ކ. މާލެ
|
15 އޭޕްރިލް 2017 | ހޮނިހިރު 20:42
އެސްއޯ ފުލުހުންތަކެއް މުޒާހަރާއެއް ހުއްޓުވުމަށް މަގުމަތީގައި ހަރަކާތްތެރިވަނީ
އެސްއޯ ފުލުހުންތަކެއް މުޒާހަރާއެއް ހުއްޓުވުމަށް މަގުމަތީގައި ހަރަކާތްތެރިވަނީ
މުހައްމަދު ޝަރުހާން
ފުލުހުންގެ އިދާރާ ސިޔާސީވުން
ރިލްވާނެއް ނުހޯދުނު، އަފްރާޝީމްގެ ހުރިހާ ގާތިލުންވެސް އަތެއް ނުލެވުނު!
 
ފުލުހުންގެ މުއައްސަސާ ވަނީ ވަރަށް ބޮޑަށް ސިޔާސީވެފައި
 
އަފްރާޝީމާއި، ރިލްވާންގެ މައްސަލައެއް ތަހުޤީޤްކުރާ މަންޒަރެއް ނުފެނޭ
 
ރައުދާގެ މައްސަލަ ފުލުހުން ތަހުޤީޤްކޮށް ނިންމާފައިވަނީ ވަރަށްވެސް ފުރިހަމައަށް

ބަންގްލަދޭޝްގެ ކޮލެޖެއްގައި ކިޔަވަމުން ދިޔަ، ދިވެހި ދަރިވަރެއްކަމަށްވާ، ރައުދާ އާތިފްގެ މަރާއެކު އުފެދުނު ސުވާލުތަކަށް ޖަވާބެއް ހޯދުމަށް ދިވެހި ފުލުހުންގެ ޓީމެއް، ބަންގްލަދޭޝްއަށް ގޮސް މަރު ތަހުޤީޤްކުރުމުގެ މަސައްކަތް ފެށި އެވެ.

 

ފުލުހުންގެ ހަރަކާތްތައް ވަރަށްވެސް އަވަސްއެވެ. ތަހުޤީޤް ޓީމް ބަންގްލަދޭޝްއަށް ގޮސް މައްސަލައިގައި ހިމެނޭ އެންމެނާއި ސުވާލުކޮށްފި އެވެ. ލިބިފައިވާ ހެކިތައް ދިރާސާކޮށް ނިންމައިފި އެވެ. ފޯނުގެ ލޮކް ކޯޑް ހޯދައި، އެކަމުގެ އަޑިއަށް ފީނައިފި އެވެ. އަދި އެވަރުން ނިންމާލީކީ ނޫނެވެ.

 

ލިބުނު މައުލޫމާތުތައް އޭގެ އެންމެ ތަފްސީލާއެކު މީޑިއާއަށް ތިލަކޮށްލައިފި އެވެ. ކަންވީ ގޮތާއި، ރައުދާގެ އެކުވެރިންނާއި ދެކެވުނު މައުލޫމާތުތަކާއި، ދެންވެސް ހުރި އެއްޗެއް ހާމަކޮށްފި އެވެ. އޭގެއިތުރުން ރައުދާގެ އާއިލާއަށް ނޭނގޭ މައުލޫމާތުވެސް ތިލަކޮށް ނިންމާލައިފި އެވެ. ހާމަކުރި މައުލޫމާތުގެ ތަފްސީލްކަމުން ސުވާލެއް ކުރާނެ ފުރުސަތެއްވެސް ނުލިބުނު އެވެ.

 

ދިވެހި ފުލުހުންގެ ހަރަކާތްތަކާއި، މައްސަލާގެ ފުނަށް ދަތުރުކުރުމަށް ހޭދަވި ކުރު މުއްދަތާއި، ހާމަކުރި މައުލޫމާތުގެ ތަފްސީލްކަމާއެކު، ދިވެހިން ފުލުހުންގެ ޤާބިލްކަން ވަނީ ވަރަށްވެސް ރަނގަޅަށް ހާމަވެގެންގޮސްފަ އެވެ. ބަންގަލަދޭޝްގެ ފުލުހުންނަށް އެތައް ދުވަހެއްގެ މަސައްކަތުންވެސް އެއް ނުކުރެވުނު މައުލޫމާތުތަކެއް ވަނީ ފެންމަތިކޮށްލާފަ އެވެ. ސަރަހައްދީ ފެންވަރުގައިވެސް ދިވެހި ފުލުހުންނަކީ ކިހާ ޤާބިލް ބައެއްކަން އެ މައްސަލައިގެ ތަހުޤީޤުން ވަނީ ހާމަކޮށްދީފަ އެވެ.

ި

 

މައްސަލައިގެ ތަހުޤީޤުން ފުލުހުންގެ މުއައްސަސާގެ ޤާބިލްކަން ހާމަކޮށްދިންގޮތަށް، ހަމައެހާ ސާފުކޮށް އެހެންކަމެއްވެސް ވަނީ ހާމަވެގެންގޮސްފަ އެވެ. އެއީ ފުލުހުންގެ މުއައްސަސާގައި ސިޔާސީ ނުފޫޒާއި ތަފާތުކުރުން ގެންގުޅޭ މިންވަރު އެވެ. ބޭނުން މައްސަލައެއް ތަހުޤީޤްކޮށްފައި، އެހެން މައްސަލަތައް ތަހުޤީޤްނުކޮށް، ނުވަތަ ތަހުޤީޤްކޮށް ކަންކަން ސިއްރުކުރާކަމެވެ. މިއީ ފަހަރުގައި އައު ވާހަކައަކަށްވެސް ނުވެދާނެ އެވެ. ނަމަވެސް ފުލުހުންގެ ތެރޭގައި ސިޔާސީ ނުފޫޒާއި، ވަކި މަޤްސަދެއް ހާސިލްކުރުމަށް މަސައްކަތް ނުކުރާކަމަށް ބުނެ ފުލުހުންނާއި، ސަރުކާރުން ދައްކާ ވާހަކައަކީ ދޮގު ވާހަކަތަކެއްކަން އެ މުއައްސަސާއިން މިއަދު އެ ވަނީ ސާބިތުކޮށްދީފަ އެވެ.

 

އެހެނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މަރުހޫމް އަފްރާޝީމް އަލީގެ ހަޤީޤީ ގާތިލުންނަކީ ކޮބައިކަން ހޯދުމަށް ފުލުހުން ތަހުޤީޤްކުރަމުންގެންދާތާ 5 އަހަރަށްވުރެ ގިނަ ދުވަސްވެގެންދަނީ އެވެ. އެއީ ސިޔާސީ ބަޔަކު ރާވައިގެން ކުރިކަމެއް ކަމަށާއި، އެކަމަށް އެތައް މިލިއަނުން ފައިސާއެއް ހަރަދުކުރިކަމަށް ފުލުހުން ހާމަކޮށްފައިވާއިރު، އަދިވެސް އެއީ ކޮންބައެއް ކަމާއި، މައްސަލައިގެ ތަފްސީލެއް ފުލުހުންނަށް ހާމަކުރެވިފައެއް ނުވެއެވެ. ހަމައެކަނި އެންމެ މީހެއްގެ ފަހަތުންގޮސް، ދެން ހުރި މައުލޫމާތުތައް ފުލުހުން އޮތީ ސިއްރުކޮށްފަ އެވެ.

 

 

 

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލެވުނުތާ އެތައް އަހަރެއްވީއިރުވެސް، ރިލްވާނަށްވީގޮތެއް ބުނެދިނުމަށް ފުލުހުންގެ އިދާރާވަނީ ނުކުޅެދިފަ އެވެ. އަމިއްލަ ޖަމިއްޔާއަކުން ރިލްވާން ގެއްލުނުތާ  ހަފްތާއެއްގެ ތެރޭގައި ތައްޔާރުކޮށް އާންމުކުރި ތަހުޤީޤް ރިޕޯޓްގައިވާ މައުލޫމާތުތައް ފުލުހުންނަށް ހާމަކުރެވުނީ އޭގެ ދެ އަހަރު ދުވަސް ފަހުންނެވެ. އޭގެފަހުން ފުލުހުންގެ ފަރާތުން އެ މައްސަލާގައިވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރާ މަންޒަރެއް ފެނިގެންގޮސްފައެވެ.

 

ރިލްވާން ގެއްލުނުތާ ހަފްތާއެއްގެ ތެރޭގައި ރިލްވާންގެ ފޯނު ހޯދޭނެގޮތާއި، ފޯނު މެދުވެރިކޮށް ރިލްވާން ދަތުރުކުރި މަގު ހޯދިދާނެކަމުގެ މައުލޫމާތާއެކު އާންމުކުރި ތަހުޤީޤީ ރިޕޯޓާއެކުގައިވެސް އެކަމުގައި ފުލުހުން އެކަށީގެންވާ މަސައްކަތަކެއް ކުރި މަންޒަރެއް ނުފެނު އެވެ. އެ މައްސަލާގައިވެސް މިހާތަނަށް ފުލުހުން އަމަލުކުރިގޮތަށް ބަލާއިރު، ކޮންމެ ފަރާތަކަށް ސިޔާސީ މަންފާތަކެއް ހޯދައިދިނުމަށް ކަމެއް ސިއްރުކުރަނީކަމަށް ގަބޫލުކުރުމުގެ ފުރުސަތު ބޮޑެވެ.

 

އެހެން ނޫންކަމުގައިވާނަމަ ރައުދާގެ މަރުގެ މައްސަލާގައި އަމަލުކުރިގޮތަށް، ރިލްވާންވެސްވީ ތަނެއް ހޯދައިދޭންވީ ނޫން ހެއްޔެވެ. އާންމު ރައްޔިތުންގެ ސުވާލަށް ޖަވާބެއް ހޯދައިދޭންވީ ނޫން ހެއްޔެވެ. ޑރ. އަފްރާޝީމް ރަހުމު ކުޑަ ގޮތަކަށް މަރާލުމުގެ އަޑީގައި ތިބީ ކޮންމެ ބައެއްކަން ހާމަކުރަންވީ ނޫން ހެއްޔެވެ. ރަހުމުކުޑަގޮތެއްގައި ޑރ. އަފްރާޝީމް އަލީ މަރާލުމަށް ފަނޑުކުރި ސިޔާސީ މީހުންނަކީ ކޮބައިކަން ހާމަކޮށް، އެ ގާތިލުންނަށް ހައްޤު އަދަބުދޭންވީ ނޫން ހެއްޔެވެ. ފުލުހުން އެކަން ނުކުރަނީ ކީއްވެ ހެއްޔެވެ. ފުލުހުންގެ ވެރިން ބިރުގަންނަނީ ކާކުދެކެ ހެއްޔެވެ.

 

 

ފުލުހުންގެ އިސްވެރިން އެ މަސައްކަތްކުރަނީ ކޮން ސިޔާސީ ބޭފުޅެއްގެ ފަސްބައިސާފުކޮށްދޭން ހެއްޔެވެ. މިއީ އާންމު ރައްޔިތުން މިއަދު އުފައްދާ ސުވާލުތަކެވެ. އާންމު ރައްޔިތުން ޖަވާބު ބޭނުންވެފައިތިބި ސުވާލުތަކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް