އަންގާރަ 20 އޮކްޓޯބަރ 2020
03 ހެއި
1442 ރަބީއުލް އައްވަލް 03
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:10
އިރުއޮއްސޭ 17:53
އިޝާ 19:05
ބެލަރުސްގެ ރައީސް ހުވާކުރެއްވުން

ލުކަޝެންކޯ ބެލަރުސްގެ ރައީސްކަމުގެ އާ ދައުރަކަށް ހުވާ ކުރެއްވީ ވަރަށް ސިއްރުން - ޤައުމު އޮތީ ހަލަބޮލިކަމެއްގައި!

  • އެ ޤައުމުގައި ދަނީ ސިލްސިލާކޮށް މުޒާހަރާތައްވެސް ކުރަމުން
  • ސްވެލަނާ ތިކަނޮސްކަޔާއަށް ލިބިވަޑައިގެންފައިވަނީ 9.9 އިންސަައްތަ ވޯޓު
  • ލުކަޝެންކޯ ވަނީ 26 އަހަރުވަންދެން ބެލަރުސްގެ ވެރިކަން ކުރައްވާފަ

ކ. މާލެ | 25 ސެޕްޓެންބަރ 2020 | ހުކުރު 01:36 | 3,975

ބެލަރުސްގެ ރައީސްކަމަށް ދާދި ފަހުން އައްޔަނުވެވަޑައިގަތް އެލެކްޒަންޑަރ ލުކަޝެންކޯ - އެމަނިކުފާނު ވަނީ 26 އަހަރު ވަންދެން އެ ޤައުމުގެ ވެރިކަން ކުރައްވާފައި - ރޮއިޓަރސް

26 އަހަރުވަންދެން ބެލަރުސްގެ ވެރިކަން ކުރެއްވި އެލެކްޒަންޑަރ ލުކަޝެންކޯ ސިއްރު ރަސްމިއްޔާތެއްގައި އާ ދައުރަކަށް ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ.

މިދިޔަ އޮގަސްޓް މަހުގެ 9 ވަނަ ދުވަހު އެ ޤައުމުގައި ބޭއްވި ރިޔާސީ އިންތިޚާބުން ލުކަޝެންކޯއަށް ވަނީ 80 އިންސައްތަ ވޯޓު ލިބިވަޑައިގެންފައެވެ. އެއާއެކު އިތުރު ދައުރަކަށް ރައީސްކަމުގެ މަޤާމަށް ހޮވިވަޑައިގެންފައިވާއިރު، އެ ޤައުމުގެ އިދިކޮޅު ޕާޓީއަށް ނިސްބަތްވާ މީހުންނާއި، ބައެއް އާންމު ރައްޔިތުން ވަނީ އެލެކްޒެންޑްރާ ވޯޓު އޮޅުވާލެއްވި ކަމަށް ބުނެ ތުހުތަމަތުތައް ކުރައްވާފައެވެ. ނަމަވެސް އެ ޤައުމުގެ މަޝްރަޙު ގޯސްވެފައިވާ މި ދަނޑިވަޅުގައި ލުކަޝެންކޯ ވަނީ ސިއްރު ރަސްމިއްޔާތެއްގައި ރައީސްކަމުގެ ހުވާ ކުރައްވާފައެވެ.

އޭގެ އިތުރުން، ވޯޓުގެ ނަތީޖާއަށް ފަހު އެ ޤައުމުގައި ދަނީ ސިލްސިލާކޮށް މުޒާހަރާތައްވެސް ކުރަމުންނެވެ. އެގޮތުން ސިއްރިއްޔާތުގައި ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔަކަން މީޑިއާތަކަށް ތިލަވެގެން ދިއުމާއެކު އަނެއްކާވެސް މުޒާހަރާތައް ވަނީ ހޫނުވެފައެވެ. އަދި އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައިވާއިރު، އާންމުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއްވެސް ހިނގާފައިވެއެވެ.

އެކަމާ ގުޅިގެން ނިއުޔޯކްޓައިމްސްގައި ރިޕޯޓް ކޮށްފައިވާގޮތުން، މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ވަނީ ބާރުގެ ބޭނުންކޮށްފައެވެ. އަދި މި ކުރިމަތިލުންތަކުގައި ބައެއް މީހުން މަރުވެފައިވާކަމަށް ނިއުޔޯކްޓައިމްސްގައި ރިޕޯޓް ކޮށްފައިވެއެވެ. ރިޕޯޓްތައް ބުނާގޮތުން މުޒާހަރާގެ ބައިވެރިން ތިބީ އިދިކޮޅު ލީޑަރު ސްވެލަނާ ތިކަނޮސްކަޔާގެ ކެމްޕެއިން ޕޯސްޓަރުތަކާއި، އިދިކޮޅުގެ ދިދަ ހިފައިގެންނެވެ. އެހެން ނަމަވެސް، މަޤާމުން ދުރަށް ޖެހިވަޑައިގަތުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށް ލުކަޝެންކޯ ވަނީ ވިދާޅުވެފައެވެ.

ލުކަޝެންކޯއާއެކު ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވި ކެނޑިޑޭޓް ސްވެލަނާ ތިކަނޮސްކަޔާއަށް ލިބިވަޑައިގެންފައިވަނީ 9.9 އިންސަައްތަ ވޯޓެވެ. އެގޮތުން އެކަމަނާ ރިޔާސީ އިންތިޚާބަށް ވާދަ ކުރެއްވީ ފިރިކަލުން ޖަލަށް ލައި، އާއިލާއަށް ލިބެމުންދިޔަ އިންޒާރުތައް އެތައް ގުނައަކަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

އުމުރުފުޅުން 66 އަހަރުގެ ލުކަޝެންކޯ ވަނީ 26 އަހަރުވަންދެން ބެލަރުސްގެ ވެރިކަން ކުރައްވާފައެވެ. އެގޮތުން ވެރިކަމުގައި ހޭދަ ކުރެއްވި 6 ދައުރުގައި އެމަނިކުފާނަކީ ޚުދުމުހުތާރު ވެރިއެއްކަމަށް އެ ޤައުމުގެ ވަރަށް ގިނަ ރައްޔިތުން ސިފަ ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.