ކ. މާލެ
|
21 ސެޕްޓެންބަރ 2020 | ހޯމަ 05:25
އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
މުހައްމަދު ޝަރުހާން
ސިޔާސީ ދުނިޔެ
އިދިކޮޅުގެ ޕްރެޝަރާއެކު ވެސް ރައީސް އަމަލު ކުރައްވަނީ ހިކުމަތްތެރި ކަމާއެކު: މަވޯޓާ ޝަރީފް
 
ގާނޫނާ ހިލާފު ކޮންމެފަދަ އަމަލެއް ހިންގި ނަމަވެސް މިސަރުކާރުން އެކަމާ ދޭތެރޭ ފިޔަވަޅު އަޅާނެ
 
ރައީސްގެ ވިސްނުންފުޅަކީ ގައުމު ހަލަބޮލިކުރާ ފަރާތްތަކަށް ރައްދު ދެއްވުމެއްނޫން

ސިޔާސީ އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް ސަރުކާރަށް ޖެއްސުންކޮށް ގޮންޖެހުންތައް ކުރިމަތި ކުރުވި ނަމަވެސް ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު މަސައްކަތް ކުރައްވަނީ ވަރަށް ހިކުމަތްތެރިކަމާއެކު ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ސިޔާސީ ދުނިޔެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަވޯޓާ ޝަރީފް ވިދާޅުވީ، މުޅި ދުނިޔެ ބަލިމަޑުކަމެއްގައި ވަނިކޮށް ސިޔާސީ އިދިކޮޅު ފަރާތްތަކުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލި ނަމަވެސް، މި ހާލަތުގައި ރައީސް އިބްރާޙީމް މުހައްމަދު ޞާލިހު މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަރަށް ރޭވުންތެރިކަމާއި ހިކުމަތްތެރިކަމާއެކު މި ބަލިމަޑުކަމުން އަރައިގަތުމަށް ކަމަށެވެ.

ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި އެކި އިދާރާތައް ގުޅިގެން ރާއްޖޭގެ ހާލަތު ބަދަލު ކުރެއްވުމަށް ރައީސް ކުރައްވަމުން ގެންދާ މިންނެތް މަސައްކަތް ފާހަގަ ކުރައްވާ މަވޯޓާ ޝަރީފް ވިދާޅުވީ، ރައީސްގެ ވިސްނުންފުޅަކީ ގައުމު ހަލަބޮލި ކުރަން ނުކުމެ އުޅޭ ފަރާތްތަކަށް ރައްދު ދެއްވުން ނޫން ކަމަށެވެ. އަދި އެފަރާތްތަކުން ކިތަންމެ ވަރަކަށް ސަރުކާރަށް ޖެއްސުން ކުރި ނަމަވެސް ކަހާތަން ހިރުވާ ވެސް ނުލައި ގައުމު އަމާން ބަނދަރަކަށް ގެންދެވުމަށްޓަކައި ރައީސް ޞާލިހު ބުރަކޮށް މަސައްކަތް ކުރައްވާ ކަމަށެވެ.

މި ސަރުކާރުގެ އޮޑިޓް ރިޕޯޓުތައް ނެރެމުންދާ މިދުވަސްވަރު އިދިކޮޅު ފަރާތްތަކުން އެކަމާ ގުޅޭގޮތުން ތަފާތު ޕްލެޓްފޯމްތަކުގައި ވާހަކަތައް ފަތުރަމުންދާއިރު، އެކަންކަމުގެ ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަމުންދާތީ މަވޯޓާ ޝަރީފް ވަނީ ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ކޮރަޕްޝަންގެ އަމަލެއް ހިންގައިފިނަމަ ނުވަތަ އެނޫން ގާނޫނާ ހިލާފު ކޮންމެފަދަ އަމަލެއް ހިންގި ނަމަވެސް ރައީސް ޞާލިހުގެ ސަރުކާރުން އެކަމާ ދޭތެރޭ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި މިހާތަނަށް ކަންކުރަމުންދަނީ ވެސް އެބީދައިން ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕެންޑަމިކާ ގުޅިގެން އެއްވެސް ދިއުޅިއެއްނުވާ ކަންކަމުގަ މުޒާހަރާކުރުމުގެ ބަދަލުގައި އެބޭފުޅުން އިދިކޮޅު ޕާޓީއެއްގެ ފުރިހަމަ ދައުރު އަދާކުރައްވަންވީ ނޫންތޯއޭ. އިދިކޮޅު ޕާޓީއެއް ނެތިގެންގޮސް ކުރާނެ ކަމެއް ނެތިގެން ވެރިކަންކުރާ ޕާޓީން މިޖެހެނީ އެދައުރުވެސް އަދާކުރަން. މީވަރަށް ދެރަކަމެއް."
އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް

މަވޯޓާ ޝަރީފް ވަނީ މުޅި ދުނިޔޭގެ އިގްތިސާދު ވެސް ދަށް ހާލަތެއްގައި އޮތް ކަމަށް ވިދާޅުވެ އެކަމުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެ އަކީ ފަތުރުވެރި ގައުމަކަށްވެފައި މިދުވަސްވަރު ފަތުރުވެރިން އައުން މަދުވެފައިވީ ނަމަވެސް ސަރުކާރުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން ގައުމު ހަމަ މަގަށް އެޅެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ ތެރެއިން 95 އިންސައްތަ އަކީ ފަތުރުވެރިންގެ ފަރާތުން ލިބޭ ފައިސާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
50%
0%
0%
0%
50%
ކޮމެންޓް