ކ. މާލެ
|
1 ސެޕްޓެންބަރ 2020 | އަންގާރަ 01:43
އެސްބީއައި ފްލޯއެއްގައި ރޯވި އަލިފާނުގައި އެ ތަނުގެ ސިސްޓަމްތަކެއް އަނދާފައި
އެސްބީއައި ފްލޯއެއްގައި ރޯވި އަލިފާނުގައި އެ ތަނުގެ ސިސްޓަމްތަކެއް އަނދާފައި
ރާއްޖެއެމްވީ
ކެފޭ ޓިއޮލޮގެ އަލިފާނުގެ ހާދިސާ
ލިބުނު ގެއްލުން ބޮޑު، މަސައްކަތް ކުރަނީ މަހެއްގެ ތެރޭގައި ހުޅުވޭތޯ: އެސްބީއައި
 
އެންމެ ފުރަތަމަ އަލިފާން ހިފީ ކެފޭ ޓިއޮލޯގައި
 
ކަސްޓަމަރުންނަށް ހިދުމަތްތައް މެދުކެނޑުމެއްނެތި ލިބޭނެ
 
މުވައްޒަފުންގެ ހިތްވަރު ގަދަ ކަމަށް ޝުކުރު އަދާކުރެއްވި

ހުކުރު ދުވަހުގެރޭ، ބޮޑުތަކުރުފާނު މަގުގައި ހުންނަ ކެފޭ ޓިއޮލޯގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވިގެން އުޅެނިކޮށް ގަދަ ގެ މުހައްމަދުފުޅު ބިލްޑިންގެ ދިހަވަނަ ފަންގިފިލާގައި ހުންނަ ޕެންޓް ހައުސް އަށް ފެތުރިގަތީ ކުޑަވަގުތު ކޮޅެއްގެ ތެރޭގައެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ ފަސް ފަންގިފިލާގައި އެ އިމާރާތުގައި ހުރެއެވެ. އެއީ ގްރައުންޑް ފްލޯއާއި، ދެވަނަ ފްލޯ، ތިން ވަނަ ފްލޯ، ހަތަރު ވަނަ ފްލޯގެ އިތުރުން އަށް ވަނަ ފްލޯއެވެ. 1970 ގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި ބޭންކުގެ ހިދުމަތް ދެމުން އަންނަ އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ އެސްބީއައިގެ، ރާއްޖެ ބްރާންޗުގެ ސީއީއޯ ބަރަތް މިޝްރާ ރާއްޖެއެމްވީ އަށް ވިދާޅުވީ، ޕެންޓް ހައުސް ގައި ރޯވި އަލިފާނުގެ އަސަރު އެސްބީއައިގެ ފްލޯތަކަށް ކޮށްފާނެ ކަމަށް އެއްވެސް އިރަކު ހީވެސް ނުކުރާ ކަމަށެވެ. މިޝްރާ ސިފަ ކުރެއްވި ގޮތުގައި ޖެހިގެން އައި ދުވަހު ފެނުނު މަންޒަރު މުޅިން ވެސް ތަފާތެވެ.

އެސްބީއައި ހުންނަ އިމާރަތުގެ އެންމެ މަތީގައި ހުންނަ ޕެންޓްހައުސް ގައި ރޯވި އަލިފާން ނިންވާލަން ފަޔަރމަނުން ހަރަކާތްތެރިވަނީ

ހީނުކުރަން އެހާ ބޮޑު ގެއްލުމެއް ވާނެ ކަމަށް

އެސްބީއައިގެ ސީއީއޯ ވިދާޅުވީ، ޖެހިގެން އައި ހޮނިހިރު ދުވަހު އަލިފާނުގެ އަސަރު ކުރިވަރު ބަލަން ދިޔައިރު ފެނުނީ މުޅިން ތަފާތު މަންޒަރެއް ކަމަށެވެ. އޭޓިއެމް އާއި ކޭޝް ޑިޕާޓްމެންޓު ހުންނަ އެންމެ ތިރީ ފަންގިފިލާއަށް އަލިފާނުގެ އަސަރެއް ކޮށްފައެއް ނުވެއެވެ. އެކަމަކު އެ ފަންގިފިލާގައި ވަނީ ވަރަށް ބޮޑަށް ފެން ވަދެފައެވެ. މިޝްރާ ވިދާޅުވި ގޮތުގައި އެންމެ ބޮޑަށް އަސަރު ކުރި އެއް ފަންގިފިލާއަކީ ތިން ވަނަ ފަންގިފިލާގައެވެ. އެ ފަންގިފިލާގައި ހުރި 80 ޕަސެންޓް ސާމާނު ވަނީ އަނދާފައެވެ.

ހުރިހާ ފަރްނީޗަރުތަކާއި، ޑެސްކު އަދި ގޮނޑިތައް ހުރީ ވަރަށް ބޮޑަށް އަނދާފައި.
ބަރަތް މިޝްރާ - އެސްބީއައިގެ ސީއީއޯ
ތިން ވަނަ ފަންގިފިލާ ހުރި ސާމާނުތައް އަނދާފައި

ހަތަރުވަނަ ފްލޯގައި 25-30 އިންސައްތަ ގެއްލުމެއްވެފައިވާއިރު، މިޝްރާ ހުންނަވާ ކެބިންގެ ވެސް ސިސްޓަމްތަކުގައި ވެސް އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް ހުރީ ގެއްލުން ލިބިފައެވެ.

އެސްބީއައިގެ ހުޅުމާލެ ބްރާންޗުގައި މުވައްޒަފުންތަކެއް މަސައްކަތުގައި

އަލުން ހިދުމަތް ފެށުނީ މުވައްޒަފުންގެ ބުރަ މަސައްކަތުން

މިޝްރާ ވިދާޅުވި ގޮތުގައި އެ ބޭންކް އަކީ ދިވެހިންގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބިދޭސީންތަކެއް ހިދުމަތް ހޯދަމުންދާ ބޭންކަކަށްވާތީވެ މަސައްކަތް ފަށައިގަތީ މެއިން ހެޑް އޮފީހުން ފޯރުކޮށްދެމުން އައި ހިދުމަތްތައް ހުޅުމާލެ ބްރާންޗްގައި އަލުން ފެށުމުގެ މަސައްކަތެވެ.

އެކަމަކު އެއީ އުނދަގޫ އަދި ކަންބޮޑުވުންތަކެއް ހުރި ކަމަށްވާތީވެ މުވައްޒަފުންގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު ހިދުމަތް ދެވޭތޯ މަސައްކަތް ފެށި ކަމަށެވެ. ބައެއް ސިސްޓަމްތަކުގައި އަލިފާން ރޯވިކަމުގައިވިޔަސް މާމިގިލި އަދި އައްޑޫ އަށް ފޮނުވަން ބަހައްޓާފައި ހުރި ސިސްޓަމްތަކެއް ހުއްޓެވެ. އެހިސާބުން އެކަން ފަށާއި އިންޑިއާގެ ވޮޑާ ފޯނާއި ދިރާގު އަދި އުރީދޫގެ އެހީއާއެކު ހުޅުމާލެ ބްރާންޗަށް ބޭނުންވާ ކަނެކްޝަން ގާއިމް ކުރިއެވެ. އަދި ހުޅުމާލޭ ބްރާންޗުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޭނުންވާ ބައެއް ފަރުނީޗަރުތައް ގަތެވެ. މިޝްރާ ވިދާޅުވީ، އާދިއްތަ ދުވަހު ހިދުމަތް ދެވުނީ ރޭގަނޑު ދަންވަރު ހޭލާ ތިބިގެން މުވައްޒަފުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.

އެންމެ ފަހު މުވައްޒަފު ގެޔަށް ދިޔައީ 3:30 ހާއިރުވަން ދެން މަސައްކަތް ކޮށްފައި
ބަރަތް މިޝްރާ - އެސްބީއައިގެ ސީއީއޯ
މިޝްރާ، ރާއްޖެ.އެމްވީ އަށް އިންޓަވިއު ދެއްވަނީ

މަސައްކަތް ކުރަނީ މަހެއްގެ ތެރޭގައި މާލެ ބްރާންޗް ހުޅުވޭތޯ، ލިބުނު ގެއްލުން އަދި ނޭނގެ

މި ހާދިސާއާ ގުޅިގެން ކިހާވަރެއްގެ ގެއްލުމެއް ލިބުނުތޯ ސުވާލުކުރުމުން މިޝްރާ ވިދާޅުވީ، ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަމެއް އަދި ސީދާ ބުނަން ދަތި ކަމަށެވެ. އެކަމަކު ލިބިފައިވާ ގެއްލުންތައް ދިރާސާކޮށް އިތުރަށް ކުރަން ޖެހޭ މަރާމާތުތައް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މިޝްރާ ވިދާޅުވީ، އެންމެ އަވަހަށް ވެސް މަހެއްގެ ތެރޭގައި މާލެ ބްރާންޗްގައި އަލުން ހިދުމަތް ފެށޭތޯ ރެއާއި ދުވާލު މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަލިފާން ރޯވި ހިސާބުން ފެށިގެން ސަރުކާރުގެ އެކި އިދާރާތަކުން ލިބުނު އެއްބާރުލުމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
100%
ކޮމެންޓް