raajjemv logo
ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާ
ގިނައިން ޗޮކްލެޓް ކެއުމާއި ކޮފީ ބުއިމަކީ އުމުރު ދިގުވުމުގެ ސިއްރެއް: ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާ
 
މީރު ކާނާއާއި ހިސާބު ދަސްކުރުމަކީ އުމުރު ދިގުވާ ކަމެއް
 
އޭނާ ވަނީ ދޮށީ އުމުރުގައި ކެންސަރު ބައްޔާއި ހަނގުރާމަކޮށް ކާމިޔާބު ހޯދާފައި
 
ކާނޭ ޓަނާކާ ގިނިސް ވޯލްޑް ރެކޯޑް ފޮތަށް އެރީ މިދިޔަ އަހަރު 116 ވަނަ އުފަންދުވަހު
ހުސެއިން މަޚްތޫމް
16,719
ކ. މާލެ |
19 ސެޕްޓެންބަރ 2020 | ހޮނިހިރު 17:55
ކާނޭ ޓަނާކާ؛ އޭނާ ވަނީ މިއަހަރު 117 ވަނަ އުފަންދުވަސް ފާހަގަ ކޮށްފައި
ގިނީސް ވޯލްޑް ރެކޯޑްސް

ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާ އަކީ ޖަޕާނުގެ އަންހެނެވެ. އޭނާގެ އުމުރުން މިހާރު 117 އަހަރު ވެފައިވާ އިރު، މިދިޔަ އަހަރު ވަނީ އޭނާ އަކީ ދުނިޔޭގެ ހުރި އެންމެ އުމުރުން ދުވަސްވީ މީހާކަން ކަނޑައަޅާ ގިނިސް ވޯލްޑް ރެކޯޑް ފޮތަށް ވެސް އަރުވާފައެވެ.

މާޗް 9، 2019 ވަނަ އަހަރު ރަސްމީކޮށް ގިނިސް ވޯލްޑް ރެކޯޑް ފޮތަށް އަރާފައިވާ ޖަޕާނުގެ ފުކުއޯކާއަށް ނިސްބަތްވާ ކާނޭ ޓަނާކާ އަށް 117 އަހަރުވެފައިވާ އިރު، އޭނާ ވަނީ ގިނަ ދުވަސްވަންދެން ދުނިޔޭގައި ހުރުމުގެ ސިއްރު ހިއްސާ ކޮށްފައެވެ. އޭނާ އުފަންވީ ޖެނުއަރީ 2، 1903 ގައެވެ. އެއީ ރައިޓް ބްރަދާސް އިން ހަކަތަ ބޭނުން ކޮށްގެން އުދުހޭ ފުލައިޓެއް އުފެއްދި އަހަރެވެ.

ކާނޭ އަކީ އޭނާގެ މަންމަ އާއި ބައްޕަގެ ހަތް ވަނަ ދަރިއެވެ. އަދި ހިޑިއޯ ޓަނާކާ އާއި ކައިވެނިކޮށްގެން އޭނާ އަށް ފަސް ދަރިން ލިބިފައިވެއެވެ. ހިޑިއޯގެ އާއިލީ ވިޔަފާރިއެއް އެއިރު ހިންގަމުން ގެންދިޔައެވެ. މައިގަނޑު ގޮތެއްގައި އެ ވިޔަފާރި އަކީ ސްޓިކީ ރައިސް އާއި ޖަޕާނަށް ހާއްސަ ފޮނި ކާތަކެތި އުފައްދާ އުޑޮން ނޫޑުލްސް އުފެއްދުމެވެ.

116 ވަނަ އުފަންދުވަހުގައި ކާނޭ އަކީ ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާކަމަށް ކަނޑައަޅަ ގިނިސް ވޯލްޑް ރިކޯޑް ފޮތުން ޖާގަ ހޯދި ދުވަހު

1937 ވަނަ އަހަރު ކޭންގެ ފިރިމީހާ ހިޑިއޯ އަސްކަރީ ހިދުމަތަށް ނުކުންނަށް ޖެހުމުން ކޭން ވަނީ އާއިލީ ވިޔަފާރީގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފައެވެ. އަދި އުފައްދާ އުފެއްދުންތައް އިތުރަށް ފައްކާކޮށް ރައިސް ކޭކް ފަދަ ތަކެތި ހަދަމުން ދިޔައެވެ. މި މަސައްކަތްތައް އޭނާ ކުރަމުން ދިޔައީ އާއިލާ ބެލެހެއްޓުމުގެ އިތުރުން މައިދައިތަ ވެސް ބަލަމުންނެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ކޭންގެ ދޮށީ ދަރި ނުބޮއޯ އަސްކަރީ ހިދުމަތަށް ނުކުންނަން ޖެހުނީ 1943 ގައެވެ. އަދި ހިދުމަތުގެ ތެރޭގައި އުޅެނިކޮށް ސޮވެޓް ޔުނިއަންގެ އަތްދަށުވެ ބަންދުގައި ހުރުމަށްފަހު އަނބުރާ އާއިލާ ކައިރިއަށް އާދެވުނީ ދެވަނަ ބޮޑު ހަނގުރާމަ ނިމުނުތާ ކައިރި 1947 ގައެވެ. ނަމަވެސް އޭނަ ފިރިމީހާ ހަނގުރާމައިގެ ތެރޭގައި މަރުވިއެވެ.

އާއިލީ ވިޔަފާރީގެ ތެރެއިން ހިންގަމުން އައި ފިހާރައިގައި އެތައް އަހަރުތަކެއް ވަންދެން މަސައްކަތް ކުރުމަށްފަހު ކާނޭ އޭނާ މަސައްކަތުން ރިޓަޔަރވީ އުމުރުން 63 އަހަރުގައެވެ. އާއިލާ ބެލެހެއްޓުމުގެ ޒިންމާއެކު ކާނޭ އޭނާގެ ދިގު އުމުރު ހޭދަ ކުރި ގޮތުގެ ވާހަކަތައް ވަނީ ހިއްސާ ކޮށްފައެވެ. ކުޑަ ކުޑަ ކަމަކުން ވެސް ބޮޑެތި ކަންކަން ކުރެވިދާނެ ކަމަށް ކާނޭ ބުންޏެވެ.

އެގޮތުން އަވަހަށް ނިދާ ހޭލުން ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރިއެވެ. ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 6 ޖަހާއިރު ހޭލާ ދުވަހުގެ މަސައްކަތްތައް ފަށާ ކަމަށާއި، ސިކުނޑި ތާޒާ ކުރުމުގެ ގޮތުން ހިސާބު ދަސްކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ. ހިސާބު ފަރިތަކުރުމަކީ ކާނޭ އެންމެ ކުރާ ހިތްވާ އެއް ކަންތަކެވެ. މީގެ އިތުރުން އަބަދު ވެސް ކޮންމެވެސް މަސައްކަތެއްގައި މަސްއޫލުވެ އުޅޭ ކަމަށް ވެސް ކާނޭ ފާހަގަ ކުރިއެވެ. އެގޮތުން ބޯޑް ގޭމް ކުޅުމާއި އޭނާ ދުވަސްތައް ހޭދަ ކުރަމުން އަންނަ ރެސްޓް ހޯމްގެ ސްޓާފުންނާއެކު ގިނަ ވަގުތު ގޭމް ކުޅުމުގައި ހޭދަ ކުރާ ކަމަށެވެ. ކާނޭ ބުނާ ގޮތުން އޭނާ އަށް އެންމެ ކަމުދާ ގޭމަކީ އޮތެލޯއެވެ.

ކާނޭ ޓަނާކާ އޭނާގެ އާއިލާއެކު؛ ކުރިމަތިން - ކާނޭ ޓަނާކާ (މ) އާއިލާއެކު

މީގެ އިތުރުން ގިނައިން ޗޮކްލެޓް ކެއުމާއި ކޮފީ ބުއިމަކީ ވެސް ގިނަ ދުވަހު ދިރުއުޅުމުގެ ސިއްރެއް ކަމަށް އޭނާ ބުނެފައިވެއެވެ. 116 އަހަރުގައި ގިނިސް ވޯލްޑް ރެކޯޑް ފޮތުން ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާގެ ޝަރަފް ލިބުނު ދުވަހު އޭނާ އަށް ޗޮކްލެޓް ފޮއްޓެއް ހަދިޔާއެއްގެ ގޮތުން ދިނުމުން ވަގުތުން އޭނާ ކާން ފެށިއެވެ. އަދި ކިތައް ޗޮކްލެޓް ކާނަންތޯ އެހުމުން 100 ޗޮކްލެޓް އެއްފަހަރާ ކާނެ ކަމަށް ބުންޏެވެ.

ކާނޭ ވަނީ އޭނާގެ ގިނަ ދުވަހު ދުނިޔޭގައި ދިރި ހުންނަނީ އުފާވެރި އާއިލާއަކާ އެކު އުޅެވޭތީ ކަމަށް ވެސް ބުނެފައެވެ. އެންމެ ބޮޑު ސިއްރެއްގެ ގޮތުގައި އޭނާ ފާހަގަ ކުރީ ކޮންމެ ފަދަ ކަމެއް ދިމާވިޔަސް އުއްމީދު ކަނޑާ ނުލުމެވެ. އުމުރުން 113 އަހަރުގައި އޭނާ ނޫހަކަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ އެހާ ދުވަހު ދުނިޔޭގައި އުޅުފައިވާތީ ކުރިއަށް އޮތްތާނގައިވެސް ދިރި ހުންނަން މަސައްކަތް ކުރުން ނޫން ގޮތެއް ނެތް ކަމަށެވެ. އޭނާގެ އުއްމީދަކީ 120 އަހަރު ދުނިޔޭގައި އުޅުމެވެ.

ކާނޭ ވިހާފައިވަނީ ދުވަސް ނުފުރާއެވެ. އަދި ދުނިޔޭގެ ހިނގައި ދިޔަ ބޮޑު ދެ ހަނގުރާމަ ދުށުމުގެ ނަސީބު އޭނާ އަށް ލިބިފައިވާ އިރު، ކެންސަރު ބައްޔާ ހަނގުރާމަކޮށް ކާނޭ ވަނީ ކާމިޔާބު ހޯދާފައެވެ.

ކާނޭ ޓަނާކާ ކައިވެނި ކުރި ދުވަހު ނަގާފައިވާ ފޮޓޯއެއް (ވ) އަދި ކާނޭ 116 އަހަރުގައި ނަގާފައިވާ ފޮޓޯއެއް (ވ)

ޖަޕާނުގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އަކީ ނިސްބަތުން ބޮޑު ބައެކެވެ. ޖަޕާނުގެ ކޮންމެ 1500 މީހުންގެ ތެރެއިން އެކަކީ 100 އަހަރަށްވުރެ ދޮށީ މީހެކެވެ. ޖަޕާނުގެ ހެލްތް ލޭބަރ އެންޑް ވެލްފެއަރ މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން އުމުރުން ދުވަސްވީ މީހުންގެ އާބާދީ މިހާރު ހުރީ 80،000ން މަތީގައެވެ. މީގެ އިތުރުން 50 އަހަރުން މަތީގެ އުމުރު ފުރައިގެ މީހުންގެ ނިސްބަތް ވެސް އެހާ ގިނައެވެ.

ޖަޕާންގެ ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 100 އަހަރުން މަތީގެ 80،450 މީހުން އެބަތިއްބެވެ. މިއީ މިދިޔަ އަހަރަށް ވުރެ 9176 މީހުންގެ އިތުރު އަދަދެކެވެ. މި ހިސާބުތައް ދައްކާ ގޮތުން ޖަޕާނުގައި އެވްރެޖްކޮށް އަންހެނެއް ދިރިހުންނަ އުމުރަކީ 87.45 އަހަރެވެ. އަދި ފިރިހެނެއްގެ އުމުރަކީ 81.41 އެވެ. 100 އަހަރުން މަތީގެ މީހުންގެ ތަފަސް ހިސާބުތައް ޖަޕާނުން ބަލަހައްޓަން ފަށާފައިވަނީ 1963 ވަނަ އަހަރުން ފެށިގެންނެވެ.

އެ އަހަރު 100 އަހަރުން މަތީގެ 152 މީހުން ތިބި ކަމަށް ދައްކައެވެ. ނަމަވެސް 1988 ވަނަ އަހަރާ ހަމައަށް މި އަދަދު 10000 ފަހަނަ އަޅާ ދިޔައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
33%
އަންތަރީސް ވެއްޖެ
50%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
17%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް