ކ. މާލެ
|
25 އޯގަސްޓް 2020 | އަންގާރަ 18:30
ބްރޯޑްކޮމްގެ ބައެއް މެމްބަރުން
ބްރޯޑްކޮމްގެ ބައެއް މެމްބަރުން
ޓްވިޓަރ
ބްރޯޑްކޮމްގެ ނިންމުން
ބްރޯޑްކޮމްގައި މިހާރުވެސް އޮތީ "އަބުރުފުޅުގެ" ކޮންޓްރޯލް، ދިފާއުކުރައްވަނީ ބޭއިންސާފު!
 
ރައީސް ޔާމީންގެ އަބުރުފުޅައިގެން ހޭބޯނާރާ އުޅުއްވި ތިން މެމްބަރަކު މިހާރުވެސް ބްރޯޑްކޮމްގައި ތިއްބަވާ
 
ބްރޯޑްކޮމް އިން މީގެކުރިން ވަނީ ރާއްޖެޓީވީއާމެދު ހާއްސަ ބެލުމަކުން ބަލާ، ގާނޫނާ ހިލާފަށް ރާއްޖެޓީވީއާމެދު ފިޔަވަޅުތައް އަޅާފައި
 
ބްރޯޑްކޮމްއިން މިއަދު ވަނީ ރާއްޖެޓީވީ 2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން، ކުރިން އެކޮމިޝަނުން ނިންމި ނިންމުން ރަނގަޅު ކަމަށް ނިންމާފައި

މިދިވެހިރާއްޖެ މިފަހުން ދުވަހަކު ނުދެކޭފަދަ އަނިޔާވެރިކަމާއި، ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަކަން ގިނަ ދިވެހި ރައްޔިތުން ގަބޫލުކުރެ އެވެ. އޭގެ އެއް ހަގީގަތަކީ، އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި، ދައުލަތުގެ ހުރިހާ މުއައްސަސާއެއް މުށުތެރެއަށް ލައްވައިގެން، ދައުލަތުގެ ވަސީލަތްތަކާއި ފައިސާއާއި އާރާއިބާރު ބޭނުން ކުރައްވައިގެންވެސް، އިންތިހާބުގައި ބޮޑުތަނުން ބަލިވުމެވެ. ރައްޔިތުން ވޯޓުލާން ނިކުމެ ވެރިކަމުން ބޭރުކޮށްލީ މަގުމަތިންނެއް ނޫނެވެ. ރައްޔިތުންގެ ވޯޓުންނެވެ. މައިގަނޑު ސަބަބަކީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ އަނިޔާވެރިކަމާއި ވައްކަމާއި ފަސާދައިގެ އަމަލުތަކެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި، ސަރުކާރުގެ ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަނުގެ ވާހަކަތައް ގެނެސްދޭ މައިގަނޑު މީޑިއާއެއްގެ ގޮތުގައި އޮތީ "ރާއްޖެޓީވީ" އޭ ބުންޏަށް ދޮގަކަށް ނުވާނެ އެވެ. އެވެރިކަމުގައި ވައްކަންކުރުން އިންތިހާއަށް ގޮސް، ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަންގެ ރިޕޯޓްތައް ރާއްޖެޓީވީން ގެންނައުމުގެ ނަތީޖާއަކީ، ރައްޔިތުންނަށް ރަނގަޅަށް ކަންކަން ފަހުމުވެ، ރިޔާސީ އިންތިހާބަށް ދިޔައިރު، ހަގީގަތުގައި ވެސް އެ ސަރުކާރަކީ ވައްކަން ކުރާ އަދި އަނިޔާވެރި ސަރުކާރެއްކަމަށް ރައްޔިތުންނަށް ގަބޫލުކުރެވި، ރިޔާސީ އިންތިހާބުގައި ބޮޑުތަނުން އެސަރުކާރު ވެރިކަމުން ބޭރުކޮށްލުމެވެ.

މީގެ އެއް މިސާލަށް ޖެހިލަމާތޯ އެވެ. ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅަކު ވިދާޅުވިގޮތުގައި ރައީސް ޔާމީން ރިޔާސީ އިންތިހާބުން ބަލި ކޮށްލުމުގެ އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ ރާއްޖެޓީވީ އެވެ. އަދި ރާއްޖެޓީވީ ގެންނަ ރިޕޯޓްތައް ވަރުގަދަވެފައި، ގިނަގިނައިން ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަނާއި އަދި އަނިޔާވެރި އަމަލުތަކުގެ ވާކަތައް ގެނެސްދެމުންދާތީ، އެކަންކަމުގެ ހަޤީޤަތް ހާމަވެ، ރައްޔިތުންނަށް ތިލަވިކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންވެސް ގަބޫލުފުޅު ކުރައްވާ ގޮތުގައި އެމަނިކުފާނު އިންތިހާބުން ބަލިކޮށް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިބްރާހީމް މުހައްމަދު ޞާލިހު އިންތިހާބު ކުރެވިގެން ދިޔަދިޔުމުގައި ރާއްޖެޓީވީގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

ރާއްޖެޓީވީން ގެނެސްދެން ފެށި މައުލޫމާތާއެކު، ފެނިގެންދިޔައީ ޤައުމުގެ މަސްލަހަތަށްވުރެ، އަމިއްލަފުޅު އަބުރު ބޮޑުވެގެންދިޔަ މަންޒަރެވެ. އެކަމުގެ ތެރެއިން ސީދާ ރާއްޖެޓީވީ ނައްތާލުމުގެ މަސައްކަތްވެސް އެސަރުކާރުން ކޮށްފައިވާކަމާއި މިއަދުވެސް ފެންނަހުރި ހަޤީޤަތްތެކެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އަބުރު ރައްކާތެރިކުރުމުގެ ގާނޫނެކޭ ކިޔައިގެން، ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ވުޖޫދުކުރި ގާނޫނަކީ ސީދާ ރާއްޖެޓީވީއާ ދެކޮޅަށް ނުވަތަ ރާއްޖެޓީވީ ނައްތާލަން ވުޖޫދުކުރި ގާނޫނެއްކަމަށް އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވިދާޅުވެފައިެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އަކީ، 2010 ވަނަ އަހަރު ވުޖޫދުވި، ބްރޯޑްކާސްކުރުމުގެ ގާނޫނުގެ ދަށުން އުފެދިފައިވާ ކޮމިޝަނެކެވެ. އެކޮމިޝަނުގެ މައިގަނޑު މަގްޞަދަކަށް ގާނޫނުގައި ބަޔާން ކޮށްފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި، އާލާކުރުމާއި ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތެއް އެކަށާއަޅައި، ތަރައްގީކޮށް ހިންގުމެވެ. އަދި ބްރޯޑްކާސްޓްކުރާ ޓީވީ ޗެނަލްތައް މޮނީޓަރކުރުމާއި ގާނޫނާ ގަވާއިދާ ހިލާފަށް ހިންގާނަމަ ފިޔަވަޅު އެޅުންވެސް ހިމެނެއެވެ.

ރައީސް ޔާމީންގެ ވެރިކަމާއިއެކު، ހިންގި އަނިޔާވެރި އަމަލުތަކާއި ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަނުގެ އަމަލުތައް ފެންމަތިވުމާއެކު، މިބުނާ ބްރޯޑްކޮމްއަށް ވެސް ބަދަލުތަކެއް ގެންނެވި އެވެ. އެގޮތުން، ސަރުކާރުގެ ހިންގާ ޕީޕީއެމް އޮފީހުގައި އޭރުގެ ރައީސް ޔާމީންގެ އަނބިކަނބަލުންގެ ކަންކަން ބެލެހެއްޓުމުގައި އުޅުއްވި ދެ ކަނބަލަކާއި، އިތުބާރުކުރެވޭ، އިތުރު ބޭފުޅުންތަކަކާއެކު، ޖުމްލަ 7 މެމްބަރުން ހިމެނޭ އެކޮމިޝަނުގެ ހިންގުން ވަރުގަދަ ކުރި އެވެ. އެކޮމިޝަނަށް މިދެންނެވި ބޭފުޅުން އައްޔަން ކުރެވިގެން ދިއުމާއެކު، ކޮމިޝަނަށް ހަމައެކަނި މަތިކޮށްފައިވާ ޒިންމާއަކީ "ރާއްޖެޓީވީ" މޮނީޓަރކޮށް، ފިޔަވަޅު އެޅުންކަމަށް ދެކި، ބްރޯޑްކޮމްއިން ކުރިހާވެސް މަސައްކަތަކީ ރާއްޖެޓިވީ ފަހަތުން ބިސްމަޅި ދުއްވުމެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމެންދެން އެކޮމިޝަނުން އެނޫން މަސައްކަތެއް ނުކުރެއެވެ. ދައުލަތުގެ އާމްދަނީއަށް 3.7 މިލިއަން ރުފިޔާ ރާއްޖެޓީވީ އެކި ފަހަރު މަތިން ޖޫރިމަނާކޮށްގެން ބްރޯޑްކޮމްއިން ވައްދާފައިވެއެވެ. މިއީ މިހާބޮޑެތި އަދަދުތަކުން މިހާތަނަށް ބްރޯޑްކާސްޓަރެއްގެ ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ. މުޅި ދުނިޔޭގައިވެސް މިފަދަކަމެއް މީގެކުރިއަކުން ހިނގާފަވާނެ ހެނެއް ހިޔެއް ނުވެއެވެ. ޖޫރިމަނާ އެކަނި ކޮށްފަ ނިންމާލީކީ ވެސް ނޫނެވެ. އެކި ގޮތްގޮތުންވެސް ޓީވީ ނެތިކޮށްލުމަށް ގިނަ މަސައްކަތްތަކެއް އެ ކޮމިޝަނުން ކޮށްފައިވެއެވެ.

ނަމަވެސް އަޖައިބަކީ، އެބުނާ އަނިޔާވެރި އަމަލުތަކާއި ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަންގެ އަމަލުތައް ހިންގި، ރައީސް ޔާމީންގެ ވެރިކަން ނިމުތާ މިހާރު ދޮޅު އަހަރު ވެގެންދިޔައިރުވެސް، މިބުނާ ބްރޯޑްކޮމްއަށް އެކަށީގެންވާ ބަދަލެއް ނާންނާތީ އެވެ. ހެޔޮ ބަދަލެއް އަދި ފެންނާކަށް ނެތެވެ. ފެންނަން ގާތަކުވެސް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.

ގިނަ ރައްޔިތުން ބުނެ އުޅޭ އެއް ވާހަކަ އެއް އޮވެ އެވެ. ހަމައެކަނި ބަދަލުވީ ބައެއް ކޮމިޝަންތަކުގައި ތިއްބެވި ބޭފުޅުންގެ މޫނުތަށްކަމަށެވެ. ކަންކުރައްވަނީ ހުދުމުތާރު ވެރިކަމުގައިވެސް ކަންކުރެއްވިގޮތަށްވުރެ ހުތުރުކޮށް ކަމަށެވެ. މިހާރު ބްރޯޑްކާސްޓިންގ ކޮމިޝަނަކީވެސް އެފަދަ މުއައްސަސާއެކޭ ބުނުމުގެ ޖާގަ އެބައޮތެވެ.

2019 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ބައްދަލުވުމުގައި އޭރުގެ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންވެސް ވަނީ ރާއްޖެޓީވީއާމެދު އެޅި ފިޔަވަޅުތަކަކީ ސަރުކާރުގެ ވެރިންގެ ނުފޫޒުން، އިންސާފުން ބޭރުގައި އެޅި ފިޔަވަޅުތަކެއް ކަމަށް އިއުތިރާފްވެފަ އެވެ. ސަރުކާރުގެ ތެރެއިން ރާއްޖެޓީވީ ނައްތާލުމަށް އެތަށް މަސައްކަތްތަކެއް ކުރިކަމަށްވެސް އެ މެމްބަރުން އެ ދުވަހުގެ ކޮމެޓީގެ އިއުތިރާފްވެފައިވެއެވެ. އޭގެތެރެއިން އެއް ބޭފުޅަކީ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު އެވެ. ރާއްޖެޓީވީއާ މެދު ފިޔަވަޅު އަޅާފައިވަނީ، ހާއްސަ ބެލުމަކުން، އެކޮމިޝަނަށް ރައީސް ޔާމީންގެ ސަރުކާރުން މަތިކުރި ކުރުމުގެ މައްޗަށް ކަމަށާއި ރާއްޖެޓީވީއާމެދު ފިޔަވަޅުތައް އެޅުމުގައި އެކޮމިޝަނުގެ މެމްބަރުން އަމިއްލަ އިސްނެގުމަށް ކޮމިޝަނަށް ބައެއް މައްސަލަތައް ވައްދައި، ފިޔަވަޅުތައް އަޅާފައިވާކަމަށް ވިދާޅުވެފައިެވއެވެ.

އެ ދުވަހުގެ ކޮމެޓީގައި މެމްބަރުން ދެއްކެވި ވާހަކަތަކުން އެކަނިވެސް، ރާއްޖެޓީވީ އާއިމެދު އެ ކޮމިޝަނުން އަމަލުކޮށްފައިވާ ބޭއިންސާފު ގޮތް އެނގި ހާމަވެއެވެ. އިތުރަށް ސުވާލު އުފައްދަންވެސް ނުޖެހޭނެ މިންވަރަށް އެ ދުވަހުގެ ކޮމެޓީގައި އެ މެމްބަރުން ވަނީ އެކަންކަމަށް އިއުތިރާފްވެފަ އެވެ.

ބްރޯޑްކޮމްއިން ރާއްޖެޓީވީ، އެކިފަހަރުމަތިން 3.7 މިލިއަން ރުފިޔާއިން ޖޫރިމަނާކުރިއިރު، އޭގެތެރެއިން ދެ މިލިއަނުން ޖުރިމަނާކުރި ފަހަރެއްވެސް ދިޔައެވެ. ރާއްޖެޓީވީން ވަނީ ސަރުކާރު ބަދަލުވުމާއެކު ޗެނަލާމެދު ގާނޫނާ ހިލާފަށް ހިންގާފައިވާ ކަންކަމާމެދު، އަދި ކޮށްފައިވާ ޖޫރިމަނާތަކުގެ މައްސަލަތައް އަލުން ބަލާދިނުމަށް ބްރޯޑްކޮމްގައި އެދިފަ އެވެ. އަދި މިހާތަނަށް އެކަށީގެންވާ ހައްލެއް ލިބިފައެއް ނުވެއެވެ. އެންމެފަހުން މިއަދު ލިބުނު ހަބަރަކީ މިއަދު ބްރޯޑްކާސްތިންގ ކޮމިޝަނުންވެސް ޔާމީން ހިންގެވި ބްރޯޑްކާސްޓިން ކޮމިޝަންގެ ނިންމުމަށް ތާއީދުކުރިކަމުގެ ހަބަރު އެވެ. އެއީ ރާއްޖެޓީވީ 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމި ނިންމެމެވެ.

އެކަމާއި ގުޅޭގޮތުން ރާއްޖެ.އެމްވީން ބްރޯޑްކާސްޓިންގ ކޮމިޝަންގެ މިހާރުގެ ރައީސާ މަރިޔަމް ވަހީދާ އާއި ގުޅާލުމުން ވިދާޅުވީ ކޮމިޝަނުން މައްސަލަ އެއްކޮށް ނުނިންމާކަމަށެވެ. ނަމަވެސް އަންގާރަ ދުވަހު ބޭއްވުނު ކޮމިޝަންގެ ބައްދަލުވުމުގައި އެކަމުގައި ވޯޓަކަށް އެހުނުކަމަށް މަރިޔަމް ވަހީދާވެސް ވިދާޅުވި އެވެ. އެކަމަކު އެ ވޯޓުގެ ތަފްސީލެއް އޭނާ ނުދެއްވި އެވެ. އޭނާ ވިދާޅުވިގޮތުގައި ކޮމިޝަންގެ ރިޕޯޓަށް އެންމެ މެމްބަރަކުވެސް ދެކޮޅު ހަދާނަމަ މިހާރު އޮތް ނިންމުން ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މައްސަލާގައި އަދި އިތުރު ކަންތައްތަކެއް ކުރުމަށް ހުރިކަމަށް ވިދާޅުވެ، މަރިޔަމް ވަހީދަ ވަނީ ކޮމިޝަން ދިފާއުކުރައްވާފަ އެވެ.

ކޮންމެގޮތަކަށް ވިދާޅުވިނަމަވެސް އަންގާރަ ދުވަހު ނެގުނު ވޯޓުން އެނގުނުގޮތުގައި ހަމައެކަނި ބަދަލުވީ ކޮމިޝަންގައި ތިބި މޫނުތަކެވެ. މައްސަލަ ކިތަންމެ ސާފުނަމަވެސް، އަދި ޖަރީމާ ހިންގި ފަރާތްތަކުން އެކަމަށް އިއުތިރާފްވިނަމަވެސް އިންސާފު ލިބުމަކީ ދުރުގައި އޮތްކަމެއް ކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
17%
0%
0%
50%
17%
17%
ކޮމެންޓް