raajjemv logo
އިންޑިއާ އައުޓް
އެމްޑީޕީ ވީމަ އިންޑިއާ އައުޓް، ޕީޕީއެމް ވީމަ އިންޑިއާ އިން، މިވަނީ ކިހިނެއް؟
 
ގިނަ ގައުމުތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރެވި، ދިވެހިންނަށް ލުއިފަސޭހަތަކެއް ހޯދައިދީފައިވޭ
 
މިސަރުކާރު އައި ފަހުން އިންޑިއާއާއެކު އަންނަނީ ގާތް ގުޅުމެއް ބާއްވަމުން
އުމްނާ އިސްމާއިލް
10,752
ކ. މާލެ |
17 ސެޕްޓެންބަރ 2020 | ބުރާސްފަތި 14:42
ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު އަދި އިންޑިއާގެ ބޮޑު ވަޒީރާއި ކުރީގެ ރައީސް ޔާމީން
ރާއްޖެއެމްވީ

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، ދިވެހިރާއްޖެ އޮތީ ބައިނަލްއަގުވާމީ ދުނިޔެއާއި ހަވާސާ ވެފައެވެ. ކޮމަންވެލްތުން ވަކިވެ، އަވަށްޓެރިންނާއި މޫނުކެނޑި، ކަޅިހަމަ ނުކުރެވޭ ހާލުގައެވެ. އދ އިން އަންގާ އެއްވެސް އެންގުމަކަށް ބޯލެނބުމެއް ނެތި، ވިލާތުގެ އިއްތިޙާދާއި ތޮޅެންށެވެ. ބައިނަލްއަޤްވާމީ ދުނިޔޭގެ ކުރިމަތީގައި އުތުރު ކޮރެއާއެކޭ ދިވެހިރާއްޖެއެކޭ އެއިރު ތަފާތެއް ނެތެވެ.

ނަމަވެސް މިހާރު އެ ހުތުރު މަންޒަރު ބަދަލުވެއްޖެއެވެ. މިހާރު ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ބައިނަލްއަޤްވާމީ މުޖްތަމައުން ބަލައިގަންނަ އިހްތިރާމްކުރާ ސިޔާސަތެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދުނިޔެއާއި ހަވާސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ދިވެހިރާއްޖެއަކީ ހުޅުވާލެވިފައިވާ ޚާރިޖީ ސިޔާސަތެއް އޮތް ޤައުމެއްކަން ހާމަކޮށްދިނުމަށް އެތައް މަސައްކަތެއް މިހާރު ވެސް ދަނީ ކުރެވެމުންނެވެ. ރައީސް ސޯލިޙްގެ ސަރުކާރުން ގެންގުޅެނީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ، ޤައުމުތަކުން ބަލައިގަންނަ ސިޔާސަތެއްކަން ކޮންމެ ދުވަހަކުވެސް މިދަނީ ފެންނަމުންނެވެ. ލިބޭ އެހީއާއި، ހިމާޔަތަށް އެކަނި ބަލާލި ނަމަވެސް އެކަން ވަރަށް ރަނގަޅަށް ފެނިގެންދެއެވެ.

އެހެންނަމަވެސް ރާއްޖެއާއި އެހެން ގައުމުތަކާއި ދެމެދު މިހާރު މިއޮތް ގުޅުން ފެނުމުން ހަޖަމު ނުވާ ބައެއްވެސް އުޅެއެވެ. ބޭރުގެ ގައުމުތަކަށް ރާއްޖެ ވިއްކާލަނީއޭ ކިޔާ، ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ޒާތުގެ އެއްޗެއް ވެސް ފަށައިފިއެވެ. 'އިންޑިއާ އައުޓް' އޭ ކިޔާ ޕެންޑެމިކެއް ތެރޭ ޒުވާނުންތަކެއް މަގުމައްޗަށް ނެރެގެން މަގުސަދެއް ކަށަވަރު ނުވާ މުޒާހަރާތަކެއްވެސް ކޮށްފިއެވެ. ސަރުކާރު ޒިންމާދާރު ކުރުމުގެ ނަމުގައި ރައްޔިތުންނާއި ސަރުކާރާއި ޖައްސާލުމަށް އިދިކޮޅުން މިއަދު ބޭނުންކުރާ ހަތިޔާރަކީ ރާއްޖެއާއި އަވަށްޓެރި އިންޑިއާއާއި އޮތް ގުޅުމަށް މި ވަނީ ވެފައެވެ.

އިދިކޮޅުން ވެރިކަން ކުރިއިރު އިންޑިއާ ވަރެއްނެތެވެ. ދަތެއްގައި ރިއްސާލިޔަސް އޮންނަނީ އިންޑިއާ ކަން އެ ވެރިކަމުގައި ހަނދާން ހުއްޓެވެ. އެހެންނަމަވެސް، އެމްޑީޕީ ސަރުކާރެއް އައުމުން ރާގު މުޅިން ބަދަލުވީއެވެ. އިންޑިއާ މުޅިން ގޯސްވެއްޖެއެވެ. މިހާރު އިންޑިއާ އުޅެނީ ރާއްޖެ ގަންނާށެވެ. ރާއްޖެއަށް އަތްގަދަކޮށް އަސްކަރީ މަރުކަޒުތައް ވެސް ހަދާށެވެ. އިދިކޮޅު ކޯލިޝަންގެ ސަރުކާރެއް ނޫން އެހެން ސަރުކާރަކުން އިންޑިއާ އާއި ގުޅުން ބަދަހިކުރުމުން އިންޑިއާ އައުޓް ވެސް ކުރަންވެއްޖެއެވެ. އެވެރިންނަށް އިންޑިއާ ގޯސްވަނީ އެމްޑީޕީގެ ވެރިކަމެއްގައި އެކަނިހެން ވެސް ބައެއް ފަހަރު ހީވެއެވެ. ހީވުމަށްވުރެ ޔަގީނާ ވެސް ގާތެވެ.

ރާއްޖެޓީވީގެ 'ސިޔާސީ ދުނިޔެ' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވެސް ވިދާޅުވީ ހަމަ މިފަދައިންނެވެ. ހަސަން ލަތީފު ވިދާޅުވީ މިފަދައިން އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމާއި ގުޅިގެން ވާހަކަ ދައްކަމުން ދަނީ ބަޔަކު ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައެވެ.

އެމްޑީޕީގެ ސަރުކާރެއް އަންނަ ކޮންމެ ފަހަރަކު، ހަމަ ކޮންމެ ފަހަރަކު އިންޑިއާ އާއި ރާއްޖެ އޮންނަ ގުޅުމުގެ ދޭތެރެއަށް އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ފާހަގަވާ ފަރާތްތަކުން އެބަ ވަންނަން ޖެހޭ. ކޮންމެވެސް އެއްޗެއް ކިޔާފަ އަބަދުވެސް ވަދޭ. އެމްޑީޕީގެ ސަރުކާރު ނިމޭއިރަށް އަނެއްކާވެސް އެއްކަލަ އިންޑިއާ އާއި އެކީގަ އެ އޮންނަ ގުލުން ހަމަ ރީއްޗަށް ދަމަހައްޓަންވެސް ބޭނުންވޭ. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އެހެންމަ އެއީ ވަރަށް ބޮޑު ސިޔާސީ މަގްސަދެއްގައި ބަޔަކު ކުރާ ކަމެއް ކަން.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް

ވެރިކަމުގައި ފަސް އަހަރާއި ވެރިކަމެއް ފޭރިގަނެގެން ވެރިކަން ކުރި 2 އަހަރު މުޅި ދުނިޔެއިން ރާއްޖެ އެކަހެރި ކޮށްލި ބަޔަކު މިފަދައިން ވާހަކަ ދައްކާތީ ވެސް ހިނި އާދެއެވެ. ވަކި ގައުމެއް ގޯސްވަނީ ކީއްވެގެންކަން ރަނގަޅަށް ކިޔާނުދެވުނު ބަޔަކަށް ހާރިޖީ ގުޅުމުގެ މުހިއްމުކަން އެނގޭނީ ކިހިނެއްތޯއެވެ. އެހެން ގައުމުތަކާއި އެކު މިވެވޭ އެއްބަސްވުންތަކުގެ މުހިއްމުކަން އެނގޭނީ ކިހިނެއްތޯއެވެ. އެވެރިންނަށް ފެނުނުހާވެސް އެއްޗަކީ ވެރިކަމުގެ ލައްޒަތާއި ޝާނާ ޝޯހެވެ. ޖާހަތާއި ފައިސާއެވެ. ބާރާއި ވައްކަމެވެ.

ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަސަން ލަތީފު ވެސް ވަނީ މިކަމަށް އަލިއަޅުއްވާލައްވާފައެވެ. މެމްބަރު ވިދާޅުވީ ރާއްޖެ އުފެދިފައި އޮންނަ ގޮތުންނާއި ސަރަހައްދުގެ ގޮތުންވެސް ވަރަށް ބޮޑަށް ޓެރަރިޒަމް ފަދަ އަމަލުތަކަށް ހުޅުވިގެންދާ ކަމަށެވެ. ޓެރަރިޒަމްގެ އަސަރުކުރާ އެންމެ ގިނަ ގައުމުތަށް ހިމެނޭ ސަރަހައްދުގައި ރާއްޖެވެސް އޮންނައިރު ރާއްޖެއަކީ ވަސީލަތް މަދު ގައުމެކެވެ. އެހެން ކަމުން އެހެން ގައުމުތަކުގެ ހިމާޔަތާއި އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއަށް ނުހަނު މުހިންމެވެ. މި އެހީތައް ލިބެނީ އެ ގައުމުތަކާއި އޮންނަ ހާރިޖީ ގުޅުން ހަރުދަނާ ކޮށް ދޭދޭ ގުޅުން ބަދަހިވުމުންނެވެ. އެއްބަސްވުންތަކެއް ހެދިގެންނެވެ.

ދާދިފަހުން ދިވެހިރާއްޖެއާއި އެމެރިކާގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ދެ ގައުމުގެ ސަރުކާރުން ގުޅިގެން އެކުލަވާލި ފްރޭމްވާރކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ހަސަން ލަތީފް ވަނީ މި ޕްރޭމްވަރކްގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

އަޅުގަނޑުމެން ބޭނުން މި ސަރަހައްދުގެ ތެރޭގައި، އަޅުގަނޑު މި ދަންނަވަނީ އިންޑޯ ޕެސިފިކް، މި ސަރަހައްދު ތެރޭގައި ހަމަ ޖެހުން ގާއިމުވެފައި އޮންނަ އިރު، ރާއްޖެ އެއީ އެ އާއިލާ ތެރެއިން ބަޔަކަށް ވާން. އެމެރިކާއާއި އިންޑިއާއި އޮސްޓްރޭލިއާއާއި ޖަޕާނާއި، ސައުތު ކޮރެއާ އާއި މިއާއިލާގެ ތެރޭގައި ރާއްޖެއޮވެ، ރާއްޖެ ހިމާޔަތްވުމުގެ ފުރުސަތު މާބޮޑު އަދި ރާއްޖެ ހިމާޔަތް ވާން ބޭނުންވަނީ އެ އާއިލާ ތެރޭގައި އޮވެގެން.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް

އޭނާ ވިދާޅުވީ އިންޑިއާ އަދި އެމެރިކާފަދަ ގައުމުތަކާއި ރާއްޖެއާއި އޮންނަ ގުޅުމުގެ ތެރެއަށް ވަދެ އިދިކޮޅު ފަރާތްތަކުން އެކުރާ މަސައްކަތަކީ ގައުމު ނާމާން ކަމުގެ ތެރެއަށް ވައްޓާލުމަށް ކުރެވޭ މަސައްކަތެކެވެ.

އަޅުގަނޑުމެންނަށް އެބަ ފެނޭ އިދިކޮޅު ފަރާތްތަކުން އެ ކުރާ މަސައްކަތަކީ ހަގީގަތުގައި އިންޑިއާ އާއި ރާއްޖެއާއި އަދި އެމެރިކާއާއި ރާއްޖެ އާއި، މި ދެންނެވި އާއިލާގެ ތެރެއިން ރާއްޖެ ވަނަ ނުދިނުމަށް އެ ކުރާ މަސައްކަތަކީ އަސްލު ހަގީގަތުގައި ރާއްޖެ މި ހުޅުވާލަދެނީ ވަރަށް ނުރައްކާ މާހައުލެއްގެ ތެރެއަށް.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް

ހަސަން ލަތީފް ވިދާޅުވީ މިގުޅުންތަކަށް ހުރަސް އަޅާ، ގައުމު ހަލަބޮލިކުރުމަށް މަސައްކަތް ކުރަމުންދަނީ ވަރަށް ނުރައްކާތެރި ވިސްނުމެއްގައެވެ. އެހެންނޫންނަމަ، އިންޑިއާ އައުޓްއޭ ކިޔައިގެން މި ދައްކާ ވާހަކަތައް ދެއްކުމުގެ ބޭނުމަކީ ކޮބާތޯއެވެ. ރާއްޖެ ބޭނުމަކަށް ޖެހިއްޖިއްޔާ އޮންނަނީ އިންޑިއާއެވެ. އެ ހަގީގަތް ގަބޫލުކުރަން މަދު ބަޔަކު ބޭނުން ނުވިޔަސް، ގިނަ ދިވެހިން މިއަދު ހަގީގަތް ގަބޫލުކުރެއެވެ. ފެންނަން އޮތް ހަގީގަތަކީވެސް މިއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ރައީސް މުހައްމަދު ނަޝީދު ޖަލަށް ލުމުން އިންޑިއާއިންނާއި އެހެނިހެން ގައުމުތަކުންވެސް އެމަނިކުފާނު ދޫކޮށްލުމަށް އޭރުގެ ސަރުކާރަށް ޕްރެޝަރ ކުރިއެވެ. ނަމަވެސް، ރައީސް ޔާމީނު ޖަލަށް ލުމުން އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލާނެ ބަޔަކު ނުވިއެވެ. 'އިންޑިއާ އައުޓް' ވަނީ ފަހަރުގައި މިހެން ވެގެން ކަންނޭނގެއެވެ. ކަމުގެ ހަގީގަތަށް ބަލާއިރު ބައިނަލްއަގުވާމީ ދުނިޔެއިން ބަލައި ނުގަންނަވަރުގެ ކުށެއް ކޮށްގެން ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ބޭފުޅެއް މިނިވަން ކުރަން ގޮވާލާނެ މީހަކު ނުވާނެއެވެ. މަނީލޯންޑަރިންނަކީ ބައިނަލްއަގުވާމީ ދުނިޔެއިން ބަލައި ނުގަންނަ ހަޑިމުޑުދާރު އަމަލެކެވެ.

'އިންޑިއާ އައުޓް' ވާންޖެހޭ ސަބަބަކީ މިއީ ތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
75%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
25%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް