raajjemv logo
ވ. ރަކީދޫ ބަނދަރުގެ މަސައްކަތް ކުރިއަށް
ރަކީދޫގެ ބަނދަރާއެކު އެރަށުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް!
 
މި މަޝްރޫއުގެ އަގަކީ 18.5 މިލިއަން ރުފިޔާ
 
މިއީ ދިގު މިނުގައި 342 ފޫޓު އަދި ފުޅާ މިނުގައި 233 ފޫޓުގެ ބަނދަރެއް
 
ރަަކީދޫ ބަނދަރުގެ 35 އިންސައްތަ މަސައްކަތް ވަނީ ނިމިފަ
ނާފިއު ރަޝީދު
7,776
ކ. މާލެ |
21 ސެޕްޓެންބަރ 2020 | ހޯމަ 18:24
ވ. ރަކީދޫގެ ޑްރޯން ފޮޓޯއެއް

ރާއްޖޭގެ ރަށް ރަށުގެ ތަރައްގީއަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ބިޔަ މަޝްރޫއުތަކާއި ކުދި މަޝްރޫއުތައް ހިމެނެއެވެ. ކުޑަ އާބާދީއެއް ބޮޑު އާބާދީއެއް ބެލުމެއްނެތި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ރައްޔިތުން އުފަލާއެކު ބަލައިގަންނަ މަސައްކަތްތަކެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެން މި ފާއިތުވެގެންދާ މަދު ދުވަސްކޮޅުގެ ތެރޭގައި މިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފައްޓަވާފައެވެ. އޭގެ ތެރޭގައި ނިސްބަތުން އެންމެ އާބާދީ މަދު ރަށްތަކުގައި ހިންގާ މަޝްރޫއުތައް ފާހަގަކޮށްލެވެއެވެ.

ތިން ސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ވ. ރަކީދޫގައި އަރާ ފޭބުމަށް ހެދިގެންދާ ބަނދަރަކީ މިހާތަނަށް ރާއްޖޭގެ ސަރުކާރަކުން އެރަށުގައި ހިންގާ އެންމެ ބިޔަ އެއް މަޝްރޫއެވެ. ރަކީދޫގެ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ މި މަޝްރޫއަކީ ޒަމާނުއްސުރެ ރަކީދޫގެ ރައްޔިތުން ދެކެމުން އައި ހުވަފެނެކެވެ. ރައީސް ޞާލިހުގެ ރިޔާސީ ވައުދާ އެއްގޮތަށް ރަކީދޫގެ ބަނދަރުގެ މަސައްކަތް ބަޖެޓު ކުރެވި އެ މަސައްކަތް ފެށިގެން ދިއުންވީ އަދުގެ ސަރުކާރުން މިފަދަ ކުދި އާބާދީތަކަށް ދެއްވާ އަހަންމިއްޔަތުކަން ހާމަވެގެންދިޔަ ކަމަކަށެވެ.

ވ.ރަކީދޫގެ މަލަމަތި

ފާއިތުވި އޮގަސްޓު މަހުގެ ފަސްވަނަ ދުވަހު ރަކީދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިގެން މިއަދާ ހަމައަށް އައިއިރު ވަނީ ބަނދަރުގެ 35 އިންސައްތަ މަސައްކަތް ނިންމާލާފައެވެ. ދިގު މިނުގައި 342 ފޫޓު އަދި ފުޅާ މިނުގައި 233 ފޫޓުގެ މި ބަނދަރު ފުންކުރުމުގެ މަސައްކަތް ނިންމާލާފައިވާއިރު، މިހާރު ކުރަމުންދަނީ ބަނދަރުގެ އެއްގަމު ތޮށީގައި ބްލޮކް ޖެއްސުމުގެ މަސައްކަތެކެވެ. ބަނދަރުގެ ބޭރު ތޮށި ބޮޑު ހިލަ ޖަހައިގެން ހެދުމަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް ދޭއް ނުވަތަ ތިން މަސްދުވަހުގެ ތެރޭގައި މުޅި ބަނދަރުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ރަކީދޫ ކައުންސިލުން ބުނެއެވެ.

ރަކީދޫ ކައުންސިލްގެ ރައީސް އާދަމް ސާމީ ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ބަނދަރުގެ މަސައްކަތާއެކު ބަނދަރު ތަރައްގީ ކުރަމުގެ މަސައްކަތްވެސް ބާރު ދުވެއްޔެއްގައި ކުރެވެމުންދާނެ ކަމަށެވެ. އެގޮތުން ބަނދަރު އަލިކުރުމަށްޓަކައި ބައްތި ހަރުކުރުމާއި ނެރު ބައްތި ހަރުކުރުންވެސް މި މަޝްރޫއާއެކު ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ބަނދަރާ ގުޅިގެން އެރަށުގައި ދޯނި އެހެލުމަށް ބޭނުންވާ ސަރަހައްދެއްވެސް ހެދިގެންދާނެ ކަމަށް އާދަން ސާމީ ފާހަގަކުރެއްވިއެވެ.

ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ބަނދަރު ހެދިގެންދިއުމަކީ އަޅުގަނޑުމެން އެދޭގޮތް. އަޅުގަނޑުމެންގެ އެބަހުރި އުންމީދީ ޕްލޭންތަކެއް. ބަނދަރަށް ވަންނަ ދޯނިފަހަރަށް އެންމެ ފަސޭހައިން ފެން ލިބޭނެ ބަނދަރަކަށް މިތަން ވެގެންދާނެ. ވިޔަފާރި ކުރުމަށާއި ކެއިން ބުއިމުގެ ހިދުމަތްވެސް ބަނދަރުން ދެވޭގޮތް ހެދުމަކީވެސް ވިސްނުމެއް. އިރާދަކުރެއްވިއްޔާ މިބަނދަރުން ރަކީދޫގެ ރައްޔިތުންށް މާލީ ތަނަވަސްކަން ހޯދައިދެވޭނެ.
ރަކީދޫ ކައުންސިލްގެ ރައީސް އާދަން ސާމީ
ވ. ރަކީދޫގެ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ

ރަށްރަށުގެ ބަނދަރު ހެދިގެންދާއިރު އެބަނދަރުތަކުގައި ރަށުގެ އިގްތިސާދަށް ފައިދާކުރަނިވި އެތައް މަޝްރޫއުތަކެއް ކައުންސިލްތަކުންނާއި ރައްޔިތުން ހިއްސާވެގެން އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ސީދާ ބަނދަރުން އޮޑި ދޯނި ފަހަރަށް ބޭނުންވާ ތެލާއި، ފެން އަދި މަސްވެރިކަމުގައި އުޅުއްވާ ފަރާތްތަކަށް އައިސް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

އާދަމް ސާމީ ވިދާޅުވީ، ރަކީދޫއަކީ ޒަމާނުއްސުރެ ތަފާތު އެކި މަސްވެރިކަމުގައި އުޅޭ އޮޑި ދޯނި ފަހަރު ގާތްކުރާ އެސަރަހައްދުގައި އޮންނަ މައި ހަބަކަށް ވެފައިވާ ކަމަށެވެ. އެގޮތުން ދޯނި ފަހަރަށް ބޭނުންވާ ފެނާއި އެނޫންވެސް ޒަރޫރީ ބޭނުންތަކުގައި އޮޑި ދޯނިފަހަރު އެރަށުގައި ބަނދަރުކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ބަނދަރުގެ މަސައްކަތް އެއްކޮށް ނިމުމާއެކު ރަކީދޫއަށް މާލީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށާއި ރަށުގެ ރައްޔިތުންނަށް އެކަމުގެ ސަބަބުން ބޮޑު ނަފާއެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން އާދަމް ސާމީ ވިދާޅުވީ ބަނދަރުގެ މަސައްކަތް ނިމުމާއެކު ރަށު ކައުންސިލުންވެސް ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހިމެނޭ ކަމަށެވެ. އެގޮތުން ބަނދަރުގެ މަލަމަތި ރީތިކުރުމާއި، ބަނދަރަށް ވަންނަ އުޅަނދު ފަހަރަށް ބޭނުންވާ އެކި ހިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ ކަންތައްތަކެއް ކުރަން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަނދަރު ނިމުމުން އަޅުގަނޑުމެން ވާނެ ގިނަ ކަންތައްތަކެއް ކުރަން ރާވާފަ. ހަގީގަތުގައި ފެނިގެން މިދަނީ އަދުގެ ސަރުކާރުން ތަފާތު ކުރުމެއްނެތި ރައްޔިތުންގެ ބޭނުންތައް ފުއްދާދެމުންދާތަން. ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއްނެތި ތަރައްގީ ގެނެސްދެއްވަމުންދާތަން. އަޅުގަނޑު ރައީސް ޞާލިހަށް ރަކީދޫގެ ރައްޔިތުންގެ ނަމުގައި ޝުކުރުދަންނަވަން.
ރަކީދޫ ކައުންސިލްގެ ރައީސް އާދަން ސާމީ
ވ.ރަކީދޫ ބަނދަރު މަސައްކަތްކުރާ ތަކެތި ބަރުކޮށްފައިވާ އެމްޓީޓީސީގެ ކޮޅުވެއްޓި

ރަކީދޫ އަކީ ކިތަންމެ އާބާދީ މަދު ރަށެއް ނަމަވެސް އެރަށަކީ މިހާރު ފައްކާވަމުން އަންނަ ލޯކަލް ޓޫރިޒަމްގެ ސިނާއަތު ހަލުވި ދުވެއްޔެއްގައި ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ރަށެކެވެ. އެގޮތުން ބަނދަރުގެ މަސައްކަތް ނިމުމާއެކު ރަކީދޫގައި މި ވިޔަފާރި އިތުރަށް ފުޅާވެ، ރައްޔިތުންގެ އަތްމަތި ތަނަވަސް ވެގެންދާނެ އެވެ.

ސަރުކާރުން ރަކީދޫގައި ހަދާ މި ބަނދަރަކީ 1 އޮކްޓޯބަރ 2019 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އަދި މި މަޝްރޫއުގެ އަގަކީ 18.5 މިލިއަން ރުފިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
43%
އަންތަރީސް ވެއްޖެ
29%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
14%
މޮޔަވެއްޖެ
14%
ލިޔުން ރަނގަޅު
ކޮމެންޓް