ކ. މާލެ
|
29 އޯގަސްޓް 2020 | ހޮނިހިރު 22:05
އަލިފާނުގެ ހާދިސާ ހިނގި، ސްޓޭޓް ބޭންކް އޮފް އިންޑިއާ ސަރަހައްދު
އަލިފާނުގެ ހާދިސާ ހިނގި، ސްޓޭޓް ބޭންކް އޮފް އިންޑިއާ ސަރަހައްދު
ރާއްޖެ އެމްވީ ރޭޑިއޯ މިރާޔާ
ަމަގޭ ރިޕޯޓް
އެސްބީއައި: ތަރައްޤީގައި ރާއްޖެއަށް މުހިންމު ބައިވެރިއެއް!
 
ކޮވިޑް އާ ގުޅިގެން 250 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ހަމަޖެހިފައިވަނީ އެސްބިއައި މެދުވެރިކޮށް
 
އިންޑިއާއަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ރާއްޖެއަށް ލުއިވާނެ ހުރިހާ އެހީތަކެއް ފޯރުކޮށްދޭ ޤައުމެއް
 
ރާއްޖޭގެ އިޤްތިސާދުގައި އެސްބީއައި އިތުބާރުކުރާ ވިޔަފާރިތައް ގިނަ

ހުކުރު ދުވަހުގެރޭ ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ތަންތަނުގެ ތެރޭގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ހިމެނެ އެވެ. ފެބުރުއަރީ 1976 ގައި މާލޭގައި ހިދުމަތްދޭން ފެށި މިބޭންކަކީ، ރާއްޖޭގެ އިޤްތިސާދުގެ މުހިންމު ބައިވެރިއެކެވެ. ތަރައްޤީގައި ރާއްޖެ ކުރި ދަތުރުގެެ ކޮންމެ ހަރުފަތެއްގައިވެސް އެ ބޭންކުގެ ދައުރު ހިމެނެ އެވެ. މިއަދުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިވެރިންގެ އެންމެ އިތުބާރު ލިބިފައިވާ އެއް ބޭންކަކީ އެސްބީއައި އެވެ.

އޭގެއިތުރުން މާލީ ކަންކަމުގައިވެސް އެސްބީއައިގެ އެހީތެރިކަން ބޮޑު އެވެ. އަލިފާނުގެެ ހާދިސާގައި އެސްބީއައިގެ އޮޕަރޭޝަންތަކަށް ބޮޑެތި ބުރޫތަކެއް އަރާފައިވާއިރު، އިންޑިއާ ސަރުކާރުން ބަޖެޓް ސަޕޯޓްގެ ގޮތުގައި ދިނުމަށް ނިންމާފައިވާ 250 މިލިއަން ޑޮލަރުގެ ލޯނު ދިނުމަށް ހަމަޖެހިފައިވަނީވެސް އެސްބީއައި މެދުވެރިކޮށެވެ. މިކަން އިއުލާންކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ އެސް ޖައިޝަންކަރާއެކު ބޭއްވި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް ކޯލްގައެވެ.

މިއީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދުވާ ގާތް ގުޅުމުގެ ތެރެއިން އެ ޤައުމުން ދިނުމަށް ނިންމާފައިވާ ކުޑަ އިންޓްރެސްޓުގެ ލޯނެކެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވިއްކި ޓްރެޝަރީ ބޮންޑުތަކާއި ހާއްސަ ބައި ނުބައްދަލު އެހީ އެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވިއްކި ބައެއް ޓްރެޝަރީ ބޮންޑްތަކަށް ބަލާއިރު، އެވްރެޖްކޮށް ޓްރެޝަރީ ބޮންޑް ވިއްކާފައިވަނީ ކޮންމެ އަހަރަކަށް 7 އިންސަތައިގެ ކޫޕަން (އިންޓްރެސްޓް) ރޭޓަކާއެކު އެވެ. އެގޮތުން ޓްރެޝަރީ ބޮންޑްތައް އަންނަ 2022، އަދި 2023 އަށް ދައްކައި ނިންމަންޖެހޭއިރު، އެ ސަރުކާރުން ޓްރެޝަރީ ބޮންޑުގެ ގޮތުގައި ސިންގަޕޯރ އެކްސްޗޭންޖް ލިމިޓެޑަށް 200 މިލިއަން ޑޮލަރު ޖޫނު 2017 ގައި ވިއްކާފައިވެއެވެ. ހަމަ އެ އަހަރު ޑިސެމްބަރު މަހުގައި ސިންގަޕޯރ އެކްސްޗޭންޖް ލިމިޓެޑަށް 50 މިލިއަން ޑޮލަރުގެ ބޮންޑް ވިއްކާފައިވެއެވެ. އޭގެއިތުރުން 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އަބޫދާބީ ސެކިއުރިޓީސް އެކްސްޗޭންޖަށް 100 މިލިއަން ޑޮލަރުގެ ބޮންޑް ވިއްކާފައިވެއެވެ. މި ބޮންޑުތައް ވިއްކާފައިވަނީ ރާއްޖޭގެ އިޤްތިސާދު ރަނގަޅު ދުވަސް ވަރެއްގަ އެވެ. ނަމަވެސް ކޮންމެ ބޮންޑެއްވެސް ވިއްކާފައިވަނީ ކޮންމެ އަހަރަކަށް ބޮޑު ކޫޕަން ރޭޓެއްގަ އެވެ. ރައްޔިތުންގެ ހަޒާނާއިން ބޮޑު އަދަދެއްގެ ފައިސާ ދައްކަންޖެހޭގޮތަށެވެ.

މިހާރުގެ މިހާލަތަކީ ދުނިޔޭގެ ހުރިހާ ގައުމެއްވެސް މާލީ ބޮޑު އަނދަވަޅެއްގައިވާ ހާލަތަކަށްވާއިރު، އެއްވެސް ޤައުމެއް އޮތީ އަނެއް ޤައުމަށް އެހީތެރިވެވޭ ހާލަތެއްގައެއް ނޫނެވެ. ނަމަވެސް އަވައްޓެރިޔާ ހާލުގައި ޖެހިގެން ގޮވާލުމުން އެކަމަށް ނޫނެކޭ ނުބުނެ، އިންޑިއާއިން އެ ވަނީ 250 މިލިއަން ޑޮލަރުގެ ލޯނު ރާއްޖެއަށް ދިނުމަށް ނިންމާފަ އެވެ. އޭގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ އަވަށްޓެރިޔާ ދަރަނިވެރިކުރުމަށް ވިސްނުމުގެ ބަދަލުގައި، އަވަށްޓެރިޔާ އެންމެ ލުއިވާނެ ގޮތަށް އެ ލޯނުވެސް ދިނުމަށް އިންޑިއާއިން ނިންމިކަމެވެ. ރާއްޖެ.އެމްވީއަށް އިތުބާރު ހުރި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި މީގެ އިންޓްރެސްޓް ރޭޓަކީ، ޔާމީންގެ ސަރުކާރުން ވިއްކި ޓްރެޝަރީ ބޮންޑްގެ އިންޓްރެސްޓް ރޭޓްތަކަށްވުރެ ދެބައިކުޅަ އެއްބައި ކުޑަ އަދަދެކެވެ.

ދެން އޮތީ މި އެހީ އާއި އެސްބީއައި ގުޅޭ ހިސާބެވެ. އިންޑިއާ ސަރުކާރުން، އެސްބީއައި އަށް ގެރެންޓީ ދީގެން މި އެހީ ރާއްޖެއަށް ފޯރުކޮށްދިނުމަށް ނިންމާފައިވަނީ މާލޭގައި ހުންނަ އެސްބީއައި މެދުވެރިކޮށެވެ. މާލޭގައި ހުންނަ އެސްބީއައި އަކީ އެމްއެމްއޭގެ ޤާނޫނުގެ ދަށުން ހިންގާ ދިވެހި ބޭންކެކެވެ. އެހެންކަމުން މި 250 މިލިއަން ޑޮލަރުގެ ލޯނު ގުނާނީ އެތެރޭގެ ދަރަންޏެއްގެ ގޮތުގައެވެ. ބޭރުގެ ދަރަންޏެއްގެ ގޮތުގައި މި އެހީ ހިމެނިގެނެއް ނުދާނެ އެވެ. ބޭރުގެ ދަރަންޏެއްގެ ގޮތުގައި ނުހިމެނުމުން އެކަމުގެ ފައިދާވެސް އޮތީ ހަަމަ ދިވެހި ރައްޔިތުންނަށެވެ. އެހެނީ ބޭރުގެ ދަރަނި އިންތިހާއަށް ބޮޑުވެ، ދެއްކުމުގެ ޤާބިލްކަން އެ ޤައުމެއްގެ މާލީ ނިޒާމްގައި ނެތްކަމަށް ގަބޫލުކުރެވިއްޖެނަމަ މާލީ އިދަރާތަކުގެ އިތުބާރު ގެއްލިގެންދާނެ އެވެ. އެޔާއެކު މާލީ އިދަރާތަކުން އެހީ ހޯދުމަށް ވަރަށް ބޮޑު ގޮންޖެހުމަކަށްވާނެ އެވެ.

މި ކުޑަކުޑަ މިސާލުންވެސް އަވަށްޓެރި އިންޑިއާއިން ރާއްޖެއާއި މެދު ބަހައްޓާ ގާތްކަން ސާފުވެ އެވެ. ސުވާލަކީ އަވައްޓެރިޔާގެ އަތުން ކުޑަ އިންޓްރެސްޓެއްގައި ލޯނާއި، އެހީ ލިބެން އޮއްވައި ކުރީ ސަރުކާރުގެ ވެރިން ބޮޑު އިންޓްރެސްޓުގައި ލޯނު ނެގީ ކީއްވެތޯ އެވެ. އެކަމުގެ ފަހަތުގައިވަނީ އެ ފަރާތްތަކަށް ލިބޭ ނާޖާއިޒް މާލީ މަންފާއެއް ބާވައެވެ؟

އެސްބީއައި ފަދަ އިދާރާތައް މެދުވެރިކޮށް ދިވެހިންނަށް މިވީ ތަނަށް މުޅިންވެސް ލިބިފައިވަނީ ފައިދާއެވެ. ދިވެހިންގެ ތެރެއިން އެތަށް ބަޔަކަށް ވަޒީފާގެ ފުރުސަތުތަށް ލިބި، ދިވެހި އިޤްތިސާދުގައި ޒިންމާދާރު ބޭންކެއްގެ ދައުރު ވަނީ އިތުރުކޮށްދީފަ އެވެ. މި ހިނގަމުން އަންނަ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހި އެތަށް ވިޔަފާރިތަކަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން ރާއްޖޭގެ ވިޔަފާރިތަކުގެ ހަރަދު ހަމަޖެއްސުމަށް އެ ބޭންކުން 16.20 މިލިއަން ޑޮލަރު ހަމަޖެއްސި އެވެ. 200 ވިޔަފާރިއެއްގެ ލޯނު ފަސްކޮށްދިނެވެ. މި ހުރިހާ ކަމެއްގެ ފައިދާއެއްވެސް ލިބުނީ ހަމަ ދިވެހި ރައްޔިތުންނެވެ.

ކިތަންމެ ވަރަކަށް ކަމުގެ ހަޤީޤަތް އޮޅުވާލާ، ރައްޔިތުންގެ ތެރޭގައި ނަފްރަތާއި ރުޅިވެރިކަން އުފެއްދިނަމަވެސް މި ބުނެވުނު ހަޤީޤަތްތަކަކީ ބަދަލުވާނެ ކަންކަމެއް ނޫނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
67%
0%
0%
33%
0%
ކޮމެންޓް