ކ. މާލެ
|
23 ސެޕްޓެންބަރ 2020 | ބުދަ 16:27
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި އޭއޭއައިގެ އޮފިޝަލުންތަކެއް ހަރަކާތްތެރިވަނީ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި އޭއޭއައިގެ އޮފިޝަލުންތަކެއް ހަރަކާތްތެރިވަނީ
އިންޑިއާ އިން މޯލްޑިވްސް
ހަނިމާދު އެއާޕޯޓުގެ އޭއޭއައި ތައްޔާރުުކުރުން
ހަނިމާދޫ އެއާޕޯޓް ދުނިޔޭގެ ފެންވަރަށް ތަރައްގީ ކުރަނީ
 
ދެ މަހެއްގެ ތެރޭގައި ޑީޕީއާރްގެ މަސައްކަތް ނިންމާލެވޭނެ
 
މަޝްރޫއު ހިންގަނީ އިންޑިއާގެ އެކްޒިމް ބޭންކުގެ 800 މިލިއަން ރުފިޔާގެ ކްރެޑިޓް ލައިނުން
 
އެއޭއައިގެ ހައިލެވެލް ޓީމެއް ވަނީ ރާއްޖެއަށް ޒިޔާރަތް ކުރައްވާފައި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް (ޑީޕީއާރް) ތައްޔާރުކުރުމުގެ މަސައްކަތް އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއައި) އިން ފަށައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އޭއޭއައި ގެ މަތި ލެވެލްގެ ބޭފުޅުން ހިމެނޭ ވަފުދެއް މި ހަފްތާގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އެ ޑެލިގޭޝަނުން، އިކޮނޮމިކް މިނިސްޓަރީ އާއި މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް އޮފިޝަލުންގެ އިތުރުން އުތުރުގެ ރަށްތައް ތަމްސީލުކުރައްވާ މަޖްލިސް މެމްބަރުންނާވެސް އެ މަޝްރޫއު އާއި ގުޅިގެން ބައްދަލުކުރައްވާފައިވާ ކަމަށް އިންޑިއާގެ ހައިކޮމިޝަނުން ބުންޏެވެ.

ސަރުކާރުގެ އެދިގެން އިންޑިއާ ސަރުކާރުން ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ރުފިޔާގެ ލައިން އޮފް ކްރެޑިޓް ގެ ދަށުން ފަންޑް ކުރަން ނިންމާފައެވެ. އެ މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް (ޑީޕީއާރް) ގެ މަސައްކަތް ދެ މަހެއްހާ ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

އޭގެ ފަހުން އިކޮނޮމިކް މިނިސްޓްރީ އަދި އެގްޒިމް ބޭންކް ގުޅިގެން މި މަޝްރޫއު ގެ އީޕީސީ ކޮންޓްރެކްޓަރ ހޮވުމަށްޓަކައި ޓެންޑަރ ޑޮކިއުމެންޓްތައް ތައްޔާރު ކުރާނެއެވެ. މި މަޝްރޫއުގެ ފައިނަލް ޓެންޑަރިން ގެ މަސައްކަތް ކުރާނީ ދިވެހި ސަރުކާރުންނެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަންނަ އަހަރު ކުރީކޮޅު ފެށޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އިންޑިއާގެ އެލްއޯސީ ގެ ދަށުން އިންޑިއާއިން ފޯރުކޮށްދޭ އެހީ ބިނާވެފައިވަނީ ޓްރާންސްޕޭރެންސީ، ޕާޓްނާޝިޕް ގެ އުސޫލުތަކުގެ މައްޗަށް ކަމަށް ހައި ކޮމިޝަންގެ ބަޔާނުގައި ބުންޏެވެ. އަދި ލައިން އޮފް ކްރެޑިޓްގެ ޓާމްސް އަދި ކޮންޑިޝަންތައް އާންމުކޮށް ފެންނަހެން ހާމަކޮށްފައިވާނެ ކަމަށާއި، އޯޕަން ޓެންޑަރިން ޕްރޮސެސްގެ މަސައްކަތް ކުރިއަށް ދާނީ ދިވެހި ސަރުކާރާއި އެގްޒިމް ބޭންކްގެ މެދުގައި ކުރެވޭ ޖޮއިންޓް ކޮންސަލްޓޭޝަން ތަކުގެ ތެރެއިން ކަމަށް އިންޑިއާގެ ހައިކޮމިޝަނުން މައުލޫމާތުދެއެވެ.

ފައިނަލް ޓެންޑަރިން މަރުހަލާ ކުރިއަށް ގެންދާނީ ދިވެހި ސަރުކާރުގެ ފަރާތުން. އެގްޒިމް ބޭންކްގެ ގައިޑްލައިންތަކުގައި ވާ ފަދައިން މިފަދަ މަޝްރޫއުތަކުގެ މަސައްކަތުގައި އިންޑިއާގެ ކުންފުނިތަކާއިއެކު ބައިވެރިވުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ލިބިގެންދާނެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ މަސައްކަތްތައް ކުރެވޭނެ ގާބިލުކަން އުފެއްދުމުގެ ގޮތުން، މަޝްރޫއުތަކުގައި ބައިވެރިވާ ލޯކަލް ކޮމްޕެނީތަކާއި މަސައްކަތްތެރިންގެ ކެޕޭސިޓީ އިތުރުކުރުމަށް އަހަންމިއްޔަތު ދެވޭނެ.
އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސް ބަޔާން

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއާޕޯޓުގެ ރަންވޭ 2200 މީޓަރަށް ދިގުކުރެވި (އޭ 320 އަދި ބޮއިންގް 737 މަރުކާގެ އުޅަންދުތަށް ލޭންޑް ކުރެވޭނެހެން)، ޓާމިނަލްތަކާއި، ފިއުލް ފާމްތައް އަދި ފަޔާ ސްޓޭޝަން އާއި ކާގޯ ޓާމިނަލް އަޕްގްރޭޑް ކުރެވޭނެއެވެ. މި މަޝްރޫއު ވެގެންދާނީ ރާއްޖޭގެ އުތުރުގައި ޓޫރިޒަމް ކުރިއަރުވާ ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތުގެ އިންޖީނަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ލޯކަލް އަދި ބޭރުގެ އިންވެސްޓްމެންޓްތައް އިތުރުވެގެންދާނެއެވެ. އިއްޔެ އިފްތިތާހު ކުރެވުނު ކާގޯ ފެރީ ސާވިސް އަދި ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އަކީ ރާއްޖޭގެ އުތުރުގެ ސަރަހައްދު ބާރުވެރި ކުރުވާ ކުރިއެރުވުމަށްޓަކައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭ ދެ އިނީޝިއޭޓިވްއެކެވެ.

އިންޑިއާގެ އޭއޭއައިގެ އިސް އޮފިޝަލުން އުތުރުގެ ރަށްތައް ތަމްސީލު ކުރައްވާ މަޖިލީސް މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އުމްރާނީ ތަރައްގީގެ ބޮޑެތި ހަތް މަޝްރޫއުއެއް އެބަ ހިންގެއެވެ.

އޭގެ ތެރޭގައި 34 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު، އައްޑޫ މަގުތައް ތަރައްގީ ކުރުމާއި ބިން ހިއްކުމުގެ މަޝްރޫއު، ގުޅީފަޅު ބަނދަރު މަޝްރޫއު، މިފްކޯގެ ފެސިލިޓީތައް ތަރައްގީ ކުރުމުގެ މަޝްރޫއު، ހުޅުމާލޭގައި ބިނާ ކުރެވޭ ކްރިކެޓް ދަނޑާއި، ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އިތުރުން ހުޅުމާލޭގައި ބިނާ ކުރެވޭ ކެންސަރު ހޮސްޕިޓަލްގެ މަޝްރޫއު ހިމެނެއެވެ.

މީގެ އިތުރުން، މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީ ގުޅުވާލެވޭ ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއު (ޖީ.އެމް.ސީ.ޕީ) އަށް ޓަކައި 400 މިލިއަން ޑޮލަރުގެ އިތުރު ލައިން އޮފް ކްރެޑިޓަކާއި 100 މިލިއަން ޑޮލަރުގެ ގްރާންޓް އެއް ވަނީ ފޯރުކޮށްދެވިފައެވެ. އޭގެ ތެރެއިން އުމްރާނީ ތަރައްގީގެ ބޮޑެތި 5 މަޝްރޫއުއެއް މި އަހަރު ފަހުކޮޅު ފެށޭނެ ކަމަށް ލަފާކުރެވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
5%
36%
5%
5%
ކޮމެންޓް