ކ. މާލެ
|
20 ސެޕްޓެންބަރ 2020 | އާދީއްތަ 22:48
ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 2-0 ން
ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
މާނޭގެ ދެ ލަނޑާއެކު ޗެލްސީ އަތުން ލިވަޕޫލަށް މޮޅެއް
 
ސައުތެމްޓަން އަތުން ޓޮޓެންހަމް މޮޅުވީ 5-2 ގެ ނަތީޖާއަކުން
 
ޗެލްސީ އަތުން ލިވަޕޫލް މޮޅުވީ 2-0 ގެ ނަތީޖާއަކުން

ފޯވާޑް ސަޑިއޯ މާނޭ ކާމިޔާބުކުރި ދެ ލަނޑާއެކު ޗެލްސީ އަތުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މޮޅުވެއްޖެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 2-0 ންނެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ޑޮމިނޭޓުކޮށްގެން ކުޅުނު ނަމަވެސް، ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ. މެޗުގައި ޗެލްސީއަށް އުދަނގޫތަކަކާ ކުރިމަތިލާން ޖެހުނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޑިފެންޑަރު އަންދްރެއަސް ކްރިސްޓެންސެނަށް ރެފުރީ ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. ޕެނަލްޓީ އޭރިއާ ބޭރުން މާނޭއަށް ކުރި ފައުލަކަށް ރެފުރީ ކްރިސްޓެންސެނަށް ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް، ވީޑީއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ވަނީ އެ ނިންމުން ބަދަލުކޮށް ސީދާ ރަތް ކާޑެއް ދައްކާފައެވެ.

ލިވަޕޫލުން މެޗުގެ ދެވަނަ ހާފު ފެށީ ދާދި ފަހުން އެޓީމާ ގުޅުނު ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާއާއެކުއެވެ. އެއާއެކު ދެވަނަ ހާފުގެ ކުރީކޮޅު ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ރޮބާޓޯ ފިރްމީނޯ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މާނޭއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ ހެދި ގޯހެއްގެ ފައިދާ ނަގާ މާނޭ ވަނީ ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ 75 ވަނަ މިނެޓުގައި ޗެލްސީއަށް ވަނީ ފަރަގު ކުޑަކުރަން ޕެނަލްޓީއެއް ލިބިފައެވެ. މިއީ އޭރިއާ ތެރެއިން ޗެލްސީގެ ޓިމޯ ވާނާއަށް ލިވަޕޫލްގެ ތިއާގޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު ޗެލްސީ މިޑްފީލްޑަރު ޖޯޖީނިއޯ ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ ދިފާއުކޮށްފައެވެ.

މި މޮޅާއެކު އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ލިވަޕޫލް ލީގު ތާވަލުގެ ތިންވަނައިގައި އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ޗެލްސީ އޮތީ ތާވަލުގެ 10 ވަނައިގައި ދެ މެޗުން ތިން ޕޮއިންޓާއެކުއެވެ.

ސައުތެމްޓަނާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޓޮޓެންހަމް މޮޅުވީ 5-2 ން

މީގެ އިތުރުން ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާ ވަނީ ސައުތެމްޓަން އަތުން 5-2 ން މޮޅުވެފައެވެ.

ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭން ވަނީ ލަނޑެއް ޖަހާފައެވެ. އެކަމަކު ވީއޭއާރް ބެލުމަށްފަހު ރެފުރީ ވަނީ އެ ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

އެހެންކަމުން މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސައުތެމްޓަނުންނެވެ. މެޗުގެ 32 ވަނަ މިނެޓުގައި މި ލަނޑު ސައުތެމްޓަނަށް ކާމިޔާބުކޮށްދިނީ ކައިލް ވޯކާ-ޕީޓާސްގެ އެހީއާއެކު ޑެނީ އިންގްސްއެވެ. އެކަމަކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޭންގެ އެހީއާއެކު ސޮން ހުއެން-މިން ވަނީ ޓޮޓެންހަމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ކޭންގެ އެހީއާއެކު ސޮން ޓޮޓެންހަމަށް ލީޑު ނަގައިދިންއިރު، މެޗުގެ 64 ވަނަ މިނެޓުގައި ހަމަ ކޭންގެ އެހީތެރިކަމާއެކު ސޮން ވަނީ ޓޮޓެންހަމަށް ލީޑު ފުޅާކޮށްދީ، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި މެޗުގެ 73 ވަނަ މިނެޓުގައި ކޭންގެ އެހީއާއެކު ސޮން ވަނީ ޓޮޓެންހަމްގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކޭން ޓޮޓެންހަމްގެ ފަސްވަނަ ލަނޑު ކާމިޔާބުކުރިއިރު، ސައުތެމްޓަނުން މެޗުގައި ޖެހި ދެވަނަ ލަނޑު 90 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖެހި އިންގްސްއެވެ.

މި މޮޅާއެކު ޓޮޓެންހަމް އޮތީ ތާވަލުގެ ހަވަނައިގައި ދެ މެޗުން ތިން ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ފުލުން ދެވަނައިގައި އޮތް ސައުތެމްޓަނަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ