ކ. މާލެ
|
4 ސެޕްޓެންބަރ 2020 | ހުކުރު 13:01
ތަރުކާރީ އާއި މޭވާ ވިއްކުމުގެ މަސައްކަތްކުރާ ވިޔަފާރިއެއް
ތަރުކާރީ އާއި މޭވާ ވިއްކުމުގެ މަސައްކަތްކުރާ ވިޔަފާރިއެއް
ރާއްޖެ އެމްވީ
ތަރުކާރީއާއި މޭވާ ވިއްކުމުގެ ވިޔަފާރި
ތަރުކާރީއާއި މޭވާ ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު އާންމުކޮށްފި
 
މި ވިޔަފާރިތައް ރަޖިސްޓްރީ ކުރާއިރު، މިނިސްޓްރީގެ ގަވައިދުގައި އާންމުކޮށްފައިވާ ޝަރުތުތައް ފުރިހަމަވާން ޖެހޭ
 
މި ތަންތަނުގެ ސާފުތާހިރު ކަމާއި ވިއްކާތަކެތީގެ ރައްކާތެރިކަން މިނިސްޓްރީ އިން ކަށަވަރުކުރަން ބޭނުންވޭ
 
ގަވައިދު އެކުލަވާލާފައި ވަނީ ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރިކުރާ ތަންތަން މޮނިޓަރ ކޮށް ރެގިއުލޭޓް ކުރުމަށް

ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު އިކޮނޮމިކް މިނިސްޓްރީ އިން އާންމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީޒް، މަރިޔަމް ވިސާމް ވަނީ އެ މިނިސްޓްރީ އިން މިފަދަ ގަވައިދެއް އެކުލަވާލައި އާންމު ކޮށްފައި ވަނީ މުދާ ވިއްކާ ފިހާރަ، ބޭކަރީ، ކެންޓީނު، ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް، ކެފެޓީރިއާ ފަދަ ތަންތަން ފިޔަވައި، ހަމައެކަނި ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރިކުރާ ތަންތަން މޮނިޓަރ ކޮށް ރެގިއުލޭޓް ކުރުމަށް މިނިސްޓްރީ އިން ބޭނުންވާތީ ކަމަށް ވިދާޅުވެފައެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މި ތަންތަނުގެ ސާފުތާހިރު ކަމާއި ވިއްކާތަކެތީގެ ރައްކާތެރިކަން ވެސް މިނިސްޓްރީ އިން ކަށަވަރުކުރަން ބޭނުންވާ ކަމަށް ވިސާމް ވަނީ ފާހަގަކުރައްވާފައެވެ. އަދި މިފަދަ ވިޔަފާރިތައް ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީގެ ގަވައިދުން ލާޒިމް ކުރާއިރު، މި ވިޔަފާރިތައް ރަޖިސްޓްރީ ކުރާއިރު، މިނިސްޓްރީގެ ގަވައިދުގައި އާންމުކޮށްފައިވާ ޝަރުތުތައް ފުރިހަމަވާން ޖެހޭނެ ކަމަށްވެސް ވިސާމް ވިދާޅުވިއެވެ.

ވިސާމް ވަނީ ގޭގައި ތިބެގެން އާމްދަނީ ހޯދަން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމަކާއިނުލާ އެމަސައްކަތް ކުރުމުގެ ފުރުސަތުވެސް ރާއްޖޭގައި އެބައޮތް ކަމަށާއި ވިޔަފާރި އުސޫލުން ވަކި ތަނެއްގައި، މުވައްޒަފުން ލައިގެން، ވަކި ނަމެއްގެ ދަށުގައި ވިޔަފާރި ހިންގަން ބޭނުންވާ ފަރާތްތަކަށް ހުއްދަ ހޯދަންޖެހޭ ފަރާތްތަކުން ހުއްދަ ހޯދުމަށް ފަހު އެވިޔަފާރި ކުރިއަށް ގެންދިއުމުގެ ފުރުސަތުވެސް ރާއްޖޭގައި އެބައޮތް ކަމަށް ފާހާގަކުރައްވާފައެވެ.

އިކޮނޮމިކް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ގަވާއިދުގައިވާ ގޮތުން، މި ގަވާއިދަށް ޢަމަލުކުރަން ޖެހޭނީ، މުދާ ވިއްކާ ފިހާރަ، ބޭކަރީ، ކެންޓީނު، ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް، ކެފެޓީރިއާ ފަދަ ތަންތަން ފިޔަވައި، ތަރުކާރީއާއި މޭވާ ހިމެނޭ ގޮތަށް ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހިންގާ ފަރާތްތަކުންނެވެ.

އެގޮތުން، ތަނެއްގައި ޤާއިމުވެގެން، ތަރުކާރީ ނުވަތަ މޭވާ އާންމުންނަށް ވިއްކާ ފަރާތްތަކާއި، ތަނެއްގައި ޤާއިމު ނުވެ، އެހެންނަމަވެސް ތަރުކާރީއެއް ނުވަތަ މޭވާއެއް އާންމުންނަށް ވިއްކާ ފަރާތްތަކާއި، އެއްވެސް ބާވަތެއްގެ ތަރުކާރީއެއް ނުވަތަ މޭވާއެއް ހިމެނޭ ގޮތަށް އެކި ބާވަތްތަކުގެ މުދާ ވިއްކާ ފަރާތްތަކާއި، އިލެކްޓްރޯނިކް ޒަރީޢާއިން އާންމުންނަށް ތަރުކާރީ ނުވަތަ މޭވާ ވިއްކާ ފަރާތްތަކުގެ އިތުރުން، އެއް ފަރާތަށް ވުރެ ގިނަ ފަރާތުން، ވަގުތީގޮތުން ނުވަތަ ދާއިމީ ގޮތަކަށް ވަކި ތަނެއްގައި ތިބެގެން ތަރުކާރީ ނުވަތަ މޭވާ ވިއްކާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކަށް ވިޔަފާރި ކުރާ ތަނެއްގެ ގޮތުގައި، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއް ނުވަތަ ޕާރޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ފަހު، މިނިސްޓްރީގެ ގަވައިދުގައިވާ ގޮތަށް ތަރުކާރީ އާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރަން ޖެހެއެވެ.

މިވިޔަފާރިތައް އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސްޕޯޓަލްމެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތްތައް ކްލެސިފައި ކުރެވޭނީ ރީޓެއިލް ފިހާރަ، ހޯލްސޭލް ފިހާރަ، ހޯލްސޭލާއި ރީޓެއިލް ފިހާރަ، ފްރެޝް މާރުކޭޓު ނުވަތަ އޮންލައިން ޝޮޕެއްގެ ގޮތުގައި ކަަމަށް މިނިސްޓްރީ އިން ފާހަގަކުރެއެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ވަނި މިގަވައިދުގެޒެޓުގައި އާންމުކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް