ކ. މާލެ
|
16 ސެޕްޓެންބަރ 2020 | ބުދަ 23:01
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ޒުވާން ފޯވާޑް އަބްދުﷲ ޔާމީން (ޔާން) އުރާލައިގެން
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ޒުވާން ފޯވާޑް އަބްދުﷲ ޔާމީން (ޔާން) އުރާލައިގެން
މިހާރު
ރިޕޯޓު: އަބްދުﷲ ޔާމީން (ޔާން)
ޔާނުގެ އެންމެ ބޮޑު ހުވަފެން: ދަގަނޑޭގެ ހަތް ނަންބަރު ޖާޒީ ލައިގެން ގައުމީ ޓީމަށް ކުޅުން
 
ޔާން ވެގެން ގޮސްފައިވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ މެޗެއްގައި ކުޅެން އެރި އެންމެ ހަގު ކުޅުންތެރިޔާއަށް
 
2017 ވަނަ އަހަރު މާލޭ ލީގުގެ އިތުރުން ޔާން ވަނީ ގްރީނާއެކު އެފްއޭ ކަޕްގައިވެސް ކުޅެފައި
 
ޔާން ފުޓްބޯޅަ ކުޅެން ޝައުގުވެރިވީ ކުޑައިރު ރަށުގައި އުޅޭ ބޮޑެތި މީހުންނާއެކު ކުޅެން ގޮސް އުޅުމުގެ ތެރޭގައި

ހއ. ހޯރަފުއްޓަށް އުފަން އުމުރުން 19 އަހަރުގެ އަބްދުﷲ ޔާމީން (ޔާން) އަކީ އަރަމުން އަންނަ ޒުވާން ފުޓްބޯޅަ ކުޅުންތެރިއެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޝްހޫރު ގިނަ ކޯޗުންގެ އިތުބާރު ހޯދި ކުޅުންތެރިއެކެވެ. ޒުވާން ކުޅުންތެރިން އުފެދެމުން އަންނަ ކަމުގެ ހެތްކެކެވެ.

"ރާއްޖެ.އެމްވީ" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ކުލަބު ގްރީން ސްޓްރީޓްސްއަށް ކުޅެމުން އަންނަ ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް ޔާން ބުނީ ފުޓްބޯޅަ ކުޅެން ޝައުގުވެރިވީ ކުޑައިރު ރަށުގައި އުޅޭ ބޮޑެތި މީހުންނާއެކު ކުޅެން ގޮސް އުޅުމުގެ ތެރޭގައި ކަމަށާއި، އޭގެ ފަހުން ފުޓްބޯޅައަށް ހިތްޖެހުނީ ކަމަށެވެ.

ރަށު ސްކޫލްގައި އޮންނަ މުބާރާތްތަކުގައިވެސް ޔާނަކީ އެހެން ކުޅުންތެރިންނާ ތަފާތު ކުޅުންތެރިއެކެވެ. ކޮއްޓުމާއި ނެއްޓުމުގެ ހުނަރާ އެއްވަރަށް ގޯލާއި ރައްޓެހި ކުޅުންތެރިއެކެވެ.

ސްކޫލު ނިންމުމަށްފަހު މާލެ އައިސް ކުޅެން ލިބުނު ފުރުސަތަކީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއަކަށް އޭނާ ވުމަށް ދެކެމުން އައި ހުވަފެނުގައި ހަގީގީ ކުލަ ޖެހެނު ފުރުސަތެވެ. 2017 ވަނަ އަހަރު މާލޭ ލީގުގެ އިތުރުން ޔާން ވަނީ ގްރީނާއެކު އެފްއޭ ކަޕްގައިވެސް ކުޅެފައެވެ. އެކަމަކު އޭރު ގްރީންގެ ފުރަތަމަ އެގާރައިން ޔާނަށް ފުރުސަތު ލިބޭ ގޮތެއް ނުވެއެވެ.

ޔާން ބުނީ އޭރުވެސް ދުވަހެއް ދުވަހަކަށްފަހު މަސައްކަތް ކުރަމުން އައި ގްރީންގެ ފުރަތަމަ އެގާރައިން ޖާގަ ހޯދައި، އޭނާގެ ހުނަރު އެންމެނަށް ދެއްކުމަށް ކަމަށެވެ.

ޔާން ވަނީ ގްރީނާއެކު 2018 ވަނަ އަހަރުގެ ޔޫތު ލީގު ކާމިޔާބުކޮށްފައި

2018 ވަނަ އަހަރު ބޭއްވި ޔޫތު ލީގަކީ ޔާން ވިދާލި މުބާރާތެވެ. އުމުރުން 17 އަހަރުގައި ގްރީންގެ ޔޫތު ޓީމުގެ ކެޕްޓަން ބޭންޑާއެކު ނުކުތް އެ މުބާރާތް ޔާން ނިންމާލީ ރަން މެޑެއްޔާއެކުގައެވެ. އެ މުބާރާތް ގްރީނަށް ކާމިޔާބުކޮށްދިނުމުގައި ޔާނުގެ ހިއްސާ ބޮޑު ކަމަށް ގްރީންގެ މެނޭޖުމަންޓުން ބުނެއެވެ.

ޔާން ބުނީ އެ މުބާރާތަކީ މިހާތަނަށް އޭނާގެ ފަރާތުން ގްރީނަށް ކޮށްދެވުން ހަމައެކަނި ކަންތައް ކަމަށާއި، މިހާރު އޭނާގެ އަމާޒަކީ ގްރީނާއެއެކު އިތުރު ކާމިޔާބީތައް ހޯދުން ކަމަށެވެ. އަދި މިކަން ހާސިލް ނުކޮށް ގްރީން ދޫކޮށް އެހެން ޓީމަކަށް ބަދަލުވުމުގެ ހިޔާލެއް ނުގެން ގުޅޭ ކަމަށްވެސް އޭނާ ބުންޏެވެ.

މި ހާތަނަށް އައިއިރު ވަރަށް ގިނަ ފަރާތްތަކެއްގެ އެހީ ލިބުނުކަން ފާހަގަކުރަމުން ޔާން ބުނީ ރަށުން މާލެ ބަދަލުވުމުގައި އެންމެ ބޮޑު އެހީއެއް ލިބިގެންދިޔައީ އޭނާގެ އާއިލާގެ ފަރާތުންނާއި، ދެ އެކުވެރިން ކަމަށްވާ އަރުޝަދު އަޝްރަފް (އަރޫ) އަދި ހުސެއިން ފަޔާޒް (ޕައްޓޯލް) ގެ ފަރާތުން ކަމަށެވެ. އަދި މާލެ އައިސް ގްރީނާ ގުޅުމަށްފަހު އެ ކުލަބުން ދިން އެހީ ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށްވެސް ޔާން ބުންޏެވެ. މީގެ އިތުރުން ޔާން ބުނީ ގްރީންގެ ކުރީގެ ކޯޗު އަލީ ސުޒޭނުގެ އިތުރުން ވަރަށް ބައިވަރު ކޯޗުންގެ އެހީ މިހާތަނަށް އައިއިރު ލިބިގެން ދިޔަ ކަމަށެވެ.

ޒުވާން އުމުރުގައި ޔާން އަންނަނީ ގްރީންގައި ތަފާތު ދައްކަމުން

2018 ވަނަ އަހަރަކީ ޔާނުގެ ކެރިއަރުގައި މިހާތަނަށް އެންމެ ކާމިޔާބު ސީޒަން ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޔާން ބުނީ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ހިމެނުން އެއީ ލިބުނު ބޮޑު އުފަލެއް ކަމަށާއި، އެއީ އޭނާގެ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ. އަދި ބުނީ ސިންގަޕޫރާ ދެކޮޅަށް ރާއްޖެ ކުޅުން މެޗުގައި ކުޅެލަން ފުރުސަތު ލިބުމުން ބަޔާންކުރަން ނޭނގޭ ބޮޑު އުފަލެއްވި ކަމަށެވެ. މިއާއެކު ޔާން ވެގެން ގޮސްފައިވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ މެޗެއްގައި ކުޅެން އެރި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

މީގެ އިތުރުން ޔާން ބުނީ މިދިޔަ އަހަރު ގްރީނުގައި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއެކު ކުޅެލަން ލިބުނު ފުރުސަތަކީ އޭނާގެ ހުވަފެން ހަގީގަތަކަށްވި ދުވަހެއް ކަމަށާއި، "އައިޑޮލް" އާއެކު ކުޅުމަކީ ކުޅުންތެރިޔަކަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.

ފުޓުބޯޅަ ކުޅުންތެރިންނަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރަމުން ޔާން ބުނީ، ކުލަބުތައް މާލީ ގޮތުން ވަރުގަދަވާނެ ދުވަހެއް އައުން އެއީ ދެކެން ބޭނުންވާ ދުވަހެއް ކަމަށާއި، މުސާރާއިގެ މައްސަލަތައް މިހާރު ކުޅުންތެރިންނަށް ދިމާވާ ކަމަށެވެ. އަދި ކޮންމެ ކުޅުންތެރިޔަކީ ހަމައެކަނި ފުޓްބޯޅައަށް ހުސްވެގެން އެކަންކުރާ ކުޅުންތެރިންނެއް ނޫން ކަމަށް ޔާން ބުންޏެވެ.

ޔާން ބުނީ އޭނާގެ މިހާރުގެ ޓާގެޓަކީ ދަގަނޑޭގެ ހަތް ނަންބަރު ޖާޒީގައި ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުން ކަމަށާއި، އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ގަދަ އަޅައި މަސައްކަތް ކުރާނެ ކަމަށެވެ.

މި ފުރުސަތުގައި "ރާއްޖެ.އެމްވީ" އިން ޔާން މިހާތަނަށް ހޯދައިފައިވާ ކާމިޔާބީތަކަށް މަރުހަބާ ކިޔައި، ކުރިއަށް އޮތް ތަނުގައި އިތުރު ކާމިޔާބީއަށް އެދެމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
5%
95%
0%
0%
0%
0%
ކޮމެންޓް