ކ. މާލެ
|
23 ސެޕްޓެންބަރ 2020 | ބުދަ 18:38
ކުރީގެ ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީން
ރާއްޖެ އެމްވީ
މަގޭ ރިޕޯޓް
އޭސީސީއާއި ފުލުހުންނަށް ކުރިން މައްސަލައަކަށް ނުވެއޮތުމަކީ، އެކައުންޓްގައި ހުރި ފައިސާ ހަލާލުވުންތޯ؟
 
ރައީސް ޔާމީން ވިދާޅުވަނީ އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރިކަމަށް ބުނެ، ފުލުހުން އެމަނިކުފާނު ދިވެހި ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުކޮށްލައިފި ކަމަށް
 
ފުލުހުންވެސް ކުރިން މިމައްސަލަތައް ނުބަލާ، މިހާރު ބަލަމުންދަނީ ކީއްވެތޯ، ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައި
 
ރައީސް ޔާމީން ވިދާޅުވަނީ އެކަންޓްތަކަށް ފައިސާ ވަންނަކަމާއި އިންވެސްޓްކޮށް ފައިދާ ނަންގަވާކަން އޭސީސީއަށް އެނގޭނެ ކަމަށް، އޭރު އެމީހުންނަށް އެއީ ބޮޑުކަމެއް ނޫންކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ދައުލަތުގެ ފައިސާއާ މުދަލުން ވައްކަން ކުރުމުގެ އިތުރުން، ހިޔާނާތުގެ ބޮޑެތި އަދި ގިނަ މައްސަލަތަކެއް ފެންމަތި ވެފައިވެއެވެ. އެކަން އެމަނިކުފާނުގެ ވެރިކަމުގައި ކުރެއްވީ، ދައުލަތުގެ ހުރިހާ މިނިވަން މުއައްސަސާތަކާއި ތަހުގީގު އިދާރާތައްވެސް އެމަނިކުފާނުގެ މުށުތެރެއަށް ލައްވައިގެން، ބިރު ދައްކައިގެން ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ. އެގޮތުން ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް މަގާމުން ދުރުކުރީ، އޮޑިޓަރ ޖެނަރަލްގެ ގާނޫނަށް އިސްލާހު ހުށަހަޅައިގެންނެވެ. ހަމައެގޮތަށް ސުޕްރީމް ކޯޓު މުށުގެ ތެރެޔަށް ލެއްވުމަށް އުއްތަމަ ފަނިޑޔާރަކަށް ހުންނެވި އަހުމަދު ފާއިޒު ހުސައިން މަގާމުން ދުރުކޮށް، ފަނޑިޔާރު އަބްދުﷲ ސައީދު އެމަގާމަށް ގެންނަވަންވެސް ޤާނޫނަށް އިސްލާހް ގެނަމުގައި ބަދަލުކުރީ ޤާނޫނެވެ. އެއީ އެނޫން ގޮތަކަށް އެބޭފުޅުން މަގާމުން ވަކިކުރެވެން ނެތް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއިމެދު ހުދުމުތާރު ވެރިޔާ ކަންކުރެއްވި ގޮތެވެ.

ހުދު ރައީސް ޔާމީންވެސް ވިދާޅުވެފައިވާ ފަދައިން އެމްއެމްޕީއާރުސީގެ ހިޔާނާތަކީ، ދައުލަތުގެ އެންމެ ބޮޑު ހިޔާނާތެވެ. މިހިޔާނާތުގެ ވާހަކަތައް 2014 ވަނަ އަހަރުން ފެށިގެން ސިއްރިއްޔާތުގައި ދެކެވެމުންދަނިކޮށް، އޭރުގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އެވާހަކަތައް ރައީސް ޔާމީނާ ހިއްސާ ކުރެއްވި އެވެ. އެ ވާހަކަތައް ހިއްސާ ކުރެއްވުމުން އެކަންކަން އިސްލާހު ކުރުމުގެ ބަދަލުގައި، ނިޔާޒު މަގާމުން ދުރުކޮށް، ދައުލަތުގެ ފައިސާއާއި ހަރުމުދަލުން ވައްކަން ކުރުމުގެ ފުރުސަތު ދެއްވީވެސް ރައީސް ޔާމީނޭ ބުނުމުގެ ޖާގަ އެބަ އޮތެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ހަޒާނާއިން ވައްކަން ކުރެއްވުމަށްޓަކައި ގާނޫނުތަކަށް ގެންނެވި ބަދަލާއި، ގަވާއިދުތައް އަނބުރާލި ގޮތްތަކާއި، ވަޒީރު ބޭފުޅުން މެދުވެރިކޮށް ހިންގެވި ހަރަކާތާއި، ވިޔަފާރިވެރިން އެކަމުގެ ތެރެއަށް ގެންނެވިގޮތާއި، ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުމާއި، ކަނޑައެޅިގެން ހަރާމް ވައްކަން ކުރެއްވުމަށްޓަކައި ނުޖައްސަވާ ހިސާބެއް، ނުކުރައްވާ ކަމެއް، އަދި ބިރު ނުދައްކާ މުއައްސަސާއެއްނެތެވެ. މުޅި ދައުލަތް ސިފަވެގެންދިޔައީ، ރޭވިގެން ވައްކަމަށް ފުރުސަތުދޭ ދައުލަތެއްގެ ގޮތުގަ އެވެ.

ވެރިކަން ނިމި، ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކުރެވުނުއިރު އެކައުންޓްތަކުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރިކަން ފުލުހުން ވަނީ މުޅި ރާއްޖެއަށް އިއުލާންކޮށް ބޭޒާރުކޮށްލާފަ ކަމަށެވެ. އަދި އޭރު މައްސަލައަކަށް ނުވެ، މިހާރު މައްސަލައަކަށް ވެގެން އުޅުއްވަނީ ކީއްވެތޯ، ރައީސް ޔާމީން ސުވާލު އުފައްދަވާ ވާހަކަ ދައްކަވާއިރު، ތިމާގެ ވެރިކަމުގައި ތިމާ ވެރިކަން ކުރެއްވި ގޮތް ފުރަތަމަ ހަދާން ކޮށްލުން ރަނގަޅު ނޫންތޯ އެވެ.

ތިމަން މަނިކުފާނުގެ އަމިއްލަފުޅު ބޭންކް އެކައުންޓަށް 1 މިލިއަން ޑޮލަރު 2015 ވަނަ އަހަރު ވަތްކަމާއި، އޭގެފަހުން އިންވެސްޓްމަންޓް އެކައުންޓެއް ހުޅުވާ އެފައިސާ ޖަމާކޮށް، އެއިން ފައިދާ ނަންގަވާކަން އޭސީސީއަށް އެނގޭނެ ކަމަށް ވިދާޅުވާއިރު، އޭސީސީން އެކަންކަން ތަހުގީގު ނުކޮށް، ލަސްކޮށް، މަނިފާނުގެ މަންފާއަށް އޭރު އޭސީސީންނާއި ފުލުހުން އަދި ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއާއި ރާއްޖޭގައި ހިންގާ ބޭންކުތަކުންނާއި ދައުލަތުގެ މުއައްސަސާތަކުން މަސައްކަތް ކުރި ނަމަވެސް މިއަދު މިއޮތީ ހާލަތު ބަދަލުވެފަ އެވެ. މަނިކުފާނުގެ ވެރިކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އޭރުގެ ރައީސް ލުތުފީ، އެކޮމިޝަން ހިންގެވިގޮތާއި މަރުކަޒީ ބޭންކްގެ ގަވަނަރުނަރަކަށް ހުންނަވައި އަޒީމާ އާދަމް އެތަން ހިންގެވިގޮތާއި، ބީއެމްއެލްގައި ހީލީ ކިޔާ ބޭރު މީހަކާއެކު އެތަނުގެ އިސްވެރިން އެތަން ހިންގެވި ގޮތާއި، ފުލުހުންގެ ސީޕީއަކަށް ހުސައިން ވަހީދާއި އޭގެފަހުން ވެސް ދެތިން ސީޕީ އައްޔަން ކޮށްގެންވެސް އެތައް ހިންގި ގޮތާއި، ޑިފެންސް މިނިސްޓަރަކަށް ހުންނަވައި އާދަމް ޝަރީފް، ސިފައިންގެ ހިންގެވި ގޮތާއި، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނަވައި ޝިޔާމް ކުރެއްވި ކަންކަން ކަންކަމާއި، މަޖިލީހުގެ ރައީސަކަށް އަބްދުﷲ މަސީހު މުހައްމަދު އިންނަވައި މަޖިލިސް ހިންގެވި ގޮތާއި، އުއްތަމަ ފަނޑިޔާރަކަށް ސައީދު ހުންނަވައި، އަދި އޭގެ ފަހުން، ޑރ. އަބްދުﷲ ދީދީ، އެތަން ހިންގެވިގޮތާއި، ޝަރުއީ އެކި މަރުހަލާގެ ކޯޓުތަކުގައި ތިމާ ބުނާ ގޮތަކަށް ކަންކަން ކޮށްދޭނެ ފަނޑިޔާރުން އައްޔަންކޮށް ޝަރުއީ ކޯޓުތަކުން ނެރުނު ހުކުމްތަކާއި އަމުރުތައް ނެރުނުގޮތް، ނޭނގޭ މީހަކު މިރާއްޖެއަކު ނުހުންނާނެ އެވެ. މިއީ ރައްޔިތުން ދކެ، ތަޖުރިބާކުރި ހިތް ދަތި ދުވަސްތަކެވެ.

ރައީސް އަބްދުﷲ ޔާމީނެވެ. މަނިކުފާނު ވެރިކަން ކުރެއްވީ މުޅި ދައުލަތް މަނިކުފާނުގެ މުށުތެރެއަށް ލައްވައިގެން ނުފޫޒުއި ބާރުގެ ބޭނުންކުރައްވައިގެން ނޫންތޯ އެވެ. އެހެންވީމާ، ކުރިން މައްސަލައަކަށް ނުވިޔަސް، މިހާރު މައްސަލައަކަށް ވެދާނެ ނޫންތޯ އެވެ. ވެރިކަން ބަދަލުވުމާއި، ދައުލަތުގެ މުއައްސަސާތަކުގެ ވެރިން ބަދަލުވުން ފަދަ ކަންކަމަކީ، ދުނިޔޭގެ ގައުމުތަކުގެ ނިޒާމު ހިނގާގޮތެވެ. އެއީ ދުނިޔަވީ އުސޫލެވެ. ހާލަތު ބަދަލުވާނެކަން މަނިކުފާނަށް ވިސްނިވަޑައި ނުގެންނެވުމަކީ ދިވެހި ދިވެހި ރައްޔިތުންގެ މައްސަލައެއް ނޫނެވެ.

ރައީސް ޔާމީން އެވެ. މަނިކުފާނުގެ ވެރިކަމުގައި ތިޔަ ބުނާ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންގެ މުއައްސަސާއިން އެމައްސަލަތައް ނުބަލާ، އަޅާނުލާ އޮތުމަކީ، އެކަން ތާއަބަދަށް ހިނގައިދާނެ ކަމެއްކަމަށް ބަލައި، ތިމާގެ އަންބޮނޑި ބޮޑުކުރަން އުޅުއްވި އުޅުއްވުމަކީ މިއަދު މާފުށީ ޖަލުގައި ތިމާ އިންނަވަން ޖެހިވަޑައިގެންނެވި ހަގީގީ މަންޒަރު ނޫންތޯ އެވެ. ތިމަން މަނިކުފާނަކީ، 1993 ވަނަ އަހަރުން ފެށިގެން އަމިއްލަ ގެކޮޅު ކުއްޔަށް ދީގެން އުޅުއްވި ބޭފުޅެއް ކަމަށާއި ތިމަންމަނިކުފާނަކީ ސިޔާސީ ހަރަކާތް ހިންގަވާ ސިޔާސީ ބޭފުޅަކަށް ވުމަކީ، ތިމަންމަނިކުފާނުގެ އެކައުންޓްތައް ފައިސާއިން ފުރާލުމަށް އޮތް މަގެއްތޯ އެވެ. އަމިއްލަ ގެކޮޅުން ދެތިން ކޮޓަރިއެއް ކުށްޔަށް ދީގެން، މިލިއަނުން ފައިސާ ގުނާލެވޭވަރުގެ ބޭފުޅެއް މަނިކުފާނު ނޫނިއްޔާ ހަމަ ނެތޭ ބުންޏަށް ދޮގަކަށް ނުވާނެ އެވެ.

އެހެންނޫނަސް، ތިމާ ވެރިކަމުގައި ހުންނެވި 5 އަހަރު ދުވަހުގެ މުއްދަތުގައި، ކުރުން މަނާ ކަންކަން ގާނޫނުގައި ބަޔާން ކޮށްފައިވާއިރު، ވެރިކަމުގެ މުއްދަތުގައި މަނިކުފާނުގެ އެކައުންޓަށް ވަދެފައިވާ 100 މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ މަނިކުފާނުގެ ގެކޮޅު ކުއްޔަށް ދެއްވައިގެން، ލިބިލެއްވި ފައިސާ ނޫންކަން ހަމަ ވިސްނުންހުރި ސިކުނޑިއަކުން ވިސްނާ މީހަކަށްވިއްޔާ އެނގޭހާ ސާފް ނޫންތޯ އެވެ. އެހެންވީމާ، މަނިކުފާނުގެ އެކައުންޓްތަކަށް ވަދެފައިވާ ފައިސާ، ވަދެފައިވާ ގޮތް ބެލުމަކީ ދިވެހި ރައްޔިތުންގެ ހައްގުގުގައި، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެއީ ނުކޮށް ދޫކޮށްލަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.

ރައީސް އަބްދުﷲ ޔާމީނެވެ. މުޅި ދައުލަތް، ތިމާގެ އަމިއްލަ މިލްކިއްޔާތައް ހައްދަވާލައިގެން، ތިމާގެ އަމިއްލަ ގެކޮޅަށް ދައުލަތުގެ ފައިސާ ވައްދައިގެން އުޅުއްވިއިރު، އެފައިސާއަކީ ހަލާލެއް ހަރާމެއް ނުބަލާ ހޯދާފައިވާ ފައިސާކަން އަދި ހުދު އަނބިމީހާ ވެސް އެފަދަ ސުވާލެއް ކުރައްވާފައި ނުވުމަކީ، ދިވެހި ރައްޔިތުން އެސުވާލު ނުކުރައްވައި، އަދި ނުބަލާ ދޫކޮށްލާނެ ކަމެއް ނޫނެއް ނޫންތޯ އެވެ. އަނބިމީހާގެ ޖާހިލުކަމުންނާއި ފައިސާއަށް "ބޫރުކަވައިފައި" ހުންނެވި މިންވަރުން، ރޯދައަށް ދިވެހި ރައްޔިތުންނަށް ބަހަން ދިން ކަދުރުކޮޅަށާއި، ޒަކާތު ފަންޑާއި މިސްކިތު ފަންޑު ފަދަ ފަނޑުތަކަށް ހަދަމުންދިޔަގޮތް އޭރުވެސް އެނގިވވަޑައިގަންނަވާ ނޫންތޯ އެވެ.

ނުވިތާކަށް ސަރުކާރުން ކުންފުންޏެއް ހުރިއްޔާ އެކުންފުންޏެއް ބޭނުންކޮށްގެން ޖެއްސެވި ސަކަރާތުގެ ހަގީގަތް ބަލާއިރު، މަންމަގެ ހަނދާނުގައި ކަމަށްބުނެ، އިމާރާތްކުރި މިސްކިތް އިމާރާތްކޮށްފައިވަނީ އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވް ގޭސް ކުންފުނީގެ ފައިސާއިން ނޫންތޯ އެވެ. މިއީ ހައްތަހާވެސް ދިވެހި ރައްޔިތުންގެ ފައިސާއިން އޮޅުވާލައިގެން ހިންގާފައިވާ ޖަރީމާތަކުގެ ކުޑަ މިންވަރެއް ނޫންތޯ އެވެ.

ރައީސް ޔާމީން ދައުލަތުގެ ފައިސާއަށް ހިޔާނާތް ވެފައިވާކަން، ދައުލަތުގެ އިދާރާތަކުން ހިންގާ ތަހުގީގުތަކުން ސާބިތުވާވަރުގެ ހެކި ނެތް ކަމަށްބުނެ، އެކަނިކުފާނުގެ މައްޗަށް ކުރެވޭ މިފަދަ ބޮޑެތި ތުހުމަތުތަކުން ސަލާމަތް ވެވަޑައިގެންނެވުމަކީ ބޭއިންސާފަކަށް ނޫނީ ނުވާނެ އެވެ. އެއީ ހުދު އެމަނިކުފާނުވެސް ދިވެހި ރައްޔިތުންގެ ކުރިމަތީގައި، ދައުލަތުގެ ފައިސާ އެމަނިކުފާނުގެ ގެކޮޅަށް ވެއްދިކަމާއި، އެމަނިކުފާނަށް ހަދިޔާގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ބޮޑެތި އަދަދުތަކުން ފައިސާ ދެއްވާކަން ވަނީ ހާމަކުރައްވާފަ އެވެ. އަދި އެއީ އެއްފަހަރަކު ދެފަހަރަކު ނޫނެވެ.

ޝަރުއީ ކޯޓުތަކުގައިވެސް އެއިއުތިރާފު އެބައޮތެވެ. އެގޮތުން އެމަނިކުފާނަށް އެހީއެއްގެ ގޮތުގައި 5 މިލިއަން ޑޮލަރު ލިބިލެއްވި ވާހަކަ ވަރަށް ސާފުކޮށް ދިވެހި ރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހެއްގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން، އަމިއްލަ އިއުތިރާފުންވެސް މީހެއްގެ މައްޗަށް ކުށެއް ސާބިތުވާނަމަ، ރައީސް ޔާމީންގެ މައްޗަށް ސާބިތުވާންޖެހޭ ނޫންތޯ އެވެ. ހަމަމިގޮތަށް އެހީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާތަކެއް ލިބިލެއްވި، މަނިކުފާނު ވެރިކަން ކުރެއްވި ޒާތުގެ ވެރިކަމެއް ކުރެއްވި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ކުށް ސާބިތުވެ، އޭނާގެ މައްޗަށް ވަނީ ޖަލުހުމުންތަކެއް މެލޭޝިއާގެ ކޯޓުތަކުން އިއްވާފަ ނޫންތޯ އެވެ.

ރައީސް ޔާމީން އެވެ. މަނިކުފާނުގެ ވެރިކަމުގައި މަނިކުފާނު ހިންގެވި ޖަރީމާތަށް، ބެލުމަށް އޭސީސީއާއި ފުލުހުން އުޅުއްވިނަމަ، އެމީހުންގެ ދުވަސްދާނެކަން އެމީހުންނަށް ވެސް އެނގޭނެ ނޫންތޯ އެވެ. އެހެންކަމުން އޭސީސީގެ ލުތުފީއާއި މުޅި ކޮމިޝަން އަދި ފުލުހުންގެ އިސްވެރިން ތިއްބެވީ ހިހޫތަނުން ކެއިން ބައްލަވަންްށެވެ. ދައުލަތް ފެއިލްވެގެން ދިޔައިރުވެސް އެމީހުންތިބީ ކާލަކާލަ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބަވައިގެން ޒިންމާތަކާ ހަވާލުވެ، ﷲ ގައްދީ ހުވާ ކުރައްވައިގެން ތިއްބަވައި، ގާނޫނީ ޒިންމާ ނުނަންގަވާ މިފަދަ ވެރިންނާމެދު ތަހުގީގު ހިންގަންޖެހެ އެވެ. އެހެންނޫނީ މިއީ ނިމުމެއް އަންނާނެ ކަމެއް ނޫނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި މަނީ ލޯންޑަރ ކުރުމުގައި ރައީސް ޔާމީނާއެކު ދައުލަތުގެ ބައެއް މުއައްސަސާތަށް ވެސް ބައިވެރިވެފައިވާކަމުގެ ތުހުމަތު ކުރެވެއެވެ. އޭގެ ތެރޭގައި ސެންޓްރަލް ބޭންކް އެމްއެމްއޭގެ އޭރުގެ ވެރިންނާއި، ބީއެމްއެލްގެ އޭރުގެ ވެރިންނާއި ކުރީގެ އޭސީސީއާއި ފުލުހުންގެ އޭރުގެ ވެރިންގެ މައްޗަށް ތުހުމަތު ކުރެވޭލެއް ބޮޑެވެ. އެއީ ރައީސް ޔާމީންގެ ވެރިކަން ފެށުނީއްސުރެން، ވެރިކަން ނިމެންދެން އެވެރިކަމުގައި ދިޔައީ ކޮރަޕްޝަނާއި ހިޔާނާތު އަމަލުތައް ހިންގަމުން ނެވެ.

އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފެންމަތިވި ފުރަތަމަ މައްސަލައަކީ 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރު، އެމްއެމްޕީއާރުސީން އެމްޕީއެލުން 77 މިލިއަން ރުފިޔާ އަދި އެމްޓީޑީސީން 1 މިލިއަން ޑޮލަރު ނަގައިގެން ހިންގި ޖަރީމާއިންނެވެ. އޭގެ ފަހުން ވެރިކަން ނިމެންދެން ޖަރީމާ ހިންގުން ނޫންކަމެއް ކުރެއްވި ތަނެއް ނުފެނެއެވެ.

ސަރުކާރުގެ ބޮޑުންގެ އަމިއްލަ ޖީބަށް ލާރިއެއް ނުވަންނަ ގޮތަށް އެއްކަމެއްވެސް ކުރައްވާފައި ނެތެވެ. އެންމެފަހުން، ހިންގާ ޕްރޮޖެކްޓްގެ ދެބައިކުޅަ އެއްބައި އަމިއްލަ ޖީބަށް އަޅަން ޖެހުމުން ޕްރިޖެކްޓްގެ އަގުވެސް، އިންތިހާއަށް ބޮޑުވެގެން ދިޔަތަން ފެނިގެން ދިޔަ އެވެ. ރައީސް ޔާމީންގެ ސަރުކާރާއި ދައުލަތުގެ ވެރިންގެ ޖީބުތައް ފުރާލީ، ދިވެހި ރައްޔިތުން 60 ބިލިއަން ރުފިޔާއިން ދަރުވާލާފަ އެވެ. އެހެންވީމާ، އޭރު އޭސީސީއާއި ފުލުހުން އެމައްސަލަތައް ނުބެލިޔަސް، މިހާރު ބަލަންޖެހޭ ނޫންތޯ އެވެ. ބަލާފައި ހައްގު އަދަބު ދޭންޖެހޭ ނޫންތޯ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
8%
75%
0%
17%
ކޮމެންޓް
23 ސެޕްޓެންބަރ 2020 | ބުދަ 20:05
މުހަންމަދު.
ކޮއްކޯ،އޭރުވެސް ވައްކަން މިހާރުވެސް ވައްކަން.....ހުސް ވަގުން. ދެން ލަލަލާ.
23 ސެޕްޓެންބަރ 2020 | ބުދަ 19:16
ބޮކި
ވަރަށް ރަގަޅު ރިޕޯޓެ