ކ. މާލެ
|
27 ސެޕްޓެންބަރ 2020 | އާދީއްތަ 12:54
އިސްރާއީލްގައި ކުރިޔަށްދާ މުޒާހަރާގެ ތެރެއިން
އިސްރާއީލްގައި ކުރިޔަށްދާ މުޒާހަރާގެ ތެރެއިން
އަލްޖަޒީރާ
އިޒްރޭލުގެ ބޮޑުވަޒީރާ ދެކޮޅަށް ކުރާ މުޒާހަރާ
ލޮކްޑައުންއަށް ބެލުމެއް ނެތި ނަތަންޔާހޫއާ ދެކޮޅަށް ކުރާ މުޒާހަރާތައް ކުރިއަށް
 
އިޒްރޭލު ދެ ވަނަ ފަހަރަށް ލޮކްޑައުންކުރީ ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހު
 
16،000 މީހުން މަގުތަކުގައި ކުރިޔަށްދިޔަ މުޒާހަރާތަކުގައި ބައިވެރިވެފައިވޭ
 
އޮންލައިން ކޮށްވެސް މުޒާހަރާ ކޮށްފައިވޭ

އިޒްރޭލުގައި ކޮވިޑް-19 ގެ އިތުރު ކޭސްތައް ފެންނަން ފެށުމާއެކު ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނިކޮށްވެސް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިސްތިއުފާދިނުމަށް ގޮވާލާ މުޒާހަރާކޮށްފިއެވެ.

އިޒްރޭލުގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލާ އެގައުމުގައި މުޒާހަރާކުރަތާ މިއީ ޖެހިޖެހިގެން 14 ވަނަ ހަފްތާއެވެ. ޖޭރުއްސަލަމް ގައި ކުރިޔަށްދިޔަ މުޒާހަރާގައި ބައިވެރިވި އެތައް ހާސް ބަޔަކު ވަނީ ކާރުތަކުގައި މުޅި ސިޓީގައި ދަތުރުކޮށްފައެވެ. އަދި އެކިއެކި ހިސާބުތަކުގައި މަދު ބަޔަކު އެއްވެގެން ކުދިކުދި މުޒާހަރާތަކެއް ވެސް ވަނީ ކޮށްފައެވެ.

މުޒާހަރާގެ ބައިވެރިންވަނީ ތެލްއަވީވްގައި ވެސް މުޒާހަރާ ކުރިޔަށް ގެންގޮސްފައެވެ. އަދި އޮންލައިންކޮށް ވެސް މުޒާހަރާކޮށްފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. މި މުޒާހަރާތަކުގައި 16،000 ބައިވެރިވެވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިޒްރޭލު ދެވަނަ ލޮކްޑައުންއަށް ދިޔައީ ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހުއެވެ. އިސްރާއީލަކީ އާބާދީގެ ނިސްބަތަށް ބަލާއިރު އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ.

މިއާއެކު އެގައުމުގައި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަދިވެސް އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ހުކުރު ދުވަހު ވަނީ ބައިނަލްއަގްވާމީ ދަތުރުތައް ކުރުމުގައި އިތުރު ފިޔަވަޅުތަކެއް އަޅާ އަޅުކަންތައްކުރާ ތަންތަނަށްދިޔުމުގައި އައު ފިޔަވަޅުތަކެއް އަޅާފައެވެ.

އަނެއްކޮޅުން ސަރުކާރުން ވަނީ މިދަނޑިވަޅު މުޒާހަރާތައް ކުރިޔަށްގެންދާތީ ޤާނޫނީ ގޮތުން އެކަމަށް ބަދަލުތަކެއް ގެނައުމަށް އެގައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިންގެ އަދަދު 20ށް މަދުކުރުމާއި މުޒާހަރާ ކުރާ މީހުން ދިރިއުޅޭ ގެޔާއި އެއް ކިލޯމީޓަރު ކައިރީގައި ތިބުމަށް ޤާނޫނަށް ބަދަލު ގެނައުމަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ މި އިސްލާހު ގެނައުމަށް ދެކޮޅު ހަދާފައެވެ.

މިއާއެކު ނަތަންޔާހޫ ވަނީ ހޮނިހިރު ދުވަހު ވީޑިއޯ މެދުވެރިކުރައްވާ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އެއިސްލާހު ގެނައުމަށް ދެކޮޅު ހެއްދެވުމުގެ ސަބަބުން އެގައުމުގައި ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.

މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ އެމީހުން މަގުތަކަށް ނިކުތުމުގެ މައިގަނޑު އެއް ސަބަބަކީ ސަރުކާރުން އެމީހުން މަގުތަކަށް ނިކުތުން ހުއްޓުމަށް މަސައްކަތް ކުރަމުންދިޔުން ކަމަށެވެ. އަނެއްކޮޅުން ނަތަންޔާހޫގެ މައްޗަށް ކޮށްފައިވާ ރިޝްވަތުނެގުމާއި, އިތުބާރު ގެއްލުވާލުމާއި، އޮޅުވާލައިގެން އަމިއްލަ ފައިދާ ހޯދުމުގެ ދައުވާތަކުގެ ޝަރީއަތްތައް ދަނީ ކުރިޔަށެވެ. އިޒްރޭލުގެ ޤާނޫނު ބުނާގޮތުން ބޮޑުވަޒީރުގެ މައްޗަށް ދައުވާ އުފުލިނަމަވެސް އަދި އޭނާ މަގާމުން އިސްތިއުފާދޭކަން ނުޖެހެއެވެ.

މުޒާހަރާކުރަމުންދާ މީހުންގެ އަނެއް ކަންބޮޑުވުމަކީ ކޮވިޑް-19 އާ އެކު އެގައުމުގެ އިގްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމެވެ.

އިޒްރޭލުގައި މިހާތަނަށް އައިއިރު 225،000ށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު 1417 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ. ނުވަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިޒްރޭލުގައި ހުކުރު ދުވަހު އެކަނިވެސް 8000ށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ވަނީ ރިޕޯޓްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
100%
ކޮމެންޓް