raajjemv logo
ފިންސެން ފައިލްސް ލީކުވުން
ފިންސެން ފައިލްސް: ބޭންކުތަކުގެ ދޯހަޅިކަމުން ފައިސާ ލޯންޑަރ ކުރާކަމުގެ ހެކިތައް!
 
ލިއެކިއުންތައް ތަހުޤީޤު ކޮށްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ނޫސްވެރިން
 
މިއީ 2500ށް ވުރެ ގިނަ ލިއެކިއުންތަކުގެ މައްޗަށް ބިނާކޮށްފައިވާ ފައިލްތަކެއް
 
އެކި ޤައުމުތަކުގެ އެކި ކަންކޮޅުތަކުގެ ބޭންކުތަކާއި، މާލީ މުއާމަލާތްތައް ހިމެނޭ
ލައިޝާ އަހްމަދު
4,075
ކ. މާލެ |
21 ސެޕްޓެންބަރ 2020 | ހޯމަ 13:12
ފިންސެން ފައިސްލް ރެޕްރެސެންޓޭޝަނަލް ފޮޓޯ- މި ފައިލްތަކުގެ ސަބަބުން އެކި ޤައުމުތަކުގެ ބޭންކިންގ ނިޒާމުގައި ހުރި މައްސަލަތައް ވަނީ ފެންމަތިވެފައި
ބީބީސީ

ފާއިތުވި އަހަރުތަކުގައި މާލީ އެކިއެކި މުއާމަލާތްތަކާ ގުޅޭ ބޮޑެތި މައުލޫމާތުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިންސްޓިޓިއުޝަންތަކުން ލީކުވެފައިވެއެވެ. އެގޮތުން 2017 ވަނަ އަހަރު ލީކުވި "ޕެރެޑައިސް ޕޭޕަރސް" އަކީ ކެރީބިއަން ސަރަޙައްދުގެ ޤައުމުތަކުގެ އިސް ބޭފުޅުންނާއި، ސިޔާސީ މީހުންނާއި، މަޝްހޫރު ފަންނާނުންނާ ގުޅޭ ބޮޑެތި ކޮރަޕްޝަންތަކާއި، އޮޅުވާލުންތައް ފެންމަތިވެގެން ދިޔަ ލިއެކިއުންތަކެވެ. އޭގެ ކުރިން 2016 ވަނަ އަހަރު ލީކުވި "ޕެނަމާ ޕޭޕަރސް" އަކީ މުއްސަނދިން ޓެކްސް ނިޒާމުގެ ބޭނުންކޮށްގެން ނުޙައްޤުން މަންފާ ހޯދާ ގޮތުގެ ތަފްސީލުތައް ހާމަވެގެން ދިޔަ ލިއެކިއުންތަކެކެވެ.

އޭގެ އިތުރުން، 2015 ވަނަ އަހަރުގެ "ސްވިސް ލީކް" އަކީ އެޗްއެސްބީސީ ސްވިސް ޕްރައިވެޓް ބޭންކެއްގެ މައުލޫމާތުތަކެކެވެ. އެގޮތުން އެ މައުލޫމާތުތަކުގެ އަލީގައި އެ ޤައުމުގެ ބޭންކިންގ ޤާނޫނުތަކުގެ ބޭނުންކޮށްގެން ޓެކްސްއަށް މަކަރުހަދާގޮތުގެ މައުލޫމާތުތައް ލީކުވެގެން ގޮސްފައިވެއެވެ.

މިފަހުން މިފަދަ އެންމެ ބޮޑު އެއް ކަމެއްގެ ގޮތުން ފެންމަތިވެފައިވަނީ "ފިންސެން ފައިލްސް ލީކް" އެވެ. އެގޮތުން މިއީ އޭގެ ކުރީ ފަހަރުތަކާ ޚިލާފަށް އެކި ޤައުމުތަކުގެ އެކި ކަންކޮޅުތަކުގެ ބޭންކުތަކާއި، މާލީ މުއާމަލާތްތަކެއް ފަޅާއަރުވާލި ލީކެއް ކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.

ފިންސެން ފައިލްސްއަކީ ކޮބާ؟

ފިންސެން އަކީ އެމެރިކާގެ "ފައިނޭންޝަލް ކްރައިމް އެންފޯސްމަންޓް ނެޓްވާރކް" އެވެ. އެގޮތުން މިއީ މާލީ ވުޒާރާގެ ތެރެއިން ހިންގާ ޖަރީމާތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެމެރިކާގެ ޓްރެޜަރީން ކަނޑައަޅާފައިވާ ބައެކެވެ. އެގޮތުން ޝައްކު އުފެދޭ މުއާމަލާތްތައް ފިންސެންޓްއާ ހިއްސާ ކުރުމުން، އެކަންކަން ރެކޯޑް ކުރެވިގެންދެއެވެ.

ފިންސެން ފައިލްސްއަކީ 2500ށް ވުރެ ގިނަ ލިއެކިއުންތަކުގެ މައްޗަށް ބިނާކޮށްފައިވާ ފައިލްތަކެކެވެ. އެގޮތުން އޭގައި ގިނައިން ހިމެނެނީ 2000 ވަނަ އަހަރާއި، 2017 ވަނަ އަހަރާ ދެމެދު އެކިއެކި ބޭންކުތަކުން އެމެރިކާގެ އިދާރާތަކާ ދެމެދު ކޮށްފައިވާ މާލީ މުއާމަލާތްތަކެވެ. އޭގެ ތެރޭގައި ގާތްގަނޑަކަށް 2 ޓްރިލިޔަނެއްހާ މުއާމަލާތްތަކުގެ މައުލުމާތުތައް ހިމެނޭއިރު، ބޮޑެތި ކުށްވެރިން ބޭންކުތައް ބޭނުންކޮށްގެން ފައިސާ ލޯންޑަރ ކުރާ ގޮތުގެ މުހިއްމު މައުލޫމާތުތަކެއް އޭގެ ޒަރިއްޔާއިން ވަނީ ލިބިގެން ގޮސްފައެވެ.

ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން މި ލިއެކިއުންތަކުގެ ތެރޭގައި ބައިނަލްއަޤުވާމީ މާލީ ވުޒާރާތަކުގެ ސިއްރު އެތައް މައުލޫމާތުތަކެއް ހިމެނެއެވެ. އަދި މި ލިއެކިއުންތައް ތަހުޤީޤު ކޮށްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ނޫސްވެރިން ހިމެނޭގޮތަށް 108 ނިއުސް އޮގަނައިޒޭޝަނެއް ގުޅިގެންނެވެ.

މި ތަހުޤީޤުގައި ބައިވެރިވި އިންޓަރނޭޝަނަލް ކޮންސޯރޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާރނަލިސްޓްސް (އައިސީއައިޖޭ) ގެ ނޫސްވެރިއެއް ކަމަށްވާ ފާގަސް ޝީލް ވިދާޅުވީ، ލީކުވެފައިވާ ފައިލްތަކުގެ ޒަރިއްޔާއިން ބޭންކިންގ ނިޒާމުގެ އެތެރޭގައި ހިންގާ ކަންކަމުގެ ތަސައްވުރެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ބޭންކިންގ ނިޒާމުގެ ތެރޭގައި ބޭންކުތަކަށް "އެނގިގެން" ހިންގާ ޖަރީމާތަކުގެ މައުލޫމާތުތައް ލިބިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަޅާއަރާފައިވާ ބައެއް ކަންކަން!

ފިންސެންޓް ފައިލްތަކުގެ ލީކުވެފައިވާ ލިއެކިއުންތަކުން ފަޅާއަރާފައިވާ ބައެއް ކަންކަމުގެ ތެރޭގައި ނުޙައްޤުން މަންފާ ހޯދުމާއި، މަނީ ލޯންޑަރިންގ އާއި، ވައްކަމާ ގުޅޭ ގިނަ މައްސަލަތަކެއް ހިމެނެއެވެ. އަދި އޭގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ އިސްވެރިންގެ ބައިވެރިވުން ހިމެނޭ ކަންކަންވެސް ފެންމަތިވެގެން ގޮސްފައިވެއެވެ.

  • އެޗްއެސްބީސީ މެދުވެރިކޮށް އެ ބޭންކާ ގުޅިގެން އޮޅުވާލައިގެން ވަގަށް ނަގާފައިވާ އެތައް މިލިއަން އެމެރިކާ ޑޮލަރެއް ބޭންކް ތެރޭގައި ދައުރު ކުރުވުން
  • ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕުޓިންގެ އަރިސް ބޭފުޅަކު ބާރކްލޭސް ބޭންކް މެދުވެރިކޮށް މަނީ ލޯންޑަރ ކުރެއްވިކަން
  • ކޮންސަވޭޓިވް ޕާޓީއަށް އެންމެ ގިނައިން ފައިސާ ހަދިޔާ ކުރާ ލުބޯވް ކެނުކިންއަށް ފަންޑު ކުރަނީ ރަޝިއާ ސަރުކާރުގެ އިސް މީހެއްކަން ހާމަވުން
  • ޔުއޭއީގެ ލޯކަލް ކުންފުންޏަކުން އިރާނަށް އެހީތެރިވަމުންދާ ކަމުގެ މައުލޫމާތު ޔޫއޭއީގެ ސެންޓްރަލް ބޭންކަށް ލިބި، އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާކަން
  • ޑްރަގް ޓްރެފިކިންގ އާއި، ޓެރަރިޒަމްއާ ގުޅޭ ކުށްތައް ކޮށްގެން ހޯދާފައިވާ ފައިސާ ލޯންޑަރ ކުރުމަށް ޑޫޗް ބޭންކުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން

ފިންސެންޓް ފައިލްތަކުގެ ލީކުވުމާއެކު، ޤައުމުތަކުގެ ބޭންކިންގ ނިޒާމުގެ ހަރުދަނާ ކަމާމެދު ގިނަ ބަޔަކު މިދަނީ ސުވާލު އުފައްދަމުންނެވެ. އެގޮތުން ފައިސާ ލޯންޑަރ ކުރުމާއި، ބޮޑެތި ޖަރީމާތައް ހިންގުމުގައި ބޭންކުތަކުން ވާގިވެރިވާކަމުގެ ބޮޑެތިި ތުހުމަތުތަކެއް މިވަނީ ކުރެވިފައެވެ.

ފިންސެން އިން ބުނެފައިވާ ގޮތުގައި މި ލީކުގެ ސަބަބުން އެމެރިކާގެ ޤައުމީ ސަލާމަތަށްވެސް އަސަރު ކުރާ ވަރުގެ މައުލޫމާތުތައް ވަނީ ބޭރުވެގެން ގޮސްފައެވެ. އަދި އެކި ޤައުމުތަކުގެ އެންޓި-މަނީ ލޯންޑަރިންގ ޤާނޫނުތައްވެސް އަލުން މުރާޖައާކޮށް ބެލުމަށް ދަނީ ނިންމަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް