ކ. މާލެ
|
14 ސެޕްޓެންބަރ 2020 | ހޯމަ 23:48
ޒުވާން ބޮޑީބޯޑަރު އަލީ އާނިމް (ކިރިކާ)
ޒުވާން ބޮޑީބޯޑަރު އަލީ އާނިމް (ކިރިކާ)
ރާއްޖެ އޮންލައިން
ރިޕޯޓު: އަލީ އާނިމް (ކިރިކާ)
ކިރިކާ ގައުމަށް ރީތި ނަން ހޯދައިދިނުމުގެ އަޒުމުގައި
 
ކިރިކާ ވަނީ މިދިޔަ އަހަރުގެ ގައުމީ ބޮޑީބޯޑިންގ މުބާރާތުގެ ދެވަނަ ހޯދާފައި
 
ކިރިކާ އެންމެ ފުރަތަމަ ބޮޑީބޯޑް ކުރަން އުޅުނީ މަޅުގަނޑު (ފިލާ ބޯޑް) އެއްގައި

ލ. ގަމަށް އުފަން އަލީ އާނިމް، އާންމު ނަމުންނަމަ ކިރިކާ އަކީ ގައުމީ ބޮޑީބޯޑިންގ ޓީމުގައި ހިމެނޭ އެންމެ ހަގު ބޮޑީބޯޑަރެވެ. އެންމެ ކުޑައިރުން ފެށިގެންވެސް މޫދާ ރައްޓެހި ކިރިކާ އެންމެ ފުރަތަމަ ބޮޑީބޯޑް ކުރަން އުޅުނީ މަޅުގަނޑު (ފިލާ ބޯޑް) އެއްގައެވެ.

"ރާއްޖެ.އެމްވީ" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ކިރިކާ ބުނީ އެންމެ ފުރަތަމަ ރާޅާ އަޅަން ފެށީ ރަށުގައި އުޅުނުއިރު ކަމަށާއި، ރާޅާ އަޅަން ފެށީ ރައްޓެހިންގެ އެދުމުގެ މަތިން ކަމަށެވެ. އަދި އެންމެ ފުރަތަމަ ރާޅާ އެޅީ ރާޅު ޕޮއިންޓަކަށް ނޫން ކަމަށާއި، އޭރު ރާޅާ އަޅަނީ ކަނޑު ރާޅަށް ކަމަށް ކިރިކާ ބުންޏެވެ. އަދި އޭރު ރާޅާ އަޅަން ދަސްކޮށްދިނީ ގާތް ރަހުމަތްތެރިއެއް ކަމަށްވެސް އޭނާ ބުންޏެވެ.

ކިރިކާ ބުނީ އެންމެ ފުރަތަމަ އޭނާ ރާޅާ އެޅަން ފެށީ އަމިއްލަ ހިތްހަމަޖެހުމަށް މަޖަލަކަށް ކަމަށާއި، އެކަމަކު ފަހުން އައިސް އެކަން މިހާރު މިވަނީ ސީރިއަސް ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ކިރިކާ އަކީ އެހެން ބޮޑީބޯޑަރުންނާ ޚިލާފަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވިދާލި ބޮޑީބޯޑަރެކެވެ. އޭނާގެ އެންމެ ފުރަތަމަ މުބާރާތަކީވެސް ކާމިޔާބު މުބާރާތެކެވެ. އެކަމަކު އޭނާގެ ނަޒަރުގައި އެ މުބާރާތުގެ ކުއާޓާ ފައިނަލުން ކެޓުން އެއީ މިހާތަނަށް ކެރިއަރުގައި ދިމާވި އެންމެ ހިތްދަތި ދަނޑިވަޅެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ބޭއްވި ފުރަތަމަ ގައުމީ ބޮޑީބޯޑިން މުބާރާތް ކަމަށްވާ ބަނޑުފިލާ ޗެލެންޖުގެ ދެވަނަ ކިރިކާ ހޯދާފައިވާއިރު، އޭނާއަށް އެއްވަނަ ނުލިބުނީ ރާއްޖޭގެ އުފެދުނު އެންމެ މޮޅު ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) އާ ވާދަކޮށް އެއް ޕޮއިންޓްގެ ތަފާތަކުންން ބަލިވުމުންނެވެ.

ކިރިކާ ބުނީ އެއީ ހަނދާނުން ނުފިލާނެ މުބާރާތެއް ކަމަށާއި، އެ މުބާރާތުން ދެވަނަ ލިބުން އެއީ މިހާތަނަށް ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ. އަދި ބުނީ ކެރިއަރުގެ މިހާ ހިސާބަށް އާދެވުނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު ކަމަށާއި، އެގޮތުން އަލީ ޖާވިދު (ޖާއްޓެ) އާއި ނަޝްވާން (ދޫނި) ގެ އެހީތެރިކަން ފާހަގަކުރާ ކަމަށް އޭނާ ބުންޏެވެ.

ގައުމީ ފުރަތަމަ ބޮޑީބޯޑިންގ ޓީމުގައި ހިމެނުނުކަން އެނގުމުން އެކަމާ ވަރަށް އުފާވިކަން ފާހަގަކުރަމުން ކިރިކާ ބުނީ އެއީ ބަޔާންކުރަން ދަތި ވަގުތެއް ކަމަށެވެ. އަދި ގައުމީ ޓީމާއެކު ކާމިޔާބު ހޯދަން ބޭނުންވާ ކަމަށާއި، އެގޮތުން ބައިނަލްއަގުވާމީ މުބާރާތަކުން މެޑެއްޔެއް ހޯދައިގެން، ގައުމު ފަޚުރުވެރި ކޮށްދޭން ބޭނުންވާ ކަމަށް ކިރިކާ ބުންޏެވެ. އަދި ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާނަމަ، ޓާގެޓް ކުރާނީ ރަން ނުވަތަ ރިހި މެޑެއްޔަކަށް ކަމަށްވެސް އޭނާ ބުންޏެވެ.

ކިރިކާ އިތުރަށް ބުނީ ގަމުގެ ޒުވާނުންގެ ތެރެއިން ގިނަ ޒުވާނުންނަކީ ރާޅާ އަޅަން ލޯބިކުރާ ބައެއް ކަމަށާއި، ވަސީލަތްތައް ނުލިބުމަކީ އެ ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އެކަމަކު މިހާރު މާލެއިން ބޭނުންކޮށްފައި ހުންނަ ބުގީބޯޑް ފޮނުވައިގެން އެ ޒުވާނުންނަށް ރާޅާ އަޅަން ދަސްކޮށްދެމުން އަންނަ ކަމަށްވެސް ބުންޏެވެ.

ޒުވާން ބޮޑީބޯޑަރު ކިރިކާއަށް މި ފުރުސަތުގައި "ރާއްޖެ.އެމްވީ" އިން އިތުރު ކާމިޔާބީއަށް އެދެމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
93%
0%
0%
0%
7%
ކޮމެންޓް