯޓުތަކުން އޮފަރތައް ލިބުން ކަމަށް އޭނާ ބުންޏެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މަސައްކަތް ކުރަމުންދާ ޝާފިއު ބުނީ ވަޒީފާ އަދާކުރަމުން، އަދި ކިޔަވަމުން މޮޑެލްތައް ހަދަން ކޮންމެވެސް ވަރަކަށް އުނދަގޫ ކަމަށެވެ. އެހެންނަމަވެސް ހޮބީ އެއްގެ ގޮތުން ކުރާ މި މަސައްކަތުގެ ސަބަބުން ވަޒީފާ އަދާކުރުމަށް އެއްވެސް ބުރޫއެއް ނާރާ ކަމަށް ޝާފިއު ބުނެއެވެ.

ޝާފިއު ތައްޔާރުކޮށްފައިވާ މުލިއާގޭގެ މޮޑެލް

ރާއްޖޭގައި އާރޓްްގެ ދާއިރާއިން ކުރިއަށް ދާން ގިނަ ކުދިންތަކެއް ބޭނުންވާއިރު ޝާފިއު އެކުދިންނަށް ދޭން ބޭނުންވާ ނަސޭހަތަކީ މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާނަމަ ހިތްވަރާއެކު ދަތިތައް ދިމާވި ނަމަވެސް ކުރިއަށްދިޔުން ކަމުގައެވެ. އަދި ރާއްޖެއިން މި ދާއިރާއިން ކިޔެވުމުގެ ފުރުސަތު ތަނަވަސް ވެފައިވާ ކަމަށާއި ވަކި ކޯހެއް ނުހެދިޔަސް ހުނަރު ހުރެއްޖެކަމުގައިވާނަމަ މިއީ ހަމަ ދަސްކުރެވިދާނެ މަސައްކަތެއް ކަމަށާއި ޝައުގުވެރިކަން ހުރިއްޔާ މި ރޮނގުން ކުރިއަށް ދެވިދާނެ ކަމަށް ޝާފިއު ބުނެއެވެ.

ޝާފިއު ވަނީ މި މަސައްކަތުގައި އޭނާއަށް އެހީތެރިވަމުން ގެންދާ އެންމެންނަށް ވެސް ޝުކުރު އަދާ ކޮށްފައެވެ. އެގޮތުން މި މަސައްކަތުގައި މަންމައާ ބައްޕަގެ އިތުރުން އަންހެނުންނާ އެކުވެރިން ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމަށް އޭނާ ބުންޏެވެ.

ހުނަރުވެރި ޝާފިއު އަށް ރާއްޖެއެމްވީގެ ފަރާތުން އަބަދުވެސް ކާމިޔާބަށް އެދެމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
25%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
75%
ލިޔުން ރަނގަޅު
ކޮމެންޓް
29 ސެޕްޓެންބަރ 2020 | އަންގާރަ 07:36
ވީރަސް
މޮޑެލް ގައި ފެންނަނީ މުލިއާގެއްއް ނޫން