raajjemv logo
ރޭޑިއޯ ކޮމެންޓޭޓަރ މުއުމިނާ އިބްރާހިމް
ދުނިޔޭގެ ފުރަތަމަ އަންހެން ރޭޑިއޯ ކޮމެންޓޭޓަރ މުއުމިނާގެ، ނަންނެތި، "ވޯލްޑް ރެކޯޑް ބުކް" ފުރިހަމަވެދާނެ ހެއްޔެވެ؟!
 
14 އަހަރު ވަންދެން، ފުޓުބޯޅަ ކޮމެންޓްރީ ރޭޑިއޯއިން ގެނެސްދެއްވި
 
މުއުމިނާ އަކީ ރޭޑިއޯ ދުނިޔޭގެ ފުރަތަމަ އަންހެން ކޮމެންޓޭޓަރ
މުހައްމަދު އާދަމް ސަލީމް
36,763
ކ. މާލެ |
22 ސެޕްޓެންބަރ 2020 | އަންގާރަ 12:15
ރޭޑިއޯ ދުނިޔޭގެ ފުރަތަމަ އަންހެން ކޮމެންޓޭޓަރ މުއުމިނާ އިބްރާހިމް އާއި، އޭރު އެކުގައި މަސައްކަތްކުރެއްވި ބައެއް ބޭފުޅުން
ރާއްޖެއެމްވީ

"ވިކްޓްރީ ހާފުގެ މެދެއްހާ ހިސާބުން ދަނޑުގެ އިރުމަތީ ފަރާތުން، އަންދަރޭ މިހުރީ...! އަންދަރޭ ޖައްސާލި ބޯޅައަށް ކުޑަމޫސަ ދުވެފަ ކުރިއަށް އެބައަރާ....! އޭނައަށްވުރެ ކުރިން އެޕޯނިއަމް ދުވެފަ ކުރިއަށް އަރައިގެން އެ އައިގޮތަށް އައިސް، އެބޯޅަ ސަލާމަތް ކުރުމަށްފަހު، އަނެއްކާ މި ޖައްސާލީ ކުޑަމޫސައަށް....! ކުޑަމޫސަ ކައިރީ މިހިރީ ވިކްޓްރީގެ ދޮންބިލަތް...! ދޮންބިލަތަށްވުރެ ކުރިން، ކުޑަމޫސަ، އޭނަގެ ކަނާއަތް ފަރާތު ފައިގެ އަރިމަތިން، ބޯޅަ ޖައްސާލައިގެން ކުރިއަށް އަރައިގެން އެބަދޭ....! ފަހަތުން ދުވެފަ ވިކްޓަރީގެ އާދަންބެ، އެބަދޭ! ... އެހެން ނަމަވެސް ކުޑަމޫސަ ވަރަށް ބާރަށް އެދިޔަ ގޮތަށްގޮސް، ޕެނަލްޓީ އޭރިއާގެ ފޫޓެއްހާ ދުރުން ޖެހިބޯޅަ، އެދިޔަގޮތަށް ގޮސް އެވަނީ، ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ގޯލަށް...! އާދެ! މިއަދުގެ ފުރަތަމަ ލަނޑު ނިއު، މި ކާމިޔާބުކުރީ، މެޗުގެފަހު ހާފު ނިމެން ދިހަވަރަކަށް މިނެޓަށް ވެފާ އޮއްވަ!"

މިއީ، ގަލޮޅު ދަނޑުގައި، ވިކްޓްރީ ސްޕޯޓްސް ކުލަބާއި، ނިއުރޭޑިއަންޓު ބައްދަލު ކުރި ފޯރިގަދަ މެޗެއް، ރޭޑިއޯ ދުނިޔޭގެ ފުރަތަމަ އަންހެން ކޮމެންޓޭޓަރ މުއުމިނާ އިބްރާހިމް، ކޮމެންޓްރީ ދެމުން ގެންދިޔަ ހަލުއިކަމާއި ހުޝިޔާރުކަން ހާމަވާނެ ޢިބާރާތެކެވެ. ފޯރިގަދަ މިފަދަ ކޮންމެ މެޗެއްގެ ކޮމެންޓްރީ އަޑުއަހަން، އެދުވަހު މުޅި ގައުމު އޮންނަނީ ރޭޑިއޯއެއް ހުރިނަމަ ހުރިތާކަށް ޖަމާވެފައެވެ. ކުލަބުތަކުގެ ސަޕޯޓަރުން ނޭވާ ހިފަހައްޓާލައިގެން ތިބެނީ، ދެން މުއުމިނާ ސިފަކޮށްދޭނެ މަންޒަރަކަށެވެ.

މުއުމިނާއަކީ، ދުނިޔޭގައި އެންމެ ފުރަތަމަ ރޭޑިއޯއަކުން ފުޓުބޯޅަ ކޮމެންޓަރީ ދިން، އަންހެން ކޮމެންޓޭޓަރެވެ. ބައެއް ފަހަރަށް ޝަރުމީލާ ޙަސަންއާއި އެކުގައެވެ. ނޫނީ ބަދުރުއްނަސީރު، ނުވަތަ ސަމަރު ބުލޫ އިބްރާހިމް މަނިކާއި އެކުގައެވެ. މުއުމިނާއަކީ، ދުނިޔޭގެ ރޭޑިއޯގެ ތާރީޚުގެ ރެކޯޑެކެވެ. މިކަމަށް ދިވެހިރާއްޖޭގެ އަޑު އެންމެ ފަހުން ހިންގަވަން ހުންނެވި ބަދުރުއް ނަސީރުވެސް، އެއްބަސްވެ ލައްވައެވެ.

"ދުނިޔޭގައި ވެސް، ރޭޑިއޯއަކުން ފުރަތަމަ ފުޓުބޯޅަ ކޮންމެޓްރީ ގެނެސްދިން އަންހެން ކޮމެންޓޭޓަރަކީ މުއުމިނާ އިބްރާހިމް" ބަދުރުއް ނަސީރު، ރާއްޖެ ޓީވީއަށް، ވިދާޅުވިއެވެ.

މުއުމިނާގެ ރޭޑިއޯ ޚިދުމަތުގެ 38 އަހަރު ކުރެވުނު މަސައްކަތަކީ، ރޭޑިއޯގެ ޚިދުމަތުގެ މުހިންމު ސަފުޙާއެއް

މުއުމިނާގެ ރޭޑިއޯ ޚިދުމަތުގެ 38 އަހަރުގެ މާޒީ، ރާއްޖެ ޓީވީއަށް، ތިލަކޮށްދެއްވި ގޮތުގައި، 14 އަހަރު ވަންދެން، ފުޓުބޯޅަ ކޮމެންޓްރީ ރޭޑިއޯއިން ގެނެސް ދިނުމުގައި، އޭނާއަށް ކުރެވުނު މަސައްކަތަކީ، ރޭޑިއޯގެ ޚިދުމަތުގެ މުހިންމު ސަފުޙާއެކެވެ. މީގެ ތެރެއިންވެސް، 12 އަހަރު މެދުކެނޑުމެއްނެތި، މިކަމުގައި އޭނާ ދެމިހުންނެވިއެވެ. ބައެއް ފަހަރަށް ޝަރުމީލާ ހަސަންއާއި އެކުގައެވެ.

މުއުމިނާ ވިދާޅުވާ ގޮތުގައި، އެއީ ބުރަވެސް މަސައްކަތެކެވެ. ބައެއް ފަހަރަށް ސަޕޯޓަރުންގެ ވައްބަހާވެސް، ކުރިމަތިލާން ޖެހުނު ކަމެކެވެ. އެކަން ކަމުގެ އިތުރުން އެހެން ޚާއްސަ ކަމެއްވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އެއީ އޭނާގެ ލޮބުވެތި ބައްޕައާއި ގުޅުން އޮތް ހަނދާނެކެވެ.

އެއްދުވަހު، އަޅުގަނޑު ގެއިން ނިކުތްއިރު ބައްޕަ އުޅުއްވާ، ގޭގެ ފުރާޅު މައްޗަށް ނިއުގެ ދިދައެއް ނަންގަވައިގެން. އަޅުގަނޑު ނަންގަތިން، ތިޔަ ދިދަ ނެންގެވީމަ، ފުޓުބޯޅަ ކޮމެންޓްރީ ގެނެސްދިނުމުގައި، އަޅުގަނޑުގެ އިންސާފުވެރި ކަމާމެދުގަ، މީހުން ކިހާ ސުވާލު އުދައްދާނެ ތޯއެވެ؟. ބައްޕަ ބުނުއްވީ، މިކަމާ ހިތްހަމަ ނުޖެހޭނަމަ، ގެއިން ނިކުމެގެން ދިޔައަސް އެންމެ ރަނގަޅޭ. އެދުވަހު، ކަންދިމާވި ގޮތުން މެޗު ނިމުނީ، ވިކްޓްރީ އަތުން ނިއު ބަލިވެގެން. އަޅުގަނޑު ގެއަށް އައިރު، ބައްޕަ ހުންނެވީ އެ ދިދަ ބާލައިފަ
މުއުމިނާ އިބްރާހިމް

މުއުމިނާ އިބްރާހިމަކީ، ހަމައެކަނި މިރޮނގުން ވިދައިގަތް ރޭޑިއޯ ޝަޚްސިއްޔަތެއް ނޫނެވެ. ޚަބަރު ކިއުމާއި، މަޤްބޫލު އެތައް ޕްރޮގްރާމްތައް އުފެއްދުމުގައިވެސް، އޭނާ މަގްބޫލުވިއެވެ. ގައުމީ ފެންވަރުގައި ބޭއްވުނު ކޮންމެ ރަސްމީ ޖަލްސާއެއް ނުވަތަ ރާއްޖޭގައި ބާއްވަމުން ގެންދިޔަ އިންތިޚާބު ތަކުގެ ނަތީޖާ، ރިލޭކޮށްދިން އެކަކީވެސް އޭނާއެވެ. "ސާރކު އޯޑިއޯ ވިޝުއަލް އެކްސްޗޭންޖް ޕްރޮގްރާމް"ގެ ދަށުން ރާއްޖެއާބެހޭ ޕްރޮގްރާމްތައްވެސް، އިނގިރޭސިބަހުން އެނާ އުފެއްދިއެވެ.

ރާއްޖޭގެ އިތުރުން، ލަންޑަނުންވެސް، ރޭޑިއޯގެ ދާއިރާއިން، އޭނާ ތަމްރީނު ހޯއްދެވިއެވެ. ދިވެހިބަހާއި އިނގިރޭސިބަހުން، އެނާ އުފެއްދެވި ތަފާތު ޕްރޮގްރާމްތައްވެސް، ވެގެން ދިޔައީ، ރޭޑިއޯގެ އެހުންތެރިންގެ މެދުގައި ރޭޑިއޯގެ ޚާއްސަ ޝަޚްސިއްޔަތަކަށް، އޭނާވެގެންދިޔަ ސަބަބަށެވެ. ނަމަވެސް އެ ޚިދުމަތުގައި އޭނާ ދެމިހުއްޓައި، އެތައް ސަރުކާރުތަކެއް ބަދަލުވެގެން ދިޔައިރު، ޤައުމީ ފެންވަރުގައި ޚިދުމަތްތެރިންނަށް ދެމުންދިޔަ، އެއްވެސް އިނާމެއް، އޭނާގެ އަތަކަށް ނާރައެވެ. ދުނިޔޭގެ ރެކޯޑު ފޮތަކަށްވެސް އެނާގެ ނަމެއް ނާރައެވެ. އެހެންނަމަވެސް އެއީ، މުއުމިނާއަށް މާބޮޑު ކަމަކަށް ނުވެއެވެ.

ރޭޑިއޯގެ ޚިދުމަތަށް ވެންނެވުނު ގޮތް، ސިފަކޮށްދެމުން މުއުމިނާ ކިޔައިދިން ގޮތުންނަމަ، އެއީ، މީގެ 39 އަހަރު ކުރީއްސުރެން ހިނގަމުން އައި، ހަނދާން ތަކެކެވެ. ޚިދުމަތުގެ ފެށުމަށް ބަލާނަމަ، އެއީ 1970 އެވެ. އޭރު މުއުމިނާ އިބްރާހިމް، ތަޢުލީމު ޙާސިލް ކުރަމުން ގެންދިޔައީ، އަމީނިއްޔާ ސްކޫލްގައެވެ. ތަޤުދީރު ނިޔާކުރި ގޮތުން، ޢުމުރުން އެންމެ 9 އަހަރުގައި އޭނާގެ މަންމަ ނިޔާވެއްޖެއެވެ. ދެންހުރީ ބައްޕައެވެ. ބައްޕައަށް ލިބެނީ ދާދި ކުޑަކުޑަ މުސާރައެކެވެ. އެހެންކަމުން މުއުމިނާގެ ތަޢުލީމަށް ޚަރަދު ކުރެވެން ނެތިގެން، ބައްޕަގެ އެދުމުގެ މަތިން، އޭނާ ގްރޭޑް 8 ނިންމައި، ގްރޭޑް 9 އަކަށް ދާން އޮތް އަހަރު، އަމީނިއްޔާއިން ވަކިވާން ޖެހުނެވެ.

ރޭޑިއޯގެ ޚިދުމަތަށް އެނބުރުމުގެ ކުރިންނަމަ، އެއީ ނަރުހުންގެ ތަމްރީނު ހަދަމުން ދިޔަ ޒުވާނެކެވެ. ނަރުހަކަށް ވުމީ، އޭނާގެ ފުރަތަމަ އަޒުމެވެ. އެ ކޯސް ފުރިހަމަކޮށް، ޓެސްޓުގައި ވެސް ބައިވެރިވިއެވެ. އެހެންނަމަވެސް ރޭޑިއޯގެ ޚިދުމަތުން، އެހެން ޚިދުމަތަކަށް އޭނާއަށް ފައި އުފުރާލެވޭނެ ގޮތެއް ނުވިއެވެ. ހިނގާން ޖެހުނީ ރޭޑިއޯގެ ވޭވްތަކާއެކު ކުރިއަށެވެ.

މުއުމިނާ އިބްރާހިމް ރޭޑިއޯ ސްޓޭޝަނެއްގައި ބޭރުގެ ފަރާތްތަކަކާއި އެކު - ރާއްޖޭގެ އިތުރުން، ލަންޑަނުންވެސް، ރޭޑިއޯގެ ދާއިރާއިން، އޭނާ ތަމްރީނު ހޯއްދެވި

މުއުމިނާ ރޭޑިއޯގެ ޚިދުމަތް ފެށިއިރު، ސިނަކޯ ރޭޑިއޯގައި އިނގިރޭސި ޚަބަރުކިޔާ އެނައުންސަރުންނަކީ، ނާއިލާ އިބްރާހިމް ކަލޭފާނާއި، ރާއްޖޭގައިހުރި ސްރީލަންކާގެ ޓީޗަރަކާއި، ދެން އޭނާއެވެ. އޭރު ރޭޑިއަމްގޭ އަލްމަރުޙޫމާ ޒުލްފާ، ހުންނެވީ ދިވެހި ޚަބަރު ކިޔާ އެނައުންސަރަކަށެވެ. އަލްފާޟިލް ބަދުރުއްނަސީރުގެ ރޭޑިއޯ ހަނދާންތަކުން ހާމަވާ ގޮތުންނަމަ، ނަސީމާ މުޙައްމަދު ކަލޭފާނަކީވެސް، އެ ޒަމާނުގައި އިނގިރޭސި ޚަބަރު ވިދާޅުވި ބޭފުޅެކެވެ.

ކޮންމެއަކަސް މުއުމިނާ، މި މަޤާމުގައި ދުވަސްކޮޅެއް ހޭދަ ކޮށްފައި އޮތްވައި، 1971 އޭނާގެ ތަޤްދީރާ އަރާ ހަމަކޮށްފިއެވެ. މި އުޅެނީ، މުއުމިނާގެ ނަސީބު އަތުގައި ހިފަންހެއްޔެވެ؟ އެކަމެއް އޭނާއަކަށް ނޭނގެއެވެ! އެހެން އޮތްވައި، އޭނާއަށް އެންގީ، އިބްރާހިމް ނާސިރުގެ ބެއްލެވުމުގެ ދަށުން، އޭރު ހިނގަމުންދިޔަ އޮފީހަކަށް އައުމަށެވެ.

"އެ ދުވަހު، ތީމުގޭގެ ގޯތީގައި އޭރު ހުންނަ ސަރުކާރުގެ ރަސްމީ އޮފީހަކަށް، އަޅުގަނޑު ގެންދަވައިފަ، އެތަނުން ބައްދަލު ކުރެއްވީ، މުރިނގު އަލްމަރުޙޫމް މުޙައްމަދު ޞާދިޤު. އޭނާ ވިދާޅުވީ ފެނިވަޑައި ގަންނަވައިގެން، ދިވެހި އެނައުންސަރަކަށް، މުއުމިނާ ބަދަލު ކުރައްވައިފި ކަމަށް". މިއީ އަލް މަރުޙޫމާ ރޭޑިއަމްގޭ ޒުލްފާ ނިޔައުވުމުން، ހުސްވެގެންދިޔަ، ދިވެހި އެނައުންސަރުގެ ޖާގައެވެ. ތަޤްދީރުން އެ ހުސްޖާގަ ފުރަންޖެހުނީ، މުއުމިނާއަށެވެ. އެހެން ނަމަވެސް އެދުވަސްވަރު ޚަބަރު ކިޔާ އެނައުންސަރުންގެ ތެރޭގައި މަރުޙޫމާ ޒުލްފާއަކީ، އާދަޔާޚިލާފު ރީތި އަޑެއްގެ ވެރިއެކެވެ. އޭރު ރޭޑިއޯގެ އެންމެ މަޤްބޫލު ޝަޚްސިއްޔަތަކީވެސް އެއީއެވެ.

މަރުޙޫމާ ޒުލްފާއަށްފަހު، ޚާއްސަކޮށް ރޭޑިއޯއިން ޚަބަރު ކިޔާއިރު، އެ އަޑެއްގެ ޖާދޫގައި، މުޅި ގައުމުހެން، ދެން ޖެހެންފެށީ މުއުމިނާގެ އަޑަށެވެ. މުއުމިނާ އިބްރާހިމް ގެ "އެނައުންސަރު ކަމުގެ ތަރި" އެހައިތަނުން، އެ އަރަނީއެވެ. އެހެން ނަމަވެސް، އޭރަކު ސިނަކޯ ރޭޑިއޯގެ އަޑު، މުޅި ދިވެހިރާއްޖެއަށް ބަރާބަރަކަށް ނުލިބެއެވެ. އެހެން ކަމުން އެ އަޑެއް އެހުމުގެ ނަސީބު އޭރު އޮތީ، މާލެއަތޮޅަށެވެ.

މުޅި ރާއްޖެއަށް ރޭޑިއޯގެ އަޑު ރަނގަޅަށް އިވެންފެށީ 1978ގެ ފަހުން، ރައީސް މައުމޫންގެ ވެރިކަން ފެށުމާއި ހަމައިންނެވެ. އެއީ އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި، ދިވެހި ސަރުކާރަށް ހަދިޔާކުރި 5 ކިލޯވޯޓުގެ ދެ ޓްރާންސްމީޓަރަކާއި އަދި އެ ޕްރޮޖެކްޓުގެ ދަށުން، ލޮނުޒިޔާރަތް ކޮޅަށް ހިއްލާލި، އެންޓަނާތައް ކޮޅަށްޖެހި ހިސާބުންނެވެ.

ނަމަވެސް އޭރު އެއީ ސިނަކޯ ރޭޑިއޯއެއް ނޫނެވެ. އަދި އޭގެ ފަހުން ނަމަށް ބަދަލުއައި "މޯލްޑިވް އައިލެންޑްސް ބްރޯޑްކާސްޓިން ސަރވިސް" (އެމް.އައި.ބީ.އެސް) އެއްވެސް، ނޫނެވެ. ހަމައެހެންމެ، އެމް.އައި.ބީ.އެސްއަށް ފަހު، 11 އަހަރު ވަންދެން ހިނގި "ރޭޑިއޯ މޯލްޑިވްސް" އެއްވެސް ނޫނެވެ. އޭރު އެއީ، ދިވެހިރާއްޖޭގެ އަޑެވެ.

މުއުމިނާ އިބްރާހިމް - ހުރިހާ މަރުޙަލާ އެއްގައިވެސް، ވިދަމުން އައި ރޭޑިއޯގެ ޝަޚްސިއްޔަތެއް

މުއުމިނާ އިބްރާހިމަކީ، މިދެންނެވި ހުރިހާ މަރުޙަލާ އެއްގައިވެސް، ވިދަމުން އައި ރޭޑިއޯގެ ޝަޚްސިއްޔަތެކެވެ. މި މަރުޙަލާ ތަކުގައި، އޭނާ އުފެއްދިހާ ޕްރޮގްރާމު ތަކުގެ ޢަދަދު، ޚުދު އޭނާއަށްވެސް ހިތުން ދަންނަވާކަށް ނޭގެއެވެ. އެހެން ނަމަވެސް، "ދިވެހިބިމުން" އެއީ އޭނާ އުފެއްދި ޕްރޮގްރާމް ތަކުގެ ތެރެއިން، ވަރަށް މަޤްބޫލްވި ޕްރޮގްރާމެކެވެ. ހަމަ އެހެންމެ، މާބަނޑު އަންހެނުންނަށް ޚާއްސަކޮށްގެން ތައްޔާރުކުރި "ފުރަތަމަ އަހަރު" ޕްރޮގްރާމާއި، ޚިދުމަތްތެރިންގެ ޕްރޮފައިލް ގެނެސްދިން "ވިދުވަރު ޕްރޮގްރާމް" އާއި، ޖޭ.އެސް.ސީ އިމްތިޙާނަށް އަމާޒުކޮށްގެން، ޢަބްދުﷲ ޞާދިގާއެކު އުފެއްދި، އިމްތިޙާނަށް އެހީވެދޭ ޕްރޮގްރާމާއި، "މަދަރުސާކުދިންގެ ގަޑި" އާއި "ކުޑަކުދިންގެ ބަގީޗާ" ޕްރޮގްރާމަކީ، އޭނާގެ މަޤްބޫލު އުފެއްދުން ތަކެވެ.

ސަމަރު ބްލޫ އިބްރާހިމް މަނިކުގެ އިންފޮރމޭޝަން މިނިސްޓަރ ކަމުގައި، ޙަފްސާ ޢަލީގެ ބެއްލެވުމުގެ ދަށުން "އަދުގެ އަޑު" ޗެނަލްގެ ޚިދުމަތް ފެށުމާއި، މުއުމިނާ އިބްރާހިމްގެ ބެލުމުގެ "އިންގްލިޝް ސަރވިސް" ޗެނަލް އިނގިރޭސި ބަހުން ގެނެސްދެމުން ދިޔަދުވަސްވަރު، ފަންނީ ބޭފުޅުންގެ އެހީގައި އުފައްދަމުންދިޔަ އިނގިރޭސި ބަހުގެ ޕްރޮގްރާމް ތަކުގެ ޕްރޮޑިއުސަރަކީވެސް، މުއުމިނާއެވެ. އޭގެ ތެރޭގައި ހިމެނުނު، "މިސްޓިސިޒަމް އިންދަ މޯލްޑިވްސް" ޕްރޮގްރާމަކީ، ވަރަށް ގިނަބަޔަކު ޝައުގުވެރިވި ޕްރޮގްރާމަކަށްވިއެވެ.

ހަމަ އެހެންމެ ލަވައާއި ވާހަކަ ހިމަނައިގެން، އޭނާ ޑްރެމަޓައިޒްކުރި ގިނަ ޕްރޮގްރާމްތަކާއި، އުފެއްދި ބައެއް ކުދި ޑްރާމާތަކަކީވެސް، އެހުންތެރިންނަށް، މަގުބޫލްވެގެންދިޔަ މުއުމިނާގެ ޕްރޮގްރާމްތަކެވެ. ޚާއްސަ ގޮތެއްގައި، ޒާހިދާ އިބްރާހިމް ގެނެސްދެއްވި މަގްބޫލު ޕްރޮގްރާމެއް ކަމުގައިވި، "ވަކިވުމުގެ ކުރިން' މި ޕްރޮގްރާމުވެސް، އެންމެ ފުރަތަމަ ވުޖޫދުކުރީ މުއުމިނާއެވެ. އެ ޕްރޮގްރާމަކީ، ނިދަން އެނދުގައި އޮށޯންނަ، އެތައް ބައެއްގެ ހިތްތަކަށް، ލިއްބައިދިން ފިނިކަމަކަށް ވިއެވެ.

ވޭތުވެދިޔަ ދިގު ޒަމާންތަކުގައި، ފުޓުބޯޅަ ކޮމެންޓްރީ ގެނެސް ދިނުމުގެ އިތުރުން، މުއުމިނާއަކީ، ރާއްޖޭގައި ބޭއްވުނު މުހިންމު ކޮންމެ ރަސްމިއްޔާތެއްހެން، ރިލޭ ކުރި އެނައުންސަރުވެސް މެއެވެ. މިފަދަ ރަސްމިއްޔާތުތަކުގައި، އޭނާއާއިއެކު، ޝަރުމީލާ ޙަސަން، މުހިންމު ދައުރެއް އަދާކުރެއްވިކަން، މުއުމިނާ ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި ރާއްޖޭގައި ބޭއްވުނު ސާކް ސަމިޓްފަދަ، މުހިންމު ކިތަންމެ ޖަލްސާތަކެއް، ރިލޭ ކޮށްދިނުމުގައިވެސް، މުއުމިނާ އާއއެކު ޝަރުމީލާ ޙަސަން ފަދަ ބޭފުޅުން ޝަމިލްވިއެވެ. ކޮންމެއަކަސް މުއުމިނާގެ ރޭޑިއޯ މާޒީގައި އެންމެ ފާހަގަ ކުރެވުނު އެއް ކަމަކީ، 1971ން ފެށިގެން 2007ގައި، އޭނާގެ ރޭޑިއޯ ކެރިއަރ ނިމިގެން ދިއުމާއި ހަމައަށްވެސް، ޚަބަރު ކިއުމުގައި، ސާބިތުކަމާއެކު، އޭނާ ދެމިހުރި ކަމެވެ.

މި ދިގު މާޒީގެ ތެރޭގައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމަކީ، މުއުމިނާގެ ޚިދުމަތަށް، ހިތްވަރު ދެއްވި ބޭފުޅަކަށް ވިއެވެ. ރައީސް މައުމޫނުގެ ފަރާތްޕުޅުން ލިބިލެއްވި އެހީތެރިކަމުގެ ހަނދާން މުއުމިނާ އައު ކުރެއްވި އެވެ.

މުއުމިނާ އިބްރާހިމް އާއި މަރިޔަމް ޝައުޤީ
" ރައީސް މައުމޫން ގުޅުއްވާނެ، ޚަބަރާ އަދި ފުޓުބޯޅަ ކޮމެންޓްރީ އަޑުއައްސަވައިފަ. އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ބައެއް ޚިޔާލުފުޅުތައް، އަޅުގަނޑާ ޙިއްސާކުރެއްވި އެއްފަހަރަށްވުރެން ގިނަފަހަރު. އަޅުގަނޑު ލަންޑަނުގައި ރޭޑިއޯގެ ދާއިރާއިން ތަމްރީން ހޯދި ދުވަސްވަރު، ލަންޑަނަށް މައުމޫން ވަޑައިގަތް ދަތުރުފުޅެއްގައިވެސް، ބައްދަލުކުރައްވައި، ވަރަށް ހިތްވަރު ދެއްވި".
މުއުމިނާ އިބްރާހިމް

މުއުމިނާގެ ޚިދުމަތް ފާހަގަ ކުރައްވަމުން، ބަދުރުއްނަސިރު، ވިދާޅުވެފައިވާ ގޮތުގައި، ރޭޑިއޯ އަކީ، މުއުމިނާ ފަދަ ވަރުގަދަ ޝަޚްސިއްޔަތުން ބިނާކޮށްދިން ތަނެކެވެ. އޭގެ ތެރޭގައި އެކި ދުވަސްވަރު ފިޔަޖަހަމުންދިޔައީ، އެކި ތަރިއެވެ. ބައެއް ފަހަރަށް މުއުމިނާއެވެ. ނުވަތަ މިންނާ ވަޖީހެވެ. ނޫނީ ހަފްސާއެވެ. އެހެން ނޫނީ ޒާހިދާ އިބްރާހިމެވެ. ނުވަތަ ނަޖުމާ، ނޫނީ ޝަރުމީލާއެވެ. ނުވަތަ އެނޫންވެސް ބޭފުޅެކެވެ.

"ވަކިވަކި ބޭފުޅުންގެ ނަންތައް، ދެންނެވުމަކީ، އަޅުގަނޑު ކުރަން ހެޔޮވާވަރުގެ ކަމަކަށް ނުވާނެ. އެކަންކަން ނިންމަވަން ވާނި އެހުންތެރިން. ނަމަވެސް އަޅުގަނޑުވެސް ޤަބޫލުކުރަން، މިދެންނެވި ބޭފުޅުންނީ، ރޭޑިއޯގެ ވަރުގަދަ ޝަޚްސިއްޔަތުންކަން" ރާއްޖެ ޓީވީއަށް ދެއްވި، ބަދުރުއްނަސީރުގެ ޕްރޮފައިލް އިންޓަރވިއެއެއްގައި، ވާހަކަ ދައްކަވަމުން، ބަދުރު ވިދާޅުވެފައި ވެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް ވެރިޔާގެ މަޤާމުގައި ހުންނަވައި، ބަދުރުއްނަސީރު، މިހާރު ވަނީ ރިޓަޔަރ ކުރައްވާފައެވެ.

"އަޅުގަނޑު ދުވަހަކުވެސް އަހާފައެއް ނެތް، ދުނިޔޭގެ އެއްވެސް ރޭޑިއޯއެއްގައި، މުއުމިނާނޫން، އެހެން އަންހެން އެނައުންސަރަކު، ފުޓުބޯޅަ ކޮމެންޓްރީ، ގެނެސްދިން ވާހަކައެއް. އަޅުގަނޑުމެން އަޑުނާހާ ރޭޑިއޯއެއް، ވަރަށް މަދުވާނެ. މުއުމިނާއަކީ، މުޅިދުނިޔެއަށް ބަލާއިރުވެސް، އެ ރޮނގުން ވަރަށްބޮޑު ރެކޯޑެއް އޮތް ރޭޑިއޯ ޝަޚްސިއްޔަތެއް"
ބަދުރުއްނަސީރު

ހަމައެކަނި ފުޓުބޯޅަ ކޮމެންޓްރީ ލައިވްކޮށް ގެނެސް ދިނުމުގައިވެސް މެދުނުކެނޑި 12 އަހަރު، އަދި އެކު ޖުމްލަ 14 އަހަރު މުއުމިނާ ވޭތުކުރިއެވެ. އަދި ރާއްޖޭގެ 35ވަނަ ގައުމީ ފުޓުބޯޅަ މުބާރާތުގެ ކޮމެންޓްރީ، މުޅި ސީޒަނުގައި ދެއްވަމުން ގެންދެވީވެސް، އޭނާ އެކަނިމާ އެކަންޏެވެ. މައިކުގައި ހިފާލާނެ ދެވަނަ އަތެއް ނެތިއެވެ.

ރާއްޖޭގައި އުފެދުނު ރޭޑިއޯ ޝަޚްސިއްޔަތުންގެ ޢާއިލާއަކީވެސް، އެބޭފުޅުންގެ ގެއަކީވެސް ރޭޑިއޯއެވެ. ހާރަކަސް ތަރާވީހަކަސް، އެބޭފުޅުންގެ މުޅި ޙަޔާތާ ގުޅިފައި އޮތް ތަނަކީ އެއީއެވެ. އެ ޚިދުމަތަކީ، "ރޭޑިއޯ ލޯބީގެ" ޚިދުމަތެކެވެ. މިސާލަކަށް މުއުމިނާއަށް ބަލާނަމަ، 38 އަހަރު، އެނާ ރޭޑިއޯގައި ހޭދަކުރެއްވި އިރު، ދުވަހަކުވެސް ގަޑިޖެހިފައެއް ނެތެވެ. އިންޒާރެއްދީ، އޭނާގެ ޚިދުމަތާމެދު ސުވާލެއް، އުފެދިފައެއްވެސް ނެތެވެ. މިފަދަ ނާދިރު ކަންކަމުން އެނގެނީ، ޙަޤީގަތުގައިވެސް، އެއީ ރޭޑިއޯ ލޯބީގެ ޚިދުމަތެއް ކަމެވެ.

މިސާލަކަށް ދަންނަވާނަމަ، ސުނާމީގެ ދުވަސްވަރު ރޭގަނޑު ކަނޑުމަތީގައި އުޅެފައި، އިރު އެރުމުން ވިލުފުއްޓަށް ފައިބެ، ވިލުފުށިން ރިލޭ ކޮށްދޭން މުއުމިނާ ފަށައެވެ. އޭރު އެއީ ސުނާމީގައި އެންމެންހެން ރަށުން ފޭބުމުން، ޒަގަލު ނުވާ ހަނދާން ތަކަކާއެކު، މުޅިރަށް ފަޅަށް އޮތް ވަގުތެކެވެ. އެކަމަކު މުއުމިނާއަކަށް، އެއީ އުނދަގޫ ކަމަކަށް، ދަތިކަމަކަށެއް ނުވެއެވެ.

ކޮންމެއަކަސް ރާއްޖެ ދުއް، މިފަދަ ޝަޚްސިއްޔަތުންނަކީ، މިހާތަނަށް، ޢާންމު ޚިދުމަތުގެ ޤައުމީ އިނާމު ފޮތުން ވަރަށް މަދުންނޫނީ ފެންނަ ބޭފުޅުންނެއް ނޫނެވެ! މުއުމިނާގެ ނަންވެސް މިދެންނެވި ފޮތަކަށް މިހާތަނަކަށް ނާރައެވެ. އަދި އެ ނަން، ދުނިޔޭގެ ރެކޯޑު ފޮތަކުވެސް ނެތެވެ. އެއީ ދިވެހިރާއްޖެ ކުޑަވީމާ ހެއްޔެވެ؟ ކިތަންމެ ގައުމު ކުޑަޔަސް ދުނިޔޭގެ ރެކޯޑުފޮތުން، ޖާގަ ޙައްގު ޚިދުމަތްތެރިން، މަދުންނަމަވެސް، މި ޤައުމުން އުފެދުނެވެ. ޚާއްސަ ގޮތެއްގައި، މުއުމިނާގެ ޚިދުމަތަށް، ދިވެހި ޤައުމު ހެކިވާނެއެވެ! ދިވެހި ރައްޔިތުންނަކީ، އެ ހަގީގަތުގެ އެހުންތެރިންނެވެ. 38 އަހަރަށް ދެމިގެންދިޔަ އެ އަޑުގެ ޚިދުމަތަށް ހެކިވާނެ މީހުންނެވެ.! މި ސާފު ޙަގީގަތް ދިރިދިރި އޮތްވައި، ދުނިޔޭގެ ފުރަތަމަ އަންހެން ރޭޑިއޯ ކޮމެންޓޭޓަރ މުއުމިނާގެ، ނަންނެތި، "ވޯލްޑް ރެކޯޑް ބުކް" ފުރިހަމަވެދާނެ ހެއްޔެވެ؟!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
6%
އަންތަރީސް ވެއްޖެ
89%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
4%
ލިޔުން ރަނގަޅު
ކޮމެންޓް
22 ސެޕްޓެންބަރ 2020 | އަންގާރަ 20:52
ސައީދު
އިމްލާކުށް ފުދޭވަރަކަށް ގިނަކަމަށް ފާހަގަކުރެވޭ! އެކަމަކު ވަރަށް މަޢުލޫމާތުން ފުރިގެންވާ ލިޔުމެއް
22 ސެޕްޓެންބަރ 2020 | އަންގާރަ 16:46
ދަނޑުފޯރި
މު އުމިނާގެ އަޑު އިވޭ އޯޑި އޯ ކޮޅެ އް ލީ ނާމަ ވަރަށް ރީތި ވީސް