ކ. މާލެ
|
21 ސެޕްޓެންބަރ 2020 | ހޯމަ 13:32
މީޑިއާ ކައުންސިލްގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި
މީޑިއާ ކައުންސިލްގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި
ރައްޔިތުންގެ މަޖިލިސް
އެމްއެމްސީއަށް މެންބަރުން ހޯދަނީ
އެކަށީގެންވާ ވަރުގެ ތަރުހީބެއް ނުލިބޭތީ، މީޑިއާ ކައުންސިލަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
 
މުއްދަތު އިތުރުކޮށްފައިވަނީ 28 ސެޕްޓެމްބަރު 2020 ވާާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00ގެ ނިޔަލަށް
 
13 މެންބަރުންގެ ތެރޭގައި ހިމެނެނީ މީޑިއާ ތަމްސީލުކުރާ 7 މެންބަރުންނާއި އާންމު 6 މެންބަރުން
 
މީޑިއާ ކައުންސިލުގެ މިދައުރުގެ 13 މެންބަރުންގެ މުއްދަތު، 11 ޑިސެމްބަރ 2020 ގެ ނިޔަލަށް ހަމަވާނެ

މޯލްޑިވްސް މީޑިއާ ކައުންސިލަށް ކުރިމަތިލުމަށް އެކަށީގެންވާ ތަރުހީބެއް ނުލިބޭތީ މަގާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އެންމެ ފުރަތަމަ ކުރި އިއުލާނުގެ މުއްދަތު، މިއަދު މެންދުރު 2:00ގެ ނިޔަލަށް ހަމަވާއިރު، އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ، އެ މަޤާމުތަކަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން، 28 ސެޕްޓެމްބަރު 2020 ވާާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00ގެ ކުރިން ފުރިހަމަ ކުރަންޖެހޭ ފޯމްތަކާއި އެކު މިނިސްޓްރީގެ އީމެއިލްއަށް ހުށަހަޅަން އެދޭކަމަށެވެ. އަދި ކުރިން ކުރި އިއުލާނަށް މެމްބަރުކަމަށް ހުށަހެޅި ފަރާތްތަކުން އަލުން ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހޯމް މިނިސްޓްރީން ބުނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލުގެ މިދައުރުގެ 13 މެންބަރުންގެ މުއްދަތު، 11 ޑިސެމްބަރ 2020 ގެ ނިޔަލަށް ހަމަވާތީ، އެ ކައުންސިލަށް މެންބަރުން ޢައްޔަންކުރަން ނިންމާފައިވާ ކަމަށެވެ.

ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ 13 މެންބަރުންގެ ތެރޭގައި ހިމެނެނީ މީޑިއާ ތަމްސީލު ކުރާ 7 މެންބަރުންނާއި އާންމު 6 މެންބަރުންނެވެ. ޢާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުން ހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ. ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ 2 އަހަރު ދުވަހެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 ދައުރު އަދާ ނުކުރެވޭނެއެވެ.

މީޑިއާ ތަމްސީލު ކުރާ 7 ގޮޑިއަށް ކެންޑިޑޭޓުން ހުށައަޅާނީ މީޑިއާތަކުންނެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުން ކައުންސިލުގެ މެންބަރުންގެ ކިބައިގައި ކަނޑައަޅާފައިވާ ޝަރުތުތަކެއް ހުންނަން ޖެހެއެވެ. އޭގެ ތެރޭގައި ދިވެހި ރައްޔިތަކު ކަމުގައިވުމާއި އުމުރުން 18 އަހަރު ފުރިފައިވުމާއި، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމުގެ އިތުރުން މުޖްތަމަޢު ޤަބޫލުކުރާ މިންގަނޑުތަކުން، އަބުރުވެރި، އަޚްލާޤު ރަނގަޅު މީހެއް ކަމުގައިވުން އަދި ފާއިތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި އެ މީހަކު ލިޔުނު އެއްޗަކާ ބެހޭ ގޮތުން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް