ކ. މާލެ
|
25 ސެޕްޓެންބަރ 2020 | ހުކުރު 01:47
ބްރޯޑްކޮމާއި އިސްލާމިކް ޔުނިވަރސިޓީ އާއި ދެމެދު އެއްބަސްވުމުގައި ސޮއި ކުރުން
ބްރޯޑްކޮމާއި އިސްލާމިކް ޔުނިވަރސިޓީ އާއި ދެމެދު އެއްބަސްވުމުގައި ސޮއި ކުރުން
ޓްވިޓަރ
ބްރޯޑްކޮމް އާއި އިސްލާމިކް ޔުނިވަރސިޓީއާއި ދެމެދު
ނޫސްވެރިން ތަމްރީނު ކުރުމަށް ބްރޯޑްކޮމް އާއި އިސްލާމިކް ޔުނިވަރސިޓީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި
 
މިި އެއްބަސްވުމަކީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް

ނޫސްވެރިކަމާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ތެރެއިން ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑާއި އުސޫލުތައް ދަމަހައްޓައި ދިވެހި މީޑިއާގެ ވެއްޓަކީ ސުލޫކީ މިންގަނޑު ހިފަހައްޓާ އިސްލާމީ ހަމަތަކަށް އިހުތިރާމް ކުރާ ވެއްޓެއްގެ ގޮތުގައި ބައްޓަން ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނާއި، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

އިސްލާމީ ޔުނިވަރސިޓީގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ބްރޯޑްކޮމްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ އެވެ. އަދި އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އެވެ.

ބްރޯޑްކޮމް އިން ބުނީ މި އެއްބަސްވުމުގެ ދަށުން ކޮމިޝަނާއި، އިސްލާމީ ޔުނިވަރސިޓީ އާއި ގުޅިގެން ކުރަން ހަމަޖެހިފައިވާ މަސައްކަތުގެ މައިގަނޑު މަސައްކަތަކީ ދިވެހި ނޫސްވެރިންނަކީ ބްރޯޑްކާސްޓް ނޫސްވެރިކަމާއި ގުޅޭ ގާނޫނުތަކާއި، ގަވާއިދުތަކާއި، ހަމަތަކަށް އަދި ސުލޫކީ މިންގަނޑަށް އަހުލުވެރި، ގާބިލު ބައެއް ކަމުގައި ހެދުމާއި، ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ފެންވަރު މަތިކޮށް ނޫސްވެރިންނަކީ ގާބިލު އަދި ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދުމުގެ އިތުރުން ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްއަށް ނޫސްވެރިން އަހުލުވެރި ކުރުން ކަމަށެވެ.

ބްރޯޑްކޮމް އިން އިތުރަށް ބުނީ މި އެއްބަސްވުމުގެ މުއްދަތަކީ ތިން އަހަރު ދުވަސް ކަމަށާއި، މި އެއްބަސްވުމުގެ ދަށުން، އިސްލާމީ އުސޫލުތަކަށާއި، ދިވެހި ގައުމިއްޔަތަށާއި، ދިވެހި ބަހަށް ނޫސްވެރިން އަހުލުވެރިކުރުވުމާއި، ދިވެހި މީޑިއާ ހެޔޮގޮތުގައި ދަމަހައްޓައިދޭނެ ޒިންމާދާރު ނޫސްވެރިން އުފެއްދުމާއި، މީޑިއާގައި ހުރި މައްސަލަތައް ދެނެގަތުމަށްޓަކައި އިލްމީ ދިރާސާތައް ކޮށް ނޫސްވެރިކަމުގެ ވެށި ކުރިއެރުވުމުގެ އިތުރުން ނޫސްވެރިންގެ ގަދަރު މަތިކޮށް މުޖްތަމައުގެ އިތުބާރާއި، ޔަގީންކަން ކަށަވަރު ކޮށްދިނުމަށް ބްރޯޑްކޮމް އާއި އިސްލާމީ ޔުނިވަރސިޓީ ގުޅިގެން ގިނަ މަސައްކަތް ތަކެއް ކުރުމަށް އަމާޒު ކަނޑައަޅާފައިވާ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް