ހޯމަ 26 އޮކްޓޯބަރ 2020
09 ހެއި
1442 ރަބީއުލް އައްވަލް 09
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
އިރުއޮއްސޭ 17:52
އިޝާ 19:04
ރިޕޯޓު: އީތަން އިބްރާހިމް ޒަކީ

ހުނަރުން ފުރިގެންވާ އީތަން، ޔޫރަޕުގެ ބޮޑު ކުލަބަކަށް ކުޅުމުގެ އަޒުމުގައި

  • އީތަން ފުޓްބޯޅަ ކުޅުމަށް ޝައުގުވެރިކަން އުފެދުނީ އާލީ ޓަޗް ފުޓްބޯލް އެކެޑަމީގެ ތެރެއިން
  • އީތަނަށް ސްޕެއިނުގެ ޓީއެންޖީއެސްއިން ވަނީ ފުރުސަތެއް ލިބިފައި

ކ. މާލެ | 20 ސެޕްޓެންބަރ 2020 | އާދީއްތަ 23:14 | 29,483

12 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެލީޓް ޕޫލްގެ ކުޅުންތެރިޔާ އީތަން އިބްރާހިމް ޒަކީ - ރާއްޖެ އެމްވީ

ރާއްޖޭގެ 12 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެލީޓް ޕޫލްގެ ކުޅުންތެރިޔާ އީތަން އިބްރާހިމް ޒަކީ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލެވެ. ހުނަރުން ފުރިގެންވާ އީތަން އަންނަނީ އުމުރުން އެންމެ 12 އަހަރުގައި ތަފާތު މޮޅު ކުޅުމެއް ދައްކާ ކޯޗުން ހައިރާން ކޮށްލަމުންނެވެ.

"ރާއްޖެ.އެމްވީ" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި އީތަން ބުނީ ފުޓްބޯޅަ ކުޅުމަށް ޝައުގުވެރިކަން އުފެދުނީ އާލީ ޓަޗް ފުޓްބޯލް އެކެޑަމީގެ ތެރެއިން، ބޮޑު ހީނާ ކޯޗުގެ އިރުޝާދުގެ ދަށުން ކަމަށެވެ. އަދި އޭގެ ފަހުން ފުޓްބޯޅަ ކުޅެން ހިތް ޖެހުނީ ކަމަށްވެސް އީތަން ބުންޏެވެ.

އުފެދެމުން އަންނަ ގިނަ ކުޅުންތެރިންނަށް ހީވެފައި އޮންނަނީ ކިޔެވުމާއި ކުޅިވަރަކީ އެއްކޮށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު އީތަން ބުނީ ފުޓްބޯޅަ ކުޅެވޭނީ ކިޔަވަން ދޭންޖެހޭ ވަގުތު ދިނުމަށްފަހު ކަމަށާއި، ފުޓުބޯޅަ އާއި ކިޔެވުން އެއީ ގުޅިފައިވާ ކަމެއް ކަމަށެވެ.

ކެރިއަރުގެ ކުރީކޮޅު ވަރަށް ބައިވަރު ފަރާތްތަކެއްގެ އެހީ ލިބެމުން އަންނަ ކަމަށާއި، އެގޮތުން މަންމަ އާއި ބައްޕަ އަދި އާއިލާގެ އެހީ ވަރަށް ބޮޑަށް ލިބޭ ކަމަށްވެސް އީތަން ބުންޏެވެ. މީގެ އިތުރުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކިއެކި ކޯޗުންގެ އެހީ ވަރަށް ބޮޑަށް ލިބޭކަން ފާހަގަކުރަމުން އީތަން ބުނީ މިވަގުތު އެންމެ ބޮޑު އެހީއެއް ލިބެމުން އަންނަނީ ސޮބާ ކޯޗާއި، ޔޫއްޓެ ކޯޗުގެ އިތުރުން ހީނާ ކޯޗުގެ ފަރާތުން ކަމަށެވެ.

12 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ މެޗެއްގެ ތެރެއިން އީތަން - އެފްއޭއެމް

ދާދި ފަހުން އީތަން ވަނީ ސްޕެއިނުގެ ދަ ނެކްސްޓް ޖެނެރޭޝަން ސްޕޯޓްސް (ޓީއެންޖީއެސް) އިން ކުރިއަށްގެންދިޔަ ވާޗުއަލް ކޭމްޕްގެ ބެޗްގެ މަތީ ވަނައެއް ހޯދައި، ސްޕެއިނުގައި ތަމްރީނު ހެދުމުގެ ފުރުސަތު ހޯދާފައެވެ. އީތަން ބުނީ އެ ކޭމްޕުގައި ވަރަށް މޮޅެތި ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށާއި، ހާއްސަކޮށް އީތަނަށްވުރެ ބޮޑެތި ކުޅުންތެރިން ތިބުމުން، މި ފުރުސަތު ލިބޭނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ. އެކަމަކު މި ފުރުސަތު ލިބުންކަން އެނގުމުން ސިހުމެއް ލިބުނު ކަމަށާއި، އެއީ ބަޔާން ކުރަން ދަތި އުފާވެރި ވަގުތު ކޮޅެއް ކަމަށްވެސް އީތަން ބުންޏެވެ. އަދި މި ފުރުސަތު ލިބުމާއެކު ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑުން ކަމަށްވާ އަލީ އަޝްފާގް (ދަގަނޑޭ) އާއި އެއް ނަމްބަރު ގޯލްކީޕަރު އިމްރާން މުހައްމަދާއި، ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) އާއި، ގައުމީ ކޯޗުން ކީ މަރުހަބާއަކީ އޭނާއަށް މި ރޮނގުން ކުރިއަށް ދިޔުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް އީތަން ބުންޏެވެ.

ފުޓްބޯޅަ އެކޭ އެއްވަރަށް ފްރީ ސްޓައިލް ކުރުމަށްވެސް އީތަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފްރީ ސްޓައިލާ މުހައްމަދު ސައިފް ޒާހިރާއެކު އީތަން އަންނަނީ ތަމްރީނުތަކެއް ހަދަމުންނެވެ. އީތަން ބުނީ ފްރީ ސްޓައިލް ކުރުމަށް ޝައުގުވެރިވީ އޭނާގެ "ސްކިލްސް" އިތުރަށް ފުރިހަމަ ކުރުމަށް ކަމަށެވެ. އަދި މި ސެޝަންތަކަކީ ވަރަށް ކާމިޔާބު ސެޝަންތަކެއް ކަމަށްވެސް އީތަން ބުންޏެވެ.

12 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއެކު މުބާރާތަކަށް ފުރުމުގެ ކުރިން އީތަން ބައެއް ކުޅުންތެރިންނާއެކު - އެފްއޭއެމް

އީތަން ބުނީ ފުޓްބޯޅަ ކުޅެގެން އޭނާ ހާސިލުކުރަން ބޭނުންވަނީ ދެ ކަމެއް ކަމަށާއި، އެއީ ޔޫރަޕުގެ ބޮޑު ކުލަބަކަށް ކުޅުމާއި، އާންމުން ބަލައިގަންނާނެ ފަދަ އިންސާނަކަށް އޭނާ ވުން ކަމަށެވެ.

އީތަންގެ މަންމަ މަރިޔަމް ނާޒިމާ އަދި ބައްޕަ އިރުފާން ޒަކީ "ރާއްޖެ.އެމްވީ" އާ ވާހަކަ ދައްކަމުން ބުނީ ފުޓްބޯޅައަށް އީތަންގެ ޝައުގުވެރިކަން ހުރިކަން އެނގުނު ހިސާބުން ފެށިގެން ވަރަށް ބޮޑު އެއްބާރުލުމެއް އޭނައަށް ދެމުން އަންނަ ކަމަށާއި، އަދި މިކަމުގައި އީތަން ދެމި ހުރިހާ ދުވަހަކު އީތަނަށް ވެދޭންޖެހޭ އެހީއެއް ދީ ހިތްވަރު ދޭނެ ކަމަށެވެ. މިހާތަނަށް އައިރު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެތައް ކޭމްޕަކުން އީތަނަށް ފުރުސަތު ލިބިފައިވާކަން ފާހަގަކުރަމުން އީތަންގެ މަންމަ އާއި ބައްޕަ ބުނީ އީތަނަށް ތަމްރީނު ހޯދައި ދިނުމަށް އަބަދުވެސް ތިބެނީ ފުރުސަތަކަށް ބަލަބަލާ ކަމަށެވެ.

އީތަނުގެ ހުނަރަށް ކޯޗުންނާއި ކުޅުންތެރިން ތާރީފު އޮއްސަމުން އަންނައިރު، އީތަނަކީ އަރަމުން އަންނަ ކުދިންނަށް މިސާލެކެވެ. އީތަނަށް ކޯޗުކަން ކޮށްދިން ބައެއް ކޯޗުން ބުނާގޮތުންނަމަ، އީތަންގެ އުމުރުން 16 ނުވަތަ 17 އަހަރުގައި ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި އޭނާ ކުޅޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އިސްމާޢީލް ޝާހް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.