raajjemv logo
ޑޮލަރުގެ އަގު ބޮޑުވުން
ޑޮލަރުގެ އަގު ބޮޑުވާންވީ ކީއްވެ؟ ޑޮލަރުގެ ޑިމާންޑް އުފުލެންޖެހޭ އެއްވެސް ސަބަބެއް ނެތް!
 
އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު މައްޗަށް
 
ބޭސް ފަރުވާއަށް ބޭރަށްދާ މީހުން ގާތްގަނޑަކަށް ހުއްޓުމަކަށް
 
ތެލަށް ކުރާ ޚަރަދު ދަށަށް، ވިޔަފާރިވެރިން ރާއްޖެ އަށް އެތެރެ ކުރާ މުދާ ދަށަށް
ލައިޝާ އަހްމަދު
18,388
ކ. މާލެ |
16 ސެޕްޓެންބަރ 2020 | ބުދަ 14:54
ޑޮލަރުތަކެއް- ކޮވިޑުގެ މި ޙާލަތުގައި ބްލެކް މާރކެޓުތަކުން ދަނީ ޑޮލަރު އަގުބޮޑުކޮށް ވިއްކައި މަންފާ ހޯދަމުން
މުހައްމަދު ޝަރުހާން

ކޮވިޑް-19 އާ ގުޅިގެން ޤައުމުތަކުގެ އިޤްތިސާދު އަޑިއަޅަމުންދާއިރު، ރާއްޖޭގެ އިޤްތިސާދަށްވެސް މިވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ. އެގޮތުން މީގެ ކުރިން އަންދާޒާ ކުރި ވަރަށްވުރެ މި އަހަރު ދައުލަތުގެ އާމްދަނީ ދަށްވެ، ކުރިން މާލީ ވުޒާރާތަކުން ހެދި އަންދާޒާތަކަށް މިވަނީ ބަދަލުތަކެއް އައިސްފައެވެ. އެއާއެކު، މިހާރު ހަރުއަޑުން ދެކެވޭ އެއް ވާހަކައަކީ ރާއްޖޭގައި ޑޮލަރުގެ އަގު ބޮޑުވާން އުޅޭ ވާހަކައެވެ. އެގޮތުން ކޮވިޑް 19 ގެ ބަލިމަޑުކަމުން ރާއްޖޭގެ އިޤްތިސާދީ ގިނަ ޙަރަކާތް ހުއްޓުމަކަށް އައިސް، ޑޮލަރަށް އޮތް ޑިމާންޑު ދަށްވި ނަމަވެސް، ޑޮލަރުގެ ރޭޓުތައް މައްޗަށް ދާ މައްސަލައަށް ގިނަ ބައެއްގެ ސަމާލުކަން މިވަނީ އައިސްފައެވެ.

ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވާންޖެހޭ ސަބަބެއް ނެތް!

ރާއްޖެއަށް ޑޮލަރު އެންމެ ބޮޑަށް ބޭނުން ވަނީ ބޭރުން މުދާ އެތެރެ ކުރާށެވެ. އެހެން ކަމުން އެތެރެ ކުރާ މުދާ އިތުރުވެގެން ނޫނީ ޑޮލަރުގެ ބޭނުން އިތުރުވާކަށް ނުޖެހެއެވެ. މި މޭރުމުން ބަލާއިރު، 2019 ވަނަ އަހަރާ އަޅާބަލާއިރު، އާންމު ވިޔަފާރިވެރިން މިއަހަރު ރާއްޖެ އަށް މުދާ އެތެރެކޮށްފައިވާ މިންވަރު ވަނީ 69 އިންސައްތައަށް ދަށްވެފައެވެ. ހަމަ އެއާއެކު، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިންޓަނޭޝަނަލް ބޯޑަރ ބަންދު ކުރުމުގެ ކުރިން، މި އަހަރުގެ ފުރަތަމަ 3 މަސްދުވަހު އެވެރެޖްކޮށް މަހަކު 222 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ އެތެރެ ކުރެވުނު ނަމަވެސް، އަހަރުގެ ފުރަތަމަ 3 މަސްދުވަހާ އަޅާބަލާއިރު އެ އަދަދު ވަނީ %53 ދަށަށް ގޮސްފައެވެ.

އޭގެ އިތުރުން، 2019 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެޔޮފީފާއެއްގެ (ކުރޫޑް އޮއިލް) އަގު އެވެރެޖްކޮށް ހުރީ 63 އެމެރިކާ ޑޮލަރުގައެވެ. އެހެންނަމަވެސް ދުނިޔެއަށް ދިމާވެފައިވާ މި ޙާލަތުގެ ސަބަބުން ތެލަށް އޮތް ޑިމާންޑް ދަށްވެ، 2020 ގެ މި މުއްދަތުގައި ތެޔޮފީފާއެއްގެ އަގު އެވެރެޖްކޮށް ހުރީ 40 އެމެރިކާ ޑޮލަރަށް އަގު ހެޔޮ ވެފައެވެ. ތެޔޮ އަގުހެޔޮ ވުމުގެ އިތުރުން ތެޔޮ ބޭނުން ކުރާ މިންވަރުވެސް ބޮޑުތަނުން ދަށް ވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ތެލުގެ ބާވަތްތައް އެތެރެ ކުރުމަށް ޚަރަދު ވެފައިވަނީ ޖުމުލަ 283.7 މިލިއަން އެމެރިކާ ޑޮލަރެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހަށް ތެލުގެ ބާވަތްތައް އެތެރެ ކުރުމަށް ޚަރަދު ކުރީ 175.8 މިލިޔަން އެމެރިކާ ޑޮލަރެވެ. މިއީ، 62 އިންސައްތައިގެ ދަށްވުމެކެވެ.

މި އަހަރު ޑޮލަރަށް އޮތް ޑިމާންޑް ކުޑަވާނެ ކަމަށް ބެލެވޭ އަނެއް ސަބަބަކީ ކޮވިޑް 19 ގެ ސަބަބުން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިވެހިން ކުރާ ދަތުރުތައް މުޅިންހެން ހުއްޓިގެން ދިޔުމެވެ. 2019 ވަނަ އަހަރު ދިވެހީން ރާއްޖެއިން ބޭރަށް ބޭސްފަރުވާއާއި އެހެނިހެން ކަންކަމަށް ގާތްގަޑަކަށް 350 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާނޭ ކަމަށް ލަފާ ކުރެވޭ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެހެން ކަމުން ބޭރަށް ދިވެހިން ކުރާ ދަތުރުތައް ހުއްޓިގެން ދިއުމުން ގިނަ އަދަދެއްގެ ޑޮލަރު ރާއްޖޭގައި ހިފެހެއްޓެން ޖެހޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

އޭގެ އިތުރުން 2019 ވަނަ އަހަރާއި އަޅާބަލާއިރު 2020 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރާނެ ކަމަށް ބެލޭ މުދަލަށް ހޭދަވާނެ ބޭރުފައިސާގެ އަދަދު ގާތްގަނޑަކަށް %50 ދަށަށް ދާނެ ކަމަށް އެމްއެމްއޭއިން ލަފާ ކޮށްފައިވާއިރު، އަހަރުގެ ބާކީ ބަޔަށް މުދާ އެތެރެ ކުރުމަށް ބޭނުންވާނޭ ޑޮލަރުގެ މިންވަރު ވެސް ބޮޑުތަނުން ދަށަށް ދާނޭ ކަމަށް ބެލެއެވެ.

މިކަންކަން މިހެން ހުރި އިރު ޑޮލަރުގެ އަގު ބޮޑުވާން ޖެހެނީ ކޮން ސަބަބަކާ ހެދިތޯ އެބަ ވިސްނާލަން ޖެހެއެވެ.

ޑޮލަރުގެ ކަޅު ބާޒާރު

ކޮވިޑްގެ ހާލަތު ދިގުލާ ދިއުމާއެކު، ހާލަތުގެ ނާޖާއިޒް ފައިދާ ނަގާ ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުމަށްޓަކައި ބަޔަކު މަކަރު ހަދަމުންދާކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވެއެވެ. އެގޮތުން ޑޮލަރުގެ އަގު ބޮޑުވަމުންދާކަމަށް ސޯޝަލް މީޑިއާގައި ތަކުރާރުކޮށް މެސެޖުތައް ދައުރު ކުރުވުމާއި، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައިވެސް އެފަދަ މެސެޖުތައް ފެތުރުމުގެ ތެރެއިން ޑޮލަރަށް ނެތް ޑިމާންޑެއް އޮތް ކަމަށް ދައްކަން ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ.

ނަތީޖާއެއްގެ ގޮތުން ކޮވިޑް-19 ގެ މި ޙާލަތާ ގުޅިގެން ފަހުން ޑޮލަރުގެ އަގު ބޮޑުވާނެ ކަމުގެ "އުންމީދުގައި" ބައެއް ފަރާތްތަކުން ބްލެކް މާރކެޓުގައި ޑޮލަރު ގަންނަން އަވަސްވެގަނެއެވެ. އަދި އެކަމުގެ ސަބަބުން ޑޮލަރުގެ ޑިމާންޑް އުފުލި، ބްލެކް މާރކެޓުގައި އެކި ރޭޓުތަކުގައި ޑޮލަރު ވިއްކަމުންދާ ފަރާތްތަކުން ބޮޑު މަންފާތަކެއް ނަގަމުންދާކަން ފާހަގަ ކުރެވެއެވެ.

އެމްއެމްއޭއިން ބުނަނީ ޑޮލަރުގެ ރަސްމީ އަގު ބަދަލު ނުކުރާނެ ކަމަށް!

މި ހުރިހާ ކަމެއްގެ ސަބަބުން ބްލެކް މާރކެޓުގައި ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވެ، މަކަރު ހީލަތުގެ ތެރެއިން ނާޖާއިޒް މަންފާ ހޯދުމުގެ ފުރުސަތު ބަޔަކު ގެންދަނީ ފަހި ކުރަމުންނެވެ. މިކަން މިހެން ހިންގަމުންދާއިރު، ޑޮލަރުގެ ރަސްމީ އަގަށް އެއްވެސް ބަދަލެއް ގެންނަން އެމްއެމްއޭ އިން މިހާތަނަށް އެއްވެސް ފަރާތަކާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާކަން ރާއްޖެއެމްވީ އަށް ވަނީ ކަށަވަރު ވެފައެވެ. ޑޮލަރުގެ ރަސްމީ އަގު މައްޗަށް ދާނެތޯ ކުރެވޭ ސުވާލަށް އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ، އެކަލަހަ މަޝްވަރާއެއް ވެސް ކުރިއަށް ނުދާކަމަށާއި، ޑޮލަރުގެ ރަސްމީ އަގު ބަދަލު ނުކުރާނެކަމަށެވެ.

އަނެއްކޮޅުން، އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އޮތީ އިތުރުކޮށްފައެވެ. މީގެ އިތުރުން، ރާއްޖެ އަށް 700 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.

އެއާއެކު ސާފު ވެގެންދާ އެއް ކަމަކީ ޑޮލަރާއި ގުޅިގެން މިހާރު ބަޔަކު މަންފާ ނަގަމުން ގެންދަނީ އޮޅުވާލުމާއި، މަކަރު ހީލަތުގެ ތެރެއިންނެވެ. ޑޮލަރުގެ ޑިމާންޑް ރާއްޖޭގައި މިވަގުތު މައްޗަށް ދާންވީ އެއްވެސް ސަބަބެއް ނެތެވެ. ޑޮލަރުގެ ރަސްމީ އަގު ބަދަލު ކުރުމަށް އެމްއެމްއޭ އަކުން ނުވިސްނައެވެ. ބޭންކުތަކަށް އެމްއެމްއޭ އިން ދޫކުރާ ޑޮލަރުގެ މިންވަރު އޮތީ މައްޗަށް ޖައްސާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
9%
އަންތަރީސް ވެއްޖެ
32%
އުފާ ވެއްޖެ
5%
ދެރަ ވެއްޖެ
9%
ރުޅި ގަދަ ވެއްޖެ
32%
މޮޔަވެއްޖެ
14%
ލިޔުން ރަނގަޅު
ކޮމެންޓް
18 ސެޕްޓެންބަރ 2020 | ހުކުރު 13:51
ބޭބެ
އަގު އުފުލެނީ ވެރިކަމުގަ ގަމާރުން ތިބުމާއު ރާ ޓީ.ވީ އާއި ރ.އެމްވީ ޚުޠުބާ ވަގު އުފައްދަމުންދާ ފިތުނައާއި ކުރަމުނދާ ބޮޑަތި ވައްކަންތަކުގެ ސަބަބުން
17 ސެޕްޓެންބަރ 2020 | ބުރާސްފަތި 09:22
މއ
ޑޮލަރު ބާޒާރުގެ ކޮންޓްރޯލްވެސް އޮތީ ނުފޫޒް ގަދަ ދިވެހިން ތަކެއް ފަހަތުގަ ތިބޭ ބަންގާޅީން އަތުގަ. ރޯމާ ދުވާލު މަނީ އެެކްސްޗޭންޖް ހުއްދަ ނަގައިގެން އެކުރަނީ ތިބެގެން ވައްކަން. ކާކު އެކަންތައް ބަލަނީ.؟ 20ރ 21ރ އަށް ވެސް ޑޮލަރު އެބަ ވިއްކާ. ބާރު ގަދަ ބަޔަކު ޑޮލަރު ތާށިކޮށްލީމަ ބޭނުން ޖެހޭ މީހާ ބޮޑު އަގުގަ ވިޔަސް ގަންނާނެ ދޯ.؟ ބާރުވެރިކަން ތިބޭ މީހުން ހިންގާ ޖަރީމާ