raajjemv logo
ޑިޕްރެޝަން
"ހަމަކަށަވަރުން އުނދަގޫ ކަމާއެކު ފަސޭހަކަން ވެއެވެ."
 
ކޮންމެ ކަމެއްގައިވެސް ވަކީލް ކުރަންވީ ފަރާތަކީ ﷲ ސުބްޙާނަޙޫ ވަތަޢާލާ
 
އީމާންތެރިކަން ވަރުގަދަ ވުމުން ހިތާމަތަކާއި ދުރަށްދެވޭ
އައިޝަތު ޝަރުފާ
9,414
ކ. މާލެ |
28 ސެޕްޓެންބަރ 2020 | ހޯމަ 15:21
ޑިޕްރެޝަންއަކީ މިހާރު ރާއްޖޭގައިވެސް އާންމުވަމުންދާ ބައްޔެއް

ދިރިއުޅުމުގައި ދިމާވާ ކަމެއްގެ ސަބަބުން، ވަޒީފާގެ މާާޙައުލުގައި ނުވަތަ ޢާއިލީ މައްސަލަތަކެއްގެ ސަބަބުން ޑިޕްރެޝަން ނުވަތަ ހިތާމަ ކުރުމުގެ ބަލި ތަޙައްމަލް ކުރަމުންދާ ބޭފުޅުން މި ދަނީ އިތުރު ވަމުންނެވެ. އަޅުގަނޑުމެންގެ މި ދިވެހި ރާއްޖޭގައި ވެސް އާންމުވަމުން އަންނަ މި ނަފްސާނީ ބައްޔަކީ ބައެއް ފަހަރަށް ވަރަށް ހިތާމަވެރި ޙާދިސާތައް ވެސް ކުރިމަތި ކުރުވާ ނުރައްކާތެރި ބައްޔެކެވެ. އެގޮތުން ދާއިމީ ގޮތެއްގައި ފަރުވާ ކުރަންޖެހުމާއި، އަމިއްލައަށް މަރުވުންފަދަ ހިތާމަވެރި ޙާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ. އާންމު ގޮތެއްގައި މި ބަލި ޖެހުމަށް މެދުވެރިވަނީ، ޖިސްމާނީ ގޮތުން ކުރިމަތިވާ އަނިޔާތަކާއި، ޖިންސީ ގޯނާ އަދި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުންފަދަ ކަންތައްތަކުންނެވެ. މީގެ ސަބަބުން، އެކަހެރިވެ އުޅުމާއި، ނިންޖާއި ދުރުވުމާއި، ދެރަވެ މާޔޫސްވުމާއި، ރުޅިގަދަވުންފަދަ ތަފާތު ނަފްސާނީ މައްސަލަތައް ދިމާވެއެވެ.

ޑިޕްރެޝަނަކީ، އާންމުވަމުންދާ ނުރައްކާތެރި ބައްޔަކަށްވީ ނަމަވެސް، އީމާންތެރިކަން ހަރުދަނާ މީހަކަށް މިއީ، ބޭހަކާއި ނުލައިވިޔަސް ފަރުވާ ހޯދިދާނެ ބައްޔެކެވެ. ކީރިތި ޤުރްއާންގެ ސޫރަތުލް ޝަރްޙްގެ 6 ވަނަ ޢާޔަތުގެ މާނައިގައިވެއެވެ. "ހަމަ ކަށަވަރުން އުނދަގޫ ކަމާއެކު ފަސޭހަކަން ވެއެވެ." ޝައްކެއްވެސް ނެތް ގޮތުގައި ދުނިޔޭގެ ދިރިއުޅުމަކީ އިމްތިޙާނެކެވެ. ދިމާވާ މުޞީބާތްތަކަށް ކެތްތެރިވާ އަޅުންނަކީ ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަޅުންނެވެ. އެހެންނަމަވެސް ފެނިގެންދަނީ މުސީބާތެއް ދިމާވާ ހިނދު ޝައިޠާނާގެ ބަހަށް ހެއްލި މަގު އޮޅިގެންދާ މަންޒަރެވެ. ތިމާއަކީ ބޭކާރު މީހެއްކަމުގައި ދެކި ގޯސް މަގުތައް ޚިޔާރުކުރެވޭ މަންޒަރެވެ. މި ފަދަ ޙާލަތުގައި، ތިމާއަށް ލިބޭ ކުޑަ ކުޑަ ނާކާމިޔާބީގެ ބަދަލުގައި، އެކަލާންގެ ދެއްވާފައިވާ ގިނަ ގުނަ ނިޢުމަތްތަކާއިމެދު ވިސްނާށެވެ. މިންވަރަށް އީމާންވުމަކީ ނާކާމިޔާބީއާއި ކުރިމަތިލާންޖެހޭ ވަޤުތުގައި ވެސް ﷲގެ މިންވަރުފުޅަށް އިތުބާރު ކުރުމެވެ. ﷲސުބްޙާނަހޫ ވަތަޢާލާއީ ފެންނަ ކަންތަކާއި ނުފެންނަ ކަންތައްތައް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާންގެއެވެ. އެހެންކަމުން ދިރިއުޅުމުގައި، ތިމާ ހިތްހަމަޖެހޭ ގޮތަށް ކަންތައްތައް ނުވުމުން މާޔޫސްވުމުގެ ބަދަލުގައި، ޤަބޫލުކުރަންވާނީ އެއީ ތިމާއަށް ލެއްވި ރަޙްމަތެއްކަމުގައެވެ. މުސްލިމުންނަށް ވީ ހިނދު، ކޮންމެ ކަމެއްގައިވެސް ވަކީލްކޮށް މަދަދަށް އެދެންޖެހޭ ހަމައެކަނި ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. ސޫރަތުލް ޢާލް-ޢިމްރާންގެ 173 ވަނަ ޢާޔަތުގެ މާނައިގައިވެއެވެ. "ތިމަންމެންނަށް ﷲ ފުދެއެވެ. އަދި ވަކީލް ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ."

ތިމާގެ ހުވަފެންތަކާއި ލަނޑުދަނޑިތައް ޙާސިލްކުރުމަށް މަގުފަހި ކޮށްދެއްވުން އެދި ގަދައަޅައި މަސައްކަތް ކުރުމާއިއެކު، ﷲއަށް ދުޢާ ދަންނަވާށެވެ. އެކަލާންގެއީ އަޅުތަކުންގެ ޙާލު އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާންގެއެވެ. ސޫރަތުލް ބަޤަރާގެ 153 ވަނަ ޢާޔަތުގައި، އެކަލާންގެ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ، "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއެކު ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުއެވެ."

ނަމާދު ކުރުމާއި ދުޢާ ކުރުމުގައި ގިނަ ވަޤުތު ހޭދަކުރުމުން ޝައިޠާނާގެ ނުބައި ވަސްވާސްތަކާއި ދުރަށް ދިޔުމަށް މަގުފަހި ކޮށްދޭނެއެވެ. ކުރެވިފައިވާ ކުއްތަކަށް ގިނަ ގިނައިން ތަޢުބާވެ، އެކަލާންގެ ޛިކްރު ކުރުމުން ހިތައް ހަމަޖެހުން ލިބިދޭނެއެވެ. ސޫރަތުލް ރަޢުދުގެ 43 ވަނަ ޢާޔަތުގެ މާނައިގައިވެއެވެ. "އެއުރެންނީ އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަ ކުރުމުން އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަ ކުރުމުން ނޫން ހެއްޔެވެ؟"

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
13%
އަންތަރީސް ވެއްޖެ
88%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް